ސައިންސްގެ ތަހުލީލުތަކެއް ކުރަން ނާސާއިން އަހަރެމެންގެ އިރުގެ ނިޒާމު ކަމަށްވާ ސޯލާ ސިސްޓަމުން ބޭރަށް ފޮނުވައިލި ޖައްވީ އުޅަނދު ވޮޔެޖާ އެކެއްގެ އާލާތެއްގެ ކަރަންޓު ނިއްވައިލައިފިއެވެ.
އެ ގޮތުން ކޮސްމިކް ދޯދިތައް ދިރާސާކުރާ އާލާތެއްގެ ކަރަންޓު މިދިޔަ ހަފުތާގައިވަނީ ނިއްވައިލައިފައި ކަމަށް ނާސާއިން ބުންޏެވެ.
"ޗާޖްވެފައިވާ ޒައްރުތަކާއި ކޮސްމިކް ދޯދިތައް ދިރާސާކުރާ އާލާތެއް ވޮޔެޖާ ދޭކުން ވެސް މި މަހު ފަހުކޮޅު ނިއްވައިލައިނަން،" ނާސާއިން ބުންޏެވެ.
މިއީ ކަރަންޓު ސަލާމަތް ކުރަން ކުރި އަދި ކުރާނެ ކަމެއް ކަމަށާއި ބޭނުމަކީ ދެ އުޅަނދުގެ ދަތުރު ދިގު ދަމަހައްޓަން ކަމަށް އެމެރިކާގެ ޖައްވީ އިދާރާއިން ވޮޔެޖާގެ ކަންތައްތައް ބަލަހައްޓާ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގެ މަޝްރޫއު މެނޭޖަރު ސުޒޭން ޑޮޑް ނެރުނު ބަޔާނެއްގައި ބުންޏެވެ.
ވޮޔެޖާގެ ނަމުގައި ދެ އުޅަނދު ނާސާއިން އުދުއްސައިލީ 1977 ގައެވެ. މިހާރު ދެ ވޮޔެޖާ ވަނީ ސޯލާ ސިސްޓަމުން ނުކުމެ "އިންޓަސްޓެލާ" ނުވަތަ ތަރިތައް ހިމެނޭ ސަރަހައްދުތަކަށް މިސްރާބު ޖަހައިފައެވެ.
މި ދަތުރުގައި އަހަރެމެންގެ އިރުގެ ނިޒާމުގައި ހިމެނޭ އެންމެ ބޮޑު ޕްލެނެޓް ކަމަށްވާ ޖުޕިޓާގެ ވަށައިގެން އެނބުރޭ ހިލައިގެ ބޮޅަކާއި ސެޓާންގެ ގިނަ އަދަދެއްގެ ހަނދުތަކެއް ވޮޔެޖާ އެކަކަށް ވަނީ ފެނިފައެވެ. އަދި ޔުރެނަސް އާއި ނެޕްޓިއުން ކައިރިއަށް ދަތުރުކުރި ފުރަތަމަ އުޅަނދު ކަމަށް ވޮޔެޖާ ދޭއް ވަނީ ވެފައެވެ.
އަހަރެމެންގެ އިރުގެ ނިޒާމާއި އެ ނިޒާމުން ބޭރުގެ ސްޕޭސްއާ ބެހޭ ދިރާސާތައް ކުރުމަށް ދެ ވޮޔެޖާގައި ވެސް އިތުރު ތިން އާލާތެއްވެއެވެ.
ވޮޔެޖާ އެކެއް މިހާރު ވަނީ ދުނިޔެއާ 15 ބިލިއަން މޭލު ދުރުގައެވެ. ވޮޔެޖާ ދޭއް ވަނީ ދުނިޔެއާ 13 ބިލިއަން މޭލު ދުރުގައެވެ.
އެހެން އިރުގެ ނިޒާމެއްގައި ހިމެނޭ ޕްލެނެޓެއްގައި ދިރޭ މަހުލޫގުން ނުވަތަ "އޭލިއަނު"ން އުޅެފާނެ ކަމަށް ބަލައިފައި އަހަރެމެން އިންސާނުން ދިރިއުޅޭ މި ދުނިޔެ އޮތް ތަން އެ ފަދަ އޭލިއަނުންނަށް ދައްކުވައިދޭ ޗާޓަކާއި ފިރިހެނަކާއި އަންހެނެއްގެ ސިފަ ކުރަހައިފައިވާ ކުރެހުމަކާއި ދުނިޔޭގެ އަޑުތަކާއި މިއުޒިކްތައް ހިމެނޭ ދެ ޑިސްކް މި ދެ ވޮޔެޖާއަށް ލައިފައިވެއެވެ.



advertisment