ހަވާނަފުސުގެ އަވައިގައި ގެއްލިގެންދިޔަ ވަގުތު ހަނދުމަވެޔޭ
ސަވާރުގެ އޭގެ ބުރިކަށްޓަށް އުޅުނު މަންޒަރު ހިތަށް ފެނެޔޭ
އެނބުރިދާން މަޙްޝަރަށް ޖެހުނަސް އެއާމެދު ޣާފިލުވެ ހުރުމުން
ލެނބުނު ލައްޒަތުގެ ދަރުބާރުގެ އުފާ ފާފައިގެ ގިނަގުނަޔޭ
ނަސޭހަތަކީ އަހަންވާ އެއްޗަކަށް ނަހަދައި އުޅުނު އުޅުމުން
ފަސޭހަ ނުވާ ޒަޚަމުތައްލައި ހިތާ ނަފުސާ ޟަޢީފުވިޔޭ
ސަލާމަތް ނަފުސުކުރުމަށް މީ ލިބުނު ހެޔޮ ފުރުޞަތެއްކަން ދަނެ
ފަލާޙުގެ މަގު ޚިޔާރުކުރަން މިދަނޑިވަޅު ހެޔޮވެފައި ފުދެޔޭ
ފެޔަށް ދީނާ ދެވުނު މިންވަރު މިހިނދު ރިޔަނުން ވަޒަން ކުރުމުން
މެޔަށް ތަދު ނުވެނުދާހައި މިންވަރަށް ފޭ ވެވުނުތަން ފެނެޔޭ
ދޮރުން ތައުބާގެ ވަދެ އިސްވީ ކުށާ ފާފައިގެ މައްޗަށް ރޮއި
ފޮރުވި ބޮޑު ކުށްކުށާ ފާފައިގެ އިޤްރާރުން ނުރޮއި ނުވެޔޭ
ކަނާތަށް ފަތްލިބޭތޯ ގަދައަޅައި ތައުބާވެ ސީދާވާން
ފަނާނުވަނީސް ޙަޔާތުގެ ބައްތިނިވި އިޞްލާޙް ވާންވީޔޭ