Support Us

ކޮލަމް ގާދޫކޮލުން ބޭރުން

"ސޯފާ އިސް ސޯ ފާ އަވޭ ފްރޮމް މީ!"

އައްޑު އަތޮޅު ގަމުގައި، 29 މާޗު 1976 ގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި، އިނގިރޭސި ވައިގެ ލަޝްކަރު އާރް.އޭ.އެފް. އިން އެރަށް އަނބުރާ ދިވެހި ދައުލަތާ ޙަވާލުކުރިއެވެ. އަސްކަރީ ވައިގެ މަރުކަޒެއްގެ ގޮތުގައި، 1941 އިން ފެށިގެން ބޭނުންކުރަމުން އައި އާރ.އޭ.އެފް. ގޭން، ދިވެހިންނާ އަނބުރާ ޙަވާލުކޮށް، އިނގިރޭސިން އެތަނުން ދާއިމީ ގޮތުން ފޭބީއެވެ. އެދުވަހު، ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސިންގެ އަތުން އެރަށުގެ 'ތަޅުދަނޑި' ޙަވާލުކުރީ އެއިރު ރާއްޖޭގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި އެއްބޭފުޅެއް ކަމުގައިވާ އަލްމަރްޙޫމް ކޮލި އަލީ ޢުމަރު މަނިކެވެ. އެދުވަހުން ފެށިގެން މިވޭތުވި 44 އަހަރުގެ ތެރޭގައި، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު މިއަންނަނީ، ޤައުމުގެ ކޮންމެ ވެލިފުކެއް، ކޮންމެ ލޮނުފޮދެއްގެ މައްޗަށް ފުރިހަމައަށް ހިނގަމުންނެވެ.

އައްޑޫ ގަމުގައި ހިންގި އާރް.އޭ.އެފްގެ ތަޅުދަނޑި 29 މާޗު 1976 ގައި ދިވެހި ސަރުކާރާ ހަވާލުކުރަނީ

ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޒަޢާމަތުގައި އަޅުގަނޑު ފުރަމުންދިޔައީ އެމަނިކުފާނުގެ ކެބިނެޓުގެ ސީޓެކެވެ. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމެވެ. އެއީ 2013 ގައެވެ. ވަޒީރެއްގެ ޒިންމާގެ އިތުރު، އަޅުގަނޑު ނިސްވަތްވި ޕާޓީ ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕޭނުގައި އެ ދުވަސްވަރު މަސްޢޫލުވެ އުޅުނީމެވެ. ކެމްޕޭނުގެ ހަޤީޤީ ކުލަވަރު ޖެހެން ފެށި ދުވަސްކޮޅުގައި، އެ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އަޅުގަނޑު ކުރި ދަތުރެކެވެ. ރާއްޖެއަށް ކަނޑައަޅާފައިވާ ބައެއް ސަފީރުންނަށް، ޕާޓީގެ ކެމްޕޭނުގެ މަޢްލޫމާތު ޙިއްޞާ ކުރުމުގެ މަޤްސަދުގައެވެ.

އެދަތުރުގައި ޒިޔާރަތްކުރި އެއް ތަނަކީ ކޮޅުނބުގައި ހުންނަ އެމެރިކާގެ އެމްބަސީއެވެ. ބައްދަލުކުރީ އެޤައުމުން ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރާއެވެ. އަންހެން ބޭފުޅެކެވެ. އޭގެ ކުރިން އެތައް ފަހަރެއްގެ މަތިން އެކަމަނާގެ ފައިންޕުޅު ފެނިފައިވާތީ، ރަނގަޅު ގުޅުމެއް އުފެދިފައި އޮތެވެ. އެހެން ކަމުން، މަޝްވަރާކުރެވުނީ އެކުވެރި ޖައްވެއްގައެވެ. ސަރުކާރުގެ ވާހަކައެވެ. ޕާޓީގެ ވާހަކައެވެ. އިންތިޚާބުގެ ވާހަކައެވެ. ރިޔާސީ ވަޢުދުތަކުގެ ވާހަކައެވެ. އަދި، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުތަކުގެ ވާހަކަވެސްމެއެވެ. ވަރަށް ގިނައިރުގެ މަޝްވަރާއަށްފަހު، އަޅުގަނޑު ދައްކަން ޤަސްދުކޮށްގެން އައި ހުރިހާ ވާހަކަތަކަކަށް އަލިއަޅުވާލެވިއްޖެ ކަމަށް ޤަބޫލުކޮށްގެން، އެކަމަނާގެ އަގުހުރި ވަގުތު އިތުރަށް ނަގަން ބޭނުން ނުވާ ކަމަށް ޢަދަބުވެރިކަމާއެކު ދަންނަވާ، އަޅުގަނޑު މިސްރާބު ޖެހީ ބައްދަލުވުން ނިންމާ، އެތަނުން ނުކުތުމަށެވެ.

އެހިނދު، އެކަމަނާ ވިދާޅުވިއެވެ. އަދި އެއް ވާހަކަ ޙިއްޞާކުރައްވަން ބޭނުންފުޅު ކަމަށެވެ. އެހެން ކަމުން އަޅުގަނޑު މަޑުޖެހިލާ، ސަމާލުކަން ދިނީމެވެ. ސަފީރު ވިދާޅުވިއެވެ. އެމެރިކާއިން އޮންނާނީ 'ސޯފާ' އެއް ހުށަހަޅާފައި ކަމަށެވެ. ވިދާޅުވި އެއްޗެއް މުޅިން ސާފެއް ނުވިއެވެ. ފަހުމެއް ނުވިއެވެ. ހިތަށް އެރިއެވެ. ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުން ރާއްޖެއަށް އެހީއެއްގެ ގޮތުގައި ގޮނޑިސެޓެއް ހަދިޔާކުރާ ވާހަކައަކަށް ގައިމު ނުވާނެތާއެވެ. ކުޑަކޮށް ހިނިވެސް އައެވެ. ސަފީރު އިތުރަށް ވިދާޅުވިއެވެ. އަސްކަރީ 'ސޯފާ' އެއްބަސްވުމެއް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާ ރާއްޖޭގައި 'ހަރަކާތްތެރިވުމުގެ' ހުށަހެޅުމެކެވެ. ސަފީރު އިތުރަށް ވިދާޅުވީ އެންމެ އެއްޗެކެވެ. މިކަން އަޅުގަނޑުމެންގެ ކެނޑިޑޭޓް ޔާމީންއާ ޙިއްޞާކޮށްދިނުމަށެވެ. "މިކަމާމެދު ގޮތެއް ނުނިންމެނީސް ފަހަރުގައި ޔާމީންވެސް ވެރިކަމަށް ވަޑައިގެންފާނެތީ، ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް ދަންނަވާލަނީ" ކަމަށް ވިދާޅުވިއެވެ. އަޅުގަނޑު އެކަމަނާއަށް ޝުކުރު ދަންނަވާ ސަލާންގަލާންކޮށްފައި، އެތަނުން ނުކުތީމެވެ.

އަސްކަރީ ބަހުރުވަ އަދި އިންތިޒާމުތައް އެހާ ފަރިތަ މީހަކަށް ނުވާތީ، އެކަން ދިރާސާކުރަން ފެށީމެވެ. 'ސޯފާ' އަކީ ކޮބައިތޯ ބަލައި ހޯދީމެވެ. އަޅުގަނޑުމެންގެ ޕާޓީގެ އެއިރުގެ ރިޔާސީ ކެނޑިޑޭޓަށް މިވާހަކަ ތަފްޞީލުކޮށް ދަންނަވާލުމުގެ ނިޔަތުގައެވެ.

މަޒުމޫނުގެ މި ހިސާބުން، 'ސޯފާ' އަކީ ކޮބައިކަން ކިޔުންތެރިންނަށް ކުރުކޮށް ދަންނަވާލުން މުހިންމު ކަމަށް ދެކެމެވެ. ފުރިހަމަ ނަމުން ނަމަ އެއީ 'ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް' އެވެ. ޤައުމެއްގެ ފަސްގަނޑުގައި ބޭރު ޤައުމެއްގެ ސިފައިން ހަރަކާތްތެރިވުމުގެ ހުއްދަ އާއި އިންތިޒާމު، އަދި އެކަމުގެ އިންތަކާއި މިންތައް ކަނޑައެޅުމަށްޓަކައި ވެވޭ އެއްބަސްވުމެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުން ތަންދޭ ކަމެކެވެ. އޭގެ ޒާތުގައި މިއީ ޖާއިޒު ކަމެކެވެ. ބައެއް ޤައުމުތަކަށް މިފަދަ އެއްބަސްވުންތަކުގެ ތެރެއިން ބޮޑެތި ފައިދާތަކެއްވެސް ލިބެއެވެ.

 

 

'ސޯފާ' އެއްބަސްވުންތަކުގެ ދަށުން، އެހެން ޤައުމުތަކުގައި ސިފައިން ޤާއިމުކޮށްފައިވާ ޤައުމުތަކުގެ ލިސްޓު ކުރެއްނުވާނެއެވެ. އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ރޫސީވިލާތް، ސްޕޭން އަދި އޮސްޓްރޭލިއާ އަކީ މިފަދަ ސޯފާ އެއްބަސްވުންތައް ހަދައިގެން، އެޤައުމުގެ ސިފައިންނާއި އަސްކަރީ މަރުކަޒުތައް އެހެން ޤައުމުތަކުގައި ދަމަހައްޓަމުންދާ ފުރަތަމަ ދުނިޔޭގެ ބައެއް ޤައުމުތަކެވެ.

ނަމަވެސް، މިފަދަ އެންމެ ގިނަ އެއްބަސްވުންތައް ހަދާ، ސިފައިން ހަރަކާތްތެރިވެ، މަރުކަޒުތައް ދަމަހައްޓާ ޤައުމަކަށް ވާނީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު އެމެރިކާއެވެ. އެމެރިކާއިން ސަތޭކައަށްވުރެ ގިނަ 'ސޯފާ' އެއްބަސްވުން އެކުވެރި އެހެން ޤައުމުތަކާއެކު ހަދާފައިވެއެވެ. 'ސޯފާ' އެއްބަސްވުންތަކާއެކު އެޤައުމުގެ އަސްކަރިއްޔާ ހަރަކާތްތެރިވާ ޤައުމުތަކުގެ ތެރޭގައި އެންމެ ގިނައިން ވާހަކަދެކެވޭ، މަޝްހޫރު ދެޤައުމަކީ ޖަޕާނާއި ދެކުނު ކޮރެއާއެވެ. އޭގެ އިތުރުން، ޔޫރަޕާއި ދެކުނު އެމެރިކާ އަދި އެފްރިކާގެ އެތައް ޤައުމަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައިވެއެވެ. އަދި، އެލިސްޓުގައި ސޮލޮމަން އައިލެންޑްސް، ގަޔާނާ، ސީޝެލްސް، ކޮމޯރޮސް، ސެންޓް ލޫޝިއާ، އެންޓީގާ އެންޑް ބާބިއުޑާ، ޓްރިނިޑާން އެންޑް ޓޮބޭގޯ އަދި ކޭޕް ވާރޑް ފަދަ ކުދި ޖަޒީރާ ޤައުމުތައްވެސް ހިމެނެއެވެ.

'ސޯފާ' އެއްބަސްވުންތަކުން އެކަށައަޅަނީ އެޤައުމެއްގައި ސިފައިން ހަރަކާތްތެރިވުމާއި، ޤާއިމުވެތިބުމުގެ މުހިންމު ޤާނޫނީ ނުކުތާތަކެވެ. އަރާ ފޭބުމުގެ އިޚްތިޔާރެވެ. މަރްކަޒީ އިމާރާތްތައް ބިނާކުރުމެވެ. ވައިގެ ބަނދަރުތައް ޤާއިމުކުރުމެވެ. އެސިފައިންގެ މައްޗަށް، އެޤައުމުގެ ޤާނޫނު ހިނގާނެ މިންވަރެވެ. އެޤައުމެއްގެ ޓެކްސް ނިޒާމުން އެސިފައިން އިސްތިސްނާ ވާނެކަމެވެ. އަދި، އެފަދަ މަރުކަޒުތަކުގައި އެޤައުމެއްގެ ރައްޔިތުންނަށް ވަޒީފާ އަދާކުރުމުގެ ފުރުޞަތު، އަދި އެތަނަށް އެރައްޔިތުން ވަދެނުކުމެ، އަރާފޭބުމުގެ އިޚްތިޔާރު އޮންނާނެ މިންވަރެވެ. މިފަދަ އެއްބަސްވުންތަކުން އެޤައުމުގެ ސިފައިންނަށް ލިބޭ އިޚްތިޔާރުތަކަކީ ދޭދޭ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ ސަފީރުންނަށް 'ވިއެނާ ކޮންވެންޝަން’ގެ ދަށުން ލިބިދޭ ފަދަ ބޮޑެތި އިޚްތިޔާރުތަކެކެވެ.

ކޮންމެއަކަސް، މާލެ އެނބުރި އައިސް މިވާހަކަ ރައީސް ޔާމީނާ ޙިއްޞާކުރީމެވެ. އަދި، ކަން ދިމާވި ގޮތުން، މާ ލަސްތަކެއްނުވެ، ރައީސް ވަޙީދުގެ ކެބިނެޓުގެ މަޝްވަރާއަށް އެކަން ގެނެވިއްޖެއެވެ. 'ސޯފާ’ގެ މައްސަލަ ކެބިނެޓުގައި އެޖެންޑާ ކުރެވިފައިވާކަން އެނގުމުން، ކެބިނެޓް ބައްދަލުވުމަށް ދިއުމުގެ ކުރިން، އާދައިގެ މަތިން، ޙާއްޞަ ބޭފުޅެއްގެ ލަފާފުޅަކަށް އަޅުގަނޑު އެދުނީމެވެ. އެބޭފުޅަކީ، އެއިރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ޢަބްދުﷲ ޔާމީނެވެ.

އެ ހުށަހެޅުމަށް ތާއީދު ނުކުރުމަށް ރައީސް ޔާމީން އަޅުގަނޑަށާއި، ޕީ.ޕީ.އެމް އިން ކެބިނެޓުގައި ބައިވެރިވި އެހެން މެންބަރުންނަށްވެސް އިރުޝާދު ދެއްވިއެވެ. އަދި، އެކަމުގައި މަނިކުފާނުގެ ވިސްނުންފުޅު ހުރިގޮތުގެ ތަފްޞީލުވެސް ޙިއްޞާކުރެއްވިއެވެ. ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އަތޮޅެއްގައި ބޭރުގެ ސިފައިން ތިބުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި، ޤާނޫނު އަސާސީން އެފަދަ ކަމަކަށް ޖާގަ ނުލިބޭ ކަމަށްވެސްމެއެވެ. އަދިވެސް ވިދާޅުވިއެވެ. އެފަދަ އެއްބަސްވުންތަކުގެ ދަށުން ސިފައިން ބައިތިއްބައިގެން އުޅޭ ބައެއް ޤައުމުގެ ހިތި ތަޖުރިބާ އެނގިވަޑައިގަންނަވާ ކަމަށެވެ. ދެކުނު ކޮރެއާ މިސާލަކަށް ނެންގެވިއެވެ. ޤާއިމުވެ ތިބޭ ސިފައިންގެ ތެރެއިން މީހަކު ބޮޑު ޤާނޫނީ ކުށެއް ކުރިއަސް، އެޤައުމުގެ ޤާނޫނު އެމީހެއްގެ މައްޗަށް ފުރިހަމައަށް ނުހިނގާނެ ކަމަށެވެ.

ކޮންމެއަކަސް، އެދުވަހު ކެބިނެޓަށް އައި އެ ހުށަހެޅުމަށް އެންމެ މިނިސްޓަރަކުވެސް ތާއީދެއް ނުކުރިއެވެ. ރެކޯޑަށްޓަކައި މިކަން ފާހަގަކޮށްލީއެވެ. މިއީ ދިވެހިން އުފާކުރުން ޙައްޤު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. އަދި، އެކަމަށް ޚުދު ރައީސް ވަޙީދުވެސް ތާއީދެއް ނުކުރައްވައެވެ. އެ ހިސާބުން، 'ސޯފާ’ގެ ވާހަކަ އެވަގުތަށް ހިނދިއްޖެއެވެ. ރައީސް ވަޙީދުގެ ޒަޢާމަތުގެ ތެރޭގައި އެވާހަކަ އިތުރަށް އަޑެއްނާހަމެވެ.

ރާއްޖެއަށް މަތިކުރެވުނު މި 'ސޯފާ' އެއްބަސްވުން މުހިންމުވާ ސަބަބަށް ބަލާލަމާ ހިންގަވާށެވެ. ކުޑަކުޑަ، ސާދާ ހުށަހެޅުމެއް ނޫން ދެއްތޯއެވެ. ޖިއޯ ޕޮލިޓިކްސް އަށް ނަޒަރު ހިންގާލުމުން މިއެއްބަސްވުން އެމެރިކާއަށް މުހިންމުވާ ސަބަބު ސާފުވާނެއެވެ.

އެމެރިކާ އެއާފޯސްގެ މަތިންދާބޯޓުފަހަރު ޑިއެގޯ ގާސިއާގައި ހަރަކާތްތެރިވަނީ

މިއަދު، އެމެރިކާގެ އަސްކަރީ މަރުކަޒެއް އިންޑިޔާ ކަނޑުގެ މިސަރަޙައްދުގައި އެބަހުއްޓެވެ. ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި ނުވަތަ ޑިއެގޯ ގާސިއާގައެވެ. އެއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އެޤައުމުން ހިންގަމުންދާ ބޮންއަޅާ މަތިންދާ ބޯޓުފަހަރަށް ޚާއްޞަ ދެ މަރުކަޒުގެ ތެރެއިން އެއްތަނެވެ. ޑިއެގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒު ހިންގަނީ އިނގިރޭސި ދައުލަތާއެކު 1966 ވަނަ އަހަރު އެމެރިކާއިން ވެފައިވާ ފަންސާސް އަހަރުގެ އެއްބަސްވުމެއްގެ ތެރެއިންނެވެ. އެއްބަސްވުން ފުރަތަމަ ނިމެން އޮތީ 2016 ގައެވެ. ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރަނީ، އެޤައުމުގެ ވިސްނުމަކީ އެމަރުކަޒު އެހެން ތާކަށް ބަދަލުކުރުން ކަމަށެވެ. ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވިއިރުވެސް، އެފަދަ އެކަށޭނަ ދެވަނަ ތަނެއް ނުލިބުނީކަމަށެވެ. އަދި، ނަތީޖާއެއްގެ ގޮތުން، އިނގިރޭސިންނާއެކު އޮތް އެއްބަސްވުން 20 އަހަރަށް އިތުރުކުރީ ކަމަށެވެ. މިހާރު އޮތް ގޮތުން، މި އެއްބަސްވުން ނިމުމަކަށް އަންނާނީ 2036 އަށެވެ. ޤަބޫލުކުރެވޭ ގޮތުގައި، ރާއްޖެއަށް މި ހުށަހެޅި 'ސޯފާ' އެއްބަސްވުމަކީ، އިސްވެ މިދެންނެވުނު މަރުކަޒު ރާއްޖެއަށް ބަދަލުކުރުމުގެ ވިސްނުމެއްގައި ކުރިކަމެކެވެ. ނުވަތަ، އެންމެ ކުޑަމިނުން، އެސިފައިން ރާއްޖޭގައި ޤާއިމުވެ، ތަމްރީނުތައް ހިންގާ ހެދުމުގެ ފުރުޞަތު ހޯދުމަށް ކުރިކަމެކެވެ.

ހަޤީޤަތުގައި، އެމެރިކާ ސަރުކާރަށް ދިމާވި އެންމެ ބޮޑު ބޮލުގައި ރިހުމަކީ ޑިއެގޯ ގާސިއާގައި ދިގު މުއްދަތަކަށް ދެމިތިބުން ދަތިވާނެ ފަދަ، އަންދާޒާ ނުކުރެވޭ ޙާލަތެއް މެދުވެރިވުމެވެ. އެއީ، ޑިއެގޯ ގާސިއާ ހިމެނޭ ޖަޒީރާގެ މިލްކުވެރިކަމާމެދު ސުވާލު އުފެދިގެން ދިއުމެވެ. އެތަނަކީ އިނގިރޭސިންގެ ތަނެއްތޯ ނުވަތަ އަވަށްޓެރި މޮރިޝަސްގެ ބައެއްތޯ ސުވާލު އުފެދުނީއެވެ.

ޑިއެގޯ ގާސިއާ ހިމެނޭ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ޗޭގޮސް އާކިޕެލާގޯ ނުވަތަ ދިވެހި ނަމުންނަމަ ފޯޅަވަހި) އޮތީ 1965 ގައި މޮރިޝަސް އަތުން އިނގިރޭސިން އަތުލާފައެވެ. އަދި، އެއަށްފަހު، ފޯޅަވަހި އޮތީ އެމެރިކާއަށް ކުއްޔަށް ދީފައެވެ. އެއީ އިނގިރޭސިންގެ ތަނެއް ނޫން ކަމަށާއި، އަވަށްޓެރި މޮރިޝަސްގެ ތަނެއް ކަމަށް، ދާދި ފަހުން، އދ.ގެ ޢާންމު މަޖިލީހުންނާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ ކަނޑައަޅާފައެވެ. އެހިސާބުން، އަޅުގަނޑުމެންނަށް 'ސޯފާ' ހުށަހެޅުން އައީ ކަމަށް މުރާސިލުން ޤަބޫލުކުރެއެވެ.

ކޮންމެއަކަސް، މި 'ސޯފާ' އެއްބަސްވުމުގެ ވާހަކަ މިހިސާބުން ނިމުނީއެއް ނޫނެވެ. ދިވެހިރާއްޖޭގެ ވަލީއުލްޢަމްރު 2013 ވަނަ އަހަރުގެ ފަހުކޮޅުގައި ބަދަލުވެއްޖެއެވެ. ރައީސް ޔާމީންގެ ޒަޢާމަތު ފެށިއްޖެއެވެ. އަޅުގަނޑު އެމަނިކުފާނުގެ ކެބިނެޓުގައިވެސް އިނީމެވެ. ނަމަވެސް، ފުރަމުންދިޔައީ ތަފާތު މަޤާމެކެވެ. އަދާކުރަމުންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ ޒިންމާއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފުރަތަމަ ދެތިން ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ދަޢުވަތު ލިބިވަޑައިގަތެވެ. ޢާންމު އުޞޫލުން ނަމަ، އައްވަލް ދަޢްވަތު އަންނާނީ އަވަށްޓެރި އިންޑިޔާއިންނެވެ. ޒަމާނުއްސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. ފަހުގެ ތާރީޚުގައި ރާއްޖޭގެ ކޮންމެ ވެރިއަކުވެސް އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވާނީ ނިއު ދިއްލީއަށެވެ. އެކުވެރި އެހެން ޤައުމުތަކަށް ޒިޔާރަތްކުރައްވާނީ އޭގެ ފަހުންނެވެ. ކޮންމެއަކަސް، ރައީސް ޔާމީން ވަޑައިގަތުމަށް އެންމެ ފުރަތަމަ ދަޢުވަތު ދެއްވީ އެއިރު އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް، ނުވަތަ އެޤައުމުގެ ރައީސްކަމުގައި ހުންނެވި ޝްރީ ޕްރަނާބް މުކަރްޖީއެއް ނޫނެވެ. ފުރަތަމަ ދަޢުވަތު ދެއްވީ އަވަށްޓެރި ސްރީލަންކާގެ އެއިރުގެ ރައީސް (އަދި މިއަދުގެ ބޮޑުވަޒީރު) މަހިންދަ ރާޖަޕަކްސައެވެ.

މި ދަޢުވަތާ މެދު ރައީސް ޔާމީން ވަކި އެއްޗެއް ވިދާޅުނުވެ ދުވަސްތަކެއް ވަމުންދާތީ، އެކަމާމެދު އެމަނިކުފާނު އަރިހުން ލަފާފުޅަކަށް އެދުނީމެވެ. ސްރީލަންކާގެ ކަމާބެހޭ ބޭފުޅުން އަޅުގަނޑާ މެދުނުކެނޑި ގުޅުއްވަމުން ގެންދަވާތީއެވެ. ފުރަމާނަ ދަތުރުފުޅުގެ ތާރީޚެއް ކަނޑައެޅުމަށްޓަކައެވެ. މިކަމުގައި ކަންކުރަންވީ ގޮތް ރައީސް ޔާމީން ވިދާޅުވެދެއްވިއެވެ. އެދިވަޑައިގަތީ ވަކި ޖަވާބެއް ނުދީ މަޑުކޮށްލުމަށެވެ. އިންޑިޔާއިން އަންނަންޖެހޭ ދަޢުވަތު ނުލިބޭތީއެވެ. ޖީ.އެމް.އާރް މައްސަލައިގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށްވެފައި، އެމަނިކުފާނުގެ ސަރުކާރާ މެދު އިންޑިޔާއިން އިތުރަށް ހިތްބުރަކުރަން ފުރުޞަތު ދެއްވަން ބޭނުންފުޅު ނުވާތީ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަށް އެކަން ވިސްނުމުން، ސްރީލަންކާއިން އައި ކޯލުތަކަށް އެކި ގޮތްގޮތުން ޖަވާބުދީ، ތާރީޚެއް ކަނޑައެޅުން މަޑުޖައްސަމުން ގެންދިޔައީއެވެ. ނަސީބަކުން، އިންޑިޔާގެ ދަޢުވަތުވެސް މާލަހެއްނުވެ އަތުވެއްޖެއެވެ. ރައީސް ޔާމީން، އެމަނިކުފާނު ވިދާޅުވި ފަދައިން، އިޚްތިޔާރު ކުރެއްވީ ފުރަތަމަ ޒިޔާރަތްކުރައްވާނީ އިންޑިޔާއަށް ކަމަށެވެ. ސްރީލަންކާއަށް ވަޑައިގަންނަވާނީ ދެވަނަ މަންޒިލެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމީން، އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ 27 މޭ 2014 ގައި ނިއުދިއްލީގައި ބައްދަލުކުރައްވަނީ

ކޮންމެއަކަސް، އިންޑިޔާ ދަތުރުފުޅު ނިންމަވާ، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސްރީލަންކާއަށް ޒިޔާރަތްކުރެއްވިއެވެ. ދެ ޤައުމަށްވެސް، އެމަނިކުފާނު އަރިހުގައި އަޅުގަނޑު ދަތުރުކުރީމެވެ. ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އާދަކާދައިގެ މަތިން، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުނެވެ. ބައްދަލުވުން އޮތީ އެޤައުމުގެ ހިލްޓަން ހޮޓަލުގައެވެ. އަޅުގަނޑަކީ ސަރުކާރުގެ އިސް ތަރުޖަމާނުކަން ގިނަ އަހަރުތަކެއް ވަންދެން ކުރި މީހަކަށް ވީތީ، އެބައްދަލުވުމުގައި ތިއްބެވި ނޫސްވެރިންގެ ވަރަށް ގިނަ ބޭފުޅުންނަކީ ފަރިތަ މޫނުތަކެކެވެ. ރަޙްމަތްތެރި ބޭފުޅުންތަކެކެވެ.

ބައްދަލުވުން ފެށުމުގެ ކުރިން އެއް ނޫސްވެރިއަކު އަޅުގަނޑު ގާތުން ކަމެއް އޮޅުންފިލުއްވިއެވެ. ދަތުރުފުޅާ ސީދާ ގުޅުމެއް ނެތް ސުވާލެއް ކުރެއްވިއަސް 'އޯކޭ' ތޯ އެއްސެވިއެވެ. ރައީސް ޔާމީނާ ބައްދަލުވަނީ އަލަށް ކަމަށް ވީތީއެވެ. ސުވާލު ދެންނެވުމުގައި ކޮންމެ މައުޟޫއުއެއްވެސް އެންމެ ރަނގަޅު ކަމަށް އަޅުގަނޑު ޖަވާބު ދިނީމެވެ.

ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވީ ނޫސްވެރިން އެކަންޏެއް ނޫނެވެ. ހުޅަނގުގެ އެމްބަސީތަކުގެ މަންދޫބުންވެސް ހާޒިރުވެ ތިއްބެވިއެވެ. އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ ފަދަ ޤައުމުތަކުގެ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޕޮލިޓިކަލް އޮފިސަރުން އެންމެ ކުރީ ގޮނޑިބަރީގައި ތިއްބެވިއެވެ. ބައްދަލުވުން ފެށުމާއެކު، އެންމެ ފުރަތަމަ އަތް އުފުލާލީ އިސްވެ ދެންނެވި ނޫސްވެރިޔާއެވެ. އޭނާ އެއްސެވިއެވެ. "ރާއްޖެއަށް އެމެރިކާ ސަރުކާރުން 'ސޯފާ' އެއްބަސްވުމެއް ހުށަހަޅާފައިވާ ޚަބަރު އެއްސެވި" ކަމަށެވެ. އަދި، އެ ހުށަހެޅުމާމެދު ޢަމަލުކުރައްވާނީ ކިހިނަކުންތޯ ސުވާލު ދެންނެވިއެވެ.

ރައީސް ޔާމީންގެ ޖަވާބު ވަރަށް ކުރެވެ. ނަމަވެސް އެހާމެ ސާފެވެ. ޖަވާބުގައި ވިދާޅުވީ "ސޯފާ އިސް ސޯ ފާ އަވޭ ފްރޮމް މީ" މިހެންނެވެ. ތިމަން މަނިކުފާނާ 'ސޯފާ' އާ ދެމެދު ވަރަށްވެސް ބޮޑު ފަރަގެއް (ދުރުކަމެއް) އެބަހުރި ކަމަށެވެ. ބައެއް ބޭފުޅުންނަށް އެނގިވަޑައިގަތުން އެކަށީގެންވެއެވެ. އެ އިޚްތިޔާރުކުރެއްވި އިބާރާތްކޮޅަކީ، 1980ގެ ތެރޭގައި ވިދާލި މިއުޒިކް ބޭންޑް 'ޑަޔަރ ސްޓްރޭޓްސް' ގެ އެންމެ މަޝްހޫރު އެއް ލަވައެއްގެ ތަންކޮޅެކެވެ. އެފަދަ އިބާރާތަކުން ވިއަސް، ރައީސް ޔާމީން އެ ވިދާޅުވީ ވަރަށް ވަރުގަދަ އެއްޗެކެވެ.

އެދަނޑިވަޅުގައި އަޅުގަނޑު ހިތަށް އެރިއެވެ. ރައީސް "ނޫނެކޭ" އެ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ބާރުން އައި ހުށަހެޅުމަކަށެވެ. މިއީ ފިސާރި 'ގަޓު' ހުރި ވެރިއެއްތާކެވެ. ޤަބޫލުފުޅު ކުރައްވާ އަސާސްގައި، އަދި ގެންގުޅުއްވާ ޢުޞޫލުގައި، ވަރަށް ބާރަށް ހިފަހައްޓަވާތާއެވެ. މި ލިބުނީ އިންތިހާއަށް ވަޠަނީ ވެރިއެއްތާއެވެ. އަދި، މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓަވާނެ ޤާބިލު ލީޑަރެއްތާއެވެ.

ކޮންމެއަކަސް، ރައީސް ޔާމީންގެ ޒަޢާމަތު 2018 ގައި ނިމިގެންދިޔަގޮތް ދިވެހިންގެ ހަނދާނުން އަދި ފަނޑުވެގެން ނުދާނެ ދެއްތޯއެވެ. މިއަދު ރާއްޖޭގައި މިއޮތީ ހުޅަނގުގެ ރުހުން އޮތް އަދި އެވެރިން ނުހަނު ގަޔާވާ ސަރުކާރެއް ދެއްތޯއެވެ. އަދި، ހުޅަނގުގައި ނުހިމެނޭ ނަމަވެސް އެބައިމީހުންގެ ކޮއެލުގައި ޝާމިލުވާ އަވަށްޓެރި ޤައުމެއްގެ ރުހުމާއި ހަމްދަރުދީ ވަރަށް ބޮޑަށް އޮތް ސަރުކާރެއް ދެއްތޯއެވެ.

ކަން ވެގެންދިޔަގޮތާމެދު އަޅުގަނޑުގެ ހިތަށް ވެރިވާ ބައެއް އިޙްސާސް އަދި އުފެދޭ ބައެއް ސުވާލު، ކިޔުންތެރިންނާ ޙިއްޞާކޮށްލާނަމެވެ. އެއް ކަމަކަށް، އަބަދުމެ ހިތަށް އަރައެވެ. ރައީސް ޔާމީންގެ މޭޒުކޮޅަށް އައި މިފަދަ ބޮޑެތި، ހައްސާސް ހުށަހެޅުންތަކަށް ރައީސް ޔާމީން ފުރުޞަތު ދެއްވި ނަމަ، އެމަނިކުފާނު ބޭނުންފުޅުވީނަމަ، ބޮޑެތި މާލީ މަންފާތަކެއް ލިބިވަޑައިގަންނަވާނެކަމެވެ. މިއީ ބޮޑެތި، ބާރުގަދަ، މުއްސަނދި ޤައުމުތަކުން އައި ހުށަހެޅުންތަކަކަށް ވީތީއެވެ.

ވާދަވެރިން ޤަބޫލުކުރަނީ ރައީސް ޔާމީނަކީ ފައިސާ ބޭނުންފުޅުވެގެން ދައުލަތުން ވައްކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. މިއަދު ހުރަގޭގައި އެ އޮންނެވީ ޚިޔާނާތުގެ ތުހުމަތެއް އަދުގެ ސަރުކާރުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ، އެކަމުގެ މުއްދަތެއް ޖައްސުވާފައި ދެއްތޯއެވެ. ސިޔާސީ ގޮތުން ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޝަޚްސިއްޔަތަށް ވީތީ، މިފަދަ ކަންކަމުގައި 'ޑީލު' ހައްދަވަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާނެތޯއެވެ. ހުށަހެޅުންތައް ހިފައިގެން އަންނަ ޤައުމުތަކުން، އޭގެ ބަދަލުގައި ބޮޑެތި ފައިސާގެ ހުށަހެޅުންތައް ލިބިވަޑައިނުގަންނަވާނެތޯއެވެ. އަދި، އެފަދަ ހުށަހެޅުމެއްގައި ހިއްޕަވަން ފުރުޞަތު ނޯންނާނެތޯއެވެ. އެބުނާ ގޮތަށް، ރައީސް ޔާމީނަކީ ފައިސާ ބޭނުންފުޅުވާ ބޭފުޅެއް ނަމަ، މިއޮތީ މާ ފަސޭހަ މަގެއް ނޫންތޯއެވެ. އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލީއެވެ. ކިޔުންތެރިންގެ ތޫނު ސިކުނޑިތަކަށް އަދި ތަނަވަސް ޚިޔާލަށް މިސުވާލުތައް ދޫކޮށްލާނަމެވެ.

ސިޔާސީ ނަޒަރިއްޔާއިންވެސް މިފަދަ ކަންކަމާމެދު އަޅުގަނޑު ވިސްނާލީމެވެ. ރައީސް ޔާމީންގެ ވިސްނުންފުޅު އިތުރަށް ދެނެގަތުމަށެވެ. ދެމިސާލެއްގެ ތެރެއިންނެވެ. ފުރަތަމަ އިންޑިޔާއެވެ. ޖީ.އެމް.އާރް މައްސަލައިގެ ސަބަބުން ރައީސް ޔާމީނާ މެދު އެޤައުމުގެ ނުރުހުން އޮންނާނެތާއެވެ. ޖީ.އެމް.އާރް މައްސަލައިގައި ރައީސް ޔާމީން އެހާ ވަރުގަދައަށް ގޮތުގައި ހިފަހައްޓާލެއްވީ، އެއީ ވަކި ޤައުމެއްގެ ކުންފުންޏަކަށް ވީތީއެއް ނޫނެވެ. އެއީ ރާއްޖޭގެ މުސްތަޤްބަލާ ގުޅިފައިވާ، ޤައުމުގެ އިސްތިޤްލާލާ ގުޅިފައިވާ އެއްބަސްވުމަކަށް ވީތީއެވެ. ރައީސް ޔާމީންގެ ދޫފުޅުން މިހެން ވިދާޅުވި އަޑު އަޅުގަނޑު އެތައް ފަހަރަކު އެހީމެވެ.

ދެވަނަ މިސާލަކީ އެމެރިކާއެވެ. އަނެއްކާވެސް ފެނުނީ ހަމަ އެފަދަ ނިންމެވުމެކެވެ. މި މަޒުމޫނުގައި މިގެނައި 'ސޯފާ' އެއްބަސްވުމާ މެދުއެވެ. އަނެއްކާވެސް، ވަކި ޤައުމެއް ވީތީއެއް ނޫނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާ ގުޅިފައިވާ އެއްބަސްވުމަކަށް ވީތީއެވެ. މިކަންވެސް ވަރަށް ޞަރީޙަކޮށް އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ކުޑަ ތަންފުކެއް ގޮތްދޫކުރައްވާ، ދޫ ދެއްވައިގެން ކުރިއަށް ވަޑައިގަތުމުގެ ފުރުޞަތުވެސް ރައީސް ޔާމީނަށް އޮތެވެ. އެހެން ކަންކުރެއްވި ނަމަ، އެމަނިކުފާނުގެ ޒަޢާމަތަށް، އޭގެފަހުން ބޭރުން އައި ފިއްތުންތަކާއި، އެމަނިކުފާނުގެ ސަރުކާރު ބަދަލުކުރަން ބޭރުން މެދުނުކެނޑި ކުރި ހޭދަތައް އެތައް ތަނެއް ކުޑަވީސްކަން ކަށަވަރެވެ. އަޅުގަނޑު ދެކޭގޮތުގައި، އެކަންކަމުގައި ގޮތް ދޫކުރައްވާ، ދޫ ދެއްވިނަމަ މިއަދުވެސް އެމަނިކުފާނު އިންނަވާނީ ރައީސް އޮފީހުގައެވެ. އޮންނަވާނީ ހުރަގޭގައެއް ނޫނެވެ.

ހަޤީޤަތުގައި، އަޅުގަނޑު އެމަނިކުފާނަށް ތާއީދު ކުރާ އެންމެ މުހިންމު އެއް ސަބަބަކީ މިއީއެވެ. އިސްތިޤްލާލަށް ލޯބިކުރައްވާތީއެވެ. ވަޠަނީ ލީޑަރެކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ތިމާ ލޯބިވާ އެއްޗެއް، އަމާނާތެއްގެ ގޮތުގައި، ޙަވާލުކުރަން އިޚްތިޔާރުކުރަންވާނީ އިތުބާރު ހިފޭ، ވަފާތެރިއަކާއެވެ. އަޅުގަނޑަކީ ޤައުމު ދެކެ ވަރަށް ލޯބިވާ ފަރުދަކީމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޤައުމުގެ މަތިވެރި އަމާނާތް، އަލުން އެފުރުޞަތު ތަނަވަސްވިއަސް، އަޅުގަނޑު ޙަވާލުކުރާނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2513

3 Responses

  1. މުޙައަމަދަކީ، ތޫނުފިލި މީހެއްކަން މި ކޮލަމުގެ ލިއުންތަކުން ދޭހަވެއެވެ. ޒުވާން އުމުރުގައި، ޤައުމީ އަދި ބައިނަލް އަޤްވާމީ ދާއިރާގައި ފުން ތަޖްރިބާތަކެއް ލިބިފައިހުރިކަންވެސް ފާހަގަކުރެވެއެވެ. އެއްވެސް ވަންހަނާކަމެއްނެތި މުޙައްމަދު ބުނެފައި މިވަނީ، މި ލޮބުވެތި ޤައުމުގެ މުގުލަށް ކަމުދާ ހުރީ އެންމެ މީހެއް ކަމެވެ. އެއީ މިހާރު ޖަލުގައި އިން ޔާމީނު ޤައްޔޫމު ކަމެވެ. އެހެނަސް، ޔާމީނު ޖަލަށް ލެވުނީ، ހުޅުވިގެން ކުރި ސަރިޔަތަކަށްފަހު، ކުށް ސާބިތުވެގެންނެވެ. ތިމާ ރުހޭމީހާ ބެދޭފަހަރު ޤާނޫނު ގޯސްވެފައި، ނެއްޓޭފަހަރު ޤާނޫނާއި ގާޒީން ކަމުދާކަމަށް ދެކޭނަމަ، މި މުޖްތަމައަށް ދުވަހަކު ހިންދެމި ނުލެވޭނެއެވެ. މުޙައްމަދުގެ ލިއުމުގައި ނިންމައިލަމުން ގެނެސްދީފައިވާ ޚުލާޞާއިން ދޭހަވަނީ، ޔާމީނު ޤައްޔޫމު ދެވަނަ ބުރަށް ނުހޮވުނީ، "ސޯފާ" ދިން މީހުންނާއި ޖީއެމްއާރުގެ ވެރިންނަށް ދޫ ނުދިނީތީއެވެ. އެހެނަސް، އަހަރެންނަށް މި މަންޒަރު ދުރުން ފެންނަނީ އެހެން ގޮތަކަށެވެ. ނުހޮވުނީ، ވަލިއްޔުލް އަމްރަށް ރައްޔިތުންނާ ކައިރިވާން ނޭނގުނީތީއެވެ. ރައްޔިތުންނާ ހަމައަށް، ހަމަ ބިމަށް ތިރިވާން ނުކެރުނީތީއެވެ. ދެވަނަ ސަބަބަކަށްވީ، ކައިރީގައި ތިބި މީހުން ދެނެގަންނާން (އެސެސް ކުރާން) ނޭނގުނީތީއެވެ. މީގެ މިސާލަކަށް، ޤާނޫނު ބަދަލުކޮށްގެން ނައިބަކަށް ގެނައި "ޅަ ކުއްޖާ" ފުދެއެވެ….. މުޙައްމަދެވެ! ޤައުމާއި ރައްޔިތުންގެ މަޞްލަހަތު އޮތީ ވަކި މީހަކާ ގުޅިފައި ކަމަށް ހީނުކުރާށެވެ! އެހެންކަމުން، ވަކި ފަރުދަކު ނަގަހައްޓަންވެސް އަދި ވައްޓައިލަންވެސް މަސައްކަތް ނުކުރާށެވެ. އޭގެ ބަދަލުގައި، ޤައުމީ މަޞްލަޙަތު އިސްކުރާށެވެ. ކޮންމެ މީހަކަށްވެސް އެދަނީ، އެމީހެއްގެ ފުރުސަތު ލިބެމުންނެވެ. އަންނިއަށް އަންނިގެ ފުރުސަތެވެ. ޔާމީނަށް ޔާމީނުގެ ފުރުސަތެވެ. އަދި މިހާރު މިހިރަ، "މަޑު މައިތިރި" އިބޫއަށް އޭނާގެ ފުރުސަތެވެ….. އެ ވަރު ނުފުދޭހެއްޔެވެ. ދެން އޮތީ އެހެން ކޮންމެވެސް މީހެއްގެ ފުރުސަތުކަމަށް ދެކޭށެވެ. ފަހަރެއްގައި އެއީ މުޙައްމަދު ކަމަށްވުންވެސް އެކަށީގެންވެއެވެ. އެ ދުވަހަކަށް ހުވަފެން ދެކޭށެވެ. އެ ދުަވަހަކުން، މިބައިމީހުން ހެދި، އަދި ހަދަމުން މިދާ ގޯސް ނުހަދަން އަޒުމް ކަނޑައަޅާށެވެ. ޤައުމާއި، ރައްޔިތުންދެކެ ލޯބިވާން ނިޔަތް ގަންނާށެވެ! ޤައުމީ ލޯތްބަކީ އެއީއެވެ. ވަކި މީހަކު ދެކެ ވެވޭ ލޯތްބަކީ ޝްޚްޞީ ލޯތްބެކެވެ. … މި ގިލަންވެރިކަމުން އުފަންތިޔަކުރި ލިއުންތެރިކަން ހުއްޓައިނުލާށެވެ! އަހަރެމެން ކިޔަމުން ގެންދާނޫއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *