ޣައްޒާގެ ސުލްހައިގެ މުއާހަދާ ނެގެހެއްޓުން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ މުޖުތަމައަށް މިއަދު ގޮވައިލައްވައިފިއެވެ.
"ނަސްލެއް ނައްތައިލުމަށް ޣައްޒާގައި ހިންގި 15 މަސް ދުވަހުގެ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް އާދެވުނުކަން އަޑުއެހީ ހިތްހަމަޖެހުމާއެކު،" ހަމާސް އާއި އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އިއްޔެ ވި އެއްބަސްވުމާމެދު ރައީސް އެކްސްގައި ލިޔުއްވިއެވެ.
"މި އެއްބަސްވުން ގާއިމުކުރުމަށް މަގުފަހިކޮށްދިން ގައުމުތަކަށް ދިވެހި ރާއްޖެއިން ހާއްސަ ޝުކުރެއް އަދާކުރަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ހަމަލާ ހުއްޓައިލައިފައި އޮތްއޮތުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއަޅުއްވާ ކަމަށެވެ. އަދި މި ސުލްހައިގެ ދަށުން ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން އެނބުރި ގެދޮރަށް އައުމަށާއި އެ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ރައީސް ގޮވައިލެއްވިއެވެ.
"ފަލަސްތީނަށް ބަދަލު ދިނުމަށް އިސްރާއީލަށް ގޮވައިލަން. އިސްރާއީލުގެ ހަތުރުވެރިކަމުގެ ސަބަބުން ސުންނާފަތި ކޮށްލައިފައިވާ ފަލަސްތީނު އަލުން އާރާސްތުކުރުމަށް ފަލަސްތީނަށް ބޭނުންވާ އެންމެ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑުމެން ބާރުއަޅަން،" ރައީސް އިތުރަށް ވިދާޅުވިއެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓައިލިކަން އިއްޔެ އިއުލާން ކުރެއްވީ މި ހަފުތާގައި އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. ޣައްޒާގެ ސުލްހައިގެ ވާހަކަތަކުގައި އިސް ދައުރެއް އަދާކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ގަތަރު އަދި މިސްރު ހިމެނެއެވެ.
އޮކްޓޫބަރު 2023 ގެ ހަތެއްގައި ފެށި ޣައްޒާ ހަނގުރާމައަށް 460 ދުވަސްވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 46،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.



advertisment