އުފުލި ބުރަޔަށް ވުރެން ހާސްގުނަ ބަދަލު ކިހިނެއްތަ ހޯދާނީ؟
ނުފުރި އެއްވެސް ހިތެއް ނުމެވާ ނަފާ ކަމަކުން އެހެން ރެނީ؟
އިލާހީ ރުއްސެވުން ހޯދެން އަޅުންނަށް އެންމެ ކަމަކުންވެސް
ބިލާހެއް ޝައްކު ވަސްވާހެއް ނުވާ ޢަމަލެއް ކުރަން ލިބެނީ؟
ހިލާލުގެ ނޫރު މަޣްރިބުގައި ވިދާ ބަބުޅާ މަނާޒިރު ފަރި
ވިލާ ކޮޅަކާ ނިވައިނުވެ ހުރެ ދެކޭ ދެމެދަށް ވަގުތު ފެތެނީ؟
މަޢީޝަތުގައި ނުލައި އެކަމާ އުޅޭނަމަ ޖިސްމު ބަލިކަށިކޮށް
ޟަޢީފުވެދާ އެތައް ލައްޒަތު މުޅިން ދޫކޮށް ދުރަށް ލެވެނީ؟
ތިމާފަދަ އަޅުތަކުން ނިކަމެތި އުޅޭ ހައިހޫނުކަން އުފުލާ
ދިމާޔަށްފެންނަހިނދު އިހްސާސް ހިތުގެ ޖަޒުބާތުގައި ވިކަނީ؟
އަތާ ފެދަޔާ ދުލާ ބަނދެގެން ނުދީ ވީއްލުނަ ހިތުގެ އެދުމަށް
ފަތާފައިގޮސް ނުބެހި އޮއިގައި އަރަން އުޅަނދެއް އެހެން ލިބެނީ؟
ހަޔާތުގެ މަދު އަހަރު ތަކުގައި ލިބޭ ހެޔޮ ފުރުޞަތުން މަތިވެރި
ޙަޔާތް މުޅި އުޚުރަވީ ހޯދަން ލިބޭނެތަ ރޯދަމަސް ނޫނީ؟
