އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެންމެ މުސްކުޅި އެސްޓްރޮނޯޓު ޑޮން ޕެޓިޓްގެ 70 ވަނަ އުފަން ދުވަސް ފާހަގަކުރަން ދުނިޔެއަށް އަތުވެއްޖެއެވެ.
"އޭނާގެ ހާލު ރަނގަޅު،" ނާސާއިން ބުންޏެވެ.
މިދިޔަ އާދީއްތަ ދުވަހު ޑޮންއާއެކު، ޖައްވީ ލެބޯޓްރީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޖައްވީ ސްޓޭޝަން އައި.އެސް.އެސްގައި ސައިންސްގެ ތަހުލީލުތައްކުރި ރަޝިއާގެ ދެ ކޮސްމޮނޯޓުން ކަމަށްވާ އެލެކްސެއި އޮވްޗިނިން އާއި އައިވަން ވެޖްނާ ވެސް ވަނީ ރަޝިއާގެ ސޮޔުޒް ޖައްވީ އުޅަނދެއްގައި ކަޒަކްސްތާނަށް ޖައްސައިފައިކަމަށް ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްއިން ބުންޏެވެ. "ކޮސްމޮނޯޓް" މި ބަހަކީ ރަޝިއާއިން އެސްޓްރޮނޯޓުންނަށް ކިޔާ ނަމެވެ.
ކަޒަކްސްތާނުން ޑޮން މިހާރު ވަނީ އެމެރިކާއަށް ގެންގޮސްފައެވެ.

އައި.އެސް.އެސްގައި ހަތަރު ވަނަ ފަހަރު އުޅުނުއިރު ޑޮންގެ 29 އަހަރުގެ ކެރިއަރުގައި 18 މަސް ދުވަސް ނުވަތަ ދޮޅު އަހަރު މި ބުރުގައި ވަނީ ހޭދަކޮށްފައެވެ.
މި ފަހަރު ޖައްވުގައި އޭނާ ހޭދަކުރީ ހަތް މަހެވެ. އެހެންކަމުން އޭނާ މި ފަހަރު ވަނީ ދުނިޔެ ވަށާ 3،520 ބުރު ޖަހައިފައެވެ. މިއީ ރާސްތާގެ ގޮތުން ބަލިއިފިއްޔާ 93.3 މިލިއަން މޭލެވެ.
ނާސާއިން މީގެ ހަފުތާއެއް ކުރިން އާއްމުކުރި ވީޑިއޯއަކުން ދައްކައި ކަންތައްތަކުގެ ތެރޭގައި ޑޮންމެން ދިރާސާކުރި ދާއިރާތަކުގެ ތެރޭގައި ފެން ސާފުކުރާނެ ގޮތާއި ތަފާތު މާހައުލުތަކުގައި ގަސް ހައްދާނެ ގޮތާއި އަދި ބިމުގެ ދަމާބާރު ނުވަތަ ގްރެވިޓީ ވަރަށް ކުޑަކޮށް ހުންނަ ތަންތާނގައި އަލިފާނުގެ ހަރަކާތްތައް ހުންނަ ގޮތް ދިރާސާކުރުން ހިމެނެއެވެ.
ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި ރަޝިއާގެ ގުޅުން ގޯސްވީވަރުން މިހާރު ދެ ގައުމުން އެއްބާރުލާ މަދު ދާއިރާތަކުގެ ތެރޭގައި ޖައްވީ އޮޕަރޭޝަންތައް ހިމެނެއެވެ.

ޑޮންއާއި އެލެކްސެއި އަދި އައިވަން ޖައްވުގައި ހޭދަކުރި ހަތް މަހަށްވުރެ އިތުރު ދެ މަސް ވަނީ ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބަޗް ވިލްމޯ އައި.އެސް.އެސްގައި ހޭދަކޮށްފައެވެ. އެއީ މިދިޔަ މަހު ދުނިޔެއަށް އައުމުގެ ކުރިން އައި.އެސް.އެސްގައި ނުވަ މަސް ވަންދެން ތާށިވެފައި ތިބެން ޖެހުމުންނެވެ. ސުނީތާ އާއި ބަޗް ޖައްވުގައި ތާށިވީ އެ މީހުން މި ދިޔަ އަހަރު ޖޫން މަހު އައި.އެސް.އެސްއަށް ގެންދިޔަ ބޮއިންގްގެ ސްޓާލައިނާ ޖައްވީ އުޅަނދުގައި ޓެކްނިކަލް މައްސަލަތަކެއް ޖެހުމުންނެވެ. އެ މީހުން އަނބުރާ ގެނައީ ސްޕޭސް-އެކްސްގެ ކްރޫ ޑްރެގަން ޖައްވީ އުޅަނދުގައެވެ.



advertisment