އިންސާނީ ދަރިފަނީގެ ދުނިޔޭގެ ފުރަތަމަ ރޭސް އެމެރިކާގެ ލޮސް އެންޖަލިސް ސިޓީގައި ބާއްވައިފިއެވެ.
މި މުބާރާތް ބޭއްވުމަށް މަތީ ސާނަވީ ދަރިވަރެއް ކަމަށްވާ އުމުރުން 17 އަހަރުގެ އެރިކް ޒޫ ވަނީ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ޗަންދާއިން ޖަމާކޮށްފައެވެ.
"ސްޕާމިއުލާ އެކެއް"ގެ ނަން ދިން މުބާރާތުގައި ބައިވެރިކުރީ އެމެރިކާގެ ޒުވާން ތިން ފިރިހެނެއްގެ ދަރިފަންޏެވެ.
މުބާރާތުގައި ބޭނުންކުރީ ދެ މިލިމީޓަރު ދިގުމިނުގައި ހުރި ދެ ޓްރެކެވެ. ދަރިފަނިތައް ދުވި މަންޒަރު ދެއްކީ މައިކްރޮސްކޯޕެއް ބޭނުންކޮށްގެން މަންޒަރު 100 ގުނައަށް ބޮޑުކޮށްލައިގެންނެވެ. އެއީ އެ މަންޒަރު ތްރީ-ޑީ އެނިމޭޝަން ސޮފްޓްވެއާއަކަށް ލައިފައެވެ. މަންޒަރު ދެން ކުޅިބަލާ މީހުންނަށް ދައްކައި އަދި ޔޫޓިއުބަށް ވެސް ލިއެވެ.
އެރިކް ބުނީ މިއީ ސްކޫލްގައިކުރާ އުޅޭ ކަހަލަ ސަމާސާއެއް ނޫންކަމަށާއި ދަރިފަނި މަދުވަމުންދާ މައްސަލައާމެދު އޭނާ ސީރިއަސްކަމަށެވެ.
އެރިކް ބުނީ މި މުބާރާތް ބޭއްވުމުގެ ހިޔާލު އައީ ވޭތުވެދިޔަ ބައި ގަރުނުގައި ދަރިފަނި އުފެދޭ މިންވަރު 50 ޕަސެންޓް ދަށްވެފައިވާކަމުގެ ސޯޝަލް މީޑިއާ ޕޯސްޓްތަކާ ގުޅިގެންކަމަށެވެ.
"ކުރިމަގުގައި ދަރިން ނުވިހާފާނެތީ އަހަރެން ކަންބޮޑުވޭ. މި މުބާރާތުގެ ބޭނުމަކީ ދަރިމައިވުމުގެ ސިއްހަތަށް އަލިއަޅުވައިލުން،" އެރިކް ބުންޏެވެ.
ދަރިފަނި މަދުވަމުންދޭތޯ މިއީ ސައިންސްވެރިން ހިޔާލު ތަފާތުވެފައިވާ ކަމެކެވެ.
ދަރިފަނި މަދުވަމުންދާކަމަށް ބުނާ، އެމެރިކާގެ ސަރުކާރު ހިނގާނުހިނގާ ގޮތް ބަލަހައްޓާ ވުޒާރާގެ ވަޒީރު އީލޯން މަސްކުގެ ފަލްސަފާ ބަލައިނުގަންނަކަމަށް އެރިކް ބުންޏެވެ. ހުޅަނގުގެ ހަޞާރަތު ވަނީ ނުރައްކާތެރި ފައްތަރެއްގެ ތެރޭގައިކަމަށް ބުނާ އީލޯން ވަނީ އެކި އަންހެނުންގެ ފަރާތުން 14 ދަރިން ހޯދައިފައިކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
"އަހަރެންނަކީ، ދުނިޔޭގައި އަލުން އިންސާނީ އާބާދީއެއް ގާއިމުކުރަން ބޭނުންވާ އީލޯން ކަހަލަ މީހެއް ނޫން. އަހަރެންނަކީ ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ މީހުންނަށް ތާއީދުކުރާ މީހެއް ނޫން. އަހަރެން ބޭނުންވަނީ ޒުވާން ފިރިހެނުން އެ މީހުންގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުން،" އެރިކް އޭއެފްޕީއަށް ބުންޏެވެ.
އޭނާ ބުނީ މި މުބާރާތް ބޭއްވީ ދަރިފަނީގެ ކޮލިޓީ އާއި ފިރިހެނުންގެ އާއްމު ސިއްހަތުގެ ދުޅަހެޔޮކަމާ ގުޅުން ހުރިކަން އަންގައިދިނުމަށް ހޭލުންތެރިކުރުމުގެ ގޮތުންކަމަށެވެ.
"އަވަހަށް ނިދުން، މަސްތުވާތަކެތި ބޭނުންނުކުރުން، ސިއްހީ ގޮތުން ރަނގަޅު ކާބޯތަކެތި ބޭނުންކުރުން ފަދަ ކަންތައްތަކަކީ ދަރިފަނީގެ ހަރަކާތްތެރިކަން ރަނގަޅުވާ ކަންތައްތައް،" އެރިކް ބުންޏެވެ.



advertisment