މި ފިޠްރު ޢީދުގެ ހަނދާ މެދު ރާއްޖޭގެ މީޑިއާ ތަކުގައި ހީވަނީ ޒާތެއްގެ އަރައިރުމެއް ފެށިފައިވާ ހެނެވެ. ހީވަނީ އިސްލާމީ އުންމަތުގެ ދައުލަތްތަކުގެ ޒިންމަތުގެ ދަށުގައިވާ އިސްލާމްދީނުގެ މުހިންމު ކަންތައްތަކަކީ، އަމިއްލަ ފަރުދުންގެ ކޮނޑުގައި އެޅިފައިވާ ކަމަކަށް ވެގެން އުޅޭ ހެންނެވެ. އެހެނެއް ނުވާނެއެވެ! އެހެން ވެގެނެއްވެސް ނުވާނެއެވެ! އިސްލާމީ ދައުލަތެއް އޮންނަ ގައުމުގައުމުގައި އިސްލާންދީނުގެ ޢިބާދާތުތަކާ ގުޅިފައިވާ، އަދި އާންމުން އެކަންކަމަށް ތަބާވެ އަމަލު ކުރާން ލާޒިމުވާ ކަންކަމަކީ، އިސްލާމީ ގައުކުތަކުގެ ވަލިއްޔުލް އަމުރުގެ ދަށުގައިވާ ކަންކަމެވެ.
އެކަންކަމަކީ، ކިތަންމެ އަރައިހުރި ޢިލްމުވެރިޔަކަށް ވިޔަސް އިސްލާމްދީން އިޒުނަދޭ ކަންކަމެއް ނޫނެވެ. ސަބަބަކީ، އިސްލާމީ މުޖްތަމައެއްގައިވެސް އަދި އެހެން މުޖްތަމައެއްގައިވެސް އެންމެ ބޮޑަށް އިސްކަންދީފަައިވާ އެއްކަމަކީ، ޖަމާޢަތުގެ ހަމަޖެހުމާއި މަޞްލަޙަތު ރައްކާތެރި ކުރުންކަމުގައި ވާތީއެވެ.
އާދަކާދައިގެ ގޮތުން ރޯދަމަހާއި ޢީދަށް ހަނދުބެލުމަކީ، އޮންނަ ކަމެކެވެ. އެކަން ކުރަނީ އެ ފަރުދެއްގެ ފެންވަރަކުންނެވެ. އާންމުން އެކަމުގައި ކަންކުރާ ގޮތަކީ، އިރު އޮއްސޭ ވަގުތު ހުޅަނގު ފަރާތު އުދަރެހަށް ބަލައިގެން ހަނދުގެ ހުޅެވި ނުވަތަ ހުޅެވިހަނދު ފެނޭތޯ ބެލުމެވެ. އެގޮތުން ހަނދު ފެނިއްޖެނަމަ އެންމެ ކައިރީން ދެވޭންހުރި ފަނޑިޔާރުގެއަަކަށް އެކަން ރިޕޯޓް ކުރުމެވެ.
ނިޔަމިކަމުގެ ހިސާބާއި ފަލަކީ ކަންކަން ދަންނަ މީހުން އެކަން ކުރާނީ އެކަމަށް އޮންނަ ޢިލްމުގެ އަލީގައެވެ. އެރޭ އިރު އޮއްސުމުގެ ފަހުން ސަތަހައިގެ މަތީގައި ހަނދު ހުރޭތޯ ނުވަތަ ނުހުރޭތޯ ބަަލައި ކަށަވަރު ކުރުމެވެ. ސަތަހައިގެ މަތީގައި ހަނދު ހުރުމަށް ދިވެހި ބަހުން ފެންމަތީގައި ހުރުމޭވެސް މަޖާޒީ ގޮތުން ކިޔައި އުޅެއެވެ. އަދި އެގޮތުން ބަލާބެލުމުގައި އެފަދަ ރޭރެޔަށް އިރު އޮއްސުުގެ ފަހުން ހަނދު ފެންމަތީގައި ހުންނާނެކަން ނުވަތަ ނޫންކަން ނޫހެއްފަދަ ވަސީލަތްތަކުން އާންމުންނާ ހަމަޔަށް ފޯރުކޮށް ހާމަކޮށްވެސް ހަދައެވެ.
އެކަމަކު، އެފަދަ މީހުންނަށް އެނގޭ އެނގުމަކީ، އަދި އާންމުންގެ މީހަކަށް ހަނދު ފެންނަ ފެނުމަކީ، ހަނދު ސާބިތުވުމެއް ނޫނެވެ. އަދިި ހަނދު ސާބިތުވީކަމަށް ބެލޭނޭ ކަމެއްވެސް ނޫނެވެ.
އެހެނީ، އާންމުންގެ މީހަކު ކުރާ އެފަދަ ރިޕޯޓެއްގެ މައްޗަށާއި، ފަލަކީ ކަންކަންކަން ދަންނަ މީހަކު ހާމަކުރާ ހާމަ ކުރުމެއްގެ މައްޗަށް، ދައުލަތުގެ ފަރާތުން ވަރަށް އިސްކަމެއް ދެއްވައިގެން ބައްލަވައި ތަޙްޤީޤު ކުރެއްވުމަށްފަހުގައި މެނުވީ ދައުލަތުގެ ފަރާތުން ވަކިގޮތެއް ކަނޑައެއް ނާޅުއްވާނެއެވެ.
އެކަމުގައި ދައުލަތުން ގޮތެއް ނިންމަވައި ހަނދު ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައެލުއްވީމާ މެނުވީ އެކަމުގައި ގޮތެއް ނުނިމޭނެއެވެ. އިސްލާމީ ގައުމެއްގައި މީސްތަކުން ތަބާވާން ޖެހޭނީ ދައުލަތުން ނިންމަވާ ގޮތަށެވެ.
ހަނދުބަލާ ރެޔަކު ހަނދު ފެނުނު މީހާއާއި ފަލަކީ ޢިލްމުން ހަނދު ފެންމަތިވާކަން ކަށަވަރުވާ މީހާ ޢަމަލުކުރުން ވާޖިބުވާ ގޮތް އިސްލަމީ ފިޤްހުން ވަރަށް ސާފުކޮށް އެނގޭން އޮންނާނެއެވެ.
އެކަމަކު، އެ ދެމީހުން ފިޔަވައި، އެ ގައުމެއްގެ މިސްތަކުން ޢަމަލުކުރުމަށް އިސްލާމީ އުޞޫލުން ހުއްދަވަނީ، ދައުލަތުގެ ފަރާތުން އެކަމުގައި ކަނޑައަޅުއްވާ ގޮތާ އެއް ގޮތަށެވެ. އެއާ ޚިލާފަށް މީހަކު ޢަމަލެއް ކޮށްފިކަން ސާބިތުވެއްޖެނަމަ އެމީހަކަށް ތަޢުޒީރީ ގިންތީން އަދަބެއް ކަނޑައެޅުމަކީވެސް އިސްލާމީ ފިޤުހުގައި ކަނޑައެޅިފައިވެސް އޮންނަ ކަމެކެވެ. އަދި އެކަން ތަންފީޒު ކުރުމަކީ ވަލިއްޔުއްލް އަމުރުގެ މައްޗަށް ލާޒިމު ކުރެވިފައިވެސް އޮންނަ ކަމެކެވެ.
އެހެންވީމާ، ހަނދުބަލާ ރެޔަކީ، ރޯދަމަހުގެ ނުވަތަ ޝައްވާލު މަހުގެ ފުރަތަމަ ރޭކަމަށް، ނުވަތަ ޝަޢުބާން މަހުގެ ނުވަތަ ރޯދަމަހުގެ ތިރީސްވަނަ ރޭކަމަކަށް، ހަނދުބަލާންދާ މިހާއަށާއި ފަލަކީ ޢިލްމުވެރިޔާއަކަށް ނުބުނެވޭނެއެވެ. ބުނެގެންވެސް ނުވާނެއެވެ.
އެފަދަ ކަންކަން ބައެއްގެ ތެރޭގައި އާންމު ކުުރުމަކީ، އެބައެއްގެ މެދުގައި އޮންނާންވާ އިސްލާމީ ވަޙުދަތު ފުނޑުފުނޑުވެ އެ މުޖުތަމައެއްގެ ތެރޭފައި ފަސާދަ ޢާންމު ވެދާނޭފަދަ ނުރައްކާތެރި ދެރަ ކަމެކެވެ.
އަންނަ ފިޠްރު ޢީދަށް މިރޭ ހަނދުފެނޭތޯ ބަލާން ނުކުންނައިރު، މިރޭ އިރު އޮއްސުމުމުގެ ފަހުން އެންމެ ފަޅި ސިކުންތަކަށްވެސް ދިވެހިރާއްޖެޔަށް ހަނދު ފެންމަތި ނުވާނެކަން ރާއްޖޭގައި އެފަދަ ކަންކަން ދަންނަމީހުން، ފަލަކީ ޢިލްމާއި ނިޔަމިކަމުގެ ހިސާބުން ބަލައި ހާމަކޮށް އިއްތިފާޤުވެފައި ވާކަން ވަންހަނާއެއް ނުވެއެވެ.
އެހެންވިއްޔާ ހަނދާމެދު ދެބަސްވެ ޒުވާބެއް އުފަންވާންވީ ކޮން ކަމަކާތޯއެވެ. އެއިން އެއްވެސް މިހަކަށް އިސްލާމީ ގައުމެއްގެ އާންމުން ޢަމަލުކުރާންވީ ގޮތް ކަނޑައެޅޭނެ ތޯއެވެ. ނޭޅޭނެކަން ކަށަވަރެވެ.
ހަނދު ބަލާ ރޭރޭ ރާއްޖެއަށް ހަނދު ފެންނާނޭކަމަށް ފަލަކީ ގޮތުންނާއި ނިޔަމިކަމުގެ ހިސާބުން ކަށަވަރުވާ ފަހަރުފަހަރު މޫސުމުގެ ސަބަބުން ނުވަތަ ހަނދު ހުންނަ އުސްމިނުގެ ސަބަބުން ރާއްޖޭގެ ރަށަކަށް ހަނދު ނުފެންނަ ހިނދު، އިސްލާމީ ގައުމަކަށް ހަނދު ސާބިތުވުުމުން، އެގޮތަށް ތަބާވެ ރާއްޖޭން ޢަމަލުކުރެއެވެ. އެއީ ރާއްޖޭގައި ޢަމަލު ކުރަމުން އަންނަވެސް ގޮތެވެ.
އެކަމަކު ރާއްޖެއަށް ހަނދު ފެންމަތި ނުވާނެކަން ފަލަކީ ގޮތުންނާއި ނިޔަމިކަމުގެ ހިސާބުން އެނގޭން އޮންނަ ރޭރޭ، އިސްލާމީ ގައުމަކަށް ހަނދު ލެއްވިޔަސް އެގޮތަށް ތަބާވެ، ޢަމަލުކުރުމަކީ، ރާއްޖޭން ޢަމަލުކުރަމުން އައި ގޮތެއް ނޫނެވެ.
އަދި ހަނދު ނުފެންނަ ރޭރޭ ނުވަތަ އެބަޔަކަށް ހަނދު ފެންމަތިނުވާ ރޭރޭ އެހެން ގައުމަކަށް ފެންނަ ހަނދަށް ތަބާވެ ޢަމަލު ކުރުމަކީ، އިބްނުބާޒު ރަޙިމަޙުﷲ ފަަަދަ އަދި އެނޫންވެސް ދުނިޔޭގެ ބޮޑަތި ފަޤީހުން ހުއްދަކުރައްވާފައިވާާ ގޮތެއް ނޫނެވެ. އެއީ، ހަނދު ލެއްވުމުގައި ޢަމަލުކުރާ އިސްލާމީ އުޞޫލެއްވެސް ނޫނެވެ.
އެހެންވީމާ، ހަނދާބެހޭ ގޮތުން ފަރުދަކު ފާޅުކުރާ ޚިޔާލަކީ، ރަސްމީ ކަންކަމެއް ނޫނެވެ. އެހެންވިއްޔާ އެއީ، ފަރުވާލެއްވެސް ބަހައްޓާންވީ ކަންކަމެއް ނޫނެވެ.
ހަމަގައިމުވެސް، މިރޭ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދުގެ ހުޅެތްވެއް ނުފެންނާނެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކަށްވެސް އިރު އޮއްސުމުގެ ފަހުން، ފަޅި ސިކުންތެއްގެ މިންވަރަށް ވިޔަސް ފެންމަތީގައެއް ހަނދެއް ނުހުންނާނެއެވެ. އަދި ކިޔެއްތަ! އިރަށް ވުރެ ކުރީން މިރޭ ހަނދު ނޯއްސޭނެ އެއްވެސް ރަށެއް ރާއްޖޭގައެއް ނޯންނާނެއެވެ.

One Response
ކިތަންމެހާވެސް ރަނގަޅު ވާހަކަފުޅެކެވެ. އެކަމަކު އުފެދޭ ސުވާލަކީ ދީނުގެ ކަންކަން ދިވެހި މުސްލިމުންނަށް އެގެނީ ކިހާ ވަރަކަށްތޯއެވެ. އަރަބި ކޮންމެ ލިޔުމަކީ ޤުރްއާން ކަމަށް ހީކުރާ، ތިމަންނަމެން ބެހެން ނުޖެހޭ އެއްވެސް ކަމެއް ނޯންނާނެކަމަށް ގަބޫލުކުރާ ބައެއްގެ އަމަލުތައް ހުންނާނީ ކޮންގޮތަކަށްތޯއެވެ. އަޅުގަނޑުމެންގެ އަޚުލާޤް މިވަނީ ހަރުބީ ކާފަރުންނަށް ވުރެވެސް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. މިތަނުގައި މި ކިޔަވާދޭ އެއްޗަކާއި، އެ ކިޔަވާދޭ ގޮތާއި، ކިޔަވާދޭން ތިބި ބައެއްގެ ވިސްނުން ހުރިގޮތަކާއި ދޭތެރޭ ވެސް ބަޔަކު ފުންކޮށް ވިސްނަން ޖެހިއްޖެހެން ވެސް އެބަ ހީވެއެވެ. ގައިމު ޖަޕާނުގެ ރަސްމީ ތައުލީމު ދިނުމުގައި އިސްލާމް ދީން ކިޔަވައެއް ނުދޭނެއެވެ. އެކަމަކު އެތަނުގެ މީހުންނަކީ އަޚުލާޤީ ގޮތުން ލާމަސީލު ބައެކެވެ. އެހެންކަމުން އިސްލާމް ދީން މިތަނުގައި މި ކިޔަވާ ދެވެނީ ރަނގަޅަށް ބާއޭ ވެސް ހިތަށް އަރައެވެ. ކޮންމެއަކަސް މިވާގޮތެއް ވެސް އެގޭނީ ހަމަ ޢިލްމުވެރިންނަށެވެ. ބަޔަކު މިކަންކަން ދިރާސާކޮށް، މިވަނީ ކިހެނެއްތޯބަލާ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭހެން އަޅުގަޑަށް ހީވެއެވެ. އެކަމަކު މިފަދަ ކޮމެންޓެއް ކޮށްލުމުގެ އިތުރަށް އަޅުގަނޑު މެންނަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ.