Support Us

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވަނީ އަދި ޓިކްޓޮކްގެ ލޯގޯ

ޓިކްޓޮކް އެމެރިކާގައި މަނާކޮށްފި، ޝީ އާއި ޓްރަމްޕްގެ ފޯން ކޯލެއް

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ފެޑެރަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ. މި ކަން މިހެންވީ މާދަމާ ނޫން އަނެއް ދުވަހު ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެ ހުންނެވި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވާދަވެރި ޗައިނާގެ ރައީސް ޝީ ޖިންޕިންގާ ފޯނުން ވާހަކަ ވެސް ދެއްކެވި ތަނާއެވެ.

މާދަމާއިން ފެށިގެން އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމިއަސް ޓްރަމްޕް ވަނީ ޓިކްޓޮކާއި ފެންޓަނީލް ޑްރަގާއި އަދި ވިޔަފާރީގެ ދާއިރާއިން ޝީއާ އިއްޔެ ވާހަކަ ދައްކަވައިފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޓިކްޓޮކްގެ ސަބަބުން އެ ސޯޝަލް މީޑިއާ ބޭނުންކުރާ އެމެރިކާގެ 170 މިލިއަން މީހުންގެ ޒާތީ މައުލޫމާތުގެ ނަހަމަ ބޭނުން ޗައިނާ ސަރުކާރުން ކޮށްފާނެ ކަމަށެވެ. ސަބަބަކީ ޓިކްޓޮކްގެ ވެރި ކުންފުނި ބައިޓްޑާންސްއަކީ ޗައިނާގެ ކުންފުންޏަކަށްވާތީއެވެ.

ކޯޓުން ބުނީ ޓިކްޓޮކް ހުއްދަ ކުރާނީ ޓިކްޓޮކް ވިއްކައިލަން ބައިޓްޑާންސުން ނިންމުމުން ކަމަށެވެ. ނަމަވެސް ބައިޓްޑާންސުން ބުނީ ޓިކްޓޮކް ވިއްކައި ނުލައިނެ ކަމަށެވެ. އެހެނަސް ޓިކްޓޮކްގެ ކާމިޔާބު އަލްގޮރިދަމް އެހެން ބަޔަކަށް ވިއްކުމަށް ޗައިނާގެ ގާނޫނުން ހުރަސްއަޅައެވެ.

"އެމެރިކާ ރައްޔިތުންގެ ހިޔާލުފާޅު ކުރުމާއި މައުލޫމާތު ލިބިގަތުމުގެ މިނިވަންކަމުގެ ހައްގަށްވުރެ އެމެރިކާގެ ސަލާމަތަށް ޓިކްޓޮކުން އޮތް ނުރައްކާ މާބޮޑު،" ކޯޓުން ބުންޏެވެ.

ކޯޓުގެ ނިންމުމާއެކު ގޫގުލް އާއި އެޕަލްގެ އިތުރުން އިންޓަނެޓު ހިދުމަތް ދޭ އެހެން ފަރާތްތަކުން ވެސް ޓިކްޓޮކް އެޕް ނަގަން ޖެހެއެވެ. އެއީ އަލަށް އެއްވެސް މީހަކަށް އެޕް ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށެވެ. އަދި މީގެ ފަހުން އެއްވެސް އަޕްޑޭޓެއް ނުލިބޭނެތީ މިހާރު ބޭނުންކުރާ މީހުންނަށް ވެސް އެޕްގެ ބޭނުމެއް ނުހިފޭނެ ކަމަށް ޝަރުއީ އިދާރާއިން ބުންޏެވެ.

ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެންބަރުން ޓިކްޓޮކާ ދެކޮޅެވެ. ނަމަވެސް ޓިކްޓޮކްގައި ޓްރަމްޕް މިހާރު މަގުބޫލެވެ. އެ ގޮތުން އޭނާގެ 14 މިލިއަން ފޮލޮވަރުން ޓިކްޓޮކްގައި އުޅެއެވެ.

ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ޓިކްޓޮކް މަނާކުރެއްވުމަށް އޭނާ މަސައްކަތްކުރެއްވިއެވެ. ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އޭނާގެ މާލީ ވަޒީރުކަން ކުރެއްވި ސްޓީވަން މަނިއުޗިން އާއި އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ފްރޭންކް މެކްކޯޓް އިއްޔެ ބުނީ ޓިކްޓޮކްގެ އެމެރިކާ ގޮފި ގަތުމަށް ޝައުގުވެރިވާކަން ބައިޓްޑާންސަށް އަންގައިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އިންވެސްޓްމަންޓެއް ކަމެއް ހާމައެއް ނުކުރެއެވެ.

"ޓިކްޓޮކް ގަތުމަށް ރައީސް ޓްރަމްޕާ ގުޅިގެން ބައިޓްޑާންސްއާއެކު ޑީލްއެއް ހެދުމަށް އަހަރެމެން ތައްޔާރު،" ކޯޓުގެ ނިންމުން އިއުލާން ކުރުމާއެކު މެކްކޯޓު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޓްރަމްޕްގެ ބައިވެރިން ބުނީ ކޯޓުގެ ނިންމުމުގެ ސަބަބުން ބައިޓްޑާންސް ދެވަނަ ވިސްނުމަކަށް ދާން ވިސްނައިފައިނެ ކަމަށް ހީކުރެވޭ ކަމަށެވެ.

"ޓިކްޓޮކް ވިއްކައިލުމަށް ބައިޓްޑާންސަށާއި އެ ކުންފުނީގެ ޗައިނާގެ ކޮމިއުނިސްޓް ވެރިންނަށް ނުވަ މަހުގެ މުއްދަތެއް ލިބުނު. ޗައިނާ ސަރުކާރުން ޓިކްޓޮކް ވިއްކައިލިޔަ ނުދިނުމުން ދޭހަވަނީ ޓިކްޓޮކަކީ ޗައިނާގެ ޖާސޫސީ އެޕެއްކަން. ޓިކްޓޮކްގެ ދޮގުތަކާއި ޕްރޮޕެގެންޑާ އެމެރިކާގެ ސުޕްރީމް ކޯޓުން ފަޅާއަރުވައިލުމަކީ ރަނގަޅު ކަމެއް،" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓޮމް ކޮޓަން ވިދާޅުވިއެވެ.

އެމެރިކާއިން ބުނެފައިވަނީ އެމެރިކާ ރައްޔިތުންނާ ބެހޭ ގިނަ މައުލޫމާތު އެއްކުރުމުގެ އިތުރުން ޓިކްޓޮކްގައި ހަރަކާތްތެރިވާ އެމެރިކާ މީހުން ބަލަނީ ކޮން ކަހަލަ އެއްޗެއްކަން، ބައިޓްޑާންސަށް މަޖުބޫރުކޮށްގެން ޗައިނާ ސަރުކާރަށް ހޯދިދާނެ ކަމަށެވެ.

ޓިކްޓޮކްގެ މައްސަލަ ވެފައިވަނީ އެމެރިކާ އާއި ޗައިނާއިން ދުނިޔޭގައި ކުޅެމުން އަންނަ ވާދަވެރި ރޯލު ރަމްޒުކޮށްދޭ ނިޝާނަކަށެވެ.

"ކޯޓުގެ ނިންމުމުގެ ސަބަބުން އެމެރިކާ އާއި ދުނިޔޭގެ އެތައް ބައެއްގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ،" އެމެރިކާގެ ސެންޓާ ފޮ ޑިމޮކްރެސީ އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރު ކޭޓް ރުއޭން ވިދާޅުވިއެވެ.

ޓިކްޓޮކް މަނާކުރުމުން އެމެރިކާގެ ވިޔަފާރިވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

"ކުރިއަށް އޮތް ހަފުތާތަކުގައި އަހަރެންގެ ވިޔަފާރިއަށް ކުރާނެ އަސަރާމެދު އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވޭ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަހަރެންގެ ވިޔަފާރި ހުއްޓޭނެތީ ވަރަށް ބިރުގަނޭ. ސަބަބަކީ ކަސްޓަމަރުންނާ މުއާމަލާތް ކުރެވޭނެ ފުރުސަތު ހަނިވާނެތީ،" އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ގަރާޖެއްގެ ވެރިއެއް ކަމަށްވާ ޑިޒަޔަރީ ހިލް ބުންޏެވެ.

ޓިކްޓޮކުން އެތައް ސަތޭކަ ވީޑިއޯ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަލައިލެވޭތީ މިއީ ކުޑަކުދިން ދެވިހިފައި، އަދި އެ ކުދިންގެ ސިކުނޑީގެ ސިއްހަތަށް ހުރި ނުރައްކަލެއް ކަމަށް، އެމެރިކާގައި ޓިކްޓޮކް މަނާކުރަން ބޭނުންވި ފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް މި ކަމާ ބައިޓްޑާންސުން ދެކޮޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *