އާއްމު ގޮތެއްގައި ވިޔަފާރިވެރިން މަސްއޫލުވެގެން އުޅެނީ މުވައްޒަފުން ދެމެހެއްޓޭނެ ގޮތާއި ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއި ވިޔަފާރީގެ ފައިދާ އިތުރުކުރުމުގެ އަމާޒުފަތްގަނޑުތަކަށް ވާސިލުވުމުގައެވެ. ނަމަވެސް އިންޑިއާގެ ކޭ.ޕީ.އާރް މިލްގެ ފައުންޑަރު އަދި ޗެއާމަން ތަފާތެވެ. އޭނާ ބިޒީވެގެން އުޅެނީ މުޅިން އެހެން ކަމަކާއެވެ: މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށެވެ.
އެއީ ކިހިނެތް ހެއްޔެވެ؟
އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ތިރުޕޫރު ސިޓީ އާއި ކޮއިމްބަޓޯރު ސިޓީގައި ގާއިމުކޮށްފައިވާ ކޭ.ޕީ.އާރް މިލްއަކީ ތަފާތު 60 ގައުމުގެ ބައިނަލްއަގުވާމީ ބްރޭންޑްތަކަށް މުދާ އުފައްދައިދޭ ކުންފުންޏެކެވެ. އެ ކުންފުންޏަށް މިހާރު 36 އަހަރުވެއްޖެއެވެ. އުފައްދާ ތަކެތީގެ ތެރޭގައި އަންނައުނު، ދޯބުރާލި ހަކުރު، އަދި ތެލާއި ބުއިންތަކާއި ސިނާއީ ތަކެތީގައި ބޭނުންކުރާ ކެމިކަލެއް ކަމަށްވާ އެތަނޯލް ހިމެނެއެވެ.
އެއީ އިންޑިއާގެ އެންމެ ކުރީ ސަފުގައި އުޅޭ 500 ކުންފުނީގެ ތެރޭގައި އަބަދުވެސް ހިމެނެމުން އަންނަ ކުންފުންޏެކެވެ.
ކޭ.ޕީ.އާރް މިލްގެ ފައުންޑަރު އަދި ޗެއާމަނަކީ އުމުރުން 74 އަހަރުގެ ކޭ.ޕީ ރާމަސާމީއެވެ. ކުންފުނީގެ ނަން ނިސްބަތްވަނީ އޭނާގެ ނަމުގެ އަކުރުތަކަށެވެ.

ތިމާވެށްޓާ ރައްޓެހި ޕްރޮގްރާމްތައް ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ފުޅާ ދާއިރާއެއްގައި އާ ބިންތަކުގައި ގަސް އިންދުމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ އިތުރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީ.އެސް.އާރް) ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ރާމަސާމީ އެހެން ކަމެއް ވެސް ކުރެއެވެ. މި ދިޔަ އަހަރުގެ މާރިޗު މަހު އެ ތަނުގައި މަސައްކަތްކުރަމުން އައި މުވައްޒަފުންގެ އަދަދަކީ 20،774 މީހުންނެވެ. ނަމަވެސް އާދަޔާހިލާފު ކަމަކީ ރާމަސާމީއަކީ "ބައްޕަ"އެއް ގޮތަށް ދެކޭ 27،500 އަންހެން "ދަރިން" އެ ތަނުން އުފެދިފައިވާކަމެވެ.
އެއީ އޭނާގެ މިލްގެ މަސައްކަތްތެރިން މަތީ ތައުލީމު ހާސިލުކުރާ ގްރެޖުއޭޓުންނަށް ހަދައިގެންނެވެ. މިހާރަށްވުރެ ރަނގަޅު ހަޔާތެއް އެ މުވައްޒަފުންނަށް ލިއްބައިދިނުމަށް ތައުލީމީ މަގަށް ފިޔަވަޅު އަޅަން މަގުފަހިކޮށްދީގެންނެވެ. މި ކަން ފެށުނީ ސީދާސާދާ އެދުމަކުންނެވެ.
އެއް ދުވަހަކު އޭނާގެ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު އޭނާގެ ގާތުގައި ބުންޏެވެ: "’ބައްޕާ’އެވެ. އަހަރެން ކިޔަވަން ބޭނުމެވެ. ފަގީރުކަމުގެ ސަބަބުން އަހަރެންގެ މައިންބަފައިން އަހަރެން ސްކޫލުން ވަކިކުރިއެވެ. އެކަމަކު އަހަރެން ބޭނުމީ އިތުރަށް ކިޔަވާށެވެ."
މި ކުރުކުރު ޖުމުލަކޮޅުން ހުރިހާ ކަމެއް ބަދަލުވެގެންދިޔައެވެ. ހަމައެކަނި މުސާރަ ދިންކަމުގެ ރަސީދެއް ދިނުމުގެ އިތުރުން ރާމަސާމީ ނިންމީ ހުރިހާ މުވައްޒަފުންނަށް ރަނގަޅު ކުރިމަގެއް ދިނުމަށެވެ.

މިލްގެ ތެރޭގައި ވަށާޖެހޭ ތައުލީމުގެ ނިޒާމެއް އޭނާ ގާއިމުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަށް ގަޑިއިރުގެ މަސައްކަތަށް ފަހު ހަތަރު ގަޑިއިރު ކިޔަވައިދޭ ކްލާސްތަކެއް
- ކްލާސްރޫމްތަކާއި ޓީޗަރުންނާއި ޕްރިންސިޕަލަކާއި އަދި ޔޯގާ ކޯހެއް
- އެއްވެސް ޝަރުތެއް ނެތި ހުރިހާ ހަރަދެއް ކުންފުނިން ދޭ ގޮތަށް
ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އެއީ:
- 24،536 އަންހެނުންނަށް ގްރޭޑް 10 އާއި ގްރޭޑް 12 އިން ފާސްވުމާއި އަންޑަ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ޑިގްރީ ލިބުން
- މީގެ ތެރެއިން ގިނަ އަންހެނުންނަކީ މިހާރު ނަރުހުންނާއި ޓީޗަރުންނާއި ފުލުހުން
- މި އަހަރު އެކަނިވެސް ޓެމިލް ނާޑޫ އޯޕަން ޔުނިވާސިޓީން ރަން މެޑެލް ހޯދި 20 ދަރިވަރުން
މިހާ ހިސާބުން އުފެދިދާނެ ސުވާލަކީ މި ފަދަ މުވައްޒަފުން ކުންފުނި ދޫކޮށްލައިފި ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟ ކުންފުނީގެ މަސައްކަތްތެރިން ދެމެހެއްޓޭނީ ކިހިނެތް ހެއްޔެވެ؟
ރާމަސާމީ ބުނީ މިހެންނެވެ: "އެ މީހުން އަބަދު މި ކުންފުނީގައި މަސައްކަތް ކުރުވައިގެން އެ މީހުންގެ އަސްލު ގާބިލިއްޔަތަށް ހުރަސްއަޅަން އަހަރެން ބޭނުމެއް ނޫނެވެ. އެ މީހުން މި ތަނުގައި ވަޒީފާ އަދާކުރަން އައީ ފަގީރުކަމުންނެވެ. އިހުތިޔާރެއް އޮތީމައެއް ނޫނެވެ. އަހަރެންގެ މަސައްކަތަކީ އެ މީހުންނަށް ކުރިމަގެއް ދިނުމެވެ. އެ މީހުން ކޮށްޓެއްގައި ބަންދުކުރުމެއް ނޫނެވެ."
އެއީ ރާމަސާމީ ހަގީގަތުގައި ވެސް ކަންތައް ކުރާ ގޮތެވެ.

އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ ތަން ދޫކޮށް ދެއެވެ. އެހެން ދާއިރާތަކުން ކެރިއަރުތައް ހޯދައެވެ. ދެން އެ އަންހެނުން ކުރަނީ ކީއް ހެއްޔެވެ؟ ދެން އެ އަންހެނުން ކުރާ ކަމަކީ އެ އަންހެނުންގެ ވިލެޖްތަކުން އިތުރު އަންހެނުން އެ ތަނަށް ވަޒީފާ އަދާކުރަން ފޮނުވަނީއެވެ. އެހެންކަމުން، މިއީ ހެޔޮ ކަންތައްތަކެއް ތަކުރާރުވަމުން އަންނަ ބޮޅެކެވެ.
މިއީ ރާމަސާމީ ހަމައެކަނި އިޖުތިމާއީ ޒިންމާގެ ދަށުން ފެށްޓި ކަމެއް ނޫނެވެ. މިއީ ހިއުމަން ރިސޯސް (އެޗް.އާރް) ތަރައްގީ ކުރުމުގެ އެންމެ ފުން މާނައިގައި ވެސް ހިންގާ އިންސާނުން ބިނާކުރުމުގެ މަޝްރޫއެކެވެ.
މި ފަހުން ބޭއްވި ދަސްވެނިވުމެއްގައި ކޭ.ޕީ.އާރް މިލްގައި މަސައްކަތްކުރި 350 އަންހެނުންނަށް ޑިގްރީ ލިބުނެވެ. އެ ރަސްމިއްޔާތުގައި ސަރުކާރާއި އެކި ވިޔަފާރިތަކުގެ ކިބައިން ރާމަސާމީ އާދަޔާ ހިލާފު ކަމަކަށް އެދުނެވެ؛

"މި އަންހެނުންނަށް ވަޒީފާ ދީފި ނަމަ އެހެން އަންހެނުންނަށް ވެސް ކިޔެވުމުގައި ކުރިއަށްދާން އުއްމީދު ލިބޭނެ،" އޭނާ ބުންޏެވެ.
ވިސްނާލާށެވެ. އެތައް މިލިއަނުން ފައިސާ ލިބޭ ކުންފުންޏަކުން މި އެދެނީ ވިޔަފާރީގެ އިތުރު ފައިދާތަކަކަށް ނޫނެވެ. ރާމަސާމީ މި އެދެނީ އޭނާގެ މުވައްޒަފުންނަށް މާ ރަނގަޅު ވަޒީފާތަކެއް ދިނުމަށެވެ.
މި ކަހަލަ ކަމެއް އަހަރެމެންނަށް ފެންނަނީ ކިހާ ގިނައެއްކޮށް ހެއްޔެވެ؟

މިއީ ހަމައެކަނި ކޭ.ޕީ.އާރް މިލްއާ ގުޅޭ ވާހަކައެއް ނޫނެވެ. މިއީ ލީޑަޝިޕް އާއި ވިޔަފާރީގެ ސުލޫކާއި އަދި ގައުމު ބިނާ ކުރުމާ ގުޅޭ ވެސް ވާހަކައެކެވެ.
މިއީ ބީ-ސްކޫލްތަކުން ނުވަތަ ވިޔަފާރީގެ ދާއިރާއިން ތައުލީމު ދޭ މުއައްސަސާތަކުން ކިޔަވައިދޭންޖެހޭ ކަމެކެވެ. އެޗް.އާރް ދާއިރާގައި މަސައްކަތް ކުރާ މީހުން ދަސްކުރަން ޖެހޭ ކަމެކެވެ. މިއީ މުޅި ދުނިޔެއަށް ވެސް އެނގެން ޖެހޭ ކަމެކެވެ. އެންމެނަށް ވެސް ކިޔައިދޭންޖެހޭ ފަދަ އަގުހުރި ވާހަކައެކެވެ. ރާއްޖޭގައި މިކަހަލަ ރާމަސާމީއެއް އުފަންވާނީ ކޮން ދުވަހަކުންބާވައެވެ؟
One Response
ބަލަ ރާއްޖޭގައި ތިފަދަ ސާމީއެއް އެބަހުންްނެވިނޫންތޯ ! އެއީ "ޤާސިމް ސާމީ . "