Support Us

ފިލްމް "ސްޕައިޑާ-މޭން 2"ގައި ދައްކުވައިދޭ "މަސްނޫއީ އިރު"

ޗައިނާއިން ތަރައްގީކުރި "މަސްނޫއީ އިރު"

ޗައިނާއިން "އާޓިފިޝަލް ސަން" ނުވަތަ "މަސްނޫއީ އިރެއް" އުފައްދައިފިއެވެ. މިއީ ގާތްގަނޑަކަށް ހުސްވުމެއް ނެތް ސާފު ހަކަތަ، ނިއުކްލިއާ ފިއުޝަން ރިއެކްޓަރެއް ބޭނުންކޮށްގެން ހަދައިފައިވާ އާލާތެކެވެ.

ނިއުކްލިއާ ފިއުޝަން ރިއެކްޓަރަށް ވަނަމަކަށް "މަސްނޫއީ އިރު" ކިޔަނީ މި ރިއެކްޓަރުތަކުން ހަކަތަ އުފައްދަނީ އިރުގައި ވެސް ހަކަތަ އުފެދޭ ގޮތަށް ކަމަށްވާތީއެވެ. އެއީ އަލީގެ ދެ އެޓޮމް ނުވަތަ ޒައްރު، ހޫނާއި ޕްރެޝަރު ބޭނުންކޮށްގެން ފިއުސްކޮށް ނުވަތަ ގުޅުވައިލައިގެންނެވެ. ދުނިޔޭގެ ރިއެކްޓަރުތަކަށްވުރެ އިރުގައި މާ ބޮޑަށް ޕްރެޝަރު އެކުލެވޭތީ ސައިންސްވެރިން ބޭނުންކުރަނީ އިރަށްވުރެ އެތައް ގުނަ ހޫނު ޓެމްޕަރޭޗަރުތަކެވެ.

ޗައިނާގެ މި މަސްނޫއީ އިރަކީ ވަރަށް ބޮޑަށް ކުރިއެރުން ހޯދައިފައިވާ، ފިއުޝަންގެ ޒަރީއާއިން ނިއުކްލިއަ ހަކަތަ ތަހުލީލު ކުރުމުގެ މަރުހަލާގައިވާ ރިއެކްޓަރެކެވެ. މިއަށް އިނގިރޭސި ބަހުން ކިޔަނީ އެކްސްޕެރިމެންޓަލް އެޑްވާންސްޑް ސުޕަކޮންޑަކްޓިން ޓޮކަމަކް (އީ.އޭ.އެސް.ޓީ)އެވެ.

އީ.އޭ.އެސް.ޓީއަކީ ނިއުކްލިއަ ހަކަތަ އުފައްދައިދޭ އާލާތަކަށް ވާތީ މިއީ އިރެއް ކަމަށް ބެލެވިދާނެއެވެ. ސަބަބަކީ އިރަށް ވެސް ހަކަތަ ލިބެނީ ނިއުކްލިއަ ފިއުޝަންގެ ސަބަބުންނެވެ.

ޗައިނާގެ އަމާޒަކީ ސާފު އަދި ދާއިމީ ގޮތެއްގައި ހަކަތަ ލިއްބައިދޭނެ މަސްދަރެއް އިންސާނުންނަށް ހޯދައިދިނުމެވެ.

ޗައިނާއިން ތަރައްގީކުރި "މަސްނޫއީ އިރު" ހަދައިފައިވާ ނިއުކްލިއާ ރިއެކްޓަރު

ފިއުޝަން ރިއެކްޝަން ހިންގުވައިލުމަށްޓަކައި ބޭނުންވާ އާދަޔާ ހިލާފު ހޫނު ޕްލަސްމާ ނެގެހެއްޓުމަށް ޗައިނާއިން ވަނީ ހާއްސަ ގޮތެއްގައި ކާމިޔާބުތަކެއް ހޯދައިފައެވެ. އެ ގޮތުން މި ޕްލަސްމާ ދެމެހެއްޓުމަށް ނަގާ ވަގުތުގެ ރެކޯޑުތަކެއް ވެސް ވަނީ މުގުރައިލައިފައެވެ. އެ ގޮތުން އަމިއްލަ ރެކޯޑު މުގުރައިލައި މި ނިއުކްލިއާ ފިއުޝަން ރިއެކްޓަރުގައި މިހާރު 16 މިނެޓް ވަންދެން ޕްލަސްމާ ދެމެހެއްޓެއެވެ. މިއީ ޖަނަވަރީ 20 ގައި މުގުރައިލެވުނު ރެކޯޑެކެވެ. އޭގެ ކުރިން ޕްލަސްމާ އަންދަމުން ގެންދެވުނީ ހަ މިނެޓު ވަންދެނެވެ.

މި ކައުނުގެ 99.9 ޕަސެންޓް މާއްދާއަކީ ޕްލަސްމާއެވެ. ކައުނުގައި މާއްދާ ހުންނަނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ ހަރު، ދިޔާ ނުވަތަ އާވި ގޮތަށެވެ. ޕްލަސްމާ ހުންނަނީ ހަތަރު ވަނަ ގޮތަކަށެވެ. އެއީ އަޔޮނައިޒްވެފައިވާ ގޭހެއްގެ ގޮތުގައެވެ.

މީގެ ގިނަ މާއްދާތައް ހުންނަނީ ޗާޖްވެފައިވާ ޒައްރު ނުވަތަ ޕާޓިކަލްތަކެއްގެ ގޮތަށެވެ. އެއީ އަޔަން އާއި އިލެކްޓްރޯންއެވެ. ލެބޯޓްރީތަކުގައި ނިއުކްލިއާ ހަކަތަ އުފެއްދުމުގެ އިތުރުން ބޮތްކާއި ހޮޅިބުރި ފަދަ އަލިކަން ގެނެސްދޭ އާލާތްތަކުގައި ވެސް ހުންނަނީ ޕްލަސްމާއެވެ.

އީ.އޭ.އެސް.ޓީއަކީ ޕްލަސްމާ ހިފަހައްޓައިދޭ ގޮތަށް ހަދައިފައިވާ ދަގަތްފާނު ބާރު އެކުލެވޭ ނުވަތަ މެގްނެޓިކް ރިއެކްޓަރެކެވެ. އެ ގޮތުން މި ރިއެކްޓަރަކީ ގިނަ އިރު ޕްލަސްމާ އަނދަން ފަރުމާކޮށްފައިވާ ރިއެކްޓަރެކެވެ.

މި ފަދަ ރިއެކްޓަރުތަކުގައި މީގެ ކުރިން "އިގްނިޝަން" ނުވަތަ އިސްޓާޓުކުރެވޭ ގޮތެއް ނުވެއެވެ. ނަމަވެސް މިހާރު މި ކަން ވުމުން ނިއުކްލިއާ ފިއުޝަނުން އޭގެ އަމިއްލަ ހަކަތަ އުފައްދައިދީ، އެ ރިއެކްޝަން އޭގެ އަމިއްލަ ޒާތުގައި ދަމަހައްޓައިދެއެވެ. އެހެންކަމުން މި ކަމުގައި އާ ރެކޯޑެއް މުގުރައިލެވުމުން މީގެ މާނައަކީ ޕްލަސްމާ ދާއިމީ ގޮތެއްގައި އަނދާ ގޮތް ހަދައި ކަރަންޓު އުފައްދައިދެވޭނެ ކަމެވެ. އެހެންކަމުން މިއީ މި އަމާޒަށް އެޅުނު ފިޔަވަޅެކެވެ.

މީގެން ދޭހަވަނީ ދެމެހެއްޓެނި ފިއުޝަން ހަކަތަ ތަރައްގީކުރުމުގައި ކުރިއެރުން ލިބިފައިވާ ކަމެވެ.

ފިލްމް "ސްޕައިޑާ-މޭން 2″ގައި ދައްކުވައިދޭ "މަސްނޫއީ އިރު"

މި ޓެކްނޮލޮޖީގައި ބޭނުންކުރާ ބަސްމަގަކީ ވެސް ޝައުގުން ފުރިގެންވާ ބަސްމަގެކެވެ. އެ ގޮތުން "މަސްނޫއީ އިރު" މި ބަސް ބޭނުންކުރަނީ ނިއުކްލިއާ ހަކަތަ އުފައްދައިދޭ ރިއެކްޓަރުން އިރުގެ ފިއުޝަން ނިޒާމު ކޮޕީކުރަން އަމާޒު ހިފައިފައިވާތީއެވެ. މި ވަގުތު އަދި މިއީ ސީދާ އިރެއް ކަމަށް ނުވިޔަސް މިއީ އިރެއް ކަހަލަ ތަހުލީލީ ރިއެކްޓަރެއް ކަމަށް ބުނެވިދާނެއެވެ. އީ.އޭ.އެސް.ޓީ މަޝްރޫއުގައި ނިއުކްލިއާ ފިއުޝަން، ރިސާޗް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ހޯދާތީ ޗައިނާގެ މި ޕްރޮޖެކްޓަށް "މަސްނޫއީ އިރު"ގެ މަޝްރޫއުގެ ނަމުން މިހާރު މަޝްހޫރުވީއެވެ.

"ސްޕައިޑަ-މޭން 2″ ފަދަ ހޮލީވުޑްގެ މަގުބޫލު ކޮމިކް ފިލްމްތަކުގައި ވެސް ފެންނަ ފަދަ މަސްނޫއީ އިރުތަކުން ދުނިޔެ ހޫނުވަމުންދާ ޒާތުގެ ގްރީންހައުސް ވިހަ ގޭސް ދޫކުރުމުގެ ނުރައްކަލެއް ނެތް ކަމަށް ލައިވްސައިންސުން ރިޕޯޓުކުރިއެވެ.

"އަދި ނުރައްކާތެރި ވިހަ ކުނިބުނި ވެސް މި ފަދަ ރިއެކްޓަރަކުން ނުއުފެދޭނެ،" ލައިވްސައިންސުން ބުންޏެވެ.

ސައިންސްވެރިން 70 އަށްވުރެ ގިނަ އަހަރު މި ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ހަލުއި މިނަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނީ އަދި ކިރިޔާއެވެ.

"ފިއުޝަން ހަކަތަ ލިބެނޭ ކަމަށް ރިސާޗް ކުރާ ފަރާތްތަކުން ބަލަނީ އަދި ދަހަރުތަކެއް ފަހުން. ނަމަވެސް އެއަށްވުރެ އިތުރު ވަގުތު ނެގުން ވެސް އެކަށީގެންވޭ،" ސައިންސްވެރިޔަކު ބުންޏެވެ.

އީ.އޭ.އެސް.ޓީއަކީ ކުރިމަގުގައި ފިއުޝަންގެ ޒަރީއާއިން ކަރަންޓު އުފައްދައިދޭ އިންޖީނުގެތައް ތައާރަފުވާނެ ކަމެއް ކަމަށް ބެލެވެއެވެ.

"ކުރިމަގުގެ ފިއުޝަން ޕްލާންޓްތަކުގައި ދާއިމީ ގޮތެއްގައި ހަކަތަ އުފައްދަމުން ދިއުމަށް އެތައް ހާސް ސިކުންތަކު ޕްލަސްމާ ދައުރު ކުރުމަށް މި ފަދަ ފިއުޝަން އާލާތެއް ރަނގަޅަށް މަސައްކަތްކުރަންޖެހޭ،" ޗައިނާގެ މަސްނޫއީ އިރު ހެދުމުގެ ޕްރޮޖެކްޓް ހިންގާ ޗައިނީސް އެކަޑެމީ އޮފް ސައިންސްގައި ހިންގާ އިންސްޓިޓިއުޓް އޮފް ޕްލަސްމާ ފިޒިކްސްގެ ޑިރެކްޓަރު ސޮން ޔުންޓައޮ ޗައިނާގެ ދައުލަތުގެ މީޑިއާއަށް ބުންޏެވެ.

އީ.އޭ.އެސް.ޓީއަކީ ދުނިޔޭގައި މި ވަގުތު ހުރި ބައިވަރު ނިއުކްލިއާ ފިއުޝަން ރިއެކްޓަރު ތެރެއިން އެއް ރިއެކްޓަރެވެ. ހަކަތަ އުފައްދައިދޭ މިންވަރަށް ވުރެ މި ރިއެކްޓަރުތަކުން ހަކަތަ ބޭނުންކުރާ މިންވަރު މި ވަގުތު އިތުރެވެ.

އެމެރިކާގެ ގައުމީ އިގްނިޝަން ފެސިލިޓީން 2022 ގައި އެ ތަނުގެ ފިއުޝަން ރިއެކްޓަރެއް ކުޑަ ހިނދުކޮޅަކަށް އިސްޓާޓު ކުރެވުނެވެ. އެއީ އީ.އޭ.އެސް.ޓީއާ ތަފާތު ގޮތަކަށެވެ. އެ ގޮތުން ކުދިކުދިކޮށް ކުއްލިކުއްލިއަށް ހަކަތަ ދީގެން އިސްޓާޓު ކުރެވުނަސް ޖުމުލަ ގޮތެއްގައި އެ ރިއެކްޓަރުން ދިޔައީ ހަކަތަ އުފައްދައިދޭ ވަރަށްވުރެ ހަކަތަ އިތުރަށް ބޭނުންކުރަމުންނެވެ.

އީ.އޭ.އެސް.ޓީ ފަދަ ޓޮކަމަކްތަކަކީ ނިއުކްލިއާ ފިއުޝަން ރިއެކްޓަރުތަކުގެ ތެރެއިން އެންމެ އާއްމު ބާވަތުގެ ރިއެކްޓަރުތަކެވެ. އީ.އޭ.އެސް.ޓީން ކުރާ ކަމަކީ ޕްލަސްމާ ހޫނުކޮށްލައި، ޑޯނަޓެއްގެ ބައްޓަމައަށް ހުންނަ ރިއެކްޓަރު ޗެމްބަރެއްގެ ތެރޭގައި އެ ޕްލަސްމާ ހިފަހައްޓައިލަނީއެވެ. އެއީ ބާރުގަދަ ދަގަތްފާނުގެ ފީލްޑްތަކަކުން ވަށައިލައިގެންނެވެ. އެންމެ ފަހުން ޕްލަސްމާ އަންދާ ވަގުތު ޗައިނާގެ މަޝްރޫގައި ދިގުކޮށްލެވުނީ ޕްލަސްމާ ހޫނުކޮށްލާ ނިޒާމަށް ދޭ ހަކަތަ ދެގުނަ އިތުރުކޮށްލައިގެންނެވެ.

އީ.އޭ.އެސް.ޓީން މިހާތަނަށް ލިބުނު މައުލޫމާތާއި އަދި ދެން ވެސް ލިބޭ މައުލޫމާތު ބޭނުންކުރާނީ ޗައިނާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް މި ފަދަ މަސްނޫއީ އިރު ގާއިމުކޮށްފައިވާ ނިއުކްލިއާ ރިއެކްޓަރުތައް ތަރައްގީކުރަން ކަމަށް ލައިވްސައިންސުން ރިޕޯޓުކުރިއެވެ.

ޗައިނާއަކީ ނިއުކްލިއާ ހަކަތަ ތަހުލީލުކުރާ ރިއެކްޓަރު ތަރައްގީކުރާ ބައިނަލްއަގުވާމީ ޕްރޮގްރާމެއް ކަމަށްވާ އިންޓަނޭޝަނަލް ތާމޮނިއުކްލިއާ އެކްސްޕެރިމެންޓަލް ރިއެކްޓާ (އައި.ޓީ.އީ.އާރް)ގެ މެންބަރެކެވެ. މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް، ޖަޕާން، ދެކުނު ކޮރެއާ އަދި ރަޝިއާ ހިމެނެއެވެ.

އައި.ޓީ.އީ.އާރް ރިއެކްޓަރު މިހާރު ބިނާކުރަމުން އަންނަނީ ފްރާންސްގައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ދަގަތްފާނު އެ ރިއެކްޓަރުގައި ހިމެނެއެވެ. މި ރިއެކްޓަރު އެންމެ އަވަހަށް ވެސް މަސައްކަތްކުރަން ފަށާނީ 2039 ގައެވެ.

ދެމެހެއްޓެނިވި ފިއުޝަން ދިރާސާކުރުމުގެ މަގުސަދުގައި ތަރައްގީކުރި ނަމަވެސް ތަހުލީލީ މަޝްރޫއެއްގެ ގޮތުގައި އައި.ޓީ.އީ.އާރް ވެގެންދާނެ ކަމަށް ބެލެވެނީ ފިއުޝަން އިންޖީންގެ ހެދުމަށް މަގުފަހިކުރާ ޕްރޮޖެކްޓަކަށެވެ.

"އީ.އޭ.އެސް.ޓީގެ ޒަރީއާއިން ބައިނަލްއަގުވާމީ އެއްބާރުލުން ކުރިއަރުވައިގެން އިންސާނުން ފިއުޝަން ހަކަތަ ބޭނުންކުރުމަކީ އުއްމީދު ކުރެވޭ ކަމެއް،" ސޮންގް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *