Support Us

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު (ވ) ވާހަކަދައްކަވަނީ

ދިވެހި ހައްޖާޖީން މި އަހަރު އުފުލާނީ "މޯލްޑިވިއަން"ގައި

ދިވެހި ހައްޖާޖީން މި އަހަރު ސައުދީ އަރަބިއްޔާއަށް ގެންދާނީ ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ "މޯލްޑިވިއަން"ގައި ކަމަށް  ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން ބޭއްވީ އިސްލާމީ މަރުކަޒުގައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަތެވެ. މި އެއްބަސްވުމުގައި "މޯލްޑިވިއަން" ހިންގާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީ މެނެޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްއެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.

އައި.އޭ.އެސް.އެލްއާ ހައްޖު ކޯޕަރޭޝަނާ ދެމެދު ގާއިމުކުރި މި ގުޅުމުގެ ދަށުން ހައްޖު ކޯޕަރޭޝަންގެ ދަށުން ރާއްޖޭގެ 500 ހައްޖާޖީން ސައުދީ އަރަބިއްޔާއަށް "މޯލްޑިވިއަން"ގައި ދަތުރުކުރާނެއެވެ. މިއީ ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅި ހައްޖާޖީންގެ ކޯޓާގެ 50 ޕަސެންޓެވެ.

މި ހައްޖާޖީން ސައޫދީ އަރަބިއްޔާއަށް ދަތުރުކުރަން ހަމަޖައްސައިފައިވަނީ "މޯލްޑިވިއަން"އަށް އެންމެ ފަހުން ގެނައި އެއާބަސް އޭ-330 މަރުކާގެ މަތިންދާބޯޓުގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އިބްރާހީމް ވިދާޅުވީ މި ތާރީހީ މަރުހަލާ ހަމަޖެހިގެންދިޔައީ ސަރުކާރުގެ ތަރުހީބާއެކު ކަމަށެވެ. އެ ގޮތުން "މޯލްޑިވިއަން"އަށް ވައިޑްބޮޑީ މަތިންދާބޯޓު ގެނައުން އޭނާ އަލިއަޅުވާލެއްވިއެވެ. މި ކަމުގެ ސަބަބުން ފާހަގަ ކުރެވޭ މިންވަރަކަށް ބައިނަލްއަގުވާމީ މައިދާނުގައި "މޯލްޑިވިއަން"ގެ އުދުހުންވަނީ ފުޅާކުރެވިފައެވެ.

"މޯލްޑިވިއަން"އިން ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައިވަނީ ވައިގެދަތުރުފަތުރުގެ ވިއުގައެއް ގާއިމުކޮށްފައެވެ. އެ ގޮތުން އެ އެއާލައިނުން ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓަށާއި އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަށް ވެސް ދަތުރުކުރެއެވެ. ރާއްޖޭގައި އެއްގަމަށް ޖައްސާ އެންމެ ގިނަ މަތިންދާބޯޓު އޮތީ "މޯލްޑިވިއަން"ގައެވެ. އަދި ފަތުރުވެރިން އުފުލުމަށް ކަނޑަށް ޖައްސާ ސީޕްލޭންގެ ހިދުމަތް ވެސް ފޯރުކޮށްދެއެވެ.

"މޯލްޑިވިއަން"ގައި މި ވަގުތު ޖުމްލަ 25 މަތިންދާބޯޓުވެއެވެ. އޭގެ ތެރޭގައި އޭ.320 މަރުކާގެ އެއް މަތިންދާބޯޓާއި އޭ.330-200 މަރުކާގެ އެއް މަތިންދާބޯޓާއި ޑޭޝް 8 ގެ އަށް މަތިންދާބޯޓާއި ޑީ.އެޗް.ސީ ޓްވިން އޮޓާގެ 11 މަތިންދާބޯޓާއި އޭ.ޓީ.އާރްގެ ހަތަރު މަތިންދާބޯޓުވެއެވެ.

"ރާއްޖެ އާއި ދުނިޔޭގެ މުހިންމު މަންޒިލްތަކާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ބޮޑުވަމުންދާ ޑިމާންޑަށް ތައްޔާރުވަމުން އަންނަނީ،" އައި.އޭ.އެސް.އެލް.އިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

"މޯލްޑިވިއަނުން ދޭހަކޮށްދެނީ ރާއްޖޭގެ ރޫހު. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މި ޖަޒީރާ ގައުމުގެ ލޮބުވެތި މެހެމާންދާރީކަމަށް އަލިއަޅުވައިލައި ލާމަސީލު ވައިގެދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްކަން،" އައި.އޭ.އެސް.އެލްގެ ބަޔާން ނިންމައިލަމުން ބުންޏެވެ.