ނަފަޤަތުން ހެޔޮ ފޯރުކޮށްދޭން ޚާއްޞަ މީ މޮޅު މައްސަރެއް
ރަނގަޅު ތަކެތީން ނިކަމެތީންނަށް ވާންވިދީލަތި މައްސަރެއް
ނުފުދިފައި މުހުތާދުތައް ތިބި ދެރަ ފަޤީރުންނަށްޓަކައި
އުފުލުމަށް ޚައިރާތު ރަޙުމާ ކުލުނުގައި އޮތް މައްސަރެއް
ދަރުމަ އެދިގެން ނުވަތަ ޚާލިޞް ސާފުހިތަކުން ނަމަވިޔަސް
ވަރުވަރުން ޞަދަޤާތް ފަޤީރުންނަށް ދިނުން ހެޔޮ މައްސަރެއް
ގާތްތިމާގެ ކަމާއި ރަޙިމުގެ އެންމެ މަތިވެރި ހެޔޮ ގުޅުން
މާތްވިދީނުގެ ޚާއްޞަ އިޚުވަތު އާކުރަންވީ މައްސަރެއް
ނުނިޔަތާ ޙަސަދައިގެ ބަލިމަޑުކަން ހިތާ ނަފުސުގެ ތެރޭ
ފުނިފުނިންހުރި ނެރެ މުޅިން ހުސްކޮށް ލެވޭންވީ މައްސަރެއް
ބަދުބަހާ ޣީބައިގެ ބަސްތައް މީހުނަށް ބުނެ ނުހެދުމަށް
ހަނދުމަކޮށް ފަރުވާ ބަހައްޓައިގެން އުޅޭންވީ މައްސަރެއް
ރޯދައިން ދެއްވާ ސަވާބާ ދަރުމައެއް އުނިކޮށް ނުލައި
ހޯދުމަށް އަތުކުރި އޮޅައި ގަދަވެސް އަޅަންވީ މައްސަރެއް