އަސްކަރީ ޚިދުމަތަކީ ކޮންމެކޮންމެ މީހަކަށް އަދާކުރަން ފަސޭހަ ޚިދުމަތެއް ނޫނެވެ. އަދި ދިގު މުއްދަތެއްގައި އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއެކު ދެމި ހުރުމަކީ ކޮންމެކޮންމެ މީހަކަށް ވެވޭނެ ޤުރުބާނީއެއް ވެސް ނޫނެވެ. އެހެން ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑް ކަހަލަ ގިނަ ވަގުތު ކަނޑުމަތީގައި ޢާއިލާއާ ދުރުގައި ޚިދުމަތްކުރަން ޖެހޭ ބުރަ ދާއިރާއެއްގައި އަޚްލާޤީ އެއްވެސް މައްސަލައެއް ނުޖެހި 30 އަހަރާއި އަށް މަހާއި ހަ ދުވަހު ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ވަނީ ޚިދުމަތްކުރައްވާފައެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތްތެރި، ހިންމަތްތެރި ކަލާސީއެކެވެ. ކޯސްޓްގާޑު ކާނި ލޯންޗުގައި އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެއް ޚިދުމަތްތެރިޔާއެވެ. އެ ލޯންޗުގެ ހުނަރުވެރި އިންޖިނޭރެވެ. ދިވެހިރާއްޖޭގެ ކަނޑުފަޅުތަކާއި ގިރިހާތަކަށް ފަރިތައެވެ. ގިނަ ރަށްރަށުގެ ގަޅުތަކާއި ކަނޑިންމަތައް ހިތުދަހެވެ. އެހެންކަމުން ކެޕްޓަނަކަށް ކޮންމެ ބޭފުޅެއް ހުންނެވިޔަސް ރާއްޖޭގެ ރަށްރަށުގެ ފަޅުތަކަށް ވަދެ ނުކުތުމުގައާއި ލޯންޗު ދުއްވުމުގައި ވެސް ސްޓާފް ސާރޖަންޓް ޢަލީ ނަޝީދުގެ ދައުރު ބޮޑެވެ.
ޢަލީ ނަޝީދު، ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 17 ޖުލައި 1994 ގައެވެ. ފާއިތުވި ދިގު މުއްދަތުގައި އޭނާއާ އެކުގައި މަސައްކަތްކުރި ސިފައިންނާއި ކޮމާންޑަރުން ވެސް ފާހަގަކުރައްވާ ގޮތުގައި އެއީ އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު، ކިޔަމަންތެރި، މަސައްކަތްތެރި، ހީވާގި، ހުނަރުވެރިއެކެވެ. އަމިއްލަ ކަންތައްތަކުގެ ކުރިއަށް އަބަދުވެސް ޤައުމީ ޚިދުމަތް އިސްކުރެއްވި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކޯސްޓްގާޑު ކާނި ލޯންޗުގައި އޭނާ މަސައްކަތްކުރެއްވި ދިގު މުއްދަތުގައި ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކެވެ. ފޫހިކަމެއް ވަރުބަލިކަމެއްނެތި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ކޯސްޓްގާޑުގެ މިޝަން ހާސިލުކުރެއްވުމަށް ވެލައްވާފައިވާ މަތިވެރި ޤުރުބާނީތަކެވެ. އެތައް ބައެއްގެ ފުރާނައާއި މުދާ ސަލާމަތްކޮށް ދިނުމުގައި ބައިވެރި ވެފައިވާ އޮޕަރޭޝަންތަކެވެ.
ނ. މަނަދޫ، ރެޑިޔަމްގޭ ޢައްބާސް ނޫޙާއި ޙައްވާ ޤާސިމުގެ ދެވަނަ ދަރިކަލުން ޢަލީ ނަޝީދު އުފަންވީ 30 މާރިޗު 1977 ގައެވެ. އޭނާ ތަޢުލީމު ހާސިލުކުރެއްވީ ނ. އަތޮޅު މަދަރުސާއިންނެވެ. އެއަށްފަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވިއެވެ. އަސާސީ ތަމްރީނު ކޯސް ނިންމުމަށްފަހު ޢަލީ ނަޝީދު ސިފައިންގެ ޚިދުމަތް ފެށްޓެވީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ. އެ ދުވަހުން ފެށިގެން ސާބިތުކަމާއެކު ދެމި ހުންނެވީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ފަހުލަވާނެއްގެ ގޮތުގައެވެ.

ޢަލީ ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ޚިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ. އެއީ ވެރިން އަންގަވާ ކޮންމެ ކަމެއް އިޚްލާޞްތެރިކަމާއެކު ފަސްނުޖެހި ކުރައްވަމުން ގެންދެވި ބޭކަލެކެވެ. ކޮމާންޑަރުންނާއި ލީޑަރުންގެ ހެޔޮ ނަސޭހަތާއި އިރުޝާދާއެކު އަމިއްލަ ހިއްވަރާއި ހިންމަތާއި މިންނަތުން މަސައްކަތް ދަސްކޮށް އިތުބާރު ހޯދާފައިވާ ޤާބިލު އަދި ތަޖުރިބާކާރު ބޭކަލެކެވެ. ކާނި ލޯންޗުގެ އިންޖިނޭރެއްގެ ގޮތުގައި ހުންނެވި ނަމަވެސް މުޅި ލޯންޗުގެ ހުރިހާ ކަމެއް ބެލެހެއްޓެވިއެވެ. ކެޕްޓަނުންނާއި ޓޫއައިސީން ބަދަލުވަމުން ދިޔައިރު، އެއިން ކޮންމެ ވެރިއަކާއެކުގައި ވެސް ވަފާތެރިކަމާއެކު ދެމިހުންނަވައި، އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި އެއް ބޭކަލަކީ އެއީއެވެ. ކޯސްޓްގާޑު ކާނި ލޯންޗުން ހިންގާފައިވާ ކާމިޔާބު އެތައް އޮޕަރޭޝަންތަކެއްގައި އެންމެ ބޮޑު އެއް ހިއްސާދާރަކީ ވެސް އެއީއެވެ.
ޢަލީ ނަޝީދު، ޕްރައިވެޓް ރޭންކުން ލާންސް ކޯޕްރަލްގެ ރޭންކަށް ބަދަލުކުރެއްވީ 9 ޖަނަވަރީ 2002 ގައެވެ. ކޯޕްރަލުގެ ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ 3 ޖުލައި 2008 ގައެވެ. ސާރޖަންޓް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ 1 އޮކްޓޫބަރު 2012 ގައެވެ. މިހާރު ހުންނެވި ސްޓާފް ސާރޖަންޓް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ 14 ސެޕްޓެންބަރު 2017 ގައެވެ. ސްޓާފް ސާޖަންޓް ޢަލީ ނަޝީދަކީ ކޯސްޓްގާޑުގައި އެންމެ ރަނގަޅަށް މަސައްކަތްކުރަމުންދާ އަޚުލާޤާއި ސުލޫކު އެންމެ ރަނގަޅު ކަލާސީންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. މިގޮތުން ބަލާއިރު 2016 ޖަނަވަރީ، 2016 ނޮވެންބަރު، 2017 ޖުލައި، 2021 ފެބުރުވަރީ އަދި 2021 ޑިސެންބަރުމަހު ކޯސްޓްގާޑުގައި އެންމެ ރަނގަޅަށް މަސައްކަތްކުރެއްވި އެންސީއޯގެ މަޤާމުވަނީ ހާސިލުކުރައްވާފައެވެ.

ޢަލީ ނަޝީދު ފާހަގަ ކުރެވިފައިވަނީ ސިފައިންގެ ޚިދުމަތުގައި ކިތަންމެ ބުރަކޮށް އުޅުއްވި ނަމަވެސް ވަގުތު ލިބިލެއްވި ވަރަކުން ޢާއިލާއަށް ވަގުތު ދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭނާ 2003 ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެށްޓެވިއެވެ. އައިމިނަތު ސުޒާނާ އާއި ޢަލީ ނަޝީދުގެ ކައިވެންޏަށް ލިބިލައްވާފައި ވަނީ ތިން ކުދީންނެވެ. އެއީ އައިޝަތު ޝަޚާ ޢަލީއާއި މުޙައްމަދު ޝާހާން ޢަލީއާއި ޔޫސުފް ޝަޒާން ބިން ޢަލީ ނަޝީދެވެ. ޢާއިލާގެ މެންބަރުން ސިފަކުރާ ގޮތުގައި ޢަލީ ނަޝީދަކީ ވަރަށް އޯގާތެރި ފިރިއެކެވެ. ދަރީން ދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. ޢާއިލާގެ އެންމެން ވެސް ފާހަގަ ކުރާގޮތުގައި އެއީ ޢާއިލާގެ ހުރިހާ އެންމެންނަށް ވެސް އިހުތިރާމުކުރާ މަޑުމައިތިރި ހިތްހެޔޮ ބޭކަލެކެވެ.
ސިފައިންގެ ޚިދުމަތުގެ ތެރެއިން ޢަލީ ނަޝީދުގެ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު ދިވެހިރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ކޯސްޓްގާޑުގެ އެހެނިހެން ސިފައިންނެކޭ އެއްގޮތަށް ކުރެއްވި ބުރަ މަސައްކަތްތަކެވެ. މުއާސަލާތީ ޚިދުމަތް ކެނޑިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ ހާލު އަހުވާލު ބަލަން ރަށްރަށް ދަތުރުކޮށް އެހީތެރިކަން ފޯރުކޮށްދިން އޮޕަރޭޝަންތަކެވެ. ބޯފެނާއި ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދިނުމަށް މުޅި ރާއްޖޭގައި ކުރަން ޖެހުނު ދަތުރުތަކެވެ. މަރުވެގެން ލައްވަމުން ދިޔަ ގަބުރުތައް ވަޅުލުމުގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި އުޅުނުގޮތެވެ. އަދި 17 ވަނަ ސާކު ސަމިޓާ ގުޅިގެން ސިފައިން ހިންގި އޮޕަރޭޝަނާއި، ކޮވިޑް-19 އާ ގުޅިގެން ސިފައިން ހިންގި އޮޕަރޭޝަންގައި ވެސް ޢަލީ ނަޝީދަކީ ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެ ކުރީ ސަފުގައި ޚިދުމަތްކުރި ޚިދުމަތްތެރިއެކެވެ.

ޢަލީ ނަޝީދުގެ އިޚްލާޞްތެރި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ދިވެހި އަސްކަރިއްޔާއިން ވަނީ ޝަރަފުގެ ނިޝާންގެ ގޮތުގައި ހަތް މެޑެއްޔާއި، ހަތް ކުލަ ދެއްވާފައެވެ. ޢަލީ ނަޝީދު ހާސިލުކުރައްވާފައިވާ އަސްކަރީ މެޑެލިތަކަކީ އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، 17 ވަނަ ސާކްސަމިޓް މެޑެލި، މިނިވަން 50ގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ޖުމްހޫރީ 50ގެ މެޑެލި އަދި އިންސާނީ ޚިދުމަތުގެ މެޑެލި- ކޮވިޑް 19 އެވެ. ހާސިލުކުރައްވާފައިވާ ކުލަތަކަކީ ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، އަޚުލާޤީ ކުލަ އެއްވަނަ ފަހަރަށް، އަޚުލާޤީ ކުލަ ދެވަނަ ފަހަރަށް އަދި އަޚުލާޤީ ކުލަ ތިން ވަނަ ފަހަރަށެވެ.

މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑު ގަދަވުމުގެ ސަބަބުން ކަނޑު ދަތުރުފަތުރުކުރުމަށް ރައްކާތެރި ނޫން އެތައް ދުވަހެއްގައި ބިޔަ ރާޅުތަކުގެ ތެރޭގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމުގައި ބިރުވެރި އަދި އެހާމެ ނުރައްކާތެރި އެތައް ދަތުރުތަކެއް ޢަލީ ނަޝީދު ވަނީ ކުރައްވާފައެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު މި ޚިދުމަތުގައި ސާބިތުވެ ހުންނެވި ޢަލީ ނަޝީދު، އޭނާގެ އަމިއްލަ ހަޔާތުގައި ކުރައްވަން ޖެހިލެއްވި އެންމެ ނުރައްކާތެރި ދަތުރު ފެށީ މީގެ ތިން އަހަރެއްހާ ދުވަސްކޮޅެއް ކުރިންނެވެ. މި ދަތުރުގައި ވެސް އެ އިޚުލާޞްތެރިޔާ ދައްކައިދިނީ އީމާންތެރިކަމާއި، ހިތްވަރާއި ޢަޒުމު ވަރުގަދަ ކަމެވެ. އާދަޔާ ޚިލާފު ކެތްތެރިކަމެވެ. މާތްﷲގެ މިންވަރުފުޅަށް ރުހިގެން ހުންނެވި މިންވަރެވެ. ލޯބިވާ އެންމެންގެ ފަރާތުން ލިބޭ އަޅާލުމާއި ލޯތްބާއި އޯގާތެރިކަމަށް އަދާކުރައްވަމުން ގެންދެވީ ޝުކުރާއި ތަޢުރީފެވެ.
އެއީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިއެވެ. ޢަލީ ނަޝީދު އުޅުއްވީ ކުޑަކޮށް ބަލިވެއެވެ. އެހެން ނަމަވެސް ބޭސް ކާލައިގެން ނިކުމެ އުޅުއްވީ މަސައްކަތުގައެވެ. އެއީ މާބޮޑު ކަމެއްކަމަކަށް ހިއެއް ނުކުރައްވައެވެ. އެ ދުވަސްކޮޅަކީ މަސައްކަތުގައި ވެސް ވަރަށް ބުރަކޮށް އުޅުއްވަން ޖެހިލެއްވި ދުވަސްކޮޅެކެވެ. އެފަހަރު ފުރަތަމަ ކާނި ލޯންޗު ރީފިޓުގެ މަސައްކަތް ކުރިއަށް ދިޔައީ ތިލަފުށީގައެވެ. އެއަށްފަހު ލޯންޗު ގެނައީ ހުޅުމާލެ ސައިޓަށެވެ. ބަލީގެ ބޮޑު އަލާމާތެއްގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަކުރެވުނީ މަސައްކަތުގައި އުޅުއްވަނިކޮށް ޚަބަރު ހުސްވެގެން ވެއްޓުމެވެ. އެކަމަކު އެހެން ދިމާވީ ކުޑަކޮށް ބަލިކޮށް އުޅުއްވަނިކޮށް ކަމަށްވާތީ އެއީ އެހާ ނުރައްކާތެރި ބައްޔެއްގެ އިޝާރާތެއް ކަމަކަށް ގަބޫލެއް ނުކުރެއްވުނެވެ. ޢަލީ ނަޝީދުއާ އެކުގައި މަސައްކަތްކުރައްވާ ސިފައިން ބުނުއްވާ ގޮތުގައި އާންމުކޮށް ވެސް އޭނާއަކީ ބައްޔެއް ވިޔަސް ޑޮކްޓަރަށް ދެއްކެވުން ދުރު ބޭކަލެކެވެ.

ބަލީގެ އުނދަގޫ ބޮޑުވުމުން އެންމެ ފަހުން ޑޮކްޓަރަށް ދެއްކެވީއެވެ. ޑޮކްޓަރު ދެއްވި ޚަބަރަކީ އެއްވެސް މީހަކަށް ގަބޫލުކުރަން ފަސޭހަ ޚަބަރެއް ނޫނެވެ. އެ ޚަބަރަކީ ސިކުނޑީގައި ޓިއުމަރެއް އުފެދިފައި ހުރި ޚަބަރެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް އިމަޖެންސީކޮށް އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ވިދާޅުވި ވިދާޅުވުމެވެ. އެއީ ސިކުނޑީގައި އުފެދޭ ޓިއުމަރުގެ ތެރެއިން ވެސް ދުނިޔޭގައި ވަރަށް މަދުން ފެންނަ ވައްތަރެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އިމަޖެންސީކޮށް އޭޑީކޭ ހޮސްޕިޓަލުގައި ކުރި އެ އޮޕަރޭޝަނަށްފަހު ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ފެށްޓެވިއެވެ. އޭގެފަހުން ރާއްޖެއިންނާއި އިންޑިއާއިން ވެސް އިތުރު އޮޕަރޭޝަނެއް ކުރިއެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ޢަލީ ނަޝީދަށް ދެވުނީ ރާއްޖެއާއި މި ސަރަޙައްދުން ވެސް މި ބައްޔަށް ދެވެން ހުރި އެންމެ ރަނގަޅު ފަރުވާއެވެ. ޑޮކްޓަރުން އައީ ވަރަށް ސާފުކޮށް ޢާއިލާއަށް ހުރިހާ ކަމެއް ވެސް ހިއްސާކުރަމުންނެވެ. ކެންސަރުގެ ނުރައްކާތެރި ބައްޔާއެކު ފާއިތުވި ތިން އަހަރު ޢަލީ ނަޝީދު ކުރި މި ދަތުރުގައި އޭނާގެ ފަރާތުން ފެނުނު އީމާންތެރިކަމާއި ކެތްތެރިކަމާއި ހިތްވަރާއި ޢަޒުމަކީ އޭނާއަށް ހޭހަންކުރަން ހުންނެވި ލޯބިވާ އަނބިކަނބަލުންނަށާއި ޢާއިލާއަށް ވެސް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ޢަލީ ނަޝީދުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ ދުރުވީ އެއްވެސް މީހަކަށް އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ގަދަފަދަ ވޭނާއި އަސަރުގެ ވާހަކަ ހިއްސާނުކޮށެވެ. އަބަދުވެސް "ރަނގަޅޭ" ބުނުއްވަމުންނެވެ. ކެތްތެރިކަމާއި އީމާންތެރިކަމުގައި ލާމަސީލު މިސާލެއް ދައްކަވަމުންނެވެ. ޢާއިލާއާއި ރަޙުމަތްތެރިންނާއި ހެޔޮއެދޭ އެތައް ބައެއްގެ ލޯބި ހޯއްދަވައިގެންނެވެ.
ޢަލީ ނަޝީދު، މި ނުރައްކާތެރި ބައްޔަށް ފަރުވާ ހޯއްދަވަން ފެށްޓެވި ދުވަހުން ފެށިގެން އެންމެ ބޮޑު ޤުރުބާނީއެއް ވަމުން އައީ އޭނާގެ ލޮބުވެތި ޢާއިލާއިންނެވެ. އެ ޢާއިލާއިން ފާހަގަކުރާ ގޮތުގައި ޢަލީ ނަޝީދަށް އެމްއެންޑީއެފުންނާއި ކޯސްޓްގާޑުން ވެދެއްވި އެހީތެރިކަން ވަރަށް ބޮޑެވެ. ހާލު އަހުވާލު ވަރަށް ގާތުން އަބަދުވެސް ބައްލަވައި، ހުރިހާކަމެއްގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވިއެވެ. އެކަން ޢަލީ ނަޝީދާއި ޢާއިލާއިން ފާހަގަ ކުރަނީ ޝުކުރުވެރިކަމާއެކުގަވެ. ޚާއްޞަކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އެމްއެންޑީއެފާއި ކޯސްޓްގާޑުގެ ލީޑަރޝިޕުން ތަކުރާރުކޮށް އޭނާއަށް ޒިޔާރަތްކުރައްވައި ދެއްވި ހިތްވަރަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ހިތްވަރެއްކަން ފާހަގަ ކުރެއްވިއެވެ.
