ތިރީގައި މި ވަނީ ދިވެހިރާއްޖެ 2.0ގެ ނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ޚާއްސަ މަޝްރޫޢުއެއް ގެންނަން ޖެހޭ ސަބަބުތަކެވެ.
- ޑިޖިޓަލް ރޮނގުން ޤައުމުގެ މިސްރާބު ހުރީ ހެޔޮފާލެއްގައި ކަމަށް ވިޔަސް، އަދި ފުރުސަތު އޮތީ ފަހިކޮށް ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުން އެކަން އިހްސާސެއް ނުވެއެވެ. ރައްޔިތުންގެ އުއްމީދުތަކާ ކައިރިވެސް ނުކުރެއެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ރާއްޖެ ދަރަޖަކޮށްފައިވާ ގިންތިތަކަށް މާ ބޮޑެތި ހެޔޮ ބަދަލުތަކެއް ނާދެއެވެ. ކޮރަޕްޝަން އިންޑެކްސް ވިޔަސް، ޓްރާންސްޕޭރެންސީ އިންޑެކްސް ވިޔަސް، ޑިޖިޓަލް ގަވަރނަންސް އިންޑެކްސް ވިޔަސް ރާއްޖެ ދަރަޖަކުރެވިފައި އޮތީ ނިސްބަތުން ވަރަށް ފަހަތުގައެވެ.
- ދައުލަތުގެ މުއައްސަސާތަކުން ޚިދުމަތް ދިނުމުގައި ޒަމާނުއްސުރެ ވާރުތަވެފައި ހުރި މައްސަލަތައް ހުރީ ހަމަ އެ ގޮތުގައެވެ. ކޮންމެވެސް މިންވަރެއްގެ ލުއިތަކެއް އޮންލައިން ޚިދުމަތްތަކުގެ ޒަރީއާއިން މިހާތަނަށް ގެނެސްދެވިފައިވިޔަސް، އަދި ޚިދުމަތް ދިނުމަށް 200 އާ ގާތްކުރާ ޕޯޓަލް ދައުލަތުގެ މުއައްސަސާތަކުން ގެންގުޅުނު ނަމަވެސް، ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް މާ ބޮޑު ލުއިތަކެއް ލިބިގެންދާކަމުގެ އިހްސާސެއް ނުވެއެވެ.
- އޮންލައިންކޮށް ޚިދުމަތް ލިބެން ހުރި ނަމަވެސް އަދި ޚިދުމަތް ހޯދުމަށް މަރުކަޒީ ނުވަތަ ޚިދުމަތްތައް އެއްފުރާޅުކުރެވިފައިވާ ޕްލެޓްފޯމްތައް ހެދިފައި ހުރި ނަމަވެސް، މުއައްސަސާތައް ހިންގުމުގައާއި އަދި ޚިދުމަތް ދިނުމުގައި ރައްޔިތުން އެދޭ މިންވަރުގެ އެފިޝެންސީއެއް ނުގެނެވެއެވެ. އިދާރީ ރެޑް ޓޭޕް ކުޑައެއްވެސް ނުކުރެވެއެވެ.
- ޚިދުމަތްތައް އަދިވެސް ތަރުތީބުވެފައި ހުރީ އެއް މަޢުލޫމާތެއް އެތައް މުއައްސަސާއަކަށް ތަކުރާރުކޮށް ހުށަހަޅަންޖެހޭ ގޮތަށެވެ. ސިސްޓަމްތަކުގައި ޚިދުމަތްތައް ފަރުމާކުރެވިފައި ހުރީ ކަރުދާސް ފޯމްތައް ބޭނުންކުރި ޒަމާނުގައި އެކަށައަޅާފައިވާ ޚިދުމަތްތަކުގެ އިޖުރާއަތުތަކާ އެއްގޮތަށް، ޕްރޮސެސް އެފިޝެންސީ ގެނެވޭނެ ގޮތަށް ރިއިންޖިނިއަރ ނުކޮށެވެ.
- ކޮވިޑްގެ ހާލަތަށްފަހު ދައުލަތުގެ މުއައްސަސާތަކުން ޑިޖިޓަލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އަދި މިހާރު ކުރެވެމުން ދާއިރުވެސް، ޑިޖިޓަލީ ވިލަރެސްކުރެވޭނެހެން އަދި ރައްޔިތުންގެ ބޭނުންތަކަށް ފެތޭގޮތަށް ސިޓިޒަން ސެންޓްރިކްކޮށް، ނަތީޖާ ނެރެދެވޭ ގޮތަށް ޚިދުމަތްތައް ތަރުތީބުވެފައެއް ނެތެވެ.
ދިވެހިރާއްޖެ 2.0
މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރާ ޕްރޮގްރާމެކެވެ.
- މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޛުކުރުމަށް ކުރިއަށް އޮތް ތިން އަހަރަށް ހިންގާނެ މަޝްރޫޢެއް.
- މިއީ ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް ހިންގަން ފަށާ ތިން އަހަރުގެ މަޝްރޫޢެއް
މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު؛
- ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެ.
- ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެ.
- ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެ.
- ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެ.
މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ސަރުކާރުގެ އިސްނެގުމާއެކު ހިންގަން ފަށާ މަޝްރޫއެކެވެ.
މޯލްޑިވްސް 2.0 މިހިނދަށް ބޭނުންވަނީ ކީއްވެ؟
- މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫނެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
- އިޤްތިސާދުގައި އައިސީޓީގެ ހިއްސާ %15 އަށް އިތުރުކުރުމަށް ކުރާނެ މަސައްކަތްތައް ބަޔާންކުރާ މަޝްރޫޢެކެވެ.
- މި މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް ހަލުވި، އަވަސް، ދެފުށްފެންނަ، ލުއި ފަސޭހަ ޚިދުމަތް ފޯރުކޯށްދިނުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރާނެއެވެ.
- ކާކުކަން އަންގައިދޭ ރަސްމީ ލިޔުންތަކާއި، ރެކޯޑްތަކާއި، ފައިސާ ދެއްކުމުގެ ނިޒާމުތަކަށް ރައްކާތެރިކަމާއެކު ވާސިލްވުމަށް މަގުފަހިވާނެއެވެ.
- ކިއުގައި މަޑުނުކޮށް، ކަރުދާހަށް ބަރޯސާނުވެ، ލުއިފަސޭހަ، އަވަސް ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.
- އިންޓައޮޕަރަބަލް ނިޒާމުތަކުގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް ޚިދުމަތްތައް ވިލަރެސްކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން ޚިދުމަތްތައް ދިނުމަށް މަގުފަހިވާނެއެވެ.
- ޑޭޓާ އަދި ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތު އެކަށައަޅައި، ނިންމުންތައް ނިންމުމަށް މަގުފަހޮކޮށްދީ ޚިދުމަތް ދިނުމުގެ ނިޒާމުތައް ޒަމާނީކުރެވިގެންދާނެއެވެ.
- ޒިންމާދާރު އަދި އެފިޝެންޓް މުއައްސަސާތަކަށް މަގުފަހިވެގެންދާނެއެވެ.
- މި މަޝްރޫޢުއާއެކީ، ދިވެހިރާއްޖޭއަކީ ޚިދުމަތް ދިނުމުގައި އަދި ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި ހުރިހާ ކަމެއް އެންމެ ފުރަތަމަވެސް ޑިޖިޓަލް ވިސްނުމުން ކުރުމަށް އިސްކަންދޭ ގައުމަކަށް ބަދަލުވެގެންދާނެއެވެ ޑިޖިޓަލް ފަސްޓް ގައުމުއެއްގެ ގޮތުގައި ދިވެހިރާއްޖެ ބްރޭންޑް ކުރެވިގެންދާނެއެވެ.
- ދައުލަތުގެ މުއައްސަސާތަކަށް ކުރެވޭ އިތުބާރު އިތުރުކުރެވި ކޮރަޕްޝަން ނައްތާލުމަށް މަގުފަހިވާނެއެވެ.
- ވިލުންތެރި އިޤްތިސާދެއް ބިނާކުރަން މަގުފަހިވާނެއެވެ.
މޯލްޑިވްސް 2.0 ގެ މައި އަސާސްތައް
މޯލްޑިވްސް 2.0 ބިނާކުރުރެވިފައިވާ އަސާސްތަކަކީ؛
- ދެފުށްފެނުމާއި ހާމަކަން އިތުރުކުރުން އަދި ކޮރަޕްޝަން ނައްތާލުން- ޑިޖިޓަލް ސިސްޓަމްތަކަކީ އޭގެ ފެށުމުގައިވެސް ކޮރަޕްޝަން ނައްތާލުމަށް ބާރުއަޅާ އަދި ހާމަކަން އިތުރުކޮށްދޭ ދެފުށްފެންނަ ޑިޖިޓަލް ފަރުމާކުރުންތަކެއްކަން ޔަޤީންކުރުން.
- ހުރިހާ ފަރާތްތައް ޝާމިލުކުރުން- މުވާސަލާތީ ވަސީލަތްތަކާއި ތަރައްޤީގެ ތަފާތުތަކާއެކުވެސް، އެއްވެސް ފަރުދެއް، ގިންތިއެއް، ރަށެއް ބާކީ ނުކޮށް އެންމެންނަށް ޚިދުމަތްތަކަށް ވާސިލުވެވޭގޮތަށް ޑިޖިޓަލީ ފޯރުކޮށްދެވޭ ޚިދުމަތްތައް ފަރުމާކުރެވިފައިވާކަން ކަށަވަރުކުރުން
- ގުޅިގެން މަސައްކަތްކުރުން- ވަކިވަކި ނުވަތަ 'ސައިލޯޑް' ސިސްޓަމްތަކުގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުލަތުގެ މުއައްސަސާތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ގުޅާލެވިފައިވާ އިންޓައޮޕަރަބަލް ޑިޖިޓަލް ވިއުގަތަކުގެ އެހީގައި، ތަކުރާރުވާ މުއާމަލާތްތައް މަދުކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭކަން ޔަޤީންކުރުން.
- ޚިދުމަތް ހޯދާ ފަރާތް އިސްކުރުން- ދައުލަތުން ޑިޖިޓަލީ ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ފަރާތުގެ ނަޒަރިއްޔާއިން، އެ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން، އުމުރުގެ ކޮންމެ މަރުހާލާއެއްގައިވެސް ހޯދަން ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭގޮތަށް 'ސިޓިޒަން ސެންޓްރިކް’ކޮށް ފަރުމާކުރެވިފައިވާ އަދި އެއް ފުރާޅުކުރެވިގެން ދޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުން.
- ސަލާމަތާއި ސިޔާދަތީ ކަންކަން ކަށަވަރުކުރުން- ޒާތީ މަޢުލޫމާތު ހިމާޔަތްކޮށް، ލޮޅުންތަކުން އަރައިގަނެ އިތުބާރު ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ވެށްޓެއް ބިނާކުރުމަށްޓަކައި މަޢުލޫމާތާއި ޑޭޓާ، ޑިޖިޓަލް އުމްރާނި ވަސީލަތްތައް އަދި އައިޑެންޓީގެ ނިޒާމުތަކުގެ ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކުރެވޭގޮތަށް ތަރައްޤީގެ މަސައްކަތްތައް ފަރުމާކުރުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުން.
- ޒިންމާދާރުކަމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން- ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެޖެންޑާގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު މިންކުރުމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން.
މޯލްޑިވްސް 2.0 އެ މައްޗަށް ބިނާވެފައިވާ ތަނބުތައް
މި ސަމިޓުގައި ހުށަހެޅިގެންދާ ޑިޖިޓަލައިޒޭޝަންގެ ތަސައްވަރު އަދި މަގުޗާޓް ބިނާކުރިވިފައިވާނީ ތިރީގައިވާ އަށް ތަނބުގެ މައްޗަށެވެ. އެއީ ޑިޖިޓަލް އިންޤިލާބެއް ގެނައުމަށްޓަކައި އަސާސީ ގޮތުން ނުވަތަ ފައުންޑޭޝަނަލް ލެވަލްގައި ރަނގަޅުކުރަން ހުރި ކަންކަމަށް އިސްކަންދީގެން މި ދާއިރާގައި މަސައްކަތްތައް ތަރުތީބުކުރުމަށެވެ.
- ފުރަތަމަ ތަނބު: ފަހުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގައުމީ ޑިޖިޓަލް އައިޑީ ސިސްޓަމްއަކާއެކު ރައްކާތެރި ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުން
- ދެވަނަ ތަނބު: މުއައްސަސާތަކުގެ މެދުގައި ރައްކާތެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ޑޭޓާ ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމުތައް ނުވަތަ ފަސޭހަކަމާއެކު ޑޭޓާ އެއް ސިސްޓަމުން އަނެއް ސިސްޓަމަށް ފޮނުވޭނެ އެކްސްޗޭންޖް ލޭޔަރ ގާއިމުކުރުން
- ތިންވަނަ ތަނބު: ދިފާއުވެ ރައްކާތެރިވެވޭނެ ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން
- ހަތަރުވަނަ ތަނބު: ޑިޖިޓަލް މުއާމަލާތްތަކަށް އިތުބާރު އުފައްދައިދޭ އަދި ހައްޤުތައް ރައްކާތެރިކޮށްދޭ ޒަމާނީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި އަމަލުކުރުން
- ފަސްވަނަ ތަނބު: ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް އުމްރާނީ ވަސީލަތްތައް، ސޮވަރިން ކްލައުޑް ހިމެނޭ ގޮތުގެ މަތިން ޤާއިމުކުރުން
- ހަވަނަ ތަނބު: ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން ފަރުމާކުރެވޭ އަދި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުން
- ހަތްވަނަ ތަނބު: މުޅި ދައުލަތް ތަމްސީލުވާހެން އެކި ދާއިރާތަކަށް ޑިޖިޓަލީ ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން. މީގެ ތެރޭގައި 2025 ވަނަ އަހަރު ސިއްޙީ، ތަޢުލީމީ އަދި ފައިނޭންސްގެ ދާއިރާއިން ގެންނަންޖެހޭ އިސްލާހުތަކަށް އިސްކަން ދިނުން
- އަށްވަނަ ތަނބު: އައި.ސީ.ޓީ ދާއިރާގެ ފުރުސަތުތައް ދިވެހިންނަށް ފުޅާކުރުމާއި އީޖާދީ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުން.
ހިންގުމުގެ އޮނިގަނޑު އިސްލާހުކުރުމާއެކު ގުޅިގެން މަސައްކަތްކުރުން
- މުއައްސަސާތަކުގެ އިސްތިރާޖުތައް މޯލްޑިވްސް 2.0 އާ އެއްގޮތްކުރުން
- ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާ ގުޅޭގޮތުން ހުރިހާ މުއައްސަސާތަކުން އެއްބަސްވެވޭ މިންގަނޑުތަކާއި ޕްރޮޓޮކޯލްތަކަށް އަމަލުކުރުން
- މުއައްސަސާތަކުގެ މުވައްޒަފުންގެ ޑިޖިޓަލް ހުނަރަތައް ކުރިއަރުވާ މުސްތަޤްބަލަށް ތައްޔާރުކުރާ މަސައްކަތުގެ އާބާދީ އެއް ބިނާކުރުން
- ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ބާރުދޭ ޤާނޫނުތައް އަވަހަށް ފާސްކޮށް އަމަލުކުރަން ފެށުން
- ދައުލަތުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެގޮތަށް ޚިދުމަތްތައް 2027ގެ ނިޔަލަށް އިންތިޒާމުކޮށް ނިންމުން
- ސިއްހީ އަދި ތަޢުލީމީ ދާއިރާއަށް ޚާއްސަ އިސްކަމެއްދީގެން އެ ދާއިރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން
- ރައްޔިތުން އެދޭ ނަތީޖާ ނެރުމަށް މުއައްސަސާތަކުން ޚިދުމަތުގެ ފެންވަރު އެކަށައަޅައި، ބިޒްނަސް ޕްރޯސަލްތައް ރިއިންޖިނިއަރކޮށް، އައިޓީ ސިސްޓަމްތަކަށް ބަދަލުގެނައުން



advertisment