ހުޅުމާލެ ފޭސް ދޭއްގައި ހުރި ޓްރާންސްފޯމަރަކަށް ގެއްލުން ދީ، އޭގެން ވައްކަން ކުރަން އުޅެނިކޮށް އެ ކަމަށް ހުރަސްއެޅި ސްޓެލްކޯ މުވައްޒަފަށް ހަމަލާ ދިން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަމަލާ ދިން މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވިއެވެ.
ފުލުހުން ހާމަކުރި ވަނަވަރުގައިވާ ގޮތުން ސްޓެލްކޯގެ މުވައްޒަފަށް މަރުގެ އެތިފަހަރަކުން ހަމަލާ ދީފައިވަނީ ށ. ބިލެތްފަހި، ޗަނބޭލީގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޒާލިފުއެވެ.
ޒާލިފު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ 9.43 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ މަސައްކަތް ކުރީ ރީތިގަސް މަގު ބްރިޖް ކައިރީގައި ހުރި ޓްރާންސްފޯމަރަށް ގެއްލުން ދީ، އެއިން ވައްކަން ކުރަން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކުރީ ޓްރާންސްފޯމަރަށް ގެއްލުން ދީ، އެއިން ވައްކަންކުރަން އުޅެނިކޮށް ސްޓެލްކޯ މުވައްޒަފުން އެކަން ހުއްޓުވުމުން، އެ ތަނުން މުވައްޒަފަކަށް ހަމަލާ ދީ، މާރާމާރީ ހިންގައިފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ހަބަރު ފުރަތަމަ އެކްސްގައި ހިއްސާ ކުރައްވަމުން ފަހުމީ އެޓެޗްކުރައްވައިފައިވާ ފޮޓޯއިން ފެންނަނީ މުވައްޒަފުގެ ވައަތު ލޯ މައްޗާއި ތިރީ ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަ މަންޒަރެވެ.
"ބޮޑު ރެންޗަކުން މުވައްޒަފުގެ ބޮލުގައި ޖެހުމުން އޭނާ ދާއިމީ ނުކުޅެދުންތެރިކަމަކުން ނުވަތަ