ޢަލީ ނަޝީދަކީ ކޯސްޓްގާޑުގެ ޚިދުމަތަށް އާދަޔާ ޚިލާފު ލޯތްބެއް ހުންނަ ބޭކަލެކެވެ. ކޯސްޓްގާޑުގެ ޚިދުމަތަށް މި އަހަރު 45 އަހަރު ފުރުމާ ގުޅިގެން ތަޢާރަފުކުރެއްވި "ޚިދުމަތުގައި ފަންސަޔާޅީސް އަހަރު"ގެ ލޯގޯ ޖެހި ޓީޝާޓް ކޯސްޓްގާޑުން ޢަލީ ނަޝީދަށް ހަދިޔާކުރެއްވިއެވެ. އިއްތިފާގުން އެ ވަގުތު ދިމާވީ އަޅުގަނޑު ހޮސްޕިޓަލްގައި ހުރި ވަގުތަކާއެވެ. ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި އޮންނަވަނިކޮށް އެ ޓީޝާޓް ހަވާލުކުރެއްވުމުން އެ ދުވަހު ވަރަށް އުފަލުން ވާހަކަ ދެއްކެވިއެވެ. އެ ދުވަހު ވެސް އަޅުގަނޑަށް ފާހަގަކުރެވުނީ އެނބުރި ކޯސްޓްގާޑުގެ ޚިދުމަތަށް ނިކުންނެވުމަށް އޮތް އުންމީދާއި ޝައުޤުވެރިކަމެވެ. އަސްކަރީ ޚިދުމަތަށް އޮތް ލޯތްބެވެ.

ސްޓާފް ސާޖަންޓް ޢަލީ ނަޝީދު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢުކިޔުއްވީ އެޕްރީލް ފަހެއް ވީ ހޮނިހިރު ދުވަހު އައިޖީއެމްއެޗް ގައެވެ. އަޅުގަނޑުމެންގެ އިޚްލާޞްތެރި ދުޢާއަކީ މާތްﷲ، ޢަލީ ނަޝީދުގެ ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވައި ސުވަރުގޭގެ ދާއިމީ ރަޙުމަތުގައި ލެއްވުމެވެ. އަދި ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުމެވެ.
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment
One Response
ކޯސްޓްގާޑް ކޮމަޑާންޓަކަށް ހުންނެވި ސަލީމް މީގެކުރިން މުވައްޒަފުންނާ ބައްދަލު ކުރި ދުވަހެއްގާ ވިދާޅުވި، ކޯސްޓްގާޑް މުވައްޒަފުންނަށް ކެންސަރު ޖެހުމާ، ކޯސްޓްގާޑް އުޅަނދުފަހަރުގައި ބޭނުންކުރާ ބާރުގަދަ ރޭޑިއޭޝަން ހިމެނޭ ރާޑަރުތަކާ ގުޅުމެއް ހުރިތޯ އިލްމީގޮތުން ދިރާސާ ކުރާނެކަމަށް، އެހެން ވިދާޅުވި ފަހުން ބޭފުޅަކު އެ ނިޔާވީ، އަދާހަމައަށް އާއިރު މިކަން ދިމާވާ ސަބަބުތައް ދެނެގަތުމަށް ކުރިކަމެއް ނެތް، މާދަމާ އަނެއްކާ އިތުރު ކަރައެއް ފަޅާލާނެ، ހަފުތާއެއް ފަހުން ހަނދާނެއް ނުހުންނާނެ