Support Us

މުޖުތަމަޢީ ޒިންމާއެއް ނޫން؟ ހަމައެކަނި ފަރުދީ ޒިންމާ؟

މިހާރަކަށް އައިސް މާ ގިނައިން އިވޭ އަޑެކެވެ. ވަރަށް ގިނައިން ތަކުރާރުވާ ނަސޭހަތެކެވެ. ދައުލަތުގެ ކަމާބެހޭ ވެރީންނާއި މުއައްސަސާތަކުން ހަނދާންކޮށްދޭ އިރުޝާދެކެވެ. މި ފަހަކަށް އައިސް ހުކުރު ޚުޠުބާގައި ވެސް ވަރަށް ގިނައިން އިއްވޭ "ވަޢުޡެކެވެ." ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދަށް ޢަމަލުކުރުމުގެ މުހިއްމު ވާހަކައެވެ. އެއީ ފަރުދީ ޒިންމާއެކެވެ. ޚާއްޞަކޮށް ކޮވިޑްގެ ނަމާ ގުޅިގެން މި ވާހަކަ އިވޭލެއް ވަރަށް ގިނައެވެ.

ރަނގަޅު ވާހަކައެކެވެ. ހެޔޮ ނަސޭހަތެކެވެ. ކޮންމެ ފަރުދަކު ވެސް އެ މީހަކު އުފުލާން ޖެހޭ ޒިންމާއެއް އުފުލާން ޖެހޭނެއެވެ. އެކަމަކު އެ އެއްޗެއް އުފުއްލޭނީ އެ އެއްޗެއް އެނގިގެން ފެނިގެންތާއެވެ. އޭގެ ބުރަކަމާއި ބަރުކަން ވެސް ވަޒަން ކުރެވިގެންތާއެވެ. އެންމެންނަށް އުފުއްލޭވަރުގެ އެއްޗެއް ނަމަ، ހަމަ ގައިމުވެސް އެކަކަށް ނޫފުއްލޭނެތާއެވެ! ވީމާ، މިހާ ލުއިލުއިކޮށް ފަރުދީ ޒިންމާގެ ވާހަކަ މި ދައްކަނީ ގިނަ މީހުންނަށް އެކަން އެނގި ތިބެ ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. އެއީ ކިހިނެއް އޮންނަ ކިހާ ވަރެއްގެ އެއްޗެއްބާވައެވެ! އެކަކަށް އުފުލޭވަރުގެ ލުއިލުއި އެއްޗަކީބާވައެވެ!

އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުން، 'ޒިންމާ' އޭ މި ކިޔަނީ އަދާކުރާންޖެހޭ ވާޖިބަށެވެ. ނުވަތަ އުފުއްލާން ޖެހޭ މަސްއޫލިއްޔަތަށެވެ. ނުވަތަ އެއީ ކަމެއް ބޮލުގައި އެޅުމެވެ. އެހެންވީމާ ޒިންމާދާރުވުމަކީ ތިމާ އުފުލާންޖެހޭ ތިމާ ބޮލުގައި ނުވަތަ ކޮނޑުގައި އަޅައިގެން އުޅޭ މަސްއޫލިއްޔަތު އުފުލައި، ތިމާ އަދާކުރާންޖެހޭ ވާޖިބު އަދާކުރުންކަން އެބަ އެނގެއެވެ. ދިވެހީންނަކީ، ހަމަ ގައިމު ވެސް ގިނަ ދިވެހީންނަކީ ބަސްއަހާ، ކިޔަމަންތެރި އިޚުލާޞްތެރި ބަޔެކެވެ. ފަރުދެއްގެ ހައިސިއްޔަތުން އުފުއްލާންޖެހޭ ކޮންމެ ޒިންމާއެއް އިޚުލާޞްތެރިކަމާއެކު އުފުލާ ތެދުވެރި ބަޔެކެވެ. ކޮވިޑާ ގުޅިގެން ވީ ފުރަބަންދާއި، ގެއްލުނު ވަޒީފާއާއި، ބަންދުވި އާމްދަނީގެ ދޮރުތަކާއެކު ވެސް ދިވެހީން ތިބީ ބަސް އަހައިގެންނެވެ. ޒިންމާ އުފުއްލައުފުއްލައެވެ.

ކޮވިޑް19 އާ ގުޅިގެން ރައްޔިތުން ނޫފުއްލައިގެން މި އުޅެނީ ކޮން ޒިންމާއެއް ކަމެއް އަޅުގަނޑަކަށް ނުވިސްނުނެވެ. އެތައް މަހެއް ވަންދެން ފުރަބަންދުގައި ރައްޔިތުން ތިބެއްޖެއެވެ. މި ދިޔަ ރަމަޟާން މަސް ދުއްވައިލީ އަޅުކަމެއް ކޮށްލާން ވެސް މިސްކިތް ލޮލަށް ނުފެނިއެވެ. އަސަރާއެކު ނަމަ ވެސް ރައްޔިތުން ތިބީ ގޭގައެވެ. މަގު މައްޗަކަށް ނުނުކުމެއެވެ. ކޮވިޑް އައުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ފޮތިމޫނުމަތި އަޅާން ބައެއް މީހުން އުޅެން ފެށީމާ، އެއީ ބޭނުންކަމެއް ނޫންކަމަށް "ކަމާބެހޭ ފަރާތްތަކުން" އެންގެވީމާ އެކަން ވެސް ރައްޔިތުން ގަބޫލުކުރިއެވެ. ފަހުން އެއީ ކުރާންޖެހޭ ކަމެކޭ އެންގެވީމާ އެ ނަސޭހަތް ވެސް އަހައިފިއެވެ. އަތް ދޮވެގެން ގޭގައި ތިބޭށޭ އެންގީމާ، ރައްޔިތުންގެ އަތްމަތި ހުސްވެ ބަނޑަށް ޖެހެންދެން އަތް ދޮވެލަދޮވެލައި ގޭގައި ތިއްބެވެ. ވަކި ގަޑިއަކުން ވަކި ގަޑިއަކަށް ފިހާރަތައް ބަންދުކުރާށޭ އެންގީމާ އެކަން ވެސް ކުރެއެވެ. މަގުމައްޗަށް ނުނުކުންނާށޭ ބުނީމާ ވެސް ބަސް އަހައެވެ. އަމިއްލަ އުފަން ރަށަށް ދާން ހުއްދަ ނުދިނީމާ ވެސް ފުރައިގެން ނު ގޮސް، ބަސްއަހައިގެން މި ތިބެނީ ފަހެ ޒިންމާ އުފުލައިގެން ނޫންބާވައެވެ.

އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލެކެވެ. ދުރުދުރު ވަކިވަކި ކުދިކުދި އާބާދީތަކެއްގެ މައްޗަށް އުފެދިފައި އޮތް މި ރާއްޖެއަށް ކޮވިޑްއައީ ހަމަ ފަރުދީ ޒިންމާ އަދާނުކޮށްގެންބާވައެވެ. ރާއްޖެއަށް ވަދެނުކުމެވާ "ދޮރޯށިތައް" (ރާއްޖޭގެ އިންސަރަހައްދު) ބަންދުކުރާން އެކި އެކި މީސްމީހުންނާއި ޞިއްޙީ މާހިރުން އިރުޝާދު ދެއްވުމުން ރައްޔިތުން އެކަނި ފަރުދީ ޒިންމާ އަދާކޮށްގެން ފަރުޖެހުނުތޯއެވެ! ސީނު ކަރައާއި އެހެން ބައެއް ގައުމުތަކުގެ މީހުން ރާއްޖެއަށް އައު މަނާކުރެވުނު އިރު، ތިންވަނައަށް އެންމެ ބޮޑަށް ބަލި ފެތުރުނު ގައުމުގެ މީހުންނަށް ހަމަ ހިތަކަށް ރާއްޖެއަށް އައިސް ގޮސް ވެވޭ ގޮތަށް އޮތީ ކޮން ފަރުދަކު ޒިންމާ ނޫފުއްލައިގެންބާވައެވެ؟ ރާއްޖެއަށް ބޭރު ގައުމަކުން އެއްވެސް މީހަކު ނައިސް ހުއްޓެންދެން ރާއްޖޭގެ އިންސަރަހައްދު (ބޯޑަރު) ބަންދުކުރުން ލަސްކޮށްފައި އޮތީ ކޮން ފަރުދަކު ޒިންމާ ނޫފުލައިގެންބާވައެވެ؟ މި ގޮތަށް އިންސަރަހައްދު ބަންދުކޮށްފައި އޮއްވައި، ވަކި ބަޔެއްގެ "ދަރީން" ރާއްޖެ ގެނެސް "ފަތުރައިލެވުނީ" ކާކު، ކޮން "ފަރުދަކު" ޒިންމާ އަދާނުކޮށްގެންބާވައެވެ؟ ފުރަ ބަންދުގެ ދުވަސްވަރު ވެސް "ވަކި ބަޔަކު" ޕާޓީކޮށް މަސްދަތުރު ދާނަމަ، އެކަމާ އަޅައިނުލެވި ބަސް ނުބުނެވޭ ނަމަ، އެހެން އެ ވަނީ ކޮން ފަރުދަކު ޒިންމާ ނުފުއްލައިގެންބާވައެވެ؟ ކޮވިޑާ ގުޅިގެން ދައުލަތުގެ ބަޖެޓުން ބޮޑެތި ވައްކަންތަކެއް ހިނގި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވުމުން، އެކަމާ ފިޔަވަޅު ނޭޅި، ބައެއް ބޭފުޅުންނަށް ޢިނާޔަތާއެކު "ޗުއްޓީއެއް ލިބިވަޑައިގަތީ" ކޮން ފަރުދަކު ޒިންމާ ނޫފުއްލައިގެންބާވައެވެ؟

ކޮވިޑްގެ ބިޔަ ފަރުދާގެ ފުރަގަހުގައި ހިނގާ ކަމަށް ޚަބަރު ލިބޭ ނުރައްކާތެރި ވާހަކަތައް އަދި މާ ބިޔައެވެ. ރާއްޖޭގެ އިސްލާމީ ވަޙުދަތާ ގުޅޭ ވާހަކަތަކެވެ. އިސްލާމް ދީނަށް ތައުހީނުކޮށް ރަސޫލާއަށް މަލާމާތްކޮށް، އިސްލާމްދީނާ ދެކޮޅު ހަރުކަށި ފިކުރު ފަތުރާން މަސައްކަތްކުރާ މީހުންނަށް ފިޔަވަޅެއް ނޭޅޭ ވާހަކައެވެ. މި ކަމުގައި ޒިންމާ އުފުއްލާން ޖެހެނީ ކޮން ފަރުދެއްބާވައެވެ! ފިޔަވަޅުއެޅުން އެއް ކިބާގައި އޮތް އިރު، މި ދެންނެވި މީސްމީހުންނަށް މަތީ މަޤާމުތަކާއި ޙިމާޔަތާއި ޢިނާޔަތްތައް ދެވެނީ ކޮން ފަރުދެއްގެ ޒިންމާ ނޫފުއްލައިގެންބާވައެވެ.

މަޖީދީމަގުގައި ހުރި ގެއަކަށް ކޮވިޑް އެމްބިއުލާންސް ކައިރިކޮށް، ހެލްތު ވޯކަރުން އެ ގެއަށް މިރޭ ވަންނަނީ -އަދިވެސް ފޮޓޯ: އެލިޒީ

ދެން އޮތީވެސް ވަކި ނުރައްކާ ކުޑަ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ކަނޑާއި ފަޅާއި ބިމާއި އެންމެ ކުޑަމިނުން މާލީ ސިއްރުތައް، ރާއްޖެއަށް ކަޅިއަޅައަޅައި ތިބޭ ބަޔަކަށް ދީ ނިންމައިލި ވާހަކައެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި ވަކި ބަޔެއްގެ އަސްކަރީ ހަންފަތުރައިލި ވާހަކައެވެ. މި ކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް އޭގެ ބަދަލެއްގެ ގޮތުގައި ސަލާމަތް ނުވެވޭ ވަރުގެ ދަރަނި، ބޮޑެތި ރިބާއާ އެކުގައި ރައްޔިތުންގެ ބޮލުގައި އެޅުނު ވާހަކައެވެ. ތެދެއް ދޮގެއް ނޭނގެއެވެ. އިވެނީ އަޑެވެ. އަޑެއް ކީއްޔާ ރެނދެއް ލާނެޔޭ ބުނާތީ އަޑު އިވެނީއެވެ. ނަމަވެސް މި ވާހަކަތަކުގައި ހަގީގަތެއް އެކުލެވޭކަމަށް ބެލެވޭ ކިތަންމެ ކަމެއް ފެނެއެވެ. މި ކަންކަމާ ގުޅިގެން ވެފައިވާ އެއްބަސްވުންތައް ހާމަކުރާން ދެކޮޅު ހެދުމެވެ. އެންމެ ނުރައްކާތެރި ވާހަކައަކީ އެ ފަދަ އެއްވުންތައް ހާމަކޮށްފި ނަމަ، "ގައުމީ ސަލާމަތަށް ނުރައްކާ"ވާ ވާހަކަ އިވުމުންނެވެ. ރައްޔިތަކު އެދިއްޖެ ނަމަ، މިފަދަ އެއްބަސްވުންތައް ހާމަކުރުމަކީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން" ދައުލަތުގެ ކޮންމެ އިދާރާއަކަށް ލާޒިމުކޮށްފައިވާ ކަމެއް ނަމަވެސް، މި ފަދަ އެއްބަސްވުންތައް ހިފެހެއްޓެނީއެވެ. ޤާނޫނާ ޚިލާފަށެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނޭ އެއްބަސްވުންތަކެއް ހުރީ ކަމަށް ޝައްކު ކުރާނެ ޖާގަ ލިބެއެވެ. އަދި "ބުރަދަންހުރި" ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި ކަމަށް އިތުރު ދަލީލަކަށް ފުދެއެވެ.

އަނެއް ކޮޅުން ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ހުރި ނުރައްކާތަކެވެ. ބޭރު ދެ ޤައުމަކަށް ރާއްޖޭގެ ކަނޑުތައް ހުޅުވައިލާ ޚަބަރެވެ. "ޒިންމާދާރުކަމާއެކު" ބައެއް ވެރީން މި ވާހަކަތައް އިޢުލާނު ވެސް ކުރައްވަނީއެވެ. އަދި ރާއްޖޭގެ ނަސްލީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ގެއްލޭ ގޮތަށް އެޅޭ ފިޔަވަޅުތަކުގެ ވާހަކައެވެ. ރާއްޖެ އައިސް އަމިއްލަ ޕާސްޕޯޓް ވީދައިލައި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް އުޤޫބާތް ދިނުމުގެ ބަދަލުގައި އެ މީހުން ނަށް ޢިނާޔަތާއެކު ދިގު މުއްދަތުގެ ވިޒާ ދޭ ޚަބަރެވެ. ރައްވެހިކަން ދޭ ވާހަކައެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ނުވެގެން އުޅޭ އިރު، އުތުރުގެ ވަކި ރަށެއްގައި ވަކި ރާއްޖެއެއްގެ ބަޔަކު ވަޒަންވެރިކުރުވާން ކުރާ ޢިމާރާތްތަކެއްގެ ވާހަކައެވެ. ކޮން ފަދަ ޣައިރުޒިންމާދާރު ވާހަކަތަކެއްތޯއެވެ! މި ފަދަ "ބޭފުޅުން"ގެ ޒިންމާދާރުކަން ކޮބައިތޯއެވެ؟ އިސްލާމް ދީނާއި ޤާނޫނު އަސާސީ އާއި ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވާން މާތް ﷲ ގަންދީ ކުރެއްވި ހުވާ ކޮބައިތޯއެވެ! އެ ޒިންމާ ކޮބައިތޯއެވެ!

އަދި މާ އާދައިގެ ޒިންމާއެއްގެ ވާހަކައެވެ. އެކި ފަހަރު އެކި ގޮތަށް ދައްކާ ވާހަކައެވެ. "އޮޅިގެން" ދައްކާ ވާހަކައެވެ. "އޮޅިގެން"ނޭ ބުނެލާ އިރަށް ހުރިހާ ޒިންމާއަކުން ރެކެވޭ ގޮތަށް އޮންނަ ލުއި ޒިންމާއެވެ. މި އުޅެނީ ދުނިޔެއަށް އިޤުތިޞާދީ ހީނަރުކަމެއް އައިސްގެންނެއް ނޫނޭ ބޭންކްތަކުގައި ފައިސާ އެބަހުއްޓޭ ވިދާޅުވެފައި އަނެއް ދުވަހު އަނެއް ވާހަކައެކެވެ. ޑޮލަރު ދައްޗެއް ނުވާނޭ، ޑޮލަރުގެ އަގު މައްޗަކަށް ނުދާނޭ ބުނެ، އަނެއް ދުވަހު އޭގެ އިދިކޮޅަށެވެ. ރައްޔިތުންނަށް "ސްޓިމިޔުލަސް" ޕެކޭޖެއް އިޢުލާންކުރެއްވުމުން "އަނެކަކު" އަނެއް ދުވަހު އެހެން ލަވައެއް ކިޔައިލީމާ ވެސް އެ ނިމުނީތާއެވެ. ވަޒީފާ ގެއްލުނު މީހުންނަށާއި ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުން ކުޑަކުރާން އެތައް މިލިޔަސް ރުފިޔާއެއް ދީ ނިންމި އިރު ލިބުނު މީހެއް ނެތަސް މައްސަލައެއް ނެތްތާއެވެ. ކޮވިޑަކީ އެއްވެސް ނުރައްކާތެރި ބައްޔެއް ނޫނޭ، އެއީ ހަމަ އާދައިގެ ބައްޔެކޭ ކިޔައި، ވަކި ބަޔަކަށް ބަލި ޖައްސާނަމޭ ވެސް ބަޔަކު ގޮވީތާއެވެ. ޒިންމާ ނޫންތޯއެވެ! ކޮވިޑޭ ކިޔައި، ރާއްޖެ ބަންދުކޮށްގެން ނޫޅެވޭނޭ ވެސް ކީތާއެވެ! އެވެސް ޒިންމާދާރުވުންތާއެވެ! ދައްކާ ކޮންމެ ވާހަކައެއް ބަރާބަރަށް ފުރޭފުކުރެވިފައި ހުންނާނެކަން އެނގުނަސް އެކި ދުވަހު އެކި ވާހަކަ ދައްކަނީ ވެސް ޒިންމާދާރުކަމުންތާއެވެ! ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކުރީން ކަނޑައަޅުއްވައިފައި ވާ މީހުންނަށް ފްލެޓްތައް ދެއްވާނެކަން، މަތީ ފަރާތަކުން އިޢުލާނުކުރެއްވީމާ، އޭގެ ދަށުގައި ތިބި "ބާރުގަދަ" ބަޔަކު، އެއާ ޚިލާފަށް ކަންތައްކުރުމަކީ ކާކުގެ ޒިންމާދާރުކަމެއް ބާވައެވެ! ހުރިހާ ކަމެއްގައި ވެސް "ސަދޫމު ސަހަރުގެ" އުޞޫލުތައް ރަނގަޅު ކަމަށް ބެލިގެން، ބައި މީހުންނަށް ބައިއެޅިގެން ނޫން ގޮތަކަށް ކަމެއް ނުވަނީ، އެ ވެސް ޒިންމާދާރުކަންތާއެވެ! ދައްކާ ވާހަކައާއި ކުރާ އަމަލާ ދިމާ އިދިކޮޅަށް ފެނުމަކީ ޒިންމާދާރުވުމުގެ މުޅިން އާ ވައްތަރަކީބާވައެވެ! އެއް ބާވަތެއްގެ ކަމެއް އެކަކު ކުރީމާ، ވަޒީފާއިން ވަކިކުރެވި ނުވަތަ ފިޔަވަޅު އެޅޭއިރު، އަނެކަކު ކުރީމާ، މައްސަލަ އޮއްބައިލެވެނީ ހަމަހަމަކަމުގެ އާ ވައްތަރެއް ކަމަށް ވާތީތާއެވެ. އަދި ޒިންމާދާރުކަމުގެ ވެސް މުޅިން އާ ފާޑެކެވެ. ވަކި މީހަކީ ވަކި މީހެއްގެ ޢާއިލާއަކީ ޤައުމަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، އަނެއް ދުވަހު ޤައުމަށް އެންމެ ފައިދާހުރީ އޭނާ އެކުރާ ބާވަތުގެ ކަންކަންކުރާން އޭނަޔާއެކު އުޅުން ކަމަށް ބުނުމަކީ ވެސް ފަރުދީ ޒިންމާދާރުކަމުގެ އިންތިހާއެވެ.

ބޮޑު މުސާރަދީފައި މައްސަލަތައް ބަލައި ތަހުގީގުކުރާން ހަމަ އެބަޔަކު އިސްކޮށްފައި ތިބޭ ބަޔަކު ތިއްބައި "ހުރިހާ ކަމެއް ދަންނަ" ބަޔަކު ތިބޭ "ކޮއްޓަކުން"، ކަންކަން އޮއްބައިލާން ވީމާ މައްސަލަބަލާ ނަމަ، "ދައުލަތުގެ ޚަރަދަށް ޒިންމާވާންޖެހޭ" ޤާނޫނަކާއި، "މާލިއްޔަތު"ގެ ޤާނޫނެއް އޮތިއްޔާ އޮންނާނީ ޒިންމާއިން ރެކި އޮތްތާކު އަރާމުކުރާންތާއެވެ!

ޒިންމާދާރުކަމުގެ މުޅިން އާ ބާވަތްތަކެވެ. ދައުލަތުގެ ކަމާ ބެހޭ އިދާރާއަކަށް "ފަރުދީ ޒިންމާ"ގެ ދަށުން އެދޭ އެދުންތަކަށް ނުވަތަ ފޮނުވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ދޭނެ ހިތްވަރު ވެސް ނެތެނީ ހަމަ ހުރި ޒިންމާދާރުކަމަކުންތާއެވެ! ނުވަތަ ދޭނެ ޖަވާބެއް ނެތި ބޭއްވެނީ ޤާބިލުކަމުން ކަމަށް ވެސް ވެދާނެއެވެ. "ވަގުތުގެ މުހިއްމުކަން" އަދި ކިރިޔާ އެނގުނީ ކަމަށް ދައުވާކުރާ އިރު، ވަގުތުގެ މުހިއްމުކަން ދަސްވެގެން ވެސް ވީކަމެއް ހަމަ ހައްދަވައިގެން ހަތް ހަރާމުން ހަރާމެވެ. ޒިންމާދާރު ވެވޭނީ ޒިންމާއެއް އޮވެގެންތާއެވެ! ނަމެއް ނޫން އެއްޗެއް ނެތެވެ. އެ ލިބޭ ގޮތަކަށް ފައިސާއާއި ފްލެޓް ލިބޭ ތޯއްޗެކެވެ. ޢަމަލުތަކުން ސާބިތުވަނީ އިޚުތިޔާރެއް ބާރެއް ނޯންނަ ކަމެވެ.

ޒިންމާގެ ވާހަކަ، ޒިންމާދާރުވުމުގެ ވާހަކަ ކިތަންމެ ވަރަކަށް ވެސް ދެއްކި ދާނެއެވެ. ނަމަވެސް ފަރުދީ ޒިންމާ އަދާކުރުމަކީ ހަމައެކަނި ގޭގެއިން ނުނުކުމެ، ފޮތިމޫނުމަތި އަޅައިގެން ތިބުންބާވައެވެ! ފަރުދީ ޒިންމާ އަދާކުރުމަކީ، ރާއްޖޭގެ އިސްލާމީ ވަޙުދަތު ފުނޑުފުނޑުވާ އިރު ވެސް، "ބަސްއަހައިގެން" އަތްދޮވެލަދޮވެލައި ތިބުންބާވައެވެ. ނުވަތަ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލު ގެއްލި، ދިވެހި ފަސްގަނޑުގައި ދިވެހީންގެ ބާރު ކެނޑިގެން ދާއިރު، ދިވެހި މަސްކަނޑުތައް އެހެން ޤައުމުތަކެއްގެ ބަޔަކު ދާއަޅާން ހިބަކޮށް ދޭ އިރު ވެސް، ހަމައެކަނި ގައިދުރުކަން ބަހައްޓައިގެން ގޭގައި ތިބުންބާވައެވެ! ނޫނެކެވެ! ބަސްފޮތް ބުނާ ގޮތުން ޒިންމާއަކީ ހަމައެކަނި މިއީ އެއް ނޫނެވެ. 'ޒިންމާ' އޭ މި ކިޔަނީ އަދާކުރާންޖެހޭ ވާޖިބަށެވެ. ނުވަތަ އުފުއްލާން ޖެހޭ މަސްއޫލިއްޔަތަށެވެ. އެހެންކަމަށް ވާއިރު ދީނީ ގޮތުންނާއި ޤައުމީ ގޮތުން އަދާކުރާންޖެހޭ ވާޖިބު އަދާނުކޮށް ހަމައެކަނި އަތްދޮންނާން ތިބުމަކީ ޒިންމާ އަދާކުރުމެއް ނޫނެވެ. ތިމާ މުސްލިމަކަށްވީތީ ނުވަތަ ދިވެއްސެއްގެ ގޮތުން އުފުއްލާންޖެހޭ މަސްއޫލިއްޔަތު ނޫފުއްލައި ތިބުމަކީ ޒިންމާ އުފުލުމެއް ނޫނެވެ. ޤައުމުގައި ހިނގާ ނޭދެވޭ ކަންތައްތައް، މުންކަރާތްތައް ހުއްޓުވާން ބަސްބުނެ، ޢަމަލުކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ. އެއީ ތިމާއާ ސުވާލުވެވޭނެ މަސްއޫލިއްޔަތެކެވެ.

އާދޭހެވެ! ވާޖިބު އަދާކުރުމަކީ ޒިންމާ އުފުލުމެވެ. ޒިންމާދާރުވުމެވެ. މި ޒިންމާއަކީ ވެރިކަމާއި، އިދާރާތަކާއި، ޖަމާޢަތާއި، ޢާއިލާތަކާއި ފަރުދުންނާއި ހުރިހާ އެންމެންގެ ކިބައިގައި އެކި މިންވަރަށް އެޅިފައިވާ ޒިންމާއެކެވެ. އަދާކުރާންޖެހޭނީ ހަމަ އެކަނީ "ފަރުދީ ޒިންމާ"އެއް ނޫނެވެ. ޖަމާޢަތީ ޒިންމާ ވެސް ވެރިކަމުގެ ޒިންމާ ވެސް، އެންމެން އެންމެންގެ ޒިންމާ ވެސް އަދާކުރާންޖެހޭނެއެވެ. ޒިންމާ އަދާކުރާން ޖެހޭ އެންމެން ޒިންމާ އަދާކޮށްގެން ނޫނީ ޤައުމުގެ ހާލަތު، ރަނގަޅު ޙާލަތަކަށް ބަދަލެއް ނުކުރެވޭނެއެވެ.