ސުލައިމާން އައްރަޖުޙީ ދުނިޔެއަށް ނޭވާލީ ފަގީރުކަމުގެ ތެރެއަށެވެ. ނަމަވެސް ހިންމަތާ އެކު ކުރި ބުރަ މަސައްކަތުން، ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ގޮސް އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ހިމެނިފައެވެ. މިގޮތުން 2011 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ 169 ވަނައިގައި އޮތީ އައްރަޖްޙީގެ ނަމެވެ.
މުއްސަނދިކަމާ އެއްވަރަށް އައްރަޖްހީ އަކީ ދީލަތިކަމުގައިވެސް އަރައި ހުންނެވި ބޭފުޅެކެވެ. ސައުދީ އަރަބިޔާގެ އަލްޤާސިމް ސިޓީގައި ވާ އައްރަޖްހީގެ ކަދުރުބަގީޗާ އަކީ މިދުނިޔެމަތީގައިވާ އެންމެބޮޑު ވަޤުފް ފަންޑެވެ. ދެ ލައްކައަށްވުރެ ގިނަ ކަދުރު ރުށް ހިމެނޭ އެ ބަގީޗާގައި ތަފާތު 45 ވައްތަރެއްގެ ކަދުރު ހުރެއެވެ. އަހަރަކު 10،000 ޓަނުގެ ކަދުރު ލިބޭ މި ބަގީޗާއިން ލިބޭ ފައިސާ ޚަރަދުކުރެވެނީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމަށެވެ. އަދި ހިލޭސާބަހަށް ކުރެވޭ މަސައްކަތްތަކަށް ޚަރަދުކުރުމަށާއި ހަރަމުގައި ރޯދަ ވީއްލުން އިންތިޒާމު ކުރުމަަށެވެ.
އައްރަޖްހީގެ ފުރަތަމަ ވަޒީފާއަކީ ކަދުރު ދަނޑުން ކަރުދު ހޮވުމެވެ. އެ މައްސަކަތުން އޭނާއަށް މަހެއްގެ މައްޗަށް ލިބުނީ އެއްމެ ހަ ރިޔާލެވެ. ނިދައި އުޅުނީ މަސައްކަތް ކުރާ ތަނުގެ ތަޅުންގަނޑު މަތީގައެވެ. އަތުގައި އޮންނަނީ އެންމެ ހެދުމެކެވެ. އެއަށްފަހު ރިޔާޟުގެ ހޮޓަލެއްގައި ކައްކާއަކަށްވެސް އުޅުނެވެ. ވެއިޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރިއެވެ. މި ވަޒީފާއިން މަހަކު 60 ރިޔާލް ލިބުނެވެ.
އެގޮތުގައި އެތައް މަރުހަލާއެއް ކަޑައްތުކުރުމަށްފަހު އައްރަޖްޙީ އަމިއްލަ ފިހާރައެއް ވެސް ހުޅުވިއެވެ. ނަމަވެސް ކައިވެނީގެ ހަރަދުބަރަދު ހަމަޖެއްސުމަށް ފިހާރަ ވިއްކާލިއެވެ. އެއަށްފަހު ބޭބެއާއެކު ދުވަސްކޮޅަކު ވިޔަފާރީގައި އުޅުމަށްފަހު އައްރަޖްހީ، 1970 ވަނަ އަހަރު އޭނާގެ އަމިއްލަ ވިޔަފާރިއެއް ފެށިއެވެ. ޖިއްދާގެ ކުޑަކުޑަ ކޮޓަރިގަނޑެއްގައި ބޭންކެއް ހުޅުވައި ބުރަކޮށް މަސައްކަތްކުރަން ފެށިއެވެ. އެ ޒަމާނަކީ އަރަބި ގަލްފުގައި އަލަށް ވިޔަފާރިއެއް ފަށައިގަނެ ވައިގައި ހިއްޕާލުމަށް ނުހަނު އުނދަގޫ ކަމެކެވެ. ނަމަވެސް ރަޖްޙީ ހިންމަތާ އެކު ކުރި ބުރަ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ، ބަރަކާތްލައްވައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ވިޔަފާރި ފަތުއަޑު ކިޔައިފައި ކުރިއަރައިގެން ދިޔައެވެ. އެގޮތުން ވިޔަފާރީގެ އެކި ގޮފިތައް ސައުދީގެ އެތަންމިތަނަށް ފެތުރި އެންމެ ފަހުން ބޯޑަރު ހުރަސްކޮށް މިސްރާއި، ލުބުނާނު ފަދަ އެހެން އަރބި ޤަޢުމުތަކަށްވެސް ފެތުރިގަތެވެ.
އެމެރިކާގެ ފޯބްސް މަޖައްލާއިން 2011ގައި ނެރުނު ރިޕޯޓެއްގައި ވާ ގޮތުގައި އޭރު ރަޖްހީގެ މިލްކިއްޔާތުގެ އަގަކީ ހަތް ބިލިޔަން ޑޮލަރެވެ. އެއީ 16 ބިލިޔަން ޑޮލަރު ޞަދަގާތް ކުރުމަށްފަހު އެވެ. އޭނާ މަޝްހޫރުވެފައި ވަނީ ވެސް ދީލަތި، ހިތްތިރި މީހެއްގެ ގޮތުގައެވެ. ފޯބްސް މަޖައްލާގެ ރިޕޯޓުގައި ވާ ގޮތުން ރަޖްހީ ހިމެނިފައިވަނީ ދުނިޔޭގައި 20 ވަނައަށް އެންމެ ގިނައިން މީސްތަކުންނަށް އެހީތެރިވާ މީހާގެ ގޮތުގައެވެ.
ސައުދީ އަރަބިއްޔާގައި ރަޖުޙީގެ އެހީތެރިކަމާއެކު އަޅާފައިވާ މިސްކިތްތާއި، ދީނަށް ގޮވައިލާ މަރުކަޒުތަކާއި ހިލޭސާބަހަށް ޤުރުއާން އުނގަންނައިދޭ މަރުކަޒެއް ނެތް އަވަށެއްނެތެވެ. އެކާވީސް ހާހަށް ވުރެ ގިނަ މުވައްޒިފުން ތިބޭ އިރު ކޮންމެ މަހެއްވެސް ނިމުމުގެ ކުރިން އެންމެންގެ މުސާރަދެއެވެ.
ކޮންމެއަކަސް ކުރިންވެސް ބުނި ފަދައިން އައްރަޖްހީ ފުރަތަމަ ނޭވާ ދޫކޮށްލީ ވެސް ފަޤީރުކަމުގެ ތެރެއަށެވެ. އެގޮތުން އެއް ދުވަހަކު ސުކޫލުން އިންތިޒާމުކުރާ ދަތުރެއްގައި ބައިވެރިވާން ކޮންމެ ދަރިވަރަކު އެއް ރިޔާލު ހޯދަން ސުކޫލުން އެންގިއެވެ. ނަމަވެސް ގެއަށް ގޮސް ބެލެނިވެރިން ގާތުގައި މިވާހަކަ ބުނުމުން އެވެރިންގެ އަތުގައި އެވަރުވެސް ނެތުމުން ދަތުރުގައި ބައިވެރިނުވެވިދާނެ ކަމަށްޓަކައި އެކަމާ ވަރަށް ރޮއި ހިތާމަކުރިއެވެ. އެއީ އަހަރުގެ ކިޔެވުމުގެ އިމްތިހާނު ނިމި ނަތީޖާ ލިބުނު ދުވަސްވަރުވެސްމެއެވެ. ރަޖްހީ މުޅި ކުލާހުގެ އެއްވަނަ ހޯދިއެވެ. އެ ކާމިޔާބުގެ ޝަރަފުގައި ރަޖްހީއަށް ކިޔަވައިދޭން އުޅުނު ފަލަސްތީނުގެ މުދައްރިސެއް އޭނާއަށް އިނާމަކަށް އެއް ރިޔާލު ދިނެވެ. އެ ހިނދު ވީ އުފަލެއްގެ ބޮޑުކަމުން އަވަހަށް ދުވެފައި ގޮސް ދަތުރު އިންތިޒާމުކުރާ ފަރާތާ އެ ރިޔާލު ހަވާލު ކުރިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ކިޔެވުން ނިމި މަސައްކަތުގެ މައިދާނުގައި އެތައް ޤުރުބާނެއްވެ، ދަލާއި ލޭ އޮހޮރުވައިގެން ރަޖްހީ ކާމިޔާބު ވިޔަފާރިވެެރިޔަކަށް ވިއެވެ. އެއަށްފަހު އޭނައަށް ކިޔަވައިދިން ފަލަސްތީނުގެ މުދައްރިސް ހޯދަން ނިކުތެވެ. މުއައްސަސާތަކަށް ގޮސް އެގޮތްމިގޮތުން އޮޅުންފިލުވައިގެން މުދައްރިސާ ބައްދަލުވާ ގޮތްވިއެވެ. އޭރު މުދައްރިސް ވަނީ ރިޓަޔާ ކޮށްފައެވެ. ދިރިއުޅުމުގެ ހާލަތު ހުރީ އަމިއްލަ ގޭގެ އުނދުންވެސް ރޯކޮށް ނުލެވޭހާ ދަށްކޮށެވެ.
ފަހެ ރަޖްހީ މުދައްރިސާ ބައްދަލުކޮށްފައި ބުންޏެވެ. "އަހުރެން ވަނީ ތިބާއަށް ވަރަށް ބޮޑު ދަރަންޏަކުން ދަރާފައެވެ." އެ ހިނދު ހީނލާފައި މުދައްރިސް ބުންޏެވެ. "އެއްވެސް މީހަކު އަހަންނަށް ދަރާފައި އޮތްކަމެއް ނުދެނެހުރީމެވެ." އެހިނދު ރަޖްހީ އެއްކަލަ އެއް ރިޔާލުގެ މަތިން މުދައްރިސަށް ހަނދާންކޮށްދިނެވެ. އަދި އޭނާގެ ކާރަށް މުދައްރިސް އެރުވިއެވެ. އެހިނދު މުދައްރިސް ހިނިތުންވެލާފައި ބުންޏެވެ. "ތިބާ ތިޔަ އުޅެނީ އެ ދުވަހު އަހަރެން ތިބާއަށް ދިން އެއް ރިޔާލުގެ ބަދަލު ދޭން ހެއްޔެވެ؟"
މި ވާހަކައިގެ ތެރޭގައި ތިއްބައި ރަޖުޙީގެ ކާރު ގޮސް މަޑުކޮށްލީ ވަރަށް ފުރިހަމައަށް ހަދާފައިވާ ބަންގަލޯއެއްގެ ކުރިމައްޗަށެވެ. އެތަނުގެ ކުރިމަތީގައި އަގު ބޮޑު އެތައް ކާރެއް ޕާކުކޮށްފައި ހުއްޓެވެ. އެއަށްފަހު އައްރަޖްހީ ބުންޏެވެ. "މުދައްރިސެވެ. މި ބަނގަލޯއާއި މި ކާރުތަކަކީ މިއަދުން ފެށިގެން މުދައްރިސްގެ ތަކެއްޗެވެ. މީގެ ފަހުން މުދައްރިސްގެ ދިރިއުޅުމުގެ ހުރިހައި ޚަރަދުތަކެއްގެ ޒިންމާވާނީ ވެސް އަހުރެންނެވެ."
ފަހެ މިކަމާ މުދައްރިސް އުފަލުން ގޮސް ލޮލުން ކަރުނަ ހިލުނެވެ. އަދި ބުންޏެވެ. "މި ބަނގަލޯއާއި، މިއަގުބޮޑު ކާރުތަކަކީ އަހަރެންނާ އެކަށީގެންވާ ތަކެއްޗެއް ނޫނެވެ. އަދި އަހުރެން ދިއްކޮށްލި އެއް ރިޔާލާ ނުބައްދަލު ތަކެއްޗެވެ." ޖަވާބުގައި ރަޖުޙީ ބުންޏެވެ. "މުދައްރިސެވެ. އެ ދުވަހު މުދައްރިސް ދެއްވި އެއް ރިޔާލު ލިބުމުން އަހަރެން ވީ އުފާ މިއަދު މުދައްރިސް ތިޔަވީ އުފަލަށްވުރެ މާބޮޑެވެ."
ކޮންމެއަކަސް މިއަދު ސުލައިމާން އައްރަޖްހީ އަކީ ފައިސާ ނެތް މުއްސަނދި މީހާއެވެ. އެގޮތުން 2010 ވަނަ އަހަރު ސުލައިމާން އައްރަޖްހީ އޭނާގެ ދަރީންނާއި، އަނބީންނާއި، ގާތްތިމާގެ މީހުން އެއްކުރުމަށްފަހު އޭނާގެ މިލްކިއްޔާތު ވަނީ މި އެންމެންގެ މެދުގައި ބަހައި ހުސްކޮށްފައެވެ.
ސުލައިމާން އާލް-ރަޖުޙީއާ ކުރެވުނު އިންޓަވިއުއެއްގައި ސުވާލު ކުރެވުނެވެ. "ތިބާގެ މުއްސަނދިކަމުގެ އެއްބައި އާއިލާއަށް އަދި އަނެއްބައި ހިލޭސާބަހަށް ހޭދަ ކުރުމަށްފަހު އަމިއްލަ ޚަރަދުތައް ހަމަޖެއްސުމަށް އޮތީ ކޮންއެއްޗެއްތޯއެވެ؟" އެހިނދު އުފާވެރި ހިނިތުންވުމަކާއި އެކު ޖަވާބު ދިނެވެ. "އަހުރެންގެ އަތުގައި އެކައްޗެއް ވެސް ނެތެވެ. އަހަރެންގެ ޢުމުރު މިހާރު މި ގުނަނީ އައްޑިހައިގެ އަހަރުތަކެވެ. އަހަރެން އިތުރަށް ބޭނުންވާނީ ކޯއްޗެއްހެއްޔެވެ؟ އެހީގެ ބައިން އަހަރެންގެ ބިލްތަކަށް ފައިސާ ދައްކައެވެ. ދިރިއުޅޭނެ ތަނާއި، ކާނާއާއި، ބޭސްފަރުވާ އަދި ދަތުރުފަތުރު ފުރިހަމައަށް ހަމަޖައްސައިދެއެވެ. މި ކަންކަމަށް އަހުރެން ބޭނުން ކުރަނީ އެންމެ ކުޑަ މިންވަރެވެ."
އަދިވެސް ސުވާލު ކުރެވުނެވެ. އެއްވެސް ފައިސާއެއް ނެތް މަލްޓި މިލިއަނަރެއްގެ ގޮތުގައި މިހާރު ކުރެވެނީ ކޮން އިހުސާސެއް ހެއްޔެވެ؟ ހިނިތުންވެލާފައި ޖަވާބު ދިނެވެ. "މިނިވަން ދޫންޏެއް ފަދަ އިހުސާސެކެވެ. އަހަރެންގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. މާތްﷲގެ ހަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަހު ޖެހިލުމެއް ނެތި ޖަވާބުދެވުމަކީ ކޮންފަދަ ބޮޑު ނިޢުމަތެއްހެއްޔެވެ؟"




advertisment