Support Us

ކޮލަމް ގާދޫކޮލުން ބޭރުން

ދެ މިނިސްޓަރުންނާއެކު އޮތް ދެ ބައްދަލުވުމެއް، ބައްދަލުވީ އެއް ބޭފުޅަކާ!

ސިޔާސީ ކުޅިފަސް ހޯދުމާއި، ޕާޓީ ވާދަވެރިކަމަށްވުރެ ޤައުމީ މަސްލަހަތު އިސްކުރުމަށާއި، ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު ޚިދްމަތް ދިނުމަށް އިސްކަންދޭ ޝަޚްސިއްޔަތުތަކެއް، މަދުން ނަމަވެސް، ފެނިގެންދެއެވެ. މިފަދަ ބޭބޭފުޅުންނަކީ 'ޕޮލިޓީޝަނުން' ގެ ދައުރަށްވުރެއް 'ސްޓޭސްމަނުން' ގެ ދައުރު ބޮޑަށް ގުޅޭ، އަދި މުނާސަބު ބޭބޭފުޅުންނެވެ. މިފަދަ ބޭފުޅުން، ސިޔާސީ އެންމެ އިސް މަޤާމުތައް ފުރުއްވާފައިވުން އެކަށީގެންވެއެވެ. ނަމަވެސް، ތާރީޚުގައި އެފަދަ ބޭފުޅުންގެ ޚިދްމަތް ލިޔެވިގެންދަނީ ޤައުމީ ޚިދްމަތުގެ ދެލިންނެވެ.

އަޅުގަނޑާ ބައްދަލުވި އެފަދަ އެއް ބޭފުޅެއްގެ ހަނދާންތަކަށް މި މަޒުމޫން ޚާއްޞަކޮށްލާނަމެވެ. އެކި ފަހަރު މަތިން، އެކި ހައިސިއްޔަތުން، ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑާ ބައްދަލުވި ޞަޚްސިއްޔަތެކެވެ. އިންޑިޔާގެ ކުރީގެ ރައީސް ޝްރީ ޕްރަނާބް މުކަރްޖީއެވެ. އެމަނިކުފާނުވަނީ، އިއްޔެގެ ވަގުތެއްގައި، އުމުރުން 84 އަހަރުގެ އުމުރުފުޅުގައި، އަވަހާރަވެފައެވެ.

މިއީ އަޅުގަނޑު ކޮންމެވެސް ހިސާބަކުން ލިޔަން ޤަސްދުކޮށްގެން ހުރި މަޒުމޫނެކެވެ. ފަހުގެ ކޮންމެވެސް ތާރީޚެއްގައެވެ. ނަމަވެސް، އެމަނިކުފާނު އަވަހާރަވި ޚަބަރު އަޑުއިވުމުން، މިހަނދާންތައް އަދި އިޙްސާސްތައް، ލަސްނުކޮށް، ޙިއްޞާކުރަން ޤަސްދުކުރީއެވެ.

އަޅުގަނޑަށް ޝްރީ ޕްރަނާބް މުކަރްޖީ ފުރަތަމަ ހަމަ ލޮލުން ފެނުނީ 2005 ވަނަ އަހަރުއެވެ. ރައީސް މައުމޫން އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ އިއުރުގެ ރައީސް ޑރ. އޭ.ޕީ.ޖޭ. ޢަބްދުލްކަލާމް، ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީބަވަންގައި ބޭއްވެވި ރަސްމީ ފަރީއްކޮޅުގައެވެ. އެއިރު، ޝްރީ ޕްރްނާބް މުކަރްޖީ ހުންނެވީ އެޤައުމުގެ ޑިފެންސް މިނިސްޓަރުގެ މަޤާމުގައެވެ. އެއިރު ވެރިކަންކުރަމުންދިޔަ އިންޑިޔަން ނޭޝަނަލް ކޮންގްރެސްގެ ޑރ. މަންމޯހަން ސިންގްގެ ޒަޢާމަތުގައެވެ. އެއިރުގެ ކެބިނެޓްގެ ވަރަށް ގިނަ ބޭފުޅުންނާ އަލަށް ތަޢާރަފުވީ އެރޭގެ ޙަފްލާގައެވެ. ނަމަވެސް، ޝްރީ މުކަރްޖީއާ ވާހަކަ ދެކެވުނު ހަނދާނެއް ނެތެވެ.

ވިދިގެން އައި އަހަރުގެ ހަނދާނެއް ޙިއްޞާކޮށްލާނަމެވެ. ތާރީޚްވެސް ދަންނަވާލެވިދާނެއެވެ. އެއީ 26 އޮކްޓޯބަރު 2006 އެވެ. ހެނދުނު ސައިބުއިމައްޓަކައި، އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ އަޝޯކް ހޮޓަލުގެ ރެސްޓޯރަންޓްގައި އިންއިރު އެޤައުމުގެ މަޝްހޫރު ނޫހެއް ކިޔަމުންދިޔައީމެވެ. ރަސްމީ ބޭނުމެއްގައި ކުރި ދަތުރެކެވެ. އަޅުގަނޑު އެކަންޏެއް ނޫނެވެ. ހަނދާންވާ ގޮތުގައި އަޅުގަނޑާއެކު އެދަތުރުގައި އެއިރުގެ ޚާރިޖީ ވަޒީރު، ޑރ. އަޙްމަދު ޝަހީދު އަދި ޗީފް އޮފް ޕްރޮޓޮކޯލް ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގަތެވެ. އެހެންކަމުން، އަޅުގަނޑު ވާނީ، އުމުރާއި މަޤާމު އަދި ޙައިސިއްޔަތުގެ ގޮތުންވެސް، އެންމެ ޖޫނިއަރ ބައިވެރިޔާއަށެވެ. ކިޔަމުންދިޔަ ނޫހުން ފެނުނީ އެދުވަހު އެއިރުގެ ކެބިނެޓަށް ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާކުރެވޭ ވާހަކައާއި، އެކިއެކި ބޭބޭފުޅުންގެ މަޤާމުތަކަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކުގެ ވާހަކައެވެ. އެދުވަހު، އިންޑިޔާ ސަރުކާރުގެ އިސް ދެ ވަޒީރަކާ އަޅުގަނޑުމެން ބައްދަލުވާން އޮތީ ހަމަޖެހިފައެވެ. ދަތުރުގެ މަޤްސަދު ދެންނެވުން މުނާސަބެއް ނޫނެވެ. އަދި، މި މަޒުމޫނުގެ ބޭނުމަށް މުހިންމެއްވެސް ނޫނެވެ.

ސައިބޮއެ އަވަދިވުމުން ހެނދުނު އޮތް ބައްދަލުވުމަށް ތައްޔާރުވެގެން ހޮޓަލުގެ ލޮބީއަށް އައިމެވެ. ބައްދަލުކުރަން ހަމަޖެހިފައި އޮތީ އެޤައުމުގެ ޑިފެންސް މިނިސްޓަރ ޝްރީ ޕްރަނާބް މުކަރްޖީއާއެވެ. އަޅުގަނޑުމެން ބަލާ އައިސް ހުރީ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީ (ޚަރިޖީ ވުޒާރާ)ގެ ބޭފުޅެކެވެ. އޭނާއާއެކު އެބައްދަލުވުމަށް ދިޔައީއެވެ. މިނިސްޓަރ ޝްރީ މުކަރްޖީއާއެކު ބޭއްވުނީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެކެވެ.

އަޅުގަނޑުމެންގެ ފަރާތުން ގިނަ ވާހަކަފުޅުތައް ދައްކަވާނީ ޚާރިޖީ ވަޒީރު ޑރ. ޝަހީދު ތާއެވެ. ނަމަވެސް، ނިންމާލުމުގެ ކުރިން އެއްޗެއް ބުނެލަން އަޅުގަނޑަށް ފުރުޞަތެއް ލިބުނެވެ. ދަންނަވާލީމެވެ. މިއަދު އިންޑިޔާގެ ކެބިނެޓަށް ބަދަލުތަކެއް އަންނާނެ ކަމަށް ނޫހުން ފެނުނު ވާހަކައެވެ. އަދި، އެމަނިކުފާނު އެހެން މަޤާމަކަށް އަދި އެހެން އޮފީހަކަށް ބަދަލުވެވަޑައިގަންނަވަން ހުންނެވީ ތައްޔާރަށްތޯއެވެ؟ ސަމާސާ ރާގުގައެވެ. ހިނިގަނޑެއް ޖެއްސެވިއެވެ. އެކަމަކު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެން ކަމުން، އަޅުގަނޑު ކުރިއަށް ގެންދިޔައީމެވެ. އެކްސްޓާރނަލް އެފެއާޒް (ޚާރިޖީ ވުޒާރާ) އަށް މަނިކުފާނު ވަޑައިގަންނަވާނެ ނަމަ ކިހާ ރަނގަޅުތޯއޭ ދަންނަވާލީމެވެ. ރާއްޖެއާމެދު ޚާއްޞަ ގޮތެއް ބަހައްޓަވާނެކަން ޔަޤީންވާތީ ކަމަށްވެސް އިތުރުކޮށްލީމެވެ. އަނެއްކާވެސް ގެއްސެވީ ހިނިގަނޑެކެވެ. އަދި ވިދާޅުވިއެވެ. ބޮޑު ވަޒީރު ޙަވާލުކުރައްވާ ކޮންމެ ޒިންމާއެއްވެސް، ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަށް، އަދާކުރެއްވޭތޯ ބައްލަވާނެ ކަމަށެވެ. ކޮންމެއަކަސް، ބައްދަލުވުން ނިމުމުން، އެމަނިކުފާނަށް އަލްވަދާޢު ދަންނަވާފައި އަޅުގަނޑުމެން ނުކުމެއްޖައީމެވެ.

އެނބުރި ހޮޓަލަށް ގޮސް މެންދުރުގެ ނާސްތާ އަވަސް އަވަހަށް ނިންމާލީއެވެ. އަޅުގަނޑުމެންގެ ދެވަނަ މުހިންމު ބައްދަލުވުން އޮތީ މެންދުރުފަހު ކަމަށްވީތީއެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަޅުގަނޑުމެން އަނެއްކާވެސް ލޮބީއަށް ހާޒިރުވެއްޖައީމެވެ. ބަލާ އަންނަން ހަމަޖެހިފައިވާ ބޭފުޅާ، ގަޑި ޖެހުނު އިރުވެސް ޚަބަރެއް ނުވިއެވެ. އެހިސާބުން އަޅުގަނޑުމެން ކުޑަކޮށް ކަންބޮޑުވިއެވެ. މިއީ، ޢާންމުކޮށް ވާފަދަ ކަމެއް ނޫންވިއްޔާއެވެ.

ކޮންމެއަކަސް، އޭގެ އިރުކޮޅެއް ފަހުން އެބޭފުޅާ އެނބުރި ވަޑައިގަތެވެ. އަދި، ސުވާލުކުރެއްވިއެވެ. އަޅުގަނޑުމެންގެ ދެވަނަ ބައްދަލުވުމަށް ދާން ކޮންމެހެން ބޭނުންތޯއެވެ؟ ޚާރިޖީ ވަޒީރު، ކުޑަކޮށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވާ، އޭނާއަށް ކުރުކޮށް ޖަވާބު ދެއްވިއެވެ. ހަމަޖެހިފައި އޮތީ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ (ޚާރިޖީ ވަޒީރު) ގެ ބައްދަލުވުން ކަމުން، އެއީ އެންމެ އިސްކަން ދެއްވާ ބައްދަލުވުންކަމަށެވެ. ކޮންމެހެންވެސް ބައްދަލުކުރައްވަން ބޭނުން ކަމަށެވެ. އޭނާ ބޯޖަހާލާފައި އަޅުގަނޑުމެންނާ ދުރަށް ޖެހިލައިފިއެވެ. އަދި ފޯނުން ކޮންމެވެސް ފަރާތަކާ ގުޅާ، ވާހަކަތަކެއް ދެއްކުމަށްފަހު އެނބުރި އައިސް، ބައްދަލުވުމަށްޓަކައި ހޮޓަލުން ވަގުތުން ނައްޓާލަންވީ ކަމަށް ބުންޏެވެ.

އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީ (އިންޑިޔާގެ ގޮތުން ނަމަ 'ސައުތް ބްލޮކް' ނުވަތަ 'ރައިސީނާ ހިލްސް') އަށް ދެވިއްޖެއެވެ. މެޙްމާނުންނަށް ޚާއްޞަ ކޮޓަރިއެއްގައި ކުޑަ ހިނދުކޮޅަކު މަޑުކުރުމަށްފަހު، ޚާރިޖީ ވަޒީރުގެ ކޮޓަރިކޮޅަށް އަޅުގަނޑުމެން ވައްދައިފިއެވެ. އެތަނުން އަޅުގަނޑުމެންނާ ބައްދަލުކުރެއްވީ ޝްރީ ޕްރަނާބް މުކަރްޖީ އެވެ. އަޅުގަނޑުމެންނަށް ސިހުމެއް ލިބުނެވެ. އެހެން ނަމަވެސް، ކަން ވީގޮތް ވަރަށް އަވަހަށް ނަގައިގަނެވިއްޖެއެވެ. އެމަނިކުފާނަކީ އެޤައުމުގެ އާ ޚާރިޖީ ވަޒީރުކަން ވިސްނިއްޖެއެވެ. އަދި، އެބަދަލު އައީ އެދުވަހުގެ މެންދުރުކަންވެސް އެނގިއްޖެއެވެ. އާދަޔާޚިލާފު އިއްތިފާޤެއް ދެއްތޯއެވެ؟

