Support Us

ކޮލަމް ރަންދެލި: އިންޑިއާ- ޕާކިސްތާނު ހަމަނުޖެހުން

އަރޫންދަތީ ރޯއީއަކީ، އިންޑިއާއަށް ނިސްބަތްވާ ވަރަށް މަޝްހޫރު ލިޔުންތެރިޔެކެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތެރިޔެކެވެ. އިންޑިއާ-ޕާކިސްތާނު ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އަރޫންދަތީ ރޯއީ ބުނެފައިވެއެވެ.

"ޕާކިސްތާނާއި އިންޑިއާއިން ހަނގުރާމައެއް ނުކުރެއެވެ. ނަމަވެސް، ހަނގުރާމަ ކުރަނީ، އެ ދެ ގައުމުގެ ސަރުކާރުތަކުންނެވެ. އެ ދެ ގައުމުގެ ވިޔަފާރި މުޖުތަމައުތަކާއި ފިލްމީ ސިނާޢަތްތަކާއި، އާންމު މީހުން އެކަކު އަނެކަކާއި ހަނގުރާމައެއް ނުކުރެއެވެ. މި ހަނގުރާމައަކީ، ހަގީގަތުގައި ބިރާއި ނަފުރަތުގެ ފައިދާ ނަގާ، ދެ ފަރާތުގެ ވެރިކަން ކުރާ އަޝްރާފުން އުފައްދާފައިވާ ޑްރާމާއެކެވެ. އިންޑިއާއާއި ޕާކިސްތާނުގެ ވެރިކަންކުރާ އަޝްރާފުން، ގައުމިއްޔަތާއި އަދި ކަޝްމީރުގެ މައްސަލަ ދިރި ދަމަހައްޓަނީ، ފަގީރުކަމާއި، ވެރިކަމުގެ ފަރާތުން ގެންގުޅޭ ތަފާތުކުރުމާއި، ސަރުކާރުގެ ނާގާބިލުކަމާއި، ބޭއިންސާފާއި އަދި އަނިޔާވެރިކަމުން މީހުންގެ ސަމާލުކަން އަނބުރާލުމަށްޓަކައެވެ."

އިންޑިއާގެ ބައްޕަގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ މޯހަންދާސް ކަރަމްޗަންދު ގާނދީ ނުވަތަ މަހާތުމާ ގާނދީ ހަނގުރާމައާ ބެހޭގޮތުން ވިދާޅުވެފައިވާ ބަސްފުޅެއް އޮވެއެވެ.

"ހަނގުރާމައިގައި ވެރިންގެ ދަރިން މަރުވާން ފަށައިފިނަމަ، ހަނގުރާމަތައް ނިމުމަކަށް އަތުވެދާނެއެވެ."

އެރިކް ހާޓްމަން ހަނގުރާމައިގެ ތަޢާރުފާ ބެހޭގޮތުން ބުނެފައިވެއެވެ.

"ހަނގުރާމައަކީ، އެކަކު އަނެކަކު ދަންނަ، އަދި އެކަކު އަނެކަކަށް ނަފުރަތުކުރާ، އެކަމަކު އެކަކު އަނެކަކު ނުމަރާ މުސްކުޅިންގެ ނިންމުމަކަށް، އެކަކު އަނެކަކު ނުދަންނަ، އަދި އެކަކު އަނެކަކަށް ނަފުރަތު ނުކުރާ ޒުވާނުން، އެކަކު އަނެކަކު މަރައި އުޅޭ ތަނެކެވެ."

ޖަޕާނުގެ ހިރޯޝިމާއަށް 1945 ވަނަ އަހަރު ވައްޓާލި "ލިޓްލް ބޯއީ"ގެ ނަމުން މަޝްހޫރު އެޓޮމިކް ބޮމުގައި ގާތްގަނޑަކަށް 64 ކިލޯގެ ޔޫރޭނިއަމް-235 ހުރި ކަމުގައިވިޔަސް، ބޮމުގެ އެފިޝެންސީ ދަށްވުމުން، ނިއުކުލިއަރ ފިއުޝަންގައި ބޭނުންކުރެވުނީ، އެ ބޮޮމުގައި ހިމެނޭ ޔޫރޭނިއަމްގެ ތެރެއިން ގާތްގަނޑަކަށް 0.5 ގްރާމެވެ. މި ކުޑަކުޑަ މާއްދާ ހަކަތައަށް ބަދަލުވެ، ގާތްގަނޑަކަށް 15،000 ޓަނުގެ ޓީއެންޓީއާ އެއްވަރުގެ ގޮވުމެއް ގޮވިއެވެ. އެހެންގޮތަކަށް ބުނާނަމަ، 0.5 ގްރާމަކީ ގާތްގަނޑަކަށް ކޮކާލެއްގެ ބަރުދަނެވެ. ނަމަވެސް، މިހާތަނަށް ތާރީޚުގައި ހިނގި އެންމެ ފަނާކުރަނިވި އެއް ގޮވުން ގޮވީ އެވަރުގެ ކުޑަކުޑަ ޔޫރޭނިއަމް ކޮޅެއްގެ ސަބަބުންނެވެ.

އެމެރިކާއިން ޖަޕާންގެ ހީރޯޝިމާއަށް އެޓޮމިކް ބޮން އެޅުމާއެކު ސިކުންތެއްގެ އެއްހާސް ބައިކުޅަ އެއްބައިގެ ތެރޭގައި، އެ ސަހަރުގެ ހޫނުމިން 4000 ޑިގްރީ ސެލްސިއަސްއަށް އުފުލިގެން ދިޔައެވެ. މި ހޫނުމިން ދެމިގެން ދިޔައީ މަދު ވަގުތު ކޮޅަކަށެވެ. އެޓޮމިކް ބޮން ގޮއްވާލިތާ ސިކުންތެއްގެ ތެރޭގައި ގާތްގަނޑަކަށް އެއް ލައްކަ ސާޅީސްހާހެއްހާ މީހުން، ރޭޑިއޭޝަންގެ ސަބަބުން ވިރިގެން އާތްވަށް ވެގެން ދިޔައެވެ. އެއްވެސް ދިރޭ އެއްޗެއް އެ ސަހަރުގައި ސަލާމަތުން ނެތެވެ. ހިރޯޝިމާގައި ދިރިއުޅުނު މީހުންގެ ވަސްވެސް ބިމުން ފޮހެވިގެން ދިޔައެވެ. ބޮމުގެ ހަމަލާއިން ޒަޚަމްވި މީހުން ދިޔައީ މަރުވުމަށް އެދެމުންނެވެ. މިއީ އެ ހަމަލާގެ ނުރައްކާތެރިކަން ހުރި މިންވަރެވެ.

މުޅި ގައުމުގެ މުވާސަލާތީ ގުޅުން އެއްކޮށް ކެނޑިގެން ދިޔައެވެ. އެ ހަމަލާގެ އަހަރުތަކެއް ފަހުންވެސް ހީރޯޝިމާއާއި ނަގަސާކީގެ ރަށްވެހިން ދިޔައީ އޭގެ ވޭންތައް ތަހައްމަލު ކުރަމުންނެވެ. ރޭޑިއޭޝަންގެ ސަބަބުން، ގިނަ ބަޔަކަށް ލިއުކީމިޔާއާއި، ކެންސަރާއި އަދިވެސް ނުރައްކާތެރި އެތައް ބައްޔެއް ދިޔައީ ކުރިމަތިވަމުންނެވެ.

ހިރޯޝިމާއަށް ވައްޓާލި އެޓޮމިކް ބޮމުގެ ސަބަބުން 4000 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މައްޗަށް ދިޔައިރު، މިހާރު ޕާކިސްތާނާއި އިންޑިއާގެ އަތުގައި ހުރި ނިއުކްލިއާ ހަތިޔާރުތަކުގެ ސަބަބުން 25،000 އާއި 40،000 ޑިގްރީ ސެލްސިއަސް އާ ދެމެދު ހޫނުކަން އުފެއްދުމުގެ ބާރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނާއި، އިންޑިއާއިން ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، އޭގެ އަސަރު ދެމިގެންދާނީ މަދު ސިކުންތުކޮޅަކަށެވެ. އެއާއެކު، އެ ސަރަހައްދުގެ ބިމާއި ސަހަރާތަކާއި ޖަންގަލިތަކާއި ފަރުބަދަތަކާއި ކޯރުތަކާއި އަދި ކަނޑުގައި އެއްވެސް ދިރޭ ފުރާނައެއް ނުހުންނާނެއެވެ.

އޭރުން ދައްކާނެ ބްރޭކިން ނިއުސްއެއް، އަދި ބްރޭކިން ނިއުސް ބަލާނެ މީހަކުވެސް ނުހުންނާނެއެވެ.

އެޗް.ޖީ ވެލްސް ކިޔާ މީހަކު ބުނެފައިވެއެވެ.

"އަހުރެމެން ހަނގުރާމަ ނުނިންމާނަމަ، ހަނގުރާމަ އަހުރެމެން ނިންމައިލާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *