ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވުމަށް ކަމަށް ހާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.
"ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް،" ޑޮކްޓަރ ހަލީލު އެކްސްގައި ލިޔުއްވިއެވެ.
އޭނާ ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާ ކަމަށާއި އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނެ ކަމަށެވެ.
"ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" ޑޮކްޓަރ ހަލީލު ވިދާޅުވިއެވެ.
އޭނާ މި ވަގުތު ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނާއެކު އެ ގައުމުގައެވެ.
"ދެ ގައުމުގެ ތަރައްގީ އާއި ދެ ގައުމުން ހިއްސާކުރާނެ ކާމިޔާބީތަކަށް ވާސިލުވުމަށް އާ ފުރުސަތުތަކެއް ހޯދުމަށް އުއްމީދުކުރަން،" ޑޮކްޓަރ ހަލީލު ވިދާޅުވެފައިވެއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސެއް އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އާބާދީގައި 1.3 މިލިއަން މީހުން ދިރިއުޅޭ އެސްޓޯނިއާއަކީ ޔޫރަޕް އިއްތިހާދުގެ މެންބަރެކެވެ. ޑިޖިޓަލް ޓެކްނޮލޮޖީގައި އެސްޓޯނިއާއިން ވަނީ ލާމަސީލު ކުރިއެރުންތަކެއް ހޯދައިފައެވެ. އެ ގޮތުން އިލެކްޓްރޯނިކްކޮށް ވޯޓުލުން ތައާރަފުކުރި ފުރަތަމަ ގައުމަކީ ވެސް އެސްޓޯނިއާއެވެ. އަދި އެސްޓޯނިއާގެ އާއްމު ހިދުމަތްތަކުގެ ތެރެއިން 99 ޕަސެންޓް ހިދުމަތް ސަރުކާރުން ދެނީ އޮންލައިންކޮށެވެ.
ރާއްޖޭގައި ޑިޖިޓަލް ޓެކްނޮލޮޖީ ތަރައްގީކުރައްވައި، ޑިޖިޓަލް ޓެކްނޮލޮޖީން ރާއްޖެ ބަދަލުކޮށްލެއްވުމަކީ ރައީސް ޑޮކްޓަރ މުއިއްޒުގެ ހުވަފެންފުޅެކެވެ.



advertisment