ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އިއްޔެ ހެނދުނު 10.00 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ފެށްޓެވި ޕްރެސް ކޮންފަރެންސް 14 ގަޑިއިރާއި 54 މިނެޓަށް ދެމިގެން ދިއުމުން މި ކަން ދުނިޔޭގެ ރެކޯޑަކަށްވެ، ދުނިޔޭގެ މީޑިއާގެ ސަމާލުކަން މި ކަމަށް ލިބިއްޖެއެވެ.
މި ކަން ވަނީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގިނަ މީޑިއާއިން ފާހަގަކޮށްފައެވެ. އެ ގޮތުން ރައީސްގެ މި ރެކޯޑު މުގުރައިލި ޕްރެސް ކޮންފަރެންސްގެ ރިޕޯޓް ގެނެސްފައިވާ ހަބަރު ފަތުރާ ވަސީލަތްތަކުގެ ތެރޭގައި ރިޕަބްލިކް ވޯލްޑް، ޔެސް ޕަންޖާބް ނިއުސް، ދޭޝް ސަންޗާރު، ދަ ޓައިމްސް އޮފް އިންޑިއާ، ނިއުސް ކަރްނާޓަކާ، ލައިވްމިންޓް، އެން.ޑީ.ޓީ.ވީ، ދަ ޕޯސްޓް ބާބާ، ދަ ޑެއިލީ ސްޓަރ އަދި ދަ ބިޒްނަސް ސްޓެންޑަޑް ހިމެނެއެވެ.
ރޭ މެންދަމު ފަހަނަޅައި ދިޔަ، ރައީސްގެ ރެކޯޑު މުގުރައިލި ޕްރެސް ކޮންފަރެންސްގެ ކުރިން އެންމެ ދިގު ޕްރެސް ކޮންފަރެންސެއް ބޭއްވެވީ ޔޫކްރެއިންގެ މިހާރުގެ ރައީސް ވޮލޮޑޮމިޔާ ޒެލެންސްކީއެވެ. އޭނާ ވަނީ 14 ގަޑިއިރުގެ ޕްރެސް ކޮންފަރެންސެއް 2019 ބާއްވަވައިފައެވެ.
ޒެލެންސްކީގެ ކުރިން މި ރެކޯޑު އޮތީ ބެލަރޫސްގެ މިހާރުގެ ރައީސް އެލެކްސެންޑާ ލުކަޝެންކޯގެ އަތްޕުޅުގައެވެ. އެއީ ހަތް ގަޑިއިރުގެ ޕްރެސް ކޮންފަރެންސެއް 2017 ގައި ބާއްވަވައިގެންނެވެ.
ރާއްޖޭގެ ރައީސްކަމަށް 2023 ގައި ވަޑައިގެންނެވި އުމުރުފުޅުން 46 އަހަރުގެ ރައީސް މުއިއްޒުގެ ޕްރެސް ކޮންފަރެންސްގައި ދެ ދޮޅަހަކަށް ނޫސްވެރިން ބައިވެރިވި ކަމަށާއި އެ އެންމެން ކުރި ހުރިހާ ސުވާލަކަށް ރައީސް ޖަވާބު ދެއްވި ކަމަށާއި އެ އެންމެންނަށް ކެއިންބުއިން ފޯރުކޮށްދެއްވި ކަމަށާއި އަދި ނަމާދު ވަގުތަށް މެދުކަނޑުއްވައިލައްވަމުން ގެންދެވިކަމަށް، ފްރާންސަށް ނިސްބަތްވާ ބައިނަލްއަގުވާމީ ގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އެއް ނޫސް އެޖެންސީ ކަމަށްވާ އޭ.އެފް.ޕީން ރިޕޯޓުކުރިއެވެ.
ރައީސް ވަނީ ނޫސްވެރިން މެދުވެރިކޮށް އާއްމުން ހުށަހެޅި ހުރިހައި ސުވާލުތަކަށް ވެސް ޖަވާބުދެއްވައިފައި ކަމަށް އެ ނޫސް އެޖެންސީން ފާހަގަކުރިއެވެ. ޖުމްލަ 36 ނޫސްވެރިން ބައިވެރިވި އިއްޔެގެ ނޫސްކޮންފަރެންސްގައި 300 އަށްވުރެ ގިނަ ސުވާލުކޮށްފައިވެއެވެ.

ފްރާންސްގައި ގާއިމުކޮށްފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލިސްޓުގައި ރާއްޖެ މިހާރުވަނީ 180 ގައުމުގެ ތެރެއިން ދެ ރޭންކިން ކުރިއަށް ޖެހިލައި، 104 ވަނައަށް އަރައިފައެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ރާއްޖޭގެ ރޭންކިންއަކީ ދެވަނައެވެ. އެއްވަނައިގައި ވަނީ ނޭޕާލެވެ.
ވަކި ފަރާތަކަށް ނުޖެހި ހަގީގަތާ އެއްގޮތަށްކުރާ ނޫސްވެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ މުޖުތަމައުގައި ނޫސްވެރިކަމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް، ރައީސްއާ ހަވާލާ ދެއްވާ އޭ.އެފް.ޕީން ރިޕޯޓުކުރިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާ ލިޓަރަސީ އަދި މައުލޫމާތު ލިބިގަތުމަށް ނޫސްވެރިންނަށް މަގުފަހިކުރެއްވުމަށް ބައިވަރު މަސައްކަތްތަކެއް ފަށްޓަވައިފައިކަމަށް ރިޕަބްލިކް ވޯލްޑުން ރިޕޯޓުކުރިއެވެ.
"ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގެ މުހިންމު ތަނބެއްކަމަށް އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ،" އިންޑިއާއަށް ނިސްބަތްވާ އެ ނޫހުން ބުންޏެވެ.
ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ފަށްޓަވައިފައިވާ އެއް މަސައްކަތަކީ "މީޑިއާ ވިލެޖެ"އް ގާއިމުކުރެއްވުންކަން އެ ނޫހުން ފާހަގަކުރިއެވެ. ސަބަބަކީ އޮފީސް އިމާރާތްތަކުގެ ކުލި ބޮޑުވުމެވެ.
"މި ކަމަށްޓަކައި ބޭނުންވާނެ ބިން ވަނީ ހުޅުމާލެއިން ހަމަޖައްސަވައިފައި އަދި މި ވިލެޖް ބިނާކޮށްދޭނެ ފަރާތަކާއެކު ފަހުމްނާމާއެއްގައި ސޮއިކުރެވިފައި،" ރިޕަބްލިކް ވޯލްޑުން ބުންޏެވެ.
"ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމަށްޓަކައި ރައީސް މުއިއްޒުގެ ސަރުކާރުން މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ 27.98 މިލިއަން ރުފިޔާ ހިމަނުއްވައިފައި،" އެ ނޫހުން އިތުރަށް ބުންޏެވެ.



advertisment