ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެކި މީހުން ބޭނުންކުރަނީ އެކި އުކުޅުތަކެވެ. ނިކޮޓިން ޕެޗު އެޅުމާއި ކައުންސެލިން ހޯދުމަކީ ވެސް މީގެ ތެރެއިން ބައެއް ގޮތެވެ.
ތުރުކީގެ އިބްރާހީމު ޔޫޖަލު ބޭނުންކުރީ އާދަޔާހިލާފު އުކުޅެކެވެ.
ޔޫޖަލު ވަނީ 26 އަހަރު ވަންދެން ދުވާލަކު ދެ ޕެކުގެ ސިނގިރެޓު ބޮއެފައެވެ. މި ދެވިހިފައިވާ ދެވިހިފުވުމާ ދުރުވުމަށް އޭނާ އެތައް މަސައްކަތެއްކުރިއެވެ. ނަމަވެސް މުހިންމު މުނާސަބާތަކުގައި ވެސް އެ ކަމުން ދުރެއް ނުވެވުނެވެ. އޭނާގެ ދަރިންގެ އުފަންދުވަހާއި ކައިވެނީގެ ހަފުލާތަކުގައި ވެސް އޭނާގެ މި އާދައާ ދުރެއް ނުވެވުނު ކަމަށް އެން.ޑީ.ޓީ.ވީން ރިޕޯޓުކުރިއެވެ.
ޔޫޖަލު އެންމެ ފަހުން ކުރި ކަމަކީ ހެލްމެޓެއް ސިފައިގެ ދަގަނޑު ކޮށްޓެއް އޭނާގެ ބޮލުގައި އަޅަން ފެށީއެވެ. ތަޅުލެވޭ ގޮތަށް ހެދި އެ ކޮށީގެ ތަޅުދަނޑި ދިނީ ޔޫޖަލުގެ އަންހެނުންގެ އަތަށެވެ. އެއީ ޔޫޖަލު އަމިއްލައަށް އެ ކޮށި ހުޅުވުމާ ދުރަށް ދިއުމަށެވެ.

އެ ކޮށި ހުޅުވުމުގެ ހުއްދަ އަންހެނުންނަށް އޮންނަނީ ޔޫޖަލު ކާ ވަގުތުތަކާއި ފޯނަށް ޖަވާބު ދޭ ފަދަ ކަންކަމުގައެވެ. ޔޫޖަލު ފެނާއި ދިޔާ އެއްޗެހި ބޮނީ ވެސް ފުޅިއަށް ހޮޅި ލައްވައިގެން ކޮށީގައިވާ ތޭރިތަކުގެ ތެރެއިންނެވެ.
ދޫނި ކޮށްޓެއްގެ ސިފަ ވެސް ޖަހާ މި ދަގަނޑު ހެލްމެޓު ޔޫޖަލު އަޅަން ފެށިކަމުގެ ހަބަރުތައް މީޑިއާގައި ފެތުރުނީ މީގެ 12 އަހަރު ކުރިން 2013 ގައެވެ. އެއިރު އޭނާގެ އުމުރަކީ 42 އަހަރެވެ.

އާހިރުގައި ޔޫޖަލަށް ދުންފަތުގެ އިސްތިއުމާލުކުރުން ދާއިމީކޮށް ހުއްޓާލެވުނުކަމެއް ނޭނގެއެވެ. ޔޫޖަލު މިހާރު ހުރި ހާލަތެއް އެއްވެސް މީޑިއާއަކުން އަދި ރިޕޯޓުކޮށްފައެއް ނެތީމައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަކީ ގިނަ ބަޔަކަށް ދަތިކަމެއްކަން ޔޫޖަލުގެ ހަޔާތުން އެނގެއެވެ. މި ވަބާއިން ސަލާމަތްވާނެ ތަފާތު ގޮތްތައް ހުއްޓަސް ދުންފަތުގައި ހުންނަ ނިކޮޓިން މާއްދާއިން ސަލާމަތްވުމަކީ ބައެއް މީހުންނަށް ދަތިކަމަކަށްވެފައިވެއެވެ. މި ކަމަށް އަމިއްލަ ހިތްވަރުގެ އިތުރުން އެ މީހެއްގެ ވަށައިގެން އުޅޭ މީހުންގެ ތަރުހީބު އެ މީހަކަށް ބޭނުންވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދުނިޔޭގެ އާއްމު ސިއްހަތާ ގުޅުން ހުރި މައްސަލައެވެ. އދ.ގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުނިޔޭގައި އަހަރަކު އަށް މިލިއަން މީހުން މަރުވާކަމަށް ބުނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ދަށް ފަންތި އާއި މެދު ފަންތީގެ ގައުމުތަކުގެ މީހުންނެވެ.
ޑަބްލިޔު.އެޗް.އޯއިން ބުނީ "ސެކަންޑް ހޭންޑް ސްމޯކް" ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ގާތުގައި ހުރުމުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހަށިގަނޑަށް ދުން ފޯރުމުގެ ސަބަބުން އަހަރަކު 1.2 މިލިއަން މީހުން މަރުވާކަމަށެވެ.

ދުނިޔޭގެ ކުޑަކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މި ގޮތަށް ސެކަންޑް ހޭންޑް ސްމޯކް ފޯރާ ކުދިންނެވެ. އެ ގޮތުން އަހަރަކު 65،000 ކުޑަކުދިން މި ކަމުގެ ސަބަބުން މަރުވާކަމަށް ޑަބްލިޔު.އެޗް.އޯއިން ބުންޏެވެ.
"މިއީ ދިގު މުއްދަތުގައި ތަފާތު ސިއްހީ މައްސަލަތައް ވެސް ކުޑަކުދިންނަށް ކުރިމަތިވާ ކަމެއް. މާބަނޑު މީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ދަރިންނަށް ވެސް މުޅި ހަޔާތުގައި ސިއްހީ މައްސަލަތައް ކުރިމަތިވުން އެކަށީގެންވޭ،" ޑަބްލިޔު.އެޗް.އޯއިން ބުންޏެވެ.



advertisment