Support Us

ޓީސީޖީ ވޮލްކަން (ޕީ-343)ގެ ނަން ދީފައިވާ ތުރުކީން ރާއްޖެއަށް ހަދިޔާކުރި ކުޑަ ހަނގުރާމަމަތީ މަނަވަރު

މިސައިލާއި ބަޑިއާއެކު ކުއްލި ހަމަލާ ދެވޭ ހަނގުރާމަމަތީ މަނަވަރެއް ތުރުކީން ހަދިޔާކުރަނީ

މިސައިލާއި ބަޑިއާއެކު ކުއްލި އަވަސް ހަމަލާ ދެވޭ ކުޑަ ހަނގުރާމަމަތީ މަނަވަރެއް ކަމަށްވާ ޑޯގަން-ކްލާސް "ފާސްޓް އެޓެކް ކްރާފްޓް" (އެފް.އޭ.ސީ)އެއް ރާއްޖެއަށް ތުރުކީން ހަދިޔާކުރަން ނިންމައިފިއެވެ.

ރާއްޖެއަށް ހަދިޔާކުރި މި މަނަވަރުގެ އަގު ހާމަ ނުކުރިޔަސް މިއީ ޖަރުމަނު ކުންފުންޏަކުން އެތައް މިލިއަން ޑޮލަރުގެ ހަރަދަކުން ހަދައިފައިވާ ހަނގުރާމަމަތީ ބާވަތުގެ މަނަވަރުތަކެކެވެ.

ޓީސީޖީ ވޮލްކަން (ޕީ-343)ގެ ނަން ދީފައިވާ 190 ފޫޓު ދިގު، ގަޑިއަކު 43 މޭލަށް ދަތުރުކުރާ، 436 ޓަނުގެ ބަރުދަން ހުރި އަދި 45 ފަޅުވެރިންނަށް މަސައްކަތްކުރެވޭ މި ހަނގުރާމަމަތީ މަނަވަރު ރާއްޖެއަށް ލިބުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ދިފާއީ ވުޒާރާއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރައްވައި ރައްކާތެރިކުރެއްވުން ކަމަށާއި ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒު ކުރެއްވުމަށްޓަކައި ރައީސް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަން ފަށްޓަވައިފައިކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ކުޑަ ހަނގުރާމަމަތީ މަނަވަރު ތުރުކީގެ ބަނދަރެއްގައި

މި ގޮތުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑުގެ ސިފައިންގެ ކޯސްޓްގާޑް ދެ ގުނަ ކުރައްވައި ގާބިލުކަން އިތުރުކުރެއްވުމަށް ރައީސް ކަނޑައަޅުއްފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ރާއްޖެއާ ރަހްމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުންގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީން ވަނީ ހިލޭ އެހީގެ ގޮތުގައި މި މަނަވަރު ދޭން ނިންމައިފައެވެ.

މި މަނަވަރު ރާއްޖެއަށް ގެނެސް ރާއްޖޭގެ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ، ދިވެހި ސިފައިން މި މަނަވަރު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ސިފައިން ތުރުކީގައި މިހާރު އަންނަނީ ތަމްރީންވަމުންނެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ކުޑަ ހަނގުރާމަމަތީ މަނަވަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިންނަށް ތުރުކީގެ ކަނޑުގެ ސިފައިން ތަމްރީން ދެނީ

"ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 243 ވަނަ މާއްދާގެ (ހ)ގައި ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ އާއި ދިވެހި ރާއްޖޭގެ ސަރަހައްދާއި ދިވެހި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުންކަމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ހިނދު، ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް" ރާއްޖޭގެ ދިފާއީ ވުޒާރާއިން ބުންޏެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވީ ތުރުކީއަށެވެ. މި ދަތުރުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވައި ވެވަޑައިގަތް އަސްކަރީ އެއްބަސްވުމެއްގެ ދަށުން ތުރުކީން ރާއްޖެއަށް ޑްރޯން ހަދިޔާކުރިއެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުންކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުނެފައިވާކަމަށް ތުރުކީގެ އަނަދޯލު އެޖެންސީން އިއްޔެ ރިޕޯޓުކުރިއެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ކުޑަ ހަނގުރާމަމަތީ މަނަވަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިންނަށް ތުރުކީގެ ކަނޑުގެ ސިފައިން ތަމްރީން ދެނީ

ތުރުކީގެ އިސްތަންބޫލްގައި ހުރި ކަނޑުގެ ސިފައިންގެ ބޯޓުޔާޑެއްގައި މި މަނަވަރުގެ މަރާމާތުތައް ވަނީކޮށްފައެވެ. މި މަނަވަރު ތުރުކީން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް މި މަހާއި ޖުލައި މަހާ ދޭތެރޭ ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުންޏެވެ. މި ކުޑަ ހަނގުރާމަމަތީ މަނަވަރު ރާއްޖެއަށް ގެންނަން ހަމަޖައްސައިފައިވަނީ ޑޮކް ލޭންޑިން ވެސަލްއަކަށް ލައިގެންނެވެ.

"ރާއްޖެ ގެނެވުމާއެކު ތުރުކީގެ ކަނޑުގެ ސިފައިންގެ ޓީމަކުން މި މިސައިލް މަނަވަރު އޮޕަރޭޓް ކުރަން ފަށާނެ. ދިވެހި ސިފައިންނާ މުޅިން ހަވާލުކޮށް ނިމޭނެ ކަމަށް ބެލެވެނީ ޖުލައި މަސް ނިމޭހާތާނގައި،" އަނަދޯލުން ރިޕޯޓުކުރިއެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި ކުޑަ ހަނގުރާމަމަތީ މަނަވަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިންނަށް ތުރުކީގެ ކަނޑުގެ ސިފައިން ތަމްރީން ދެނީ

މަނަވަރު އޮޕަރޭޓުކުރަން ފަށައިފައި އޮޕަރޭޓް ކުރާނެ ގޮތުގެ އެޑްވާންސް ތަމްރީނެއް ދެ ހަފުތާ ވަންދެން ދިވެހި ސިފައިންނަށް ދޭން ހަމަޖައްސައިފައިވެއެވެ.

މަނަވަރުގައި ހަރަކާތްތެރިވާނެ ދިވެހި ސިފައިންނަށް ދޭ ތަމްރީނު މި މަހުގެ ހަތް ވަނަ ދުވަހު ފަށާފައިވާ ކަމަށާއި އެ ތަމްރީނުތައް އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އަނަދޯލުން ރިޕޯޓުކުރިއެވެ.

މަނަވަރު ތުރުކީގެ ކަނޑުގެ ސިފައިންގެ ހިދުމަތަށް ނެރުނީ 1981 ގައެވެ. އަދި މި ދިޔަ އަހަރު މި މަނަވަރު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި އަލުން ގިންތިކޮށްފައެވެ.

ޑޯގަން-ކްލާސްގެ މަނަވަރުތައް ފަރުމާކޮށްފައިވަނީ ޖަރުމަނީގެ ކުންފުންޏެއް ކަމަށްވާ ލުއަސަން ވެއަފްޓްއިންނެވެ. މިއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރި މަނަވަރުތަކެކެވެ. ހާއްސަކޮށް މިއީ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާ ދޭ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *