އާމިރު އަލް މަހްދީ މަންސޫރު އަލް ގައްޒާފީއަށް މި ފަހަރު ހައްޖަށް ފުރަން އޮއްވައި ދިމާވީ އެންމެ މައްސަލައެކެވެ. އޭނާގެ ނަން ލީބިޔާގެ ކުރީގެ ހުދުމުހުތާރު ވެރިޔާ މުއައްމަރު ގައްޒާފީގެ ފަހު ނަން ކަމަށްވާ "ގައްޒާފީ" ކަމަށްވުމެވެ.
ޣައްޒާފީ މިހާރު ދުނިޔޭގައި ނެތަސް، އަދި ލީބިޔާގެ މަދަނީ ހަމަނުޖެހުންތަކަށް މިހާރު ދަހަރެއްވެފައިވިޔަސް، މި ނަމަކީ އަދިވެސް ބައިނަލްއަގުވާމީ ސިސްޓަމްތަކުން މައްސަލަ ޖައްސާ ނަމެކެވެ.
އާމިރު ހައްޖަށް ދާން ސައުދީ އަރަބިއްޔާއަށް ފުރަން އޮތް ދުވަހު އެއާޕޯޓަށް ގޮސް ސެކިއުރިޓީން އިޖުރާއަތްތައް ފުރިހަމަ ކުރަމުން އަންނަނިކޮށް ސެކިއުރިޓީން ބުނީ އެއާޕޯޓް އިޖުރާއަތްތަކުގައި އޭނާއާ ގުޅޭ "ސެކިއުރިޓީ މައްސަލައެއް އުޅޭ" ކަމަށާއި އެ ކަން "ހައްލުކުރެވެންދެން މަޑުކޮށްލުމަށެ"ވެ.
އާމިރު މަޑުކޮށްގެން ހުއްޓާ އެހެން ހައްޖުވެރިންގެ އިޖުރާއަތްތައް ނިމި، އެ މީހުން ފްލައިޓަށް އަރައި، މަތިންދާބޯޓުގެ ދޮރު ބަންދުކުރިއެވެ. އޭގެ މިނެޓްކޮޅެއް ފަހުން އާމިރުގެ ސެކިއުރިޓީ އިޖުރާއަތްތަކުގައި ޖެހުނު މައްސަލަ ހައްލުވިއެވެ. ނަމަވެސް މަތިންދާބޯޓުގެ ދޮރު ހުޅުވަން ޕައިލެޓް ދެކޮޅުހެދިއެވެ. އަދި އާމިރާ ނުލައި ފްލައިޓް އުދުއްސައިލިއެވެ.
މި ކަމުން އާމިރަށް ފުން އަސަރެއް ކުރުމުން އެއާޕޯޓްގެ ސެކިއުރިޓީ އޮފިސަރުން އޭނާ ހިތްހަމަޖައްސައިދެވޭތޯ އުޅުނެވެ.
"ކާމިޔާބު ލިބިވޮޑިގެންވަނީ މާތް ﷲ އަށެވެ. އެ ކަލާނގެއީ ކަންތައްތައް ފަސޭހަކުރައްވާ ކަލަކުކަމުގައި ނުވެއެވެ،" ސެކިއުރިޓީ އޮފިސަރުން އޭނާއަށް ބުންޏެވެ.
ނަމަވެސް އެއާޕޯޓު ދޫކޮށްފައި ދާން އާމިރު ދެކޮޅުހެދިއެވެ.
"ހައްޖުގެ އަޅުކަން އަދާކުރަން އަހަރެން ގަސްދުކުރީމެވެ. އިރާދަކުރެއްވިއްޔާ އަހަރެން ހައްޖަށް ދާނަމެވެ،" ސެކިއުރިޓީ އޮފިސަރުންނަށް އޭނާ ބުންޏެވެ.
ކުއްލިއަކަށް އެއާޕޯޓަށް ހަބަރު ލިބުނީ މަތިންދާބޯޓަށް ޓެކްނިކަލް މައްސަލައެއް ޖެހިގެން އެނބުރި އަންނަ ކަމަށެވެ.
މަތިންދާބޯޓު އެނބުރި އައިސް ޖެއްސުމުން، އެއާޕޯޓުގެ ފަންނީ މުވައްޒަފުން ޓެކްނިކަލް މައްސަލަ ހައްލުކުރިއެވެ. ނަމަވެސް އެ ވަރުން ވެސް މަތިންދާބޯޓުގެ ދޮރު ހުޅުވަން ޕައިލެޓް ދެކޮޅުހެދިއެވެ.
ސެކިއުރިޓީ އޮފިސަރެއް ދެން އާމިރަށް ބުންޏެވެ. "ތިބާއަށް މި ފަހަރު ހައްޖަށް ދެވެން ނެތީއެވެ."
ނަމަވެސް އާމިރު އަނެއްކާވެސް ވަރަށް ޔަގީންކަމާއެކު ބުންޏެވެ. "ހައްޖުގެ އަޅުކަން އަދާކުރަން އަހަރެން ގަސްދުކުރަމެވެ. އިރާދަކުރެއްވިއްޔާ އަހަރެން ދާނަމެވެ."
މަތިންދާބޯޓު އަނެއްކާވެސް އެއާޕޯޓުން ނައްޓައިލިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ލިބުނު ރިޕޯޓަކީ މަތިންދާބޯޓުގައި އެހެން ޓެކްނިކަލް މައްސަލައެއް ޖެހުނު ކަމަށެވެ. މިހެންވެ ދެވަނަ ފަހަރަށް މަތިންދާބޯޓު އަނބުރާލާފައި ކުއްލި ހާލަތުގައި، އެމަޖެންސީގައި އަނެއްކާވެސް އެއާޕޯޓަށް ޖެއްސިއެވެ.
އެ ވީ ގޮތް ޕައިލެޓަށް ރޭކާލީ އެ ވަގުތުއެވެ. "އާމިރާ ނުލައި އަހަރެން ފްލައިޓް ނައްޓާ ނުލައިނެ"ކަމަށް ޕައިލެޓް އިއުލާންކުރި ކަމަށް ފަސިންޖަރުންނާއި ފަޅުވެރިންނާ ހަވާލާ ދީ ގަލްފު ނިއުސްއިން ރިޕޯޓުކުރިއެވެ.
ޕައިލެޓް އެހެން ބުނުމާއެކުހެން ކަމާ ބެހޭ އިދާރާތަކުން ވަގުތުން އާމިރަށް ފުރޭނެ ގޮތް ފަހިކޮށްދިނެވެ. އަދި ތިން ވަނަ ފަހަރު ފްލައިޓް ނައްޓާލާ، އިތުރު މައްސަލައެއް ދިމާ ނުވެ، މަތިންދާބޯޓު ސައުދީއަށް ފޯރިއެވެ.
ރައްކާތެރިކަމާއެކު އާމިރަށް ސައުދީއަށް ދެވުނެވެ. ހަނދާނެއްގެ ގޮތުން ޕައިލެޓާއި މަތިންދާބޯޓުގެ ފަޅުވެރިން ފްލައިޓް ތެރޭގައި އާމިރާއެކު ފޮޓޯއެއް ނެގިއެވެ.
އާމިރަށް ދިމާވި ހާދިސާ ސޯޝަލް މީޑިއާގައި ވަގުތުން ފެތުރުނެވެ. ގިނަ ބަޔަކު މި ހާދިސާ މާނަކުރީ މި ޒަމާނުގެ އިލާހީ ގާނޫނާއި މާތް ﷲ ދުއާ އިޖާބަކުރެއްވުމުގެ މުއުޖިޒާތެއްގެ މިސާލެއްގެ ގޮތުގައެވެ. އެއީ އަގީދާގެ ބާރު ވަރުގަދަވުމާއި ކެތްތެރިކަން މާތް ﷲ ބައްލަވައިގަންނަވާ ކަމަށެވެ.
"އަހަރެން ހަމައެކަނި ބޭނުންވި ކަމަކީ ހައްޖުގެ އަޅުކަން އަދާކުރަން. އަދި އަހަރެން ގަބޫލުކުރި ގޮތުގައި އަހަރެންގެ ތަގުދީރުގައި މާތް ﷲ މި ކަން ލިޔުއްވައިފައިވާ ނަމަ، އެހެން އެއްވެސް ބާރަކަށް އެ ކަމަށް ހުރަހެއް ނޭޅޭނެ،" އާމިރު ސައުދީ މީޑިއާއަށް ބުންޏެވެ.



advertisment