މީގެ 10،000 އަށްވުރެ ގިނަ އަހަރު ކުރިން ދުނިޔެއިން ހުސްވެފައިވާ ނުވަތަ "އެކްސްޓިންކްޓް"ވެފައިވާ ޑަޔާ ވުލްފާއާ ވައްތަރުގެ ވުލްފުތަކެއް ޖެނެޓިކް އިންޖިނިއަރިންގެ ޒަރީއާއިން އެމެރިކާގައި ވިއްސައިފިއެވެ.
މަގަބޫލު ޓީވީ ސީރީސް "ގޭމް އޮފް ތުރޯންސް"ގައި ވެސް ޕެޓެއްގެ ގޮތުގައި ގެންގުޅޭ ތަން ފެނިފައިވާ ތިން ޑަޔާ ވުލްފް އުފަންކުރުވީ ކޮލޯސަލް ބަޔޯސައިންސަސް ކުންފުނިންނެވެ.
"ޑަޔާ ވުލްފްގެ ސިފަތައް ހުރި ތިން ވުލްފެއް އުފަންކުރުވައިފިން. އެ ސޮރުމެންގެ އުމުރަކީ ތިން މަހާއި ހަ މަހާ ދޭތެރޭގެ އުމުރުއެއް. މިހާރު ހިނގާބިނގާވެ، ނިދައި އަދި ގޮވައިހަދައި. މި ސޮރުމެން ބައިތިއްބައިފައިވަނީ ސިއްރު ތަނެއްގައި،" އެ ކުންފުނިން ބުންޏެވެ.
ދުނިޔެއިން ނެތިގޮސްފައިވާ އެހެން ހައިވާނުން ވެސް އަލުން އުފަންކުރަން ބޭނުންވާ މި ކުންފުނިން ބުނީ މި ތިން ޅަ ޑަޔާ ވުލްފާ ވައްތަރުގެ ވޫލްފްތަކުގައި ޑަޔާ ވުލްފުތައް ފަދައިން ހުރީ ހުދު ކުލައިގެ ދިގު ކެހެރި ކަމަށާއި ވަރުގަދަ ކަތުރުކަށިގަނޑެއް ކަމަށެވެ.

"މި ވަގުތު ބަރުދަނުގައި ހުރީ 18 ކިލޯ. ފުރާފުރިހަމަވުމުން 63 ކިލޯ ބަރުދަނުގައި ހަމަވާނެ،" ކޮލޯސަލް ބަޔޯސައިންސަސްގެ ރިސާޗްކުރާ ފަރާތްތަކުން ބުންޏެވެ.
ޑަޔާ ވުލްފަކީ އެ ސޮރުމެން އެންމެ އާއިލީ ގޮތުން ގާތް ގްރޭ ވުލްފަށްވުރެ މާ ސައިޒު ބޮޑު ވުލްފުތަކެކެވެ. ގްރޭ ވުލްފު އަދިވެސް ދުނިޔޭގައި އުޅެއެވެ.
ދުނިޔޭގައި މިހާރު ޕެޓުންގެ ގޮތުގައި ގެންގުޅޭ ކުއްތާއަކީ ގްރޭ ވުލްފުގެ އާއިލާއިން އުފެދުނު ކުއްތާކަމަށް ބާރު ދޭ ޖެނެޓިކް ހެކިތައް އެބަހުއްޓެވެ. ނަމަވެސް ބައެއް ސައިންސްވެރިން ބުނަނީ ކުއްތާ އުފެދިފައިވަނީ ކޮން ބާވަތެއްގެ ވުލްފަކުން ކަމެއް ނޭނގޭ ކަމަށާއި މިހާރު ދުނިޔެއިން ނެތިގޮސްފައިވާ ބާވަތެއްގެ ވުލްފަކުން ކަމަށް ވެދާނެ ކަމަށެވެ. އެއީ މީގެ 15،000 އާއި 40،000 އަހަރާ ދެމެދުގެ މުއްދަތެއްގެ ކުރިން އިންސާނުން އެކި ބޭނުންތަކަށް އިންސާނުންނާ ދޯޅުކޮށް އުޅުނު ވުލްފްތައް އިންސާނުން އުޅޭ ތަންތާނގައި ގެންގުޅެން ފެށުމުން އިންސާނުންނާ އޮޅުވެ، މަޑުމަޑުން ކުއްތާއަށް ބަދަލުވީ ނުވަތަ "އިވޯލްވް"ވީ ކަމަށެވެ.
ކޮލޯސަލް ބަޔޯސައިންސަސްއާ ގުޅުމެއް ނެތް މިނިވަން ސައިންސްވެރިއެއް ކަމަށްވާ، ބަފަލޯ ޔުނިވާސިޓީގެ ބަޔޮލޮޖީ ސައިންސްގެ އިލްމްވެރިޔާ ވިންސެންޓް ލިންޗް ބުނީ "މި ވަގުތު ލިބެން ހުރި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފަންކުރެވޭނީ ހަމައެކަނި ބޭރުފުށުން ޑަޔާ ވުލްފުގެ ސިފަހުރި ވުލްފް" ކަމަށެވެ.

ޑަޔާ ވުލްފާ ވައްތަރުގެ ވުލްފް އުފަންކުރުވަން ކޮލޯސަލް ބަޔޯސައިންސަސްގެ ސައިންސްވެރިން ދިރާސާކުރީ ގުދުރަތީ ތަކެތި ދައްކަން ބަހައްޓައިފައިވާ ދާރުލްއާސާރުތަކުގައި ހުރި އަސްލު ޑަޔާ ވުލްފްގެ ގުނަވަންތަކެވެ. އެ ގޮތުން އެމެރިކާގެ އޮހަޔޯ ސްޓޭޓުން މީގެ 13،000 އަހަރު ކުރިން ފެނިފައިވާ ޑަޔާ ވުލްފެއްގެ ދަތަކާއި އެމެރިކާގެ އައިޑަހޯ ސްޓޭޓުން މީގެ 72،000 އަހަރު ކުރިން ފެނުނު ޑަޔާ ވުލްފުގެ ބޮލެއްގެ ކަށިކޮޅެއް ދިރާސާކޮށްފައިވެއެވެ.
އެ ކުންފުނީގެ ސައިންސްވެރިން ދެން ކުރި ކަމަކީ މިހާރު ދިރިއުޅޭ ގްރޭ ވުލްފެއްގެ ލޭގެ ސެލްތަކެއް ނަގައި، ސީ.އާރް.އައި.އެސް.ޕީ.އާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ސެލްތަކަށް ޖެނެޓިކް ބަދަލުތައް ގެނައުމެވެ.
"އެއަށްފަހު، ބަދަލު ގެނެވުނު ޖެނެޓިކް މާއްދާ މިހާރު އަހަރެމެން އޮޅުކޮށްގެން ގެންގުޅޭ ކުއްތާއެއްގެ ބިހުގެ ސެލްއަކަށް ލީ. ދެން، އެމްބްރިޔޯއެއް އުފެދުމުން އެ ލީ ސަރޮގޭޓް ކުރާނެ ކުއްތާއަކަށް. އޭގެ 62 ދުވަސް ފަހުން ޖެނެޓިކް އިންޖިނިއަރިން ހެދި ދަރިތައް އުފަންވި،" އެ ކުންފުނީގެ އެންމެ އިސް ސައިންސްވެރިޔާ ބެތު ޝަޕީރޯ ބުންޏެވެ.

މި ވަގުތު ދުނިޔޭގައި އުޅޭ ހައިވާނުންގެ ސެލްތަކަށް ޖެނެޓިކް ބަދަލުތައް ގެނެސްގެން ދުނިޔެއިން ނެތިގޮސްފައިވާ ބައެއް ޖަނަވާރު އުފައްދާ މަޝްރޫއުތަކެއް ކޮލޯސަލް ބަޔޯސައިންސަންސްއިން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. މީގެ ތެރޭގައި އެތުގެ އާއިލާގައި ހިމެނޭ ވޫލީ މެމަތު އަދި ކޮތަރު އާއިލާގެ ޑޯޑޯ ހިމެނެއެވެ.
އުތުރު އެމެރިކާގެ އެމެރިކާގެ އަލަސްކާ ސްޓޭޓާއި ރަޝިއާގެ ސައިބީރިއާ ސަރަހައްދުން ވޫލީ މެމަތު މައިގަނޑު ގޮތެއްގައި ނެތިދިޔައީ މީގެ 10،000 ކުރިންނެވެ. މުޅި ދުނިޔެއިން ހުސްވީ 4،000 އަހަރު ކުރިންނެވެ. ރާއްޖެއާ ކައިރީގައި އިންޑިއާ ކަނޑުގައި އޮންނަ މޮރިޝަސް ޖަޒީރާގެ ވަޒަންވެރި ޑޯޑޯ ނެތިގެންދިޔައީ 1681 ވަނަ އަހަރުއެވެ.