ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރައިފައިވާ ޖޫރިމަނާ މަޢާފު ކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީން ނިންމައިފިއެވެ.
ސަރުކާރުގެ މައި ފެން ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރައިފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދިނުމުގެ މި ޕްރޮގްރާމުގެ ދަށުން ކަސްޓަމަރުންގެ ބިލްތަކަށް، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އަރައިފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެ ކަމަށެވެ. ނަމަވެސް މި ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މިއަހަރުގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށެވެ.
"މީގެ އިތުރުން، އެއްބަސްވުމެއްގެ ދަށުން އިސްވެދެންނެވި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް، އެ އިންތިޒާމް މިކުންފުނިން ހަމަޖައްސަވައި ދެވޭނެއެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަވާ ޚަލާސްކުރެއްވުމުންނެއެވެ." އެމް.ޑަބްލިޔު.އެސް.ސީގެ އިއުލާނުގައި ވެއެވެ.
"މިކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ."



advertisment

