ހުޅުމާލޭން ރޭ ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ރޭ 11 ޖަހާކަންހާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން އެކަމުގެ އުނދަގޫ ގިނަ ބަޔަކަށް ވަނީ ފޯރައިފައެވެ. ކަރަންޓް ކެނޑުނީ ހިޔާ 9 އިން 16 ވަނަ ޓަވަރާ ހަމަޔަށާއި އެމްޕީއެލް ފްލެޓްތައް ހުންނަ ސަރަހައްދުންނެވެ.
"ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅައިފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަން،" ސްޓެލްކޯގެ ބަޔާނެއްގައި ބުންޏެވެ.
އެމްޕީއެލް ފްލެޓްތައް ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓްރާންސްފޯމަރުތައް ހުރުމާއެކު، ފީޑަރު ޓްރިޕްވާން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި އެ ޓްރާންސްފޯމަރު ތަކުގެ ހައި-ވޯލްޓޭޖް ކޭބަލްތައް ޗެކް ކުރުމަށް ގިނަ ވަގުތުތަކެއް ހިނގާނެތީ އިތުރު ހައިވޯލްޓޭޖް ކޭބަލެއް އެނަޖައިޒްކޮށް އެމްޕީއެލް ޓަވަރުތަކަށް ރޭ ވަނީ ކަރަންޓް ދީފައެވެ.