ހިތުތެރޭ އުފެދުނު ޝުޢޫރެއް މީ ޙަގީގަތަކާ ނުލާ
މިތުރުނާ ހިއްސާކުރާ ވާހަކަޔަކަށް ދެކެގެން ބަލާ
*****
ގުޅުމަކުން އެކުވެރިކަމުގެ ގުޅި ދެން ބަދަލުވީ ލޯތްބަކަށް
އެޅުނު ދެހިތުގެ ލޯބި ބިންގާ ހަރުދަނާވާ ގޮތް ބަލާ
ފޮނުވަމުން އަކްމަލު އެގެންދާ އެކި އިޝާރާތާ މެސެޖު
ފެނުނުމުން ނަޖްވާ ގެހިތް އުފަލުން ފުރޭ ހިނިތުންވެލާ
އުޅެވުނޭ ލޯބީގެ ވާދީގައި ނުހަނު އުފަލާއެކީ
ގުޅުމަކަށް ހުރަހެއް ނެތީތީ ހާސްކަން ނެތި ދިޔަފިލާ
ފަރިވަމުން މާތައް ފޮޅޭ ނުފޮޅޭ އިރެއް ވަގުތެއް ނުދޭ
ކުރެވިދާ އިޙުސާސްތައް މަސްތީ ޢަބީރާ އެކުވެލާ
ފޮޅުނުމުން މާތައް ކޮކާއައިސް ފިރުމަމުންދޭ ބޮސްދެމުން
ހުޅުވިފިޔަތައް ކަރުގަނޑުން ފޮނިބޮއި އުޅޭ މަންޒަރުބަލާ
ތަރިތަކާ ނަލަ ހަނދުގެ ހަނދުވަރު ޖައްވުގައި ފަތުރާލުމުން
ފުރި އުތުރިއެރި ލޯބި ޖަޒުބާތު ހިތުގެތެރެއިން ކޯދުލާ
ދުރަކަށެއް ނުދެޔޭ ވަށައިގެން ހޯރައެއްހެން ބުރުއަޅާ
ހުރެދެޔޭ ހަށިފާރަވެރިއެއް ހެން ސަމާލުވެ ބަލަބަލާ
އެންމެ ފުރިހަމައަށް ޙިމާޔަތް ލިބިދެޔޭ އަބަދާ އަބަދު
ހުންނަ އިޚުލާޞްތެރިކަމޭ ލޯތްބޭ ހިތީ ޝައްކާނުލާ
ބަދަހިވީ ލޯތްބާ ގުޅުން ނަލަކުލަކުލައިން ކުލަޖައްސަމުން
އަދަދު ނުވެވޭހާ އުފާ ޙާޞިލު ވެދާ ތަން ދެކެބަލާ
*****
އިރުއަރައި މެންދުރު ވިއިރުވެސް އަކްމަލުގެ ޚަބަރެއްނުވޭ
ކުރެވިދިޔަ އިޙުސާސް ތަކަކުން ހިތްތެޅެންފެށި ބާރުލާ
ނެތް ބެލޭނެ ގޮތެއް އެވީގޮތް ފޯނު އޮފްކޮށްފާ ވުމުން
ނެޓުގެ މައްސަލައެއް ނުވާކަން ވީ ޔަގީންކޮށްފައިބަލާ
ގިނަވަމުންދިޔަ ފިކުރުތައް ޝައްކާ ވަހުމްގެ ސުވާލުތައް
ފިނިވެއަތްފައި ހަށިގަނޑާއެކު ގާ ރޮވުނެ ހުއްޓާ ނުލާ
*****
މަރުވަމުން ދިރެމުން މިހެން އުޅެމުންނެ ދިޔައީ ރޭދުވާ
ކަރުނަ ދެލޮލުން އޮހޮރެމުންގޮސް ނޫރުވަކިވިޔެ ގޮސްލޮލާ
ކޮންމެ ދުވަހަކު ދުވެވުނޭ ފެނުމުން އަވާމެންދުރުފަހާ
ފެންގަނޑެއްހެން ކެހިދިނީ މިހިތަށް ސިކުނޑިޔާ އަދިލޮލާ
ޖަދަލުކުރަމުންދިޔަ ޟަމީރާ ހިތް މިހުރިހާ ދުވަހުގާ
އަބަދުކުރި ބަޙުސުން ތަސައްލީ ނުލިބި ހިތް ދިޔައީ މިލާ
އޮންނަހިތުގައި ޢަޒުމަކީ ހިތްދަތި ކިތަންމެބޮޑަށް ވިޔަސް
ދަންޖެހުން ފަދަ ކުފުރުމަރަކުން މަރުނުވާނަމެ ހަމަހިލާ
ވިސްނުނޭ މިގޮތަށް ހިތާމަކުރުން މިއީ ބޮޑު ގޯހެކޭ
ފަސްއަޅާ ފޮރުވާލުމުން އެހަނދާން ހިނގައިދާނޭފިލާ
ޙަޟްރަތުން މަތިވެރި އިލާހުގެ ވާގިއެދިކުރުމުންދުޢާ
ލަސްތަކެއްނުވެ ޙައްލުފެނި މޮޅިތައް ހިނގައްޖޭ ނެތިފިލާ
ދެންނެތީމޭ ބީވެދިޔަ ލޯބީގެ ފިކުރު ކުރާކަށެއް
އޮންނަހެން ތަގުދީރުގައި ނޫނީ ނުވާނޭ ހަމަހިލާ
މިންވަރަށް އީމާންވުމާ ކެތްތެރިވުމޭ ވީއިސްކުރަން
ހިންމެވުން އެދިގެން ދުޢާ ކުރުމޭ މޮޅީ ފަސްޖެހިނުލާ
ކުޅުނު ނަގުލީ މަންޒަރެއް ނުވެޔޭ ޙަގީގީލޯތްބަކަށް
މިޅެމުގައިވީ ވެސް އެފަދަ ލޯތްބެއް ކަމަށް ނިންމާބަލާ
