އެކި ބަލިތަކުގައި ގުނަވަން ބަދަލުކުރަންޖެހޭ މީހުންނަށް އެހެން މީހުންގެ ފަރާތުން ހައިރާތުކުރާ ގުނަވަން ލިބުން ދަތިވުމުން ސައިންސްވެރިން މިހާރު ވަނީ އާ މަސައްކަތެއް ފަށައިފައެވެ. އެއީ ޖެނެޓިކް އިންޖިނިއަރިން ހަދައިގެން އިންސާނުންގެ ހަށިގަނޑާ ގުޅޭ ގޮތަށް އޫރުގެ ހިތަށް ބަދަލުތަކެއް ގެނައުމެވެ.
މި ގޮތަށް ހެދުމުން ހިތެއްގެ ޓްރާންސްޕްލާންޓެއް ހަށިގަނޑަށް ލައްވަން ބޭނުންވާ މީހެއްގެ ހަށިގަނޑަށް ލައްވަން ތައްޔާރުކުރަނީ އޫރެއްގެ ޖެނިޓިކް އިންޖިނިއަރިންއިން "މޮޑިފައި" ނުވަތަ ބަދަލުތަކެއް ގެނެސްފައިވާ ހިތެކެވެ.
"މި ކަމުގެ ސަބަބުން އިންސާނުންނަށް ބޭނުންވާ ގުނަވަންތައް ލިބުމުގެ ޓްރާންސްޕްލާންޓް މާކެޓަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކުރެވޭނެ. ދިރާސާތައް މިހާރު ކުރިއަށް ދަނީ އޫރުގެ ހިތް އިންސާނަކަށް ލެއްވުމުން އިންސާނާގެ ހަށިގަނޑު އޫރުގެ ހިތް ބަލައިނުގަނެ 'ރިޖެކްޓް' ކުރުމުން އަލުން އެ ނަގަންޖެހޭ މައްސަލައަށް،" ޓައިމްސް ނައުއިން ރިޕޯޓުކުރިއެވެ.
ސައިންސްވެރިން ބުނަނީ މި ކަމުގައި އެހެން މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިއީ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ ކަމެއްތޯއިން ފެށިގެން އިންސާނުންނަށް އޫރުގެ ހިތުން އިންފެކްޝަން ޖެހިދާނެކަމުގެ ސުވާލެވެ.

މިހާރު ވެސް ބައެއް ނާމުސޫފި ދަނީ ކްލޯން ކުރަމުންނެވެ. ބޭނުމަކީ އިންސާނުންގެ ހަށިގަނޑަށް ލެއްވުމަށް ގުރުދާ އާއި ހިތާއި މޭގެ އިތުރުން އެހެން ގުނަވަންތައް ވެސް އުފެއްދުމެވެ.
ސައިންސްވެރިން ބުނީ މި ދާއިރާއިން ރިސާޗާއި އަޖުމަބަލާ ތަހުލީލުތަކާއި ޓެސްޓުތައް ހެދުމާއި އަދި ހައިވާނުންގެ ގުނަވަންތައް އިންސާނުންގެ ހަށިގަނޑަށް ލައްވާތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެ ގޮތުން ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކާއި ހާލަތްތައް ކުރިމަތިވެފައިވާ އެމެރިކާގެ 10 މީހުންނަށް އޫރުގެ ހިތާއި ގުރުދާ ލައްވައިފައިވާ ކަމަށެވެ.
އެމެރިކާގެ ސެންޓާ ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނީ ޖަނަވާރުންގެ ގުނަވަން ލައްވަން ވެއިޓިން ލިސްޓުގައި މިހާރު ވެސް 100،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި މި ކިއޫގައި ތިބެ ހައިވާނުންގެ ގުނަވަން ނުލިބި ގާތްގަނޑަށް ދުވާލަކު 17 މީހުން މަރުވާ ކަމަށެވެ. އެއީ ހައިވާނުންގެ ގުނަވަންތައް މާކެޓުގައި ލިބޭ މިންވަރު މަދުވުމުގެ ސަބަބުންނެވެ.
"އެންމެ ޑިމާންޑް ބޮޑީ ގުރުދާއަށް،" ޖޯނަލް އޮފް ދި އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީން ރިޕޯޓުކުރިއެވެ.
ހިތުގައި މައްސަލަތައް ހުރި ކުދިން އުފަންވާއިރު ވަގުތީ ގޮތުން އޫރެއްގެ ހިތެއް ލެއްވި ނަމަވެސް އެއީ އިންސާނެއްގެ ހިތެއް ލިބެންދެން ވަގުތީ ގޮތުންނެވެ. ހަމަ މި ގޮތަށް މެއެއް ބޭނުންވާ މީހަކަށް ވެސް އިންސާނެއްގެ މޭ ލިބެން ދެން އޫރުގެ މެއެއް ލެއްވިދާނެއެވެ.
ނަމަވެސް މިހާރު މީހުން ކަންބޮޑުވާ ކަމަކީ ނާމުސޫފި ހުއިހައްޕަނީ އެ ސޮރުމެންގެ ގުނަވަންތަކުގެ ބޭނުމުގައި ކަމާއި މި ގުނަވަންތައް އިންސާނުންގެ ހަށިގަނޑަށް ލެއްވުމުން ޖަނަވާރުންގައި ހުންނަ ވައިރަހާއި އެކިއެކި ބަލިތައް އިންސާނުންގައި ފެތުރިދާނެކަމެވެ.
"ޒީނޯޓްރާންސްޕްލާންޓޭޝަން" ނަމަކަށް ކިޔާ މި ނިޒާމަކީ އެތައް ދަހަރެއް ކުރިން ވެސް ކުރެވިދާނެ ކަމެއްތޯ ސައިންސްވެރިން ބަލަމުން އައި ކަމެކެވެ. ހައިވާނުންގެ ގުނަވަންތަކާއި ޓިޝޫތައް ލެއްވުމުން ބަލިމީހުން ސަލާމަތްކުރެވިދާނެތޯއެވެ.
ދިރިހުރި އިންސާނުންގެ ހަށިގަނޑަށް އޫރުގެ ހިތް ލެއްވުން މިހާރު ވަނީ ފަލަ ސުރުހީތަކަށް އަރައިފައެވެ. މީގެ އިތުރުން ތަހުލީލު ކުރުމުގެ ގޮތުން ސިކުނޑި މަރުވެފައިވާ އިންސާނުންގެ ހަށިގަނޑަށް އޫރުގެ ގުރުދާ ވެސް ވަނީ ލައްވައިފައެވެ.
ހައިވާނެއްގެ ގުނަވަނެއް އިންސާނަކަށް ލައްވަނީ އެތައް މަރުހަލާތަކެއް ގިރާކޮށްފައެވެ. އެއީ ބަލިމީހާގެ ދިފާއީ ނިޒާމުން އެ ގުނަވަނެއް ބަލައިނުގަނެފާނެތީއެވެ. އިންސާނުންގެ ގުނަވަންތައް ވެސް ބައެއް އިންސާނުންގެ ހަށިގަނޑުން ރިޖެކްޓްކުރެއެވެ. މި ކަމުގައި ގުނަވަން ލައްވައި ދޭ މީހާއަށް އިންފެކްޝަނާއި އެހެނިހެން ކޮމްޕްލިކޭޝަންތަކާ ކުރިމަތިލާން ޖެހުމަކީ ވެސް ވިސްނަން ޖެހޭ ކަމެކެވެ.
"މިއީ ފަސޭހަ ކަމެއް ނޫން. ހަށިގަނޑަށް ލެއްވި އެހެން މީހެއްގެ ގުނަވަން ބަލިމީހާގެ ހަށިގަނޑުން ބަލައިނުގަތުމުން މި ފަދަ ބައިވަރު ބަލިމީހުން މަރުވެފައި ވެސް އެބަހުރި،" ސައިންސްވެރިޔަކު ބުންޏެވެ.
އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ އިންސާނުންގެ ހަށިގަނޑުން ބަލައިގަންނަ ގޮތަށް އޫރުގެ ހިތް ޖެނިޓް އިންޖިނިއަރިންގެ ޒަރީއާއިން މޮޑިފައި ކުރުން ކަމަށް ސައިންސްވެރިން ބުނެއެވެ. މި ގޮތަށް އޫރުގެ ގުރުދާ ލައްވަން ބޭނުންކުރާ އާ ޖީން އެޑިޓްކުރާ ޓެކްނޮލޮޖީއަށް ކިޔަނީ ސީ.އާރް.އައި.އެސް.ޕީ.އާރް-ސީ.އޭ.އެސް.9 އެވެ.
މި ޕްރޮސީޖަރުގައި ހަދާ ގޮތަކީ އިންސާނުންގެ ދިފާއީ ނިޒާމު ރިއެކްޓްކުރާ، އެންޓިބޮޑީ އެކުލެވޭ ހަކުރު ހުންނަ ބައެއް ޖީން އޫރުން ނައްތައިލަނީއެވެ. އެއަށް ފަހު އިންސާނުންގެ ހަށިގަނޑުން ބަލައިގަންނަ ޒާތުގެ އިންސާނުންގެ ޖީން އޫރުގެ ގުރުދާއަށް ލައްވަނީއެވެ.
އޫރުގެ ހުރިހާ ޖީނޯމްގައި ހުންނަ ވައިރަސްތަކުގެ ހަރަކާތްތައް ހުއްޓުވައިލަނީއެވެ. މިއީ އޫރުގެ ގުނަވަން ލައްވާ ބަލިމީހާއަށް އިންފެކްޝަނެއް ޖެހިދާނެތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
އޫރުގެ ޓިޝޫ ރިޖެކްޓްކޮށްފާނެތީ މޮނޯކްލޯނަލް އެންޓިބޮޑީ ބޭސް ބަލިމީހުންނަށް ދެއެވެ.
ބަލިމީހާގެ ހަށިގަނޑަށް ލައްވާ ގުނަވަންތަކާއި އެ ގުނަވަންތައް ރިޖެކްޓް ނުކުރާނެ ގޮތް ހަދާ އިމިއުނޯސަޕްރެސަންޓް ބޭސްތައް ލެބޯޓަރީގައި ޖަނަވާރުންގައި ޓެސްޓްކުރެއެވެ. އެއީ ބަލިމީހަކަށް ދިނުމުގެ ކުރިން އެއްވެސް މައްސަލައެއް ދިމާނުވާނެކަން ކަށަވަރު ކުރުމަށްޓަކައެވެ.
މިހާ ހިސާބުން ސުވާލު އުފެދެނީ ބަލިމީހުންގެ ހަށިގަނޑަށް އޫރުގެ ގުނަވަންތައް ލައްވަނީ ކީއްވެ ހެއްޔެވެ؟ ސައިންސްވެރިން ބުނަނީ އެހެން ހައިވާނުންގެ ބަދަލުގައި ޖެނެޓިކް ގޮތުން މޮޑިފައި ކޮށްފައިވާ އޫރު ބޭނުން ކުރަނީ އެއީ ގެންގުޅެން ފަސޭހަ ޖަނަވާރެއް ކަމަށާއި ހަ މަސް ތެރޭގައި ފުރާފުރިހަމަ އުމުރަށް އަޅާތީ ކަމަށެވެ. މީގެ އިތުރުން އޫރުގެ ގުނަވަންތަކުގެ ބޮޑުމިން ބޮޑެތި އިންސާނުންގެ ގުނަވަންތަކުގެ ބޮޑުމިނާ އެއްވަރެވެ.
މި ފަދަ ތަހުލީލުތައް ކުރާ އެތައް ލެބޯޓްރީއެއްގައި އޫރުގެ ސެލްތައް ނަގަނީ އެ ސޮރުގެ ކަންފަތުގައި ތޫނު އެއްޗެއް ކާއްތައިލައިގެންނެވެ. ސައިންސްވެރިން މި ސެލްތަކުގައި ހުންނަ ޑީ.އެން.އޭ އެޑިޓުކުރެއެވެ. ބައެއް ޖީންތައް އިތުރުކޮށްލައި އަނެއް ބައި ޖީންތައް ފުހެލައެވެ. ގިނަ ޖީންތަކަށް ބަދަލު ގެންނަނީ އިންސާނާގެ ހަށިގަނޑަށް ހޭނޭ ގޮތް ހެދުމަށެވެ.
ޒީނޯޓްރާންސްޕްލާންޓޭޝަން ސާޖަރީއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ގުނަވަން ހަދިޔާކުރުމުގެ މުހިންމުކަމާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ މާ މުހިންމު ކަމެއް ކަމަށެވެ. އޫރުން ފުޅާ ދާއިރާއެއްގައި އިންސާނުންނަށް ބަލި ޖައްސައިފައިނެ ކަމަށެވެ. އަދި މި ފަދަ ބަލިތަކުގެ އަސަރާއި ނިޝާންތައް ފެންނަން ވެސް އެތައް ދަހަރެއް ނަގައިފައިނެކަމަށެވެ.
ދަ ނިއު ޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ފުރަތަމަ އޫރުގެ ހިތެއް ލެއްވި ބަލިމީހާ ކަމަށްވާ އެމެރިކާގެ އުމުރުން 51 އަހަރުގެ ފިރިހެނެއްގެ ޕޯސްޓް މޯޓަމް ހެދުމުން އޭނާގެ ހަށިގަނޑަށް ލެއްވި އޫރުގެ ހިތުން ޕޯސައިން ސައިޓޯމެގަލޯވައިރަސް ވަނީ ފެނިފައެވެ. މިއީ އޭނާގެ ހަށިގަނޑަށް އެ އޫރުގެ ހިތް ލެއްވުމުގެ ކުރިން ވެސް އެތައް ފަހަރަކު ޓެސްޓު ހަދައިގެން ވެސް އެ އޫރުގެ ހިތުން ނުފެނުނު ވައިރަސްއެކެވެ. މި ވައިރަސްއާ އާއިލީ ގޮތުން ގުޅޭ އެހެން ވައިރަހެއް މިހާރު ވެސް އިންސާނުންގެ ހަށިގަނޑުން ފެންނަމުންދެއެވެ.
އިގުތިސާދީ ނަޒަރަކުން ބަލައިފި ނަމަ އެމެރިކާގައި މި ވަގުތަށް ބަލާއިރު ޖެނެޓިކް އިންޖިނިއަރިން ހަދައިފައިވާ އޫރެއްގެ ގުނަވަނެއް ލިބޭނެ އަގެއް ސާފެއް ނޫނެވެ. އަދި މިހެންވެ އިންޝުއަރެންސްއިން ވެސް އެ ހަރަދު ސަލާމަތްވާނެ ކަމެއް އެމެރިކާ ރައްޔިތުންނަށް ޔަގީނެއް ނޫނެވެ.



advertisment