Support Us

އިނގިރޭސި ސައިންސްވެރިޔާ ސްޓީފަން ހޯކިން އަދި އޭ.އައި ޓެކްނޮލޮޖީ ހިމަނައިފައިވާ ރޮބޮޓެއް

އޭ.އައިއާ ގުޅޭ ގޮތުން ސްޓީފަން ހޯކިން ދިން އިންޒާރު– ކިހާވަރެއްގެ ތެދެއް؟

މި ކައުނާ ބެހޭ ގޮތުން އާ ހޯދުންތަކެއް ހޯދައި އާ ވިސްނުންތަކެއް ތައާރަފުކުރި އިނގިރޭސި ސައިންސްވެރިޔާ ސްޓީފަން ހޯކިން 2018 ގައި، އުމުރުން 76 އަހަރުގައި ނިޔާވުމުގެ ކުރިން މުހިންމު މެސެޖެއް ދިނެވެ. ވަގުތަކީ ކޮން އެއްޗެއްކަން ދޭހަކޮށްދޭ "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" ("ވަގުތުގެ ކުރު ތާރީހެއް") ފޮތް ލިޔެގެން އިލްމްވެރިންގެ ވިއުގައިގެ އިތުރުން އާއްމު މީހުންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދި ސްޓީފަން ބުނެފައިވަނީ "މަސްނޫއީ ވިސްނުން" ނުވަތަ ”އާޓިފިޝަލް އިންޓެލިޖެންސް" (އޭ.އައި) ވެގެން އަންނާނީ އިންސާނީ ޙަޟާރަތަށް އެއް ގޮތަކުން ފައިދާ ހުރި އަދި އަނެއް ގޮތަކުން ފަނާކުރަނިވި ޓެކްނޮލޮޖީއަކަށް ކަމަށެވެ.

ސްޓީފަން ދުށީ އޭ.އައި ބޭނުންކޮށްގެން ބަލިތަކާއި ފަގީރުކަން ނައްތައިލައި އަދި އެކި ސިނާއަތްތަކުން ތިމާވެށްޓަށް ދެމުންދާ ގެއްލުންތަކުގެ މައްސަލަ ވެސް ހައްލުކުރެވިދާނެ ކަމަށެވެ. ނަމަވެސް ހަމައެއާއެކު ނާމާން ނަތީޖާއެއް ނުކުމެދާނެ ކަމަށް ވެސް އޭނާ އިންޒާރު ދިނެވެ. އެއީ އަމިއްލަ ޒާތުގައި އަމިއްލަ ބާރުގައި ހަރަކާތްކުރާ ހަތިޔާރާއި އިގުތިސާދީ ހަލަބޮލިކަމާއި ނުވަތަ އަމިއްލަ ހިތްވަރާއި އިހުތިޔާރުގައި މަސައްކަތްކުރާ އޭ.އައި ނިޒާމުތަކެއް އުފެދޭނެ ކަމެވެ. މި ފަދަ އޭ.އައި ސިސްޓަމްތައް ވެގެންދާނީ އަހަރެމެން އިންސާނުންގެ ބޭނުންތަކާ ފުށުއަރާ ގޮތަށް އަމަލުކުރާ އޭ.އައި ޓެކްނޮލޮޖީތަކެއް ކަމަށް ސްޓީފަން ބުނެފައިވެއެވެ.

އޭނާގެ މި އިންޒާރަށް މިހާރު ދަހަރެއް ވެއްޖެއެވެ. މިހާރަށް ބަލާއިރު މި ވިސްނުމާ އެއްގޮތަށް އަހަރެމެންނަށް ދުނިޔެއިން ކަންތައްތަކެއް ފެންނަން ފަށައިފި ހެއްޔެވެ؟

"އިންޓެލިޖެންސް" ނުވަތަ ވިސްނުމަކީ އިންސާނާގެ އެންމެ އަސާސީ ސިފަކަމަށް ސްޓީފަން ބުނެފައިވެއެވެ. އިންސާނީ ޙަޟާރަތަށް ލިބިފައިވާ ހުރިހާ ކުރިއެރުންތަކަކީ އިންސާނާގެ ސިކުނޑީގެ ވިސްނުމުން ނެރުނު ނަތީޖާތައް ކަމަށް އޭނާ ބުނެފައިވެއެވެ. އެ ގޮތުން އަލިފާން އުފެއްދޭ ގޮތް އެއް މިލިއަން އަހަރު ކުރިން އިންސާނުންނަށް ހޯދައިގަތް ހިސާބުން ފެށިގެން ދަނޑުވެރިކަމުން ކާބޯތަކެތި އުފެއްދުމާއި ކައުނުގެ ސިއްރުތައް ހޯދައިގަތުން ހިމެނޭ ކަމަށް ސްޓީފަން ބުނެފައިވެއެވެ.

އޭ.އައި ރޮބޮޓެއް ތަގުރީރެއް ދެނީ

"އަހަރެން ގަބޫލުކުރާ ގޮތުގައި އިންސާނެއްގެ ސިކުނޑިންނާއި ކޮމްޕިއުޓަރެއްގެ 'ސިކުނޑި’ން ނެރެވޭނެ ނަތީޖާތަކުގެ ދެމެދުގައި މާ ބޮޑު ފަރަގެއް ނެތް. މިހެންވެ، އުސޫލެއްގެ ގޮތުން ބަލާއިރު، އިންސާނުންގެ ވިސްނުން ހުންނަ ގޮތް ކޮމްޕިއުޓަރުތަކަށް ވެސް ކޮޕީކުރެވިދާނެ. އަދި އިންސާނުންގެ ވިސްނުމަށްވުރެ މާ ބޮޑަށް ކުރިއަރާވެސްފާނެ،" ސްޓީފަން ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ މަސްނޫއީ ވިސްނުން އުފެއްދުމުން ލިބޭ ފައިދާތައް ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް އަހަރެމެން އިންސާނުންގެ ވިސްނުން އޭ.އައި ބޭނުންކޮށްގެން އިތުރަށް ތަރައްގީ ކުރުމުން ލިބިދޭނެ ފައިދާ އަދި މުޅިއަކުން ސާފު ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި އާ ޓެކްނޮލޮޖީގެ އިންގިލާބު ގެނުވި އާލާތްތައް ބޭނުންކޮށްގެން ސިނާއީ މަސައްކަތްތަކުން ގުދުރަތީ މާހައުލަށް ލިބިފައިވާ ބައެއް ގެއްލުންތައް ރަނގަޅު ކުރެވިދާނެ ކަމަށް ސްޓީފަން ބުނެފައިވެއެވެ. އަދި ހަމަ ޔަގީނުން ވެސް ބަލިބައްޔާއި ފަގީރުކަން ނައްތައިލުމަށް އެންމެ ފަހުން ހިތްވަރެއް ލެވިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

"ކުރުކޮށް ބުނާ ނަމަ އޭ.އައި އީޖާދުކުރުމުގެ ކާމިޔާބީއަކީ އިންސާނީ ޙަޟާރަތުގެ ތާރީހުގައި ފާހަގަ ކުރެވޭ އެންމެ މުހިންމު ކަންކަމަށް ވެދާނެ،" ސްޓީފަން ބުނެފައިވެއެވެ.

އޭ.އައި ރޮބޮޓަކާ އަންހެނަކު މަޝްވަރާކުރަނީ

ނަމަވެސް އަނެއްކޮޅުން، އޭ.އައިއިން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވާން ދަސްނުވެއްޖެ ނަމަ އޭ.އައި ވެގެންދާނީ އިންސާނީ ޙަޟާރަތަށް ލިބޭނެ އެންމެ ފަހު ކުރިއެރުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"އޭ.އައިގެ ފައިދާތަކާއި ހަމައެއާއެކު ގެއްލުންތަކެއް ވެސް ލިބޭނެ. މިސާލަކަށް، އަމިއްލަ ޒާތުގައި އަމިއްލަ ބާރުގައި މަސައްކަތްކުރާ ހަތިޔާރު. ނުވަތަ ބާރު ލިބިފައިވާ ފަރާތްތަކުން ނިކަމެތިން ދަށުކޮށްލައިފައި ބޭތިއްބުމަށް ވެސް އޭ.އައިގެ ނާޖާއިޒު ފައިދާ ނަގާފާނެ. މި ކަމުގެ ސަބަބުން އަހަރެމެންގެ އިގުތިސާދަށް ބޮޑެތި ލޮޅުންތައް އަރާނެ. އަދި ކުރިމަގުގައި އިންސާނުން ބޭނުންވާ ކަންތައްތަކާއި އޭ.އައިއިން ބޭނުންވާ ކަންތައްތައް ފުށުއަރާފާނެ،" ސްޓީފަން ބުނެފައިވެއެވެ.

ކުރުކޮށް ބުނާ ނަމަ، ވަރުގަދަ އޭ.އައި ޓެކްނޮލޮޖީތައް ކުރިއެރުމުން އިންސާނިއްޔަތަށް ލިބޭނީ އެއްކޮޅުން އެންމެ ބޮޑު ފައިދާ ކަމަށްވާއިރު އަނެއްކޮޅުން އެންމެ ބޮޑު ގެއްލުން ކަމަށް ސްޓީފަން ބުނެފައިވެއެވެ.

"ނަމަވެސް އަހަރެމެންނަށް އަދި ނޭނގޭ މީގެ ތެރެއިން އާހިރުގައި ނުކުންނާނީ ކޮން ނަތީޖާއެއް ކަމެއް،" ސްޓީފަން ބުނެފައިވެއެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *