މި ދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނިން އިއްޔެ ހާމަކުރި ތަފާސްހިސާބުތަކުން ދެއްކީ މިއީ އޭގެ ކުރީގެ ކުއާޓަރާ އަޅާބަލާއިރު ހަތް ޕަސެންޓްގެ ކުރިއެރުމެއް ކަމެވެ.
"މީގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވުން،" އެސްޓީއޯގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު އަށް ޕަސެންޓް ވަނީ އިތުރުވެފައެވެ. އެއީ 637 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއިން ބުނީ މި ދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ހަތް ޕަސެންޓްގެ ދަށްވުމެކެވެ.
"އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި، ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުން،" އެސްޓީއޯއިން ބުންޏެވެ.
އާމްދަނީ ދަށްވުމާއެކު 2023 ގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ 2022 އާ އަޅާބަލާއިރު 12 ޕަސެންޓްގެ ދަށްވުމެކެވެ.
ކުންފުނީގެ ހިންގުމުގެ ހަރަދު މި ދިޔަ އަހަރު ވަނީ 2023 އާ އަޅާބަލާއިރު އަށް ޕަސެންޓް ދަށްކުރެވިފައެވެ.
"އެހެންނަމަވެސް ޖުމްލަ ފައިދާ ދަށްވުމާއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ،" އެސްޓީއޯއިން ބުންޏެވެ.
މި ދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޖުމްލަ ފައިދާ ރަގަޅު ވުމާއެކު ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 218 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާއެވެ. އެއީ 2023 އާ އަޅާބަލާއިރު 19 ޕަސެންޓްގެ ދަށްވުމެކެވެ.
"މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއެކު ޖުމްލަ ފައިދާ ދަށްވެފައިވުން،" އެސްޓީއޯއިން ބުންޏެވެ.
ޓެކްސަށް ކެނޑުމަށް ފަހު މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 717 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.



advertisment

