އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭ.އައި ބޭނުންކޮށްގެން ހަގީގީ އަންހެނެއްގެ ސިފަ ޖައްސައިގެން އުފައްދައިފައިވާ އަންހެން "ލޯބިވެރިއެއް"ގެ މަޅީގައި ޖެހި ޗައިނާގެ ފިރިހެނަކު 28،000 ޑޮލަރު (431،480ރ.)ގެ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެއެވެ.
ޖިއާއޯގެ ނަމުން ނަން ދީގެން ސްކޭމަރުން އުފެއްދި އޭ.އައި "އަންހެނެއް"ގެ ސިފައިގައި ސްކޭމަރުން ވަނީ ލިއު ނަމަކަށް ކިޔާ ފިރިހެނަކާ ދުރު ރާސްތާގެ ލޯބީގެ ގުޅުމެއް ބާއްވައިފައި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު ބުންޏެވެ.
ސްކޭމަރުން ވަނީ އޭ.އައި ސޮފްޓްވެއާ އާއި އެޕް ބޭނުންކޮށްގެން އުފެއްދި ޖިއާއޯގެ ވީޑިއޯތަކާއި ފޮޓޯތައް ދައްކައިގެން އެއީ ހަގީގީ އަންހެނެއް ކަމަށް ދައްކައި، ޖިއާއޯ ވިޔަފާރިއެއް ފެށުމަށާއި ޖިއާއޯގެ ތިމާގެ މީހެއްގެ ހޮސްޕިޓަލް ބިލްތަކަށްވާ ފައިސާ، ޖިއާއޯގެ ނަމުގައި ސްކޭމަރުން އުފައްދައިފައިވާ ބޭންކް އެކައުންޓަކަށް ލިއު ލައްވާ ޖަމާކުރުވައިފައެވެ.
ސްކޭމަރުން ވަނީ ޖިއާއޯގެ ނަމުގައި ސައްހަ ނޫން އައިޑެންޓިޓީ ކާޑެއް ވެސް ހަދައި، އަދި ޖިއާއޯގެ ތިމާގެ މީހާކަމަށް ބުނި މީހާގެ ފޭކް މެޑިކަލް ރިޕޯޓްތަކެއް ވެސް ހަދައިފައެވެ.
"މި ހުރިހާ ކަމެއް ހިނގިއިރު، ސްކޭމަރުންގެ ޝިކާރައަކަށްވި ލިއު، ޖިއާއޯ ނަމަކަށް ކިޔައިގެން އުޅުނު އޭ.އައި 'އަންހެންމީހާ’އާ ސީދާސީދާ ބައްދަލެއް ނުވޭ،" ފުލުހުން ބުންޏެވެ.
ސްކޭމަރުން ލިއުއަށް ފޮނުވި ފޮޓޯތަކުގެ ތެރޭގައި ޖިއާއޯ ކުރެހުމެއް ކުރަހާށާއި މަގެއްގެ މަތީގައި ހުންނަ މަންޒަރު ވެސް ދައްކުވައިދީފައިވެއެވެ.
އޭ.އައި ބޭނުންކޮށްގެން ހަގީގީ ސިފަ ޖައްސައިގެން އުފައްދާ ލިޔުމާއި ފޮޓޯގެ އިތުރުން ލައިވްކޮށް ވީޑިއޯ ހެދުމުގެ ހުނަރު ވެސް އޭ.އައި ކުންފުނިތަކުން މިހާރު ތަރައްގީކޮށްފައިވެއެވެ.
ފޭސްބުކް އާއި ވަޓްސްއެޕް ހިންގާ މެޓަ ކުންފުނިން މި މަހު ކުރީކޮޅު ބުނީ އިންޓަނެޓް ބޭނުންކުރާ މީހުން މި ފަދަ ސްކޭމްތަކާމެދު ހުށިޔާރުވެ ހުރުން މުހިންމު ކަމަށެވެ. ސަބަބަކީ ސްކޭމަރުން އުފައްދާ މި ފަދަ "ލޯބިވެރިން" ކަމަށް ހެދިގެން އުޅޭ އޭ.އައި "އަންހެނުން" ފިރިހެނުންނަށް ލޯބި ހުށަހަޅާތީއެވެ.
"ނަމަވެސް މި ފަދަ އޭ.އައި 'އަންހެނުން' އުފައްދައިގެން ސްކޭމަރުން މި ކުރާ ކަމަކީ ފިރިހެނުންގެ އަތުން ފައިސާ ހޯދުމަށް މަސައްކަތްކުރުން،" މެޓަ ކުންފުނިން އިންޒާރު ދިނެވެ.



advertisment