Support Us

ދިވެހިބަސް ދެމިއޮންނާނެތަ؟ 

ނޯޓް: މިއީ ދިވެހިބަހުގެ ކުރިމަގާމެދު ދިވެހި ބައެއް ޅެންވެރީންގެ ޝުޢޫރެވެ.

 

ބަހަށް އިސްކަން ނުދީ ތިބިނަމަ، ދިވެހިބަސް އުވި ހިނގައިދާނޭ
ފަހަށް ވިސްނައި ނުލައި ތިބިނަމަ، އެކަން އެގޮތަށް ވެގެންދާނޭ
– ޢަބްދުﷲ ރަޝީދު، ލިނެޓް

ދިވެހިބަހަކީ މިގައުމުގެ ތަރިކައެއް ކަމުގައިމެ ވިސްނައިދީ
ދިވެހިބަހުގައިވި ފުރިހަމަކަން ދަރީންނަށް ބުނެދެވެންވާނޭ
– ޙަސަން ޝާކިރު/ ހަތިފުށި

ދިވެހިބަހަކީ މިޤައުމުގެ އެންެމެ އަގުހުރި ތަރިކަކަން ދަނެެެގެން
ދިވެހި ހަމަކޮންމެ ފަރުދަކު ވެސް ޙިމާޔަތް ބަސް ކުރަންވާނޭ
-ރަމްލާ ޢަބްދުލްޢަނީ-

ގަހަށް ނެތްލޯބި ގަހުގެ ފަތަށް ނުހުންނާނޭ ބުނާ ފަދައިން
ބަހަށް ނެތްނަމަ ކުލުނު ގައުމާމެދަކު ލޯތްބެއް ނުހުންނާނޭ
– އަފީފުބެ

ބަހަށްދިވެހިން ނުކުރި ލޯތްބެއް ކުރާނޭ ބަޔަކު ނާންނާނޭ
ބަހަށް އޮތް ކުލުނު ދަމަހައްޓަން ވުމާއެކު އަހަރެމެންވާނޭ
– އަބޫބަކުރު އާދަމް، މަނަދޫ

އުހަށް ގެންދަން ދިވެހިބަސް އަދު ކަތުން ހިތްވަރު ކުރަންވާނޭ
ފަހަށް ޢަމުދުން ނުޖެހި މިކަމަށް، ސަމާލުކަމެއް ދެވެންވާނޭ
– ޢަބްދުއްލަޠީފް އިބްރާހީމް، އުތީމު

ބަހުން މޮށުމާއި ލިޔެކިޔުމާ ބަހުގެ ހަމަޔާ އުޞޫލުތަކާ
ފަހުން އަންނާނެ ޖީލުތަކަށް މޮޅަށް ދަސްކޮށް ދެވެންވާނޭ
– ހަތިފުށީ ޝާކިރު

މިމަށް ދިވެހިން ފަޚުރުވެރިވާ ދިވެހިބަސް ކުރިއަރުވަ ދެންޏާ،
ޅެމަށްވެސް ބަސްކޮށާރުން އޮއްޓަރެއްހުރި ބަސް ލެވެންވާނޭ
– ދަރަވަންދޫ ނާޝިދު

ދަރީންނަށް ޅަފަތުގައި މިބަހުން މުޚާޠަބު ކުރެވިގެން މެނުވީ
ޖަރީވެވިދާނެ ފަދަ ބަހަކަށް ދިވެހިބަސް ވެސް ނުވެސް ވާނޭ
– އަރޭ

ބަހުގެ އަސްލާ ޚިލާފަށް ބަސްމޮށޭ ހުރިހާ ޒުވާނުންނޭ
ނަހަމަ ގޮތުގައި ބަހުގެ ބޭނުން ހިފާކަށް ހެޔޮ ނުވެސްވާނޭ
– ނާފިޒާ

ދުރަށްގޮސް ބަސް އޮބައިނުލަނީސް ދިވެހިބަސް ލިޔެ ކިޔައިދީގެން
އުރަށްލައިގެނ ް އުނގަންނައިދޭން ދަރިންނަށް ވާގިދޭންވާނޭ
– ނަޛީރާ އިބްރާހީމް

ދިވެހިބަހަކީ މިޤައުމުގެ އެންމެ އަގުހުރި ތަރިކައަށްވާތީ
ރިވެތިގޮތުގައި މިބަސް އާލާކުރާން އިސްކަން ދެވެންވާނޭ
– ސާމަތު ޢަބުދުﷲ

ސަޤާފަތް އާދަތައް ތާރީޚުގައި ދިރުވައި ދެމުން ދާގޮތް
ނަގައިދޭ ފަންނުވެރި ދަރުސުން ދަރިންނޭ ދަސްކުރަންވާނޭ
-ފާޠިމަތު ޝަރީފް

ކަރަށް މަޅިއެއް މަހާލާފާ "ބަހަށް" ހަންޖަރު ޖަހާއިރުގާ
ވަރަށް އަސަރާއެކީ ބުނަމޭ ތިބެން ދިވެހީން ނުވެސްވާނޭ
– ޝާޒް (ތަޖޫ)

ދިވެހި އުޅުމާ، ގުޅުންތައް މެހި ބަދަހިވީގޮތް އުނގަންނައިދީ
ދިވެހިޖީލަށް ބަހުގެ ހުވަނދުން އުފާވެރިކަން ދެވެންވާނޭ
– އަޙްމަދު ވަޙީދު ޢަލީ (ކެލާ ވަޙީދު)

ބަހޭމީ ލޯބިވާ ގައުމުގެ ދަރިން އިސްކަން ބަހަށް ދެއްޗޭ
ނިހާއީ އިސްކަމެއް ދީގެން މިބަސް އާލާ ކުރަންވާނޭ
– އާމިނަތު ވަޙީދާ

އެހެންނާ އަދި މިހެން ހާލަތު ދަށަށް ބަސް ދިވެހި އަދު އެބަދޭ
އެހެން ވާހައި ސަބަބު ހޯދައި ބަލައި އިޞްލާޙު ވާންވާނޭ
– ޢައިޝަތު ޙުސައިން މަނިކު

ބަހާމެދުވާ މި އިހުމާލަށް ނުއެޅި ފިޔަވަޅު ދަނީވިއްޔާ
އަނހާނސަހަރޯ މިބަސް އެކުގައި ނެތިވެ ގައުމުން ހިނގައިދާނޭ
– ރުޤިއްޔާ ޢަލީ/ ކޮމާ، ހއ. ފިއްލަދޫ

ޒުވާނުންނޭ ޒުވާން ލޭގާ ބަހަށް އޮތްލޯބި އާލާކޮށް
ޒުވާނުން ބޮޑުވުމަށް ފަހުގައި ބަހަށް ޚިދުމަތް ކުރަންވާނޭ
– އާދަމް ޚަލީލް/ ހއ.ފިއްލަދޫ

ބަހަށް އޮތް ލޯތްބަކުން ދެރަވޭ ހަދާ ކުށްތައް މި ގިނަވީމައި
އެހަށް އެންމެން ފިކުރުކޮށްގެން ތަސައްލީއެއް ނެރެން ވާނޭ
– މަރްޔަމް ސަޢީދާ

ދިވެހިއަކުރާ ދިވެހިބަސްމީ ދިވެހި ގައުމިއްޔަތުގެ ސިއްރޭ
ދިވެހިބަސްނެތަމަ، ދިވެހީންގައި ދިވެހިވިންދެއް ނުހުންނާނޭ
– އިޝަފް

ހަގާ ދޮށްޓާ ޒުވާބުކުރަން މިހެން ތިއްބާ މުގޫ ކެހިގޮސް
ޘަޤާފަތަކާއި ތާރީޚެއް މިތާކުން ދެން ނުފެންނާނޭ
– އީސާ ޝަރީފު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *