އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމަށް ފެށި ހަނގުރާމައިގެ ނަމަކީ "އޮޕަރޭޝަން ސިންދޫރު" އެވެ. އޭގެ ރައްދުގައި ޕާކިސްތާނުން އިންޑިޔާއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނަމަކީ "އޮޕަރޭޝަން ސުހާގު ރާތު" އެވެ. މިހުރިހާ ހަމަނުޖެހުންތަކާ އެކު، އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ، ދިވެހިރާއްޖެ ފަދަ ނާޒުކު އިގްތިސާދުތަކަށެވެ. ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެކެވެ. ތެލާއި، ގޭހާއި ކާބޯތަކެތިން ފެށިގެން ދަތްކޮއްޓާ އިލޮށިކޮޅަށް ދާންދެން އެތެރެ ކުރަނީ ރާއްޖެއިން ބޭރުންނެވެ.
ދުނިޔެ މިވަގުތު އޮތީ ތިންވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކޮޅުމަތީގައެވެ. ނޫނެކެވެ. ތިންވަނަ ބޮޑު ހަނގުރާމަ އޮތީ ފެށިފައެވެ. އަވަށްޓެރި އިންޑިޔާއާއި، ޕާކިސްތާނުން އެދަނީ ހަނގުރާމަ ކުރަމުންނެވެ. މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުރޯވެ އަނދަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ޔުކްރޭނާއި ރަޝިޔާއާ ދެ ގައުމުން ހަނގުރާމަކުރާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސީދާގޮތުންނާއި ނުސީދާގޮތުން ގިނަ ގައުމުތަކަކުން މިވަނީ، މި ހަނގުރާމަތަކުގެ ތެރެއަށް އެކި ސިފަސިފައިގައި ވަދެފައެވެ. މިފަދަ ބޮޑު މުސީބާތެއް ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިރު، ދިވެހިރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން، ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
މިވަގުތަކީ، މިކަންކަމަށް ރިޢާޔަތްކޮށް، ރައްޔިތުން ހޭލުންތެރި ކުރުވައި، ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދަނޑުވެރިކަން ކުރުމަށް ރައްޔިތުންނަށް ވިސްނައިދީ ބާރުއަޅަންވީ ވަގުތެވެ. ބިންބޮޑެތި ރަށްރަށުގައި، ދަނޑުވެރިކަމުގެ މަސައްކަތް ފަށަންވީއެވެ. އެހެން ނޫނީ ދެވަނަ ބޮޑު ހަނގުރާމައިގައި ރައްޔިތުން ތަހައްމަލު ކުރި ހައިހޫނުކަމަށްވުރެ، ބޮޑު ހައިހޫނު ކަމެއް ކުރިމަތިވެދާނެއެވެ. އޭރު ރާއްޖޭގެ އާބާދީވެސް ކުޑައެވެ. ރަށްރަށުގައި ހުސް ބިންތައްވެސް އޮތެވެ. އެކަމަކު، މިހާރު އާބާދީ ބޮޑުވެފައި، އާބާދީއަށް ފުދޭވަރަށް ކާބޯތަކެތި ހައްދާނެ ބިމެއްވެސް ނެތެވެ. އެހެން ނަމަވެސް، ރާއްޖޭގައި ފަސޭހައިން ހެއްދޭ ކާބޯތަކެތި ހެއްދުމަށް ރައްޔިތުންނަށް އެއްވެސް އަގަކާއި ނުލައި ބިން ދޫކުރުމާއި، ތަފާތު ގަސްގަހާގެހީގެ މުޑުވަކާއި، ގަސްކާނާފަދަ ތަކެތި ލިބޭނެގޮތް، ދަނޑުވެރިކަމާ ބެހޭ ވުޒާރާ މެދުވެރިވެގެން ހަމަޖައްސައިދެވިދާނެއެވެ.
އިމްޕޯޓަށް ބަރޯސާވާވަރު ކުޑަކުރެވޭނެ ތަފާތު އުފެއްދުންތައް އިންދާ ހައްދާ، އިގްތިސާދުގައި ދައުރުވާ ބޭރު ފައިސާ ހިފެހެއްޓޭނެ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ފޯކަސް ބަދަލުކޮށް، އެކަމަށް ބޭނުންވާ ގައުމީ މިއުމާރިއްޔަތު ބިނާކޮށް، ކުދި ވިޔަފާރިތަކާއި ރަށްރަށުގައި ތަފާތު އިގްތިސާދީ ސިނާއަތްތައް ކުރިއަރުވައި، މިހާރަށްވުރެ ބޮޑަށް އަމިއްލައަށް ފައިމައްޗަށް ތެދުވެގެން ދިރިއުޅެވޭނެ މަގުތައް ފަހިކޮށްދޭން އެބަޖެހެއެވެ.
ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއާއި ސަޕްލައި ޗެއިންތަކަށް ބުރޫއަރާ، ފަގީރު ޤައުމުތަކަށް ޒަރޫރީ މުދާ، ޚާއްޞަކޮށް ކާބޯތަކެތި އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ. ރާއްޖޭގައި ފަސޭހައިން ހެއްދިދާނެ ކާބޯތަކެތި އުފެއްދުމަށް ސަމާލުކަން ދިނުމުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބަރޯސާވުން ކުޑަކޮށް، ހަނގުރާމައިގެ ވަގުތުތަކުގައި ވެސް އާބާދީތަކަށް ބޭނުންވާ ކޮންމެވެސް މިންވަރެއްގެ ކާބޯތަކެތީގެ ސަޕްލައި ހުއްޓުމެއް ނެތި ކަށަވަރު ކުރެވޭނެއެވެ.
ހަނގުރާމައިގެ ސަބަބުން އިގުތިސާދުތައް ފުނޑުފުނޑުވެ، ވަޒީފާ ގެއްލުމާއި، މާލީ ގޮތުން ނުތަނަވަސްކަމާއި، އިޖުތިމާއީ ހަމަނުޖެހުންތައް ކުރިމަތިވެދާނެއެވެ. ރަށްރަށުގެ އިގުތިސާދުތަކާއި ދަނޑުވެރިކަމުގެ ސިނާޢަތަށް އިންވެސްޓްކޮށްގެން ގައުމުގެ އާމްދަނީ ހެޔޮގޮތުގައި ބޭނުން ކުރެވޭނެ މަގުތައް ފަހިކޮށް، ހަނގުރާމައިގެ ސަބަބުން ދަތިތައް ކުރިމަތިވެދާނެ ވަކިވަކި ދާއިރާތަކަށް ބަރޯސާވުން ކުޑަކުރެވިދާނެއެވެ.
ކާބޯތަކެތީގެ ކަށަވަރުކަން ނެތުމުން، ފަގީރުކަމާއި ބަނޑުހައިހޫނުކަމާ އެކު، އިޖުތިމާއީ ހަމަނުޖެހުން އިތުރުވެ، ކޯޅުންތަކާ ކުރިމަތިލާން ގައުމުތަކަށް ޖެހޭނެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ސަރުކާރުން ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރެވޭނެ މަގުތައް ފަހިކޮށްދީގެން އިޖުތިމާއީ ހަމަނުޖެހުންތަކުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.
ދިވެހިރާއްޖެ، އެ ސިނާޢަތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ހަނގުރާމައިގެ އަސަރު ނުކޮށެއް ނުދާނެއެވެ. މިހާރުވެސް ދަތުރުފަތުރު ކުރުމަށް މިދަނީ ތަފާތު ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ކުރިއަށް އޮތް ތަނުގައި ދަތުރުފަތުރަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ދުނިޔެއިން ދައްކަމުން މިދާ އިންޒާރުތަކަށް އަޅާ ނުލައި ތިބުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
މިވަގުތަކީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ނުކުމެ ބިން ބޮޑު ރަށްރަށުގައި، ދަނޑުވެރިކަން ކުރަން ފައްޓަންވީ ވަގުތެވެ. މިހާރުވެސް ވަގުތު މިއޮތީ ފާއިތުވެފައެވެ. އެކަމަކު، މިކަމާ ނޫޅެ ތިއްބާ ފަހުން އޮންނާނީ މާބޮޑަށް ވަގުތު ފާއިތުވެފައެވެ.



advertisment