Support Us

ރޮޓަންބޮޓް އާރް.ޓީ-ޖީ ރޮބޮޓެއް ފުލުހުންނާއެކު ޗައިނާގެ މަގެއްގައި ހަރަކާތްތެރިވަނީ

އޭ.އައި ރޮބޮޓް "ފުލުހުން" ޗައިނާގެ މަގުތަކަށް

މިއީ ހޮލީވުޑްގެ ސައިންސް ފިކްޝަން އެކްޝަން ފިލްމެއް ނޫނެވެ. މިއީ ހަގީގަތެކެވެ. ޗައިނާގެ ފުލުހުންނަށް އެ މީހުންގެ މަސައްކަތުގައި އެހީވުމަށް ތަރައްގީކުރި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އި) ޓެކްނޮލޮޖީ ހިމަނައިފައިވާ ރޮބޮޓްތައް މިހާރުވަނީ ކުށްވެރިން ހިފަން މަގުމައްޗަށް ނެރެފައެވެ.

"މިއީ ރޮބޮޓް ބޭނުންކޮށްގެން ސަލާމަތީ ބާރުތަކުގެ މަސައްކަތަށް ގެނެވުނު އިތުރު ކުރިއެރުމެއް،" އޮފިޝަލަކު ބުންޏެވެ.

މި ރޮބޮޓްތައް މަގުތަކަށް ނެރުނީ އާއްމުންނަށް ދައްކައިލިތާ ދެ މަސް ފަހުންނެވެ.

ޗައިނާގެ ލޮގޮން ޓެކްނޮލޮޖީ ކުންފުނިން އުފެއްދި ރޮޓަންބޮޓް އާރް.ޓީ-ޖީގެ ނަން ދީފައިވާ މި ރޮބޮޓްތަކަކީ ވަށް ބޯޅައެއް ސިފައިގައި ތައްޔާރުކޮށްފައިވާ އެއްޗެކެވެ. ބޭނުމަކީ ހަލުވި ދުވެލީފައި ގޮސް ކުށްވެރިން އަތުލައިގަތުމެވެ. އެއްގަމުގައި މި ރޮބޮޓްތަކުގެ ސްޕީޑަކީ ގަޑިއަކު 22 މޭލެވެ.

ރޮޓަންބޮޓް އާރް.ޓީ-ޖީ ރޮބޮޓެއް ފުލުހުންނާއެކު ޗައިނާގެ މަގެއްގައި ހަރަކާތްތެރިވަނީ

ފެނާއި ކިސަޑާއި އަޑިގުޑަން ބިންބިމުގައި ވެސް ހަރަކާތްތެރިވެވޭ، ބަރުދަނުގައި 125 ކިލޯ ހުންނަ މިއިން ރޮބޮޓެއްގައި ހަތަރު ޓަނުގެ އެއްޗަކުން ޖެހިއަސް އޭތި ހަލާކެއް ނުވެއެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭ.އައިގެ އެހީގައި ކުށްވެރިންގެ މޫނު ދެނެގަނެ، އެ މީހުން އަތުލައިގަނެވޭކަމެވެ. އެ ގޮތުން ކުށްވެރިން ހިފަން އެ މީހުންނާ ދިމާއަށް ބޮޑު ދަލެއް ވެސް އެއްލައެވެ.

ރިމޯޓު ކޮންޓްރޯލެއް ނެތި އަމިއްލަ ބާރުގައި ހަރަކާތްތެރިވާ މި ރޮބޮޓްތަކުން ތަމްސީލުކޮށްދެނީ ސަލާމާތީ ކަންތައްތަކުގައި ރޮބޮޓް ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުވަމުން އަންނަކަންކަމަށް އޮފިޝަލުން ބުންޏެވެ.

"މިއީ ފުލުހުންގެ ބޯދާ ހަރަކާތްތަކާއި މިހާރުގެ ޒަމާނީ ޓެކްނޮލޮޖީތައް މަސްހުނިކުރުން. މި ކަމުން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާވެ، އާއްމު ރައްޔިތުންގެ ރައްކާތެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ،" އޮފިޝަލަކު ބުންޏެވެ.

މަގުމަތީގައި ކުއްލި ހަރަކާތްތައް ފަދަ ހަމަނުޖެހުމެއް އުޅޭ ނަމަވެސް މި ރޮބޮޓްތަކަށް އެ ކަން ދެނެގަނެވެއެވެ. އެ ގޮތުން މި ކަހަލަ ކަމެއް ހިނގާ ނަމަ އެ ކަން ފުލުހުންނަށް ވެސް އަންގައެވެ. ނުވަތަ ކައިރީގައި ފުލުހަކު ނެތް ނަމަ މި ރޮބޮޓްތަކުން އަމިއްލައަށް ވެސް ކަރުނަ ގޭސް ޖަހައި، ގްރެނޭޑް އުކައި، އަދި ސައުންޑް-ވޭވް އާލާތްތައް ބޭނުންކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *