3 ވަނަ ޗެޕްޓަރ: ތިން ކުދިން ތިން ދިމާއަށް
އުލިގަމުގައި ދިރިއުޅުން ކުރިއަށް ދިޔައީ ގޮނޑުދޮށަށް ބިންދާ ރާޅުތަކާ އެއް ހަމައެއްގައި ހަމަހިމޭންކަމާއެކު ގައެވެ. ކޮންމެ ދުވަހަކުވެސް އަރާއިރާއެކު ކަނޑުގެ މޫނުމަތީގައި މިރަށް އާދަޔާ ޚިލާފު ސާދާކަމާއެކު ލަސްލަހުން ހަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް މި ހަމަޖެހޭ ރަށުގެ ޒުވާން ކުދީންތަކެއްގެ މެދުގައި ހަމަހިމޭން ބަދަލެއް އުފެދުނެވެ- އެއީ ހަސަނާއި އަހުމަދާއި މަރިޔަމްގެ ރަހުމަތްތެރިކަމަށް އަބަދަށްޓަކައި ދިމާވެގެން އައި ބަދަލެކެވެ.
އެއް ދުވަހެއްގެ ހެނދުނު އިރުގެ ރަންއަލީގެ ދޯދިތައް އުޑުމަތީގައި ރަންކުލައާއި ފިޔާތޮށި ކުލައިގެ މަޑު ކުލަތަކަކުން ކުލަޖެހިގެން ދިޔައިރު، އަހުމަދު ރަށުގެ އަތިރިމަތީ ގޮނޑުދޮށުގައި ހުރީ، ކޮނޑުގައި ކުޑަ ދަބަހެއް އަޅުވައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައާ ގުޅިފައިވާ އެކި ވަންނިތަކެވެ.- މިއީ އޭނާ މާލެއަށް ފުރާ ދުވަހެވެ. އޭނާގެ ކުޑައިރުގެ ދިރިއުޅުމާ ދުރަށް، ނުވެސް ދަންނަ ބީރައްޓެހި ރަށަކަށް ދިއުމަށެވެ. މާލެއަކީ ކިތަންމެ ހިތްގައިމު ކުރިއަރާފައިވާ ރަށެއްކަމަށް ވިޔަސް، އޭނާގެ ރައްޓެހިންތައް ދޫކޮށްލުމަކީ ހިތަށް އުފުލަން ކުޅަދާނަ ބަރުދަނަކަށް ނުވިއެވެ.
އޭރު މަރިޔަމް އާއި ހަސަން އޭނާގެ ކައިރީގައި ހުއްޓިގެން ތިއްބެވެ. އެމީހުންގެ ހިތްތަކުގައި ދުލުން ފާޅު ނުކުރެވޭނެ ފަދަ ޖަޒުބާތްތަކެއް އުފެދިފައިވެއެވެ. ދެލޮލުން ފެންނަމުން ދިޔައީ ހަނދާންތަކާއި، ވަކިވުމުގައި އެކުލެވޭ ހިތްދަތިކަމެވެ. ރާޅުތަކާއެކު އުފުލި ތިރިވަމުން ދިޔަ ދޯނި ގޮނޑުދޮށަށް ބީއްސާލުމާއެކު، ހެނދުނުގެ ހިމޭންކަމުގެ ތެރެއިން، ވަކިވެގެންދާ ވަގުތު ކައިރިވެއްޖެ ކަމުގެ އިޝާރާތް ކުރަމުން ދިޔައެވެ.
"އަހަރެން އެނބުރި އަންނާނަން.” އަހުމަދު ޔަގީންކަންދޭ ފަދަ ނަޒަރަކުން މަރިޔަމް އާއި ދިމާލަށް ބަލާލުމުގެ ކުރިން ހަސަންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ. "ކޮންމެވެސް ދުވަހަކުން ވަރަށް އަވަހަށް އަހަރެމެން އެންމެން އަނެއްކާވެސް އެކުގައި އުޅޭނަން."
ހަސަނު ގަދަކަމުން ހިނިތުންވެލީ އޭނާގެ ކަރުތެރޭގައި އުފެދިފައިވާ ހިތްދަތިކަން ފޮރުވާލަމުންނެވެ. "ހަނދާންކުރާތި. އަދި ފޯރިގަދަ ރަށެއްގައި ދިރިއުޅެމުންދާއިރު އަހަރެމެންގެ މަތިން ހަނދާން ނައްތާނުލާތި."
މަރިޔަމް ކުރިއަށް ފިޔަވަޅެއް އަޅާފައި އަހުމަދުގެ އަތުގައި ބާރަށް ހިފާލިއެވެ. އޭނާގެ ލޮލުން ހިލިފައި ހުރި ކަރުނަ ނުއޮބެހެއްޓުނެވެ. "އަހުމަދު، ރައްކާތެރިކަމާ އެކު އުޅޭތި. ހަނދާން ކުރާތި، މި ރަށް އަބަދުވެސް ކަލެއަށް އިންތިޒާރު ކުރާނެ."
ދޯނި މަޑުމަޑުން ދުރަށް ޖެހެމުން ގޮސް، ނިމުމެއް ނެތް އުދަރެހުގެ ތެރެއަށް އަހުމަދު ހިޔަންޏެއް ފަދައިން ފޭދިގެން ދިޔައެވެ. ގޮނޑުދޮށުގައި މަރިޔަމް އާއި ހަސަން އެދޯނި ލޯމަތިން ގެއްލެންދެން ހިމޭންކަމާއެކު ތިއްބެވެ. ހަމަ ކުއްލިއަކަށް ހީވީ މުޅިރަށް ހިމޭންވެގެން ދިޔަހެންނެވެ. މުހިންމު އެއްޗެއް ގެއްލިގެން ދިޔަހެންނެވެ. އެ ދެމީހުން އަނބުރާލާފައި ހިރުނދު ގަހާއި ދިމާއަށް ހިނގަމުން ދިޔައީ ލަސް ފިޔަވަޅެއްގެ މަތީގައެވެ. ކުޑައިރުގެ މާޒީއާ ދުރަށް ދާން ބޭނުން ނުވާ ފަދައިންނެވެ.
އޭގެ ހަފުތާތަކެއް ފަހުން އަނެއްކާވެސް މިބަނދަރުން ފެނިގެން ދިޔައީ އަލްވަދާއު ކިޔުމުގެ މަންޒަރަށެވެ. މިފަހަރު ފުރައިގެން އެދިޔައީ މަރިޔަމްއެވެ. އޭނާގެ މިސްރާބު ހުރީ ތައުލީމީ ގޮތުން މަޝްހޫރު ރަށެއް ކަމަށްވާ ނައިފަރަށެވެ. ސޫޓްކޭސް ހިފައިގެން ހަސަން އޭނާއާއެކު ދިޔައެވެ. ކުރިއަށް އޮތް އަނެއް އަލްވަދާއު ހިމޭންކަމާއެކު ކިޔަން ޖެހޭތީ ހިތާމަކުރަމުންނެވެ. ފަނޑުވަމުން އަންނަ ހަނދާންތަކުގައި ހިފަހައްޓަން މަސައްކަތް ކުރާ ފަދައިން އޭގެ ފުޅާ ގޮފިތައް ދިގުވެފައި ހުރި ހިރުނދު ގަސް ހަރަކާތް ހުއްޓިފައި ހުއްޓެވެ.
"އަނެއްކާ ކަލޭ އެނބުރި އަންނާނަންތަ؟" ހަސަނު މަޑުމަޑުން އަހާލިއިރު އޭނާގެ އަޑު ކިރިޔާ ނުކުންނަނީއެވެ.
މަރިޔަމް މަޑުމަޑުން ހިނިތުންވެލީ އިރު ދެލޮލުން ޔަގީންކަމެއް ނެތްކަން ފާޅުވަމުން ދިޔަ އެވެ. "ހަމަ ޔަގީނުންވެސް. ވީހާވެސް ގިނައިން ރަށަށް އަންނާނަން. އަދި ކޮންމެވެސް ދުވަހަކުން ވަރަށް އަވަހަށް، އަހަރެމެން އެންމެން އެއްތަން ވެސް ވާނެ- އަހުމަދު، ކަލެއާ، އަދި އަހަރެން."
ހިތްވަރުކޮށް ހިނިތުންވެފައި އޭނާގެ ހިތާމަތައް ފޮރުވަމުމުން ހަސަނު ބޯޖަހާލިއެވެ.
ދޯނި ފުރައިގެން ދިޔައިރު އޭނާ ރާޅުޖަހާފަށުގައި ހުއްޓެވެ. އޭރު މަރިޔަމް ފަރުމަތިން ބިންދާ ރާޅުތަކުގެ ފުރަގަހަށް ގެއްލި ލޯމަތިން ޣާއިބު ވަމުން ދިޔައެވެ. ހަސަން އެކަނި މަޑުމަޑުން އެނބުރި ގޮނޑުދޮށާ ދިމާއަށް ހިނގައިގަތްއިރު އެކަނިވެރިކަމުގެ ބަރުދަން އޭނާގެ ޒުވާން ހިތަށް އުފުލޭ ވަރަށް ވުރެން މާ ބަރުހެން ހީވެއެވެ.
އޭނާގެ ދެ އެކުވެރިން މިހާރު ނެތުމާއެކު ހަސަންގެ ކުރިމަތީގައި މިހާރު އޮތް ދިރިއުޅުމަށް ހޭނެން ފަށައިފިއެވެ. ރަށުގެ ތަޖުރިބާ ހުރި ކެޔޮޅެއް ކަމަށްވާ އޭނާގެ ބައްޕަ ކެލާއައްޔަގެ ފިޔަގަނޑުގެ ދަށުގައި އޭނައަށް، މާކަނޑުގައި ދަތުރުކުރުމާއި، ގަދައިގާ ދަތުރު ކުރުމާއި، މަހުގެ ހަރަކާތްތައް ކުރިން ދެނެގަންނަން ދަސްވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ފަތިހު ވަގުތު ދެބަފައިން ލޮނު ވަސް ދުވާ ވައިރޯޅިތަކާއި ކަނޑު ދޫނިތަކުގެ ގޮވާލުމުން ދައްކާމަގުން އެމީހުންގެ މަސް ދޯނީގައި މަހަށް ނިކުމެ އުޅުނެވެ.
ފުރަތަމަ ހަސަނަށް ކަނޑުގެ ހަލަބޮލިކަމާ ކުރިމަތިލާން ޖެހިލުން ވިއެވެ. އެއީ އޭރު އޭނާ ކުޑަކަމުންނެވެ. އެކަމަކު މިހާރު އޭނާއަކީ ނޫކަށިފުރާ ޒުވާނެކެވެ. ގައިގެ ބާރު ޖެހެމުންދާ ފުރާވަރު އަތުވެއްޖެއެވެ. އެހެންކަމުން މަޑުމަޑުން ބިޔަ ކަނޑުގެ ރާޅުތަކަށް މިހާރު އޭނާ ހޭނެން ފަށައިފިއެވެ. ވަރަށް އަވަހަށް އޭނާ ސިއްރިޔާތުގައި ކަންކަން ދަސްކުރަން ފަށައިފިއެވެ. ރޭޑިއޯއިން ފޮނުވާ އިނގިރޭސި ދަސްކޮށްދޭ ފިލާވަޅުތައް އަޑުއަހައިގެން ފުދޭވަރަކަށް އެބަސްވެސް ދަސްކޮށްފިއެވެ. ޖަހާ ކޮންމެ ރާޅަކުން ވެސް އޭނާ ކޮންމެވެސް އެއްޗެއް ދަސްކުރެއެވެ.
އަހުމަދު މާލޭގެ ކްލާސްރޫމްތަކުގައި ދަސްކުރާ ފިލާވަޅުތައް ފަދައިން އޭނާ ދަސްކުރަމުން ދަނީ ދުނިޔެއާއި ކަނޑާއި އޮއިވަރާއި ތިމާވެށީގެ މާހައުލެވެ.
ނައިފަރުގެ ކުލާސްތަކުގައި މަރިޔަމް ކިޔަވަނީ ކޮން އެއްޗެއްކަމެއް އޭނާއަކަށް ތަޞައްވުރު ކުރާކަށް ނޭނގެއެވެ. އެހެން ނަމަވެސް ކަނޑުމަތިން އޭނާއަށް ދަސްކުރެވުނު ފިލާވަޅުތަކު ވަކީން ދެރައެއް ނޫނޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. ވިޔަސް އޭނާގެ ޚިޔާލު އެދެމީހުންގެ މަތީން ކުރުން ހުއްޓިގެންނެއް ނުދިޔައެވެ.
އިރެއްގައ ކުޅިވަރުތަކާއި ހެއްވާ ވާހަކަތަކުން ފުރިފައިވާ އުލިގަމުގެ ހަވީރުތައް މިހާރު އޮތީ ހަމަހިމޭންވެފައެވެ. ޒުވާނުން ގިނަވިޔަސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ރަށުގެ ގިނަ ޒުވާނުން މަހަށް ދިއުމުގެ ބަދަލުގައި ރިސޯޓުތަކަށް ދިއުމުގެ ފޯރި ގަދަވެފައިވެއެވެ.
އަތިރިމަތީގައި ހަވީރު ފިންޏަށް ހިރުނދުގުގަހުގެ ހިޔަލުގައި މިހާރު އިންނަތަން ފެންނަނީ ހަސަން އެކަނިމާއެކަންޏެވެ. އެހެން އިންނަ އިރު އެ ތިންމީހުން ކުޑަ އިރު ކުޅުނު ކުޅިވަރުތަކާއި ކުރި މަޖާތަކުގެ މަތީން ހަނދާންވެއެވެ. ވިޔަސް މި އެކަނިވެރިކަން ދާދި އަވަހަށް ނިމި، އަލުން ތިން މީހުން މިގަސްދަށުން ބައްދަލުވާނެ ކަމުގެ އުންމީދު ކުރެވެމުން ދިޔައެވެ.
މާލޭގައި އަހުމަދަށް ކުރިމަތިވީ އުލިގަމާ ވަރަށްތަފާތު ދުނިޔެއަކާއެވެ. އުސް އިމާރާތްތަކާއި ހަލަބޮލި މަގުތަކާއެކު ވެރިރަށް މާލެ ބަރާވެފައިވީ ނަމަވެސް އުފާވެރިކަން އިހުސާސް ކުރެވުނެވެ. އުމުރުގެ ގޮތުންނާއި ފެންވަރު ހުރި ގޮތުން އެންމެ ފަސޭހައިން ވަދެވެން އޮތީ ހޮސްޕިޓަލިޓީގެ ދާއިރާއިން ކިޔަވައިދޭ މަޒުކަޒަކަށް ރިސޯޓެއްގައި މަސައްކަތް ކުރުމުގެ އުންމީދު އޮތްވަރުން ނިކަން އަވަހަށް ލަގްޒަރީ ރިސޯޓްތަކުގެ ތެރެއިން ރިސޯޓެއްގައި ވަޒީފާއެއް ލިބޭނެ ގޮތް މެދުވެރިވިއެވެ. އޭރު އަހުމަދު ވެސް އެފަދަ މަސައްކަތަކަށް ތައްޔާރުވާ އުމުރަށް އަޅައިފިއެވެ. ރިސޯޓުގައި ކިތަންމެ އަރާމުކޮށް އުޅެވޭނެގޮތް މެދުވެރިވެފައިވިޔަސް އޭނާގެ އަމިއްލަ ރަށުގެ މަތީން ހަނދާން ނައްތައެއް ނުލެވެއެވެ. ވަކީން ޚާއްސަކޮށް ރަށުގެ ރީތި ގޮނޑުދޮށާއި ހިރުނދުގަސްތަކުގެ ތެރޭގައި ތިން ކުދީން ކުޅެން އުޅުނު ދުވަސްތައް އަދިވެސް ހިތުން ފިލައިގެންނެއް ނުދެއެވެ.
މިހާރު ހަސަނަކީ ޒުވާން ކެޔޮޅެކެވެ. ކަނޑުމައްޗަށް ފަރިތަ މަސްވެރިއެކެވެ. އޭނާގެ ބައްޕަ ނިޔާވި އިރު ހަސަނު ވަނީ އޭނާގެ ބައްޕަ ކުރަމުން ދިޔަ ހުރިހާ މަސައްކަތަކަށް އަހުލުވެރިވެފައެވެ. ގޭގައި އޮތް މަސްދޯންޏާއި ކުޑަ ބައްތެލީގެ މިލްކުވެރިޔަކީވެސް މިހާރު އޭނާއެވެ.
ނައިފަރުގައި ދިރިއުޅެ ކިޔަވައި ތަމްރީނު ލިބެމުން ދިޔަ މަރިޔަން ވެސް މިހާރު އެވަނީ ކިޔެވުން ނިންމާފައި އެނބުރި ރަށަށް އަންނަން ތައްޔާރުވެފައެވެ. އެހެން ނަމަވެސް އެރަށުގައި އޭނާ ހޭދަ ކުރި ދުވަސްތަކަކީ ވަރަށް ތަފާތު މުޅިން އާ ދުނިޔެއެއްގައި އޭނާ އުޅެން ޖެހިފައިވާ ދުވަސްވަރެކެވެ. ވަރަށް ގިނަ ރައްޓެހިން ލިބި އަމިއްލަ ރަށް ފަދައިން އޭނާ ވަނީ އެރަށުގައި ދިރިއުޅެފައެވެ. ވިޔަސް އޭނާގެ ރަށް ކަމަށްވާ އުލިގަމުގެ ހަނދާނެއް ނުނެތެއެވެ. އަދި ކުޑައިރުގެ ރަހުމަތްތެރީން ކަމަށްވާ އަހުމަދާއި ހަސަނުގެ މަތީން ވަރަށް ބޮޑަށް ހަނދާން ވޭމެއެވެ.
މަސްތައް މޫސުންތަކަށް ބަދަލުވެ، ދިރިއުޅުން ކުރިއަށް ދިޔައީ ހީވެސް ނުކުރާ ގޮތްގޮތަށް ނުހަނު އަވަސް މިނެއްގައެވެ. އިސާހިތަކު މި ތިން ރަހުމަތްތެރީން އަލުން ބައްދަލުވުމުގެ ދުވަސް އަތުވެއްޖެއެވެ.
އަހުމަދު ރިސޯޓުން ޗުއްޓީ ނަގައިގެން ތިން މަސް ދުވަހަށް ރަށަށް އަންނަނީ އެވެ. މަރިޔަން ކިޔެވުން ނިންމާލާފައި ރަށު ސުކޫލުގެ ޓީޗަރެއްގެ ވަޒީފާއަށް އަންނަނީއެވެ. ހަސަން އަކީ މިހާރު ރަށު އެންމެން ދަންނަގޮތުގައި ކެޔޮޅު ހަސަނެވެ.
މިތިން ރައްޓެހީން އެއްތަނަކަށް އަންނަތަން ދެކޭ ހިތުންވެސް ކިތަންމެ ބަޔަކު އުޅެއެވެ. އެދުވަހަކަށް މުޅި ރަށްވެސް ވަނީ ކެތްތެރިކަން ކުޑަވެފައިހެން ހީވެއެވެ. ވަކީން ޚާއްސަކޮށް އަންނަ ބޮޑު އީދުގައި ރަށުގައި ކުޅޭ އެކި ކުޅިވަރުތަކުގައި މިއަދުގެ ޒުވާނުން ހަރަކާތްތެރިވާތަން ދެކެން އެންމެންވެސް ތިބީ ކެތްތެރިކަން ކޮޅުންލާފައެވެ.
އެންމެ ފަހުން އެތަކެއް ދުރުގައި ތިބި ތިން ރައްޓެހީން އެއްތަން ވެއްޖެއެވެ. އެއާއެކު އުލިގަމުގެ ރޫހު އަލުން ދިރިގެން އަތުވެއްޖެއެވެ. ކުރިއަށް އޮތީ ފޯރިގަދަ ދުވަސްތަކެކެވެ.
(ނުނިމޭ)



advertisment