ޝްރީ މުކަރްޖީ އަޅުގަނޑުމެންނާ ސަލާމްކުރެއްވުމަށްފަހު، ސަމާސާ ރާގެއްގައި ވިދާޅުވިއެވެ. ތިޔަ ބޭފުޅުންގެ އެދުން މިއޮތީ ފުރިހަމަވެފައިތާއެވެ. އަޅުގަނޑު، ސަމާސައަކަށް ބުނެލި އެއްޗެއް ދިމާވީ ދެއްތޯއެވެ؟ އޭގެ އިތުރުން ވިދާޅުވިއެވެ. "ތިޔައީ، ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑާ ބައްދަލުވި އެންމެ ފަހު ތިން ބޭފުޅުން. އަދި، ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ބައްދަލުވާ އެންމެ ފުރަތަމަ ތިން ބޭފުޅުން. ތިޔަ ބޭފުޅުން އަބަދުވެސް ހަނދާން ހުންނާނެ،" މިހެންނެވެ.

ތިންވަނަ 'ބައްދަލުވުމަކީ' ހަޤީޤަތުގައި ބައްދަލުވި ފަހަރެއް ކަމަކަށް ނުދެންނެވޭނެއެވެ. ނަމަވެސް، ފާހަގަކޮށްލުން މުނާސަބެވެ. އެއީ 2007 ވަނަ އަހަރުއެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައެވެ. ރަސްމީ މަސައްކަތެއްގައި އިންޑިޔާގައި ހުއްޓާ ލިބުނު ޚަބަރަކީ އެއިރުގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ މުކަރްޖީގެ ކާރުކޮޅާއި ލޮރީއަކާ ޖެހި އެކްސިޑެންޓްވެ، އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ނާޒުކު ކަމަށެވެ. އަޅުގަނޑާ ޙަވާލުވީ، އެމަނިކުފާނުގެ ޙާލުކޮޅު ބަލައި، ދިވެހި ސަރުކާރުގެ ކަންބޮޑުވުން އިންޑިޔާ ސަރުކާރާ ޙިއްޞާކޮށް، ޙަމްދަރުދީ އަދާކުރުމަށެވެ. އެޒިންމާ އަދާކުރުމަށްޓަކައި، އެޤައުމުގެ ޚާރިޖީ ވުޒާރާއަށް ޒިޔާރަތްކުރީމެވެ.

އެއަށްފަހު ޝްރީ ޕްރަނާބް މުކަރްޖީއާ ބައްދަލުވީ 2008 ގައެވެ. އަނެއްކާވެސް، ރައީސް މައުމޫންގެ ފުރަމާނަ ދަތުރުފުޅެއްގައެވެ. އެއިރު އެޤައުމުގެ ރައީސް އަކީ ޝްރީމަތީ ޕްރަތިބާ ޕާޓިލްއެވެ. އެއިރުވެސް ޚާރިޖީ ވަޒީރަކީ ޝްރީ ޕްރަނާބް މުކަރްޖީއެވެ. އެކްސިޑެންޓާ ގުޅިގެން ފަރުވާ ލިބިވަޑައިގެން، އެނބުރި މަސައްކަތަށް ނުކުމެވަޑައިގެން ފަހުންނެވެ.

ފަސްވަނަ ފަހަރަކީވެސް ފުރަމާނަ ދަތުރުފުޅެކެވެ. އެއީ 2014 ގައެވެ. މިފަހަރު ރާއްޖޭގެ ރައީސް ތަފާތެވެ. ރައީސް އަބްދުﷲ ޔާމީނެވެ. އެހާ ހިސާބަށް އާދެވުނު އިރު، ޝްރީ ޕްރަނާބް މުކަރްޖީ އަކީ އިންޑިޔާގެ ރައީސް އެވެ.

ހަވަނަ އަދި ފަހު ފަހަރު އެމަނިކުފާނާ ބައްދަލުވީ އަނެއްކާވެސް 2014 ގައެވެ. އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ޝްރީ ނަރޭންދްރަ މޯދީ އެމަޤާމާ އަލަށް ޙަވާލުވެވަޑައިގަތުމަށްޓަކައި، ހުވާކުރެއްވުމަށް ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި، ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރަސްމިއްޔާތު އޮތީ ރިޔާސީ ގަނޑުވަރުގައެވެ. ވަފުދުގެ ބައިވެރިން ތިބީ އެކަމަށް ޚާއްޞަކުރެވިފައި ހުރި ގޮނޑިތަކުގައެވެ. ސާކް ޤައުމުތަކުގެ މަންދޫބުން އެއްތަނެއްގައެވެ. އަޅުގަނޑުމެންގެ ގޮނޑިތަކުގެ ވާއަތް ފަރާތުން ހުރީ ބޮޑު ސިޑިއެކެވެ. ރައީސް މުކަރްޖީ، ގޯތިތެރޭގައި އޮތް މިރަސްމިއްޔާތަށް ވަޑައިގަތީ އެ ސިޑިން ފައިބާވާޑައިގެންނެވެ. އަޅުގަނޑާ ދިހަ ވަރަކަށް ފޫޓު ކައިރިންނެވެ.

ތިރިއަށް ފައިބާވަޑައިގަންނަވަމުން، ދިވެހި ވަފުދާ ދިމާއަށް ބައްލަވާލައްވާ، ބޯޖައްސަވާލެއްވިއެވެ. އަދި މޫނުފުޅު އުޖާލާވިއެވެ. އެދަނޑިވަޅުގައި، އަޅުގަނޑަށް ވިސްނުނީ، އެއީ އަޅުގަނޑުމެން ފެނި، ކޮން ބައެއްކަން އެނގިވަޑައިގަތުމުން ކޮށްލެއްވި އިޝަރާތެއްކަމަށެވެ. ކުރިން، 2006 ވަނަ އަހަރުގެ ބައްދަލުވުމުގައި ވިދާޅުވި ފަދައިން، އެމަނިކުފާނުގެ ހަނދާނުގައި އަޅުގަނޑުމެން ހުރީތާއެވެ.

މި މަޒުމޫނު މިއަދު މި ޙިއްޞާކުރީ، މިދުވަސްކޮޅު އިންޑިޔާއާ ގުޅުވައިގެން އެކި ވާހަކަތައް ދެކެވޭ ދަނޑިވަޅެއްގައިކަން އެނގިހުރެއެވެ. ނަމަވެސް، ޤަބޫލުފުޅު ކުރައްވާށެވެ. ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހަކަށްވިއަސް، މިއީ ސިޔާސީ ނިޔަތެއްގައެއް ލިޔުނު އެއްޗެއް ނޫނެވެ.

ވަރަށް ގިނަ ޤައުމުތަކުގެ އެކި ވަރުވަރުގެ ވެރިންނާ ބައްދަލުވުމުގެ ނަސީބު ލިބިއްޖެއެވެ. އަވަށްޓެރި ޤައުމުތަކާއި ދުރު ހިސާބުތަކުގެ ބޭބޭފުޅުންނެވެ. އޭގެ ތެރެއިން، އެކި ސަބަބުތަކާ ގުޅިގެން، އަޅުގަނޑަށް ފާހަގަވެފައިވާ އަދި ބަލައިގަނެވޭ ޝަޙްސިއްޔަތުތަކުގެ ތެރެއިން އެއްބޭފުޅަކީ ޝްރީ ޕްރަނާބް މުކަރްޖީ ކަމަށްވީތީ، އެމަނިކުފާނު އަވަހާރަވީ ހިތާމަވެރި ޚަބަރު ލިބުމުން، އެމަނިކުފާނާ ގުޅިގެން ހަނދާނުގައި ހުރި ބައެއް ކަންކަމާއި ހިތުގައިވާ ބައެއް އިޙްސާސްތައް ލިޔުންތެރިންނާ ޙިއްޞާކޮށްލުމުގެ ނިޔަތުގައެވެ. ޝައުޤުވެރިވާނެ ފަދަ ކަމެއް ކަމަށް ޤަބޫލުކުރެވުނީމައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1231

One Response

  1. މުންދު އޯކޭ މައްސަލައެއްނެތް.
    އަޅުގަނޑުގެ މައްސަލައަކީ މިހާރު އެތަނުގެ ވެރިކަމުގައި އަދި މިތަނުގެ ވެރިކަމުގައި ތިބިބަޔަކު އަމިއްލަ އެދުން އިސްކޮށް ރާއްޖެ އަޅުވެތިކުރަން/އަޅުވެތި ކުރުވަން އުޅޭތީ، ހަމަ އަމިއްލަ ޖީބު ބަރުކުރުން ބޭނުމަކީ. ﷲ އިރާދަ ކުރެއްވިއްޔާ އެކަން އެހެނެއް މިބައިމީހުންނަކަށް އަދި އެބައިމީހުންނަކަށް ނުކުރެވޭނެ. އެފުރުސަތެއް ނޯންނާނެ، ދިވެހި ރައްޔިތުން އެކަމަށް ޖާގައެއްނުދޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *