ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން"އަށް ޔޫރަޕްގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ބެހޭ އިދާރާ، ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އީ.އޭ.އެސް.އޭ) 12 ވަނަ ޕާޓް 145 ގެ ސެޓްފިކެޓް ލިބިއްޖެއެވެ.
މި ތާރީހީ ކާމިޔާބާ ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުމާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައި.އޭ.އެސް)އަށް މަރުހަބާ ވިދާޅުވެފައެވެ.
"އޭވިއޭޝަން މެއިންޓެނަންސްގެ ދާއިރާއިން މި ކާމިޔާބު ލިބުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގައުމީ އެއާލައިން އިސްލާހު ކުރެއްވުމާއި ޒަމާނީ ކުރެއްވުން އަވަސްކުރެއްވުމަށް ކުރެއްވިކަމުގެ ނަތީޖާ. ރައީސް ޑޮކްޓަރ މުއިއްޒުގެ އިސްނެންގެވުމުގެ ސަބަބުން މި ކަމަށް މަގުފަހިވުމުން މި ކަމަށް ތަހުނިޔާ ދަންނަވަން،" އެކްސްގައި އަމީން ލިޔުއްވިއެވެ.
މަތިންދާބޯޓުފަހަރުގެ މެއިންޓެނަންސްގެ މަސައްކަތަށް ދޭ މި ސެޓްފިކެޓު ލިބުމުން މިއީ ރާއްޖޭގެ އެއާލައިނަކަށް މި ސެޓްފިކެޓް ލިބުނު ފުރަތަމަ ފަހަރު ކަމަށް އައި.އޭ.އެސް.އިން މިއަދު ބުންޏެވެ.

"މީގެން ރަމްޒުކޮށްދެނީ އެއާކްރާފްޓް މެއިންޓެނަންސް އޯގަނައިޒޭޝަންގެ 12 ވަނަ ޕާޓްގެ 145 އެޕްރޫވަލް އައި.އޭ.އެސް.ގެ އިންޖިނިއަރިންނަށް ލިބުނުކަން. މީގެ ތެރޭގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ބޭރުގެ 11 ސިވިލް އޭވިއޭޝަނުން ލިބުނު އެޕްރޫވަލް ހިމެނޭ. މި ކަމުން ދައްކައިދެނީ އޭވިއޭޝަން މެއިންޓެނަންސްގެ ދާއިރާއިން ލިބުނު ރީތި ނަން ވަރުގަދަވިކަން،" އައި.އޭ.އެސް.އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ކަމުގެ ސަބަބުން ޔޫރަޕްގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓުފަހަރަށް ސީދާ މެއިންޓެނަންސް ހިދުމަތް ދިނުމަށް އައި.އޭ.އެސް.އަށް މަގުފަހިވީއެވެ.
"އައި.އޭ.އެސް.އަކީ ބައިނަލްއަގުވާމީ އެތައް އެއާލައިނަކަށް ގިނަ ދުވަސްތަކެއް ވަންދެން މެއިންޓެނަންސް ހިދުމަތް ދިނުމުގައި އިތުބާރު ހޯދައިފައިވާ ކުންފުންޏެއް. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ އެއާލައިންތަކެއް. މިހާރު މި ލިބުނު ސެޓްފިކެޓްގެ ސަބަބުން އިތުރު ބައިނަލްއަގުވާމީ އެއާލައިންތަކަށް ހިދުމަތް ދޭން މި މަގުފަހިވީ،" އައި.އޭ.އެސް.އިން ބުންޏެވެ.
"މި ސެޓްފިކެޓްގެ ސަބަބުން ފާހަގަ ކުރެވޭ މިންވަރަކަށް ކުރިމަގުގައި އެއާލައިނާއި ފަސިންޖަރުން އިތުރު ކުރުމަށް މަގުފަހިވާނެ. ސަޓިފައިކޮށްފައިވާ މެއިންޓެނަންސް ހިދުމަތާއި އޮން-ސައިޓް ސަޕޯޓް އަހަރެމެންގެ މިހާރު ތިބި އެއާލައިން ޕާޓްނަރުންނަށް ފޯރުކޮށްދެވޭނެ. މި ކަމުގެ ސަބަބުން އޮޕަރޭޝަން ހިންގާ ވަގުތުގައި މަތިންދާބޯޓަކަށް ކުރިމަތިވެދާނެ ކޮންމެ މައްސަލައެއް ވެސް ވަގުތުން ހައްލުކޮށްދެވޭނެ. މި ކާމިޔާބުން ފާހަގަކޮށްދެވެނީ އަހަރެމެން ފޯރުކޮށްދޭ ރަނގަޅު ފެންވަރުގެ ހިދުމަތާއި ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް އަހަރެމެންނަށް ހިދުމަތް ދެވޭކަން. މޯލްޑިވިއަންގެ މަތިންދާބޯފަހަރުގެ މެއިންޓެނަންސް އިންޖިނިއަރުންނާއި މެކޭނިކުންނާއި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އިތުރު ވަޒީފާތައް ލިބުމަށް މަގުފަހިވެގެންދާނެ،" މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް އިންޖިނިއަރިން އޮޕަރޭޝަންސް މުހައްމަދު ހަސަން ވިދާޅުވިއެވެ.
މި ވަގުތު ފުރިހަމައަށް މެއިންޓެނަންސްގެ ހިދުމަތް އައި.އޭ.އެސް.އިން ދޭ މަތިންދާބޯޓުފަހަރުގެ ތެރޭގައި އެއާބަސް އޭ.320 މަރުކާ އާއި އޭ.330 އާއި އޭ.350 އާއި ބޮއިންގް 737، 767، 777، އަދި 787 މަރުކާ އާއި ސެސްނާ 150/152.އެފް އާއި ޓެކްނަމް ޕީ.2006.ޓީ އާއި ޑީ.އެޗް.ސީ-6 އާއި ޑީ.އެޗް.ސީ-8 އަދި އޭ.ޓީ.އާރް-42/72 މަރުކާ ހިމެނެއެވެ.
މި ވަގުތު އައި.އޭ.އެސް އިންޖިނިއަރިންގްއިން ބައިނަލްއަގުވާމީ 30 އެއާލައިނަކަށް ލައިން މެއިންޓެނަންސްގެ ހިދުމަތް ދެއެވެ. އީ.އޭ.އެސް.އޭ ޕާޓް-145 ސެޓްފިކެޓު ލިބުމުގެ ސަބަބުން އައި.އޭ.އެސްގެ ގާބިލިއްޔަތު ފުޅާވުމުގެ އިތުރުން ދުނިޔޭގެ ވައިގެދަތުރުފަތުރު ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަކަށް އައި.އޭ.އެސް ވީއެވެ. މި ސެޓްފިކެޓްގެ ސަބަބުން އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އައި.އޭ.އެސް.އަށް މަގުފަހިވީއެވެ. އަދި މަތީ ކޮލިޓީގެ މެއިންޓެނަންސް ހިދުމަތްތައް ބޭނުންވާ އާ އެއާލައިންތައް ހޯދުމަށް ވެސް މަގުފަހިވީއެވެ.
ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންއިން އެތެރޭގެ އަދި ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ ވިއުގަ ފުޅާ ދާއިރާއެއްގައިވަނީ ގުޅުވައިލައިފައެވެ. މޯލްޑިވިއަންއިން 16 ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލްއަގުވާމީ މަންޒިލަށް ދަތުރުކުރެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ އަދި އެހެނިހެން ގައުމުތައް ހިމެނެއެވެ. ރާއްޖޭގައި އެއްގަމަށް ޖައްސާ މަތިންދާބޯޓުފަހަރު އެންމެ ގިނައިން އޮތީ މޯލްޑިވިއަންގައެވެ. އަދި ޓޫރިސްޓުން އުފުލުމަށް ކަނޑަށް ޖައްސާ ސީޕްލޭން ވެސް އޮޕަރޭޓްކުރެއެވެ.
މޯލްޑިވިއަންއިން މިހާރު 25 މަތިންދާބޯޓު އޮޕަރޭޓްކުރެއެވެ. އޭގެ ތެރޭގައި އޭ.320 މަރުކާގެ އެއް މަތިންދާބޯޓާއި އޭ.330-200 މަރުކާގެ އެއް މަތިންދާބޯޓާއި ޑޭޝް އަށެއްގެ އަށް މަތިންދާބޯޓާއި ޑީ.އެޗް.ސީ-6 ޓްވިން އޮޓާގެ 11 މަތިންދާބޯޓާއި ހަތަރު އޭ.ޓީ.އާރް ހިމެނެއެވެ. މޯލްޑިވިއަން މިހާރު އަންނަނީ ރާއްޖެ ބޭރު ދުނިޔޭގެ މަންޒިލްތަކާ ގުޅުވައިލަދޭނެ ދަތުރުފަތުރަށް އިތުރުވަމުންނަ އަންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.
"މޯލްޑިވިއަނުން ދޭހަކޮށްދެނީ ރާއްޖޭގެ ރޫހު. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މި ޖަޒީރާ ގައުމުގެ ލޮބުވެތި މެހެމާންދާރީކަމަށް އަލިއަޅުވައިލައި ލާމަސީލު ވައިގެދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްކަން،" އައި.އޭ.އެސްގެ ބަޔާން ނިންމައިލަމުން ބުންޏެވެ.



advertisment

