Support Us

ތާރީޚުގެ ތެރެއިން ދިވެހީންގެ ކަނޑުވެރިކަން 

ދިވެހީން، މާސިންގާ ހިންދުކަނޑުގެ މެދުގައިވާ މި ކުދިކުދި ޖަޒީރާތަކުގައި އަމިއްލަ ދައުލަތެއް އުފައްދައި، އެ ދައުލަތް ދިފާޢުކޮށް ބަލަހައްޓަމުން އަންނަތާ 2500 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. މި ޖަޒީރާތަކުގެ އަހުލުވެރީން ކަމުގައިވާ ދިވެހީން، ދުނިޔެއަށް ތަޢާރަފުވެފައި ވަނީ ކަނޑުގެ ދަރީންގެ ގޮތުގައެވެ. ދިވެހީންނަކީ ކަނޑުވެރިކަމުގެ މުއްސަނދި ސަގާފަތަކާއި ތާރީޚެއް އޮތް ޤައުމެކެވެ.

ކަނޑުވެރިކަމަކީ ކަނޑުވެރި ސަގާފަތަކުން ދިރިދެމިތިބުމުގެ ޖަމާއީ އެންމެހައި ހުނަރާއި ގާބިލުކަމާއި ވިސްނުމެވެ. ދިވެހި ޤައުމީ އައިޑެންޓިޓީގެ މަފުހޫމީ ބިންގަލުގެ މަތީގައި ކަނޑުވެރިކަން މިގޮތަށް މާނަކުރެވޭއިރު، ދިވެހީންނަކީ ކަނޑުވެރި ޤައުމެކޭ ބުނެވެނީ ދިވެހީންނަށް ކަނޑުފަޅުތައް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ދިވެހީންނަކީ، ކަނޑުތަކަށް ފަރިތަ ބަޔަކަށް ވީމައެވެ. ދިވެހީންގެ ބަނޑުފުރާނަ މުއްތިކުރުމުން ފެށިގެން ދިވެހީންގެ މުޅި ހަޔާތް ކަނޑާއި ލާމެހިފައިވާތީއެވެ. އަދި ދިވެހީން ދިރިއުޅުމާއި ދިރިތިބުން ކަނޑަށް ބަރޯސާވެފައިވާތީއެވެ. ހަމައެއާއެކު ދިވެހީންނަކީ ކަނޑަށް ގަދަ ބަޔަކަށް ވާތީއެވެ. ދިވެހީންނަކީ ކަނޑުދަތުރަށް މޮޅު، ހުނަރުވެރި ބަޔަކަށް ވާތީއާއި، ދިވެހީންނަކީ ކަނޑަށްވެހިވެފައިވާ ބަޔަކަށް ވާތީއެވެ.

ދިވެހީން ދިރިއުޅުން ބިނާކޮށް، ދިރި ދެމިތިބީ ކަނޑުވެރި ސަގާފަތެއްގެ މަތީގައެވެ. ދިވެހީންގެ މި ސަގާފަތް ބިނާވެފައި ވަނީ ކަނޑުފަޅުތައް ދިވެހީން ދަންނަކަމުގެ މައްޗަށެވެ. މި ސަރަހައްދުގައި ވެސް ދިވެހީންނަށްވުރެ ކަނޑު ދަތުރުފަތުރަށް އަރާތިބި އެހެން ބަޔަކު ނެތެވެ. މިއީ ދިވެހީން އަމިއްލައަށް ދައްކާ ވާހަކައެއް ނޫނެވެ. މީލާދީ ސަނަތުން ހަތަރު ވަނަ ގަރުނުގައި ދިވެހީން ރޫމުގެ އަންބަރާތޫރު އަރިހަށް ވެދުން ހިފައިގެން ދިޔަ ވާހަކަ އޮތީ ރޫމީންގެ ތާރީޚުގައެވެ. މީލާދީން ހަވަނަ ގަރުނާއި އަށްވަނަ ގަރުނުގައި ދިވެހީން ސީނުކަރައަށް (ޗައިނާއަށް) ވެދުން ހިފައިގެން ދިޔަ ވާހަކަ އޮތީ ގަދީމީ ޗައިނާގެ ފަތްފުށްތަކުގައެވެ. މީގެ އިތުރުން ބަބުރުކަރަ (އެފްރިކާ) އަށް ދިވެހީން ކުރި ދަތުރުތަކުގެ ވާހަކަ ތުންތުންމަތިން ވާރިދުވެގެން އައިސްފައިވާ ސަވާހިލީ ތާރީޚުގައި އެ ވަނީއެވެ.

ދިވެހީންނަކީ ކަނޑާ ލާމެހިފައިވާ ބައެކެވެ. ދިވެހިރާއްޖޭގެ ސަރަހައްދުގެ 99.7 އިންސައްތައަކީ ކަނޑެވެ. މިހާ ބޮޑު އިންސައްތައެއް ދިވެހީންގެ ދިރިއުޅުމާއި ދިރިތިބުމުގައި ވެސް ކަނޑު ހިއްސާކުރެއެވެ. ދިވެހީންނަކީ ކަނޑުފަޅުތަކުން ރޯދި ހޯދައިގެން ދުނިޔެ އާރާސްތުކުރަމުންދާ ބައެކެވެ. މި ސަރަހައްދުގެ ގިނަ ޤައުމުތަކުން އެ ބަޔަކަށް އެންމެ ފަސޭހައިން އަތުޖެހުނު އެއްޗެއް ކައިގެން ބޮއިގެން ބަނޑުފުރާނަމުއްތިކުރަމުން ދިޔައިރު ދިވެހީން ވަނީ މާކަނޑަށް ނުކުމެ، އެ ކަނޑުގައި އުޅޭ އެންމެ ހަލުވި ކަޅުބިލަމަހަކީ ދިވެހީންގެ މައިގަނޑު ކެއުމަށް ހަދާފައެވެ. ދިވެހީންގެ މުރާލިކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަން ފެންނަން ނެތް ޒަމާނެއް ނެތެވެ.

ދިވެހީންގެ މުޅި ހަޔާތް ވަނީ ކަނޑަށް ބަރޯސާވެފައެވެ. ދިވެހީންގެ އިގުތިސާދުގެ ހިތަކީ ކަނޑެވެ. ދިވެހީންގެ އިގުތިސާދީ ލޭނާރާ ގުޅިފައި ވަނީ ވެސް ކަނޑެވެ. ދިވެހީން މި ތިރި ރަށްތަކުގައި ބިޔަ ބޮޑު ކަނޑެއްގެ މެދުގައި ދިރިއުޅެމުން އައިސްފައި މި ވަނީ ކަނޑުފަޅުތަކާއި، ގިރިހާހަލަށް އިތުބާރުކޮށްގެންނެވެ. ދިވެހީން ބޭނުންވާ ނަފާ ކަނޑުން ހޯދައިގެންނެވެ. ޒަމާނަށް އައި ބަދަލުތަކާއެކު ކަނޑުވެރި ސަގާފަތް ދަމަހައްޓައިގެންނެވެ.

މީލާދީން ނުވަވަނަ ގަރުނުގެ މެދުތެރޭގައި އަރަބި ވިޔަފާރިވެރިޔާ ސުލައިމާނު ލިޔުއްވާފައިވާ ގޮތުގައި އެއް ޒަމާނެއްގައި ބަންގާޅާއި، ސީނުކަރަ އާއި، އިރުދެކުނު އޭޝިއާއާއި، އެފްރިކާގެ ބޮޑެތި ސަރަހައްދުތަކުގައި ވިޔަފާރީގައި ބަދަލުކުރާ ވަސީލަތެއްގެ ގޮތުގައި (ފައިސާއެއްގެ ގޮތުގައި) ބޭނުންކުރީ ދިވެހިރާއްޖޭގެ ފަރުތަކުން ދިވެހީން ހިލާ ކުދި ބޮއްޔެވެ. ދުނިޔޭގައި ބަބުރުކަރައިގެ އަޅުން ގަނެވިއްކުމުގެ ވިޔާފާރި އެންމެ ފުޅާވެގެން ދިޔަ ޒަމާނުގައި 12000 ދިވެހި ބޮއްޔަށް 600 އާއި 500 އާ ދެމެދުގެ އަދަދަކަށް އަޅުން ދުނިޔޭގައި ގަނެ ވިއްކިއެވެ. ދުނިޔޭގެ ވިޔާފާރީގައި ދިވެހި ބޮލީގެ ދައުރު ހަނިވެ، ބޮލީގެ އަގު ވެއްޓިގެން ދިޔަޔަސް ދިވެހީން ގޮތެއް ހުހެއް ނުވެއެވެ. ކަނޑުވެރި ސަގާފަތުގެ ތެރެއިން ދިވެހި ކަނޑުމަހާއި، ރޯނާއި، ކުފުރާއާއި، ފޭރާންކުރުމުން ދިވެހި އިގުތިސާދަށް ދިރުން ގެނައެވެ. ދިވެހީންގެ އިގުތިސާދުގެ ލޭނާރަކީ މަސްވެރިކަން ކަމުގައި އޮތް ސަގާފަތް ދިވެހީން އައީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަކޮށްދެމުންނެވެ. މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމުދަނީއަށް ވުރެ ޤައުމަށް ބޭނުންވާ އާމުދަނީ އާއި އުފެއްދުންތެރިކަން އިތުރުކުރަން ޖެހުނު ހިނދު، ދިވެހީންނަށް ޤުދުރަތުން ދެއްވާފައިވާ ޤުދުރަތީ މުއްސަނދިކަމާއެކު ކަނޑުފަޅުތައް ފަތުރުވެރިކަމަށް ހުޅުވާލިއެވެ. ހަގީގަތުގައި އޭރު ވެސް އަދި މިހާރު ވެސް ދިވެހީން ބަރޯސާވެފައި މިވަނީ ހަމަ ކަނޑަށެވެ

ދިވެހީންނަކީ ކަނޑުގެ މައްޗަށް ގަދަވެގަނެގެން ދިރިއުޅޭ ކަނޑަށް ގަދަ ބައެކެވެ. ދިވެހި ކަނޑުތަކުގައި އުފެދޭ ބިޔަ ރާޅުތަކާއި ބޮޑެތި ބާނިތައް ކަފަމުން އެކި ބޭނުމަށް ދުއްވޭނެ އެކި މިނުގެ އޮޑި ދޯނިފަހަރު ފަރުމާ ކުރީ ދިވެހީން އަމިއްލައަށެވެ. ދިވެހީންގެ ފުން ކަނޑުތަކާއި ތިލަ ފަޅުތަކަށް އެންމެ އެކަށޭނަ ކިއްސަރަކަށް ދިވެހި އޮޑިދޯނިފަހަރު ބަންނަމުން އައީ ދިވެހި މާވަޑިންނެވެ. އޮޑިވެރީން އެދޭ ގޮތުގެ މައްޗަށް ކުރަހާލެވޭ އޮޑިދޯނިފަހަރުގެ ކުރެހުން އޮންނަނީ މާވަޑިޔާގެ ހިތުގައެވެ. ބޭނުންނަމަ ފެންތިލަށެވެ. ނޫނީ ގިނައިން މުދާ އުފުލާ ގޮތަށެވެ.

ލަކުޑި ބޮޑެތި ގަސްގަސް ކޮށާމަށައި ކޮނެގެން ބަރާދޯނި ހަދައިންގެ އުޅުނު ޤައުމުތަކަށް އޮޑިދޯނިފަހަރު ބަންނާނެގޮތް ދަސްކޮށްދިނީ ދިވެހީންނެވެ.

ދިވެހީންނަކީ ކަނޑު ދަތުރުފަތުރަށް ކުޅަދާނަ މޮޅު ބައެކެވެ. ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމާއި ހިސާބު ޢިލްމަށް އަރާތިބި ނިއަމިންނާއި ނެވިންނާއި ކަލާސީނުން މި ރާއްޖޭގައި ގިނައެވެ. މިފަދަ ކުޅަދާނަ މޮޅެތި މެތަމެޓީޝަނުންނާއި ނެވިގޭޓަރުން ގިނައިން ތިބީ ބޭރުދަތުރުކުރާ ފުރެއްދެއޮޑިފަހަރު ދުއްވި ރަށްރަށުގައެވެ. މި ސަރަހައްދުގެ އެހެން މީހުން ދަތުރުފަތުރުކޮށް ނޫޅޭ ސަރަހައްދުތަކަށް ދިވެހީން ގޮސް، ގުޅުންތައް ބަދަހިކޮށް، ވިޔަފާރީގެ މުއާމަލާތްތައް ހިންގާފައި ވަނީ ދިވެހީންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ޤާބިލުކަން ބޭނުންކޮށްގެންނެވެ.

ރަށްރަށާއި ސަހަރުތަކުގެ އައްސޭރިފަށް ފެންނަ ހިސާބުން ކަރަގޮނޑުން އެހެން މީހުން ކަނޑުދަތުރުފަތުރު ކުރަމުން ދިޔައިރު ދިވެހީން ދުނިޔޭގެ ބޮޑެތި ކަނޑުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް ދަތުރުފަތުރު ކުރިކުރުން ބިނާވެފައި އޮތީ އެކަމުގެ ޢިލްމާއި ހުނަރު އެނގިތިބުމުގެ މައްޗަށެވެ. އަދި ދިވެހިރާއްޖެއާއި ދިވެހީން ދަތުރުކުރި ސަރަޙައްދުގެ ކަނޑުފަޅުތަކާއި ގިރިތަކާއި ހާތައް ދަންނަކަމުގެ މައްޗަށެވެ.

ބައެއް ލަފުޒުތަކުގެ މާނަ:

ކަނޑުވެރި: ކަނޑުފަޅު ދަންނަ' ކަނޑާއި ލާމެހިގެން' ކަނޑަށް ބަރޯސާވެ‘ ކަނޑަށްގަދަވެ' ކަނޑުދަތުރަށްމޮޅުވެ މުޅިން ކަނޑަށްވެހިވެފައިވާ.

ކަނޑުވެރިކަން: ކަނޑުވެރި ސަގާފަތަކުން ދިރިދެމިތިބުމުގެ ޖަމާއީ އެންމެހައި ހުނަރާއި ގާބިލުކަމާއި ވިސްނުން.

  • މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *