Support Us

ޗާ ސަ-ސޫން އޭނާއަށް ލިބިފައިވާ ލައިސަންސް ސެޓްފިކެޓް ދައްކައިލަނީ. އަދި ހަޔަންދޭއިން އޭނާއަށް ހަދިޔާކުރި ކާރުގެ ގާތުގައި. ދެން އޭނާ އެ ކުންފުންޏަށް ކުޅުނު އިސްތިހާރުގައި ކާރުގެ ހުންގާނުގައި ހިފަހައްޓައިގެން.

960 ފަހަރު ޓެސްޓް ހަދައިގެން އަންހެނަކު ލައިސަންސް ހޯދި ވާހަކަ

ދެކުނު ކޮރެއާގެ އުމުރުން 80 ގެ އަހަރުތަކުގައި އުޅޭ އަންހެނަކު 960 ފަހަރު ޓެސްޓް ހަދައިގެން ލައިސަންސް ހޯދައިފައިވާކަން ވައިރަލް ވެއްޖެއެވެ. މި ކަމަށް އޭނާ 14،250 ޑޮލަރު (219،451ރ.) ހަރަދުކުރިއެވެ.

މި ކަން ހިނގީ މީގެ އެތައް އަހަރެއް ކުރިން، މިހާރު މާމައަކަށް ވެފައިވާ ޗާ ސަ-ސޫންގެ އުމުރުން 69 ގައި ކަމަށް ވިޔަސް، މި ހަބަރު އިންޓަނެޓުގައި ވައިރަލް ވީ ރެޑިޓުގައި މި ހާދިސާގެ ވާހަކަ ފެތުރުމުންނެވެ.

ޗާ ލިޔާ ޓެސްޓު ފުރަތަމަ ހެދީ 2005 ގެ އެޕްރިލްގައެވެ. ނަމަވެސް ފާހެއް ނުވިއެވެ. އޭނާ ދެން ތިން އަހަރު ވޭތުކުރީ ހަފުތާއަކު ފަސް ފަހަރު ޓެސްޓު ހެދުމުގައި ކަމަށް ދަ ނިއު ޔޯކް ޓައިމްސުން ރިޕޯޓްކޮށްފައިވެއެވެ. އެއަށް ފަހު ހަފުތާއަކު ދެ ފަހަރު ޓެސްޓު ހެދުމަށް ބަދަލުކޮށްލިއެވެ. މިހެން ގޮސް ލިޔާ ޓެސްޓުން އޭނާ ފާސްވީ 860 ވަނަ ފަހަރުއެވެ.

ޗާ ދެން ކުރިމަތިލީ ދުއްވާ ޓެސްޓަށެވެ. ނަމަވެސް އެ ކަން ވެސް ވީ ގޮންޖެހުމަކަށެވެ. އެންމެ ފަހުން ލިޔާ ޓެސްޓާއި ދުއްވާ ޓެސްޓް އެއްކޮށްލައިގެން، 960 ފަހަރުން އޭނާއަށް ލައިސަންސް ލިބުނީއެވެ.

ހަރަދު ބޮޑު ނަމަވެސް، އަދި އެހާ ގިނަ ފަހަރު އޭނާ ފޭލި ވުމުން ވެސް، ޗާ ޓެސްޓް ހެދުން ދޫނުކޮށްލީއެވެ. ސަބަބަކީ އޭނާ އާމްދަނީ ހޯދަން އޭނާގެ ގޭގައި ހައްދާ ތަރުކާރީ ވިއްކުމުގެ ވިޔަފާރީގައި ދުއްވާ އެއްޗެހި ދުއްވަން އެނގެން ޖެހޭތީއެވެ.

ޗާއަށް ކާރު ދުއްވަން ދަސްކޮށްދިން ޖިއޯންބުކް ޑްރައިވިން ސްކޫލްގެ އިންސްޓްރަކްޓަރު ޕާކް ސޫ-ޔިއޯން ދަ ނިއު ޔޯކް ޓައިމްސްއަށް 2010 ވަނަ އަހަރު ބުނީ ޗާއަށް ލައިސަންސް ލިބުމުން "އުފުއްލަމުން ދިޔަ ބޮޑު ބުރައެއް ނެތިގެން ދިޔަހެން" އިހުސާސް ކުރެވުނު ކަމަށެވެ.

"އޭނާއަށް އެންމެ ފަހުން ލައިސަންސް ލިބުމުން އަހަރެމެން އެ ކަން ފާހަގަކުރިން. އޭނާގެ ގައިގައި ބައްދައިލިން. އަދި މާބޮނޑިއެއް ދިނިން. ލައިސަންސް ހޯދަން ޓެސްޓު ހެދުން ހުއްޓައިލަން އަހަރެމެންނަކަށް ނުކެރުނު އޭނާގެ ގާތުގައި ބުނާކަށް. ސަބަބަކީ އޭނާ ހަމަ ކޮންމެ ފަހަރަކު ވެސް ޓެސްޓް ހަދަން އަންނާތީ،" ޕާކް ބުންޏެވެ.

ދެކުނު ކޮރެއާގައި ޗާ މަޝްހޫރުވުމާއެކު ބައިނަލްއަގުވާމީ ސުރުހީތަކަށް ވެސް އެއިރު އޭނާ އެރިއެވެ. އަދި ދެކުނު ކޮރެއާގައި ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ހަޔަންދޭއިން އޭނާއަށް ހަދިޔާއަކަށް 15،066 ޑޮލަރު (232،031ރ.)ގެ މުޅިން އާ ކާރެއް ދިނެވެ. އަދި އެ ކުންފުނީގެ އިޝްތިހާރެއްގައި އޭނާ ބައިވެރިކުރިއެވެ. މި އިޝްތިހާރު ވަރަށް މަގުބޫލު އިޝްތިހާރަކަށްވިއެވެ.

ރެޑިޓްގައި ކޮމެންޓް ކުރި މީހަކު ބުނީ ގާތްގަނޑަކަށް 1،000 އެއްހާ ފަހަރު ޓެސްޓު ހެދުމުން ހުރިހާ މައުލޫމާތެއް ހިތުދަސްވެފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެން މީހަކު ބުނީ މިއީ "ނިޒާމީ ފޭލިވުމެއް" ކަމަށް ބެލެވޭ ކަމަށެވެ.

"މި ކަމުގެ ސަބަބުން މި ކަމާ ގުޅުން ހުރި އެންމެންގެ ވަގުތު ބޭކާރު ވާނީ. ޓެސްޓަކުން ފޭލިވުމުން ޓެސްޓު އަލުން ހެދޭނީ އެއް މަސް ނުވަތަ ހަފުތާއެއް ފަހުން ގޮތަށް އޮތުން މަޖުބޫރު ކުރާ މާއްދާއެއް ގަވައިދުގައި ހިމަނަން ފެނޭ،" އެހެން މީހަކު ރެޑިޓްގައި ކޮމެންޓްކުރިއެވެ.

ނަމަވެސް ޗާއަށް ހަމްދަރުދީ ފާޅުކުރި މީހަކު ރެޑިޓުގައި ބުނީ "ކުޑަކޮށް ދެރަވި" ކަމަށެވެ. އެއީ ޓެސްޓު ހަދަން ޗާއަށް އެހީވާނެ އެކަކު ވެސް ނެތް ކަމަށް ބެލެވޭތީއެވެ.

"ބިންމައްޗަށް 959 ވަނަ ފަހަރު ވެއްޓުމުން ވެސް 960 ވަނަ ފަހަރާ ކުރިމަތިލާން ކޮޅަށް ތެދުވަން ޖެހޭނެ،" އެ ކޮމެންޓޭޓަރު ބުންޏެވެ.

ޗާއާބެހޭ ރިޕޯޓެއް އޭޝިއަން ކަލްޗާ އަންލޮކްޑްގެ ޔޫޓިއުބް ޗެނަލްގައި ގެނެސްދިނެވެ.

ޗާގެ ހަޔާތް މިހާރު ވެފައިވަނީ ދެކުނު ކޮރެއާގައި ލައިސަންސް ހޯދަން ދަތިތަކާ ކުރިމަތިވެފައިވާ މީހުންނަށް ލިބިފައިވާ ހިތްވަރަކަށެވެ.

"އަހަރެން މާބޮޑަކަށް އަޅައެއްނުލަން. ޓެސްޓު ހަދަން ކޮންމެ ދުވަހަކު ދަތުރެއްކޮށްލުންވީ އަހަރެން ސްކޫލްގައި އުޅުނު ދުވަސްވަރު ސްކޫލަށް ދާން ވެސް ދަތުރުކުރި ތަޖުރިބާއެއް ފަދަ ކަމަކަށް. އަހަރެން މިހާރު ވެސް ސްކޫލަށް ދާ މަތިން ވަރަށް ހަނދާންވޭ،" ޗާ ބުނެފައިވެއެވެ.

ކާރު ދުއްވުމުގެ ލައިސަންސް ބޭނުންވި އަނެއް ސަބަބަކީ މާމަދަރިން ހައިވާނު ބަގީޗާއަށް ގެންދަން ބޭނުންވާތީ ކަމަށް ވެސް ޗާ ދަ ނިއު ޔޯކް ޓައިމްސްއަށް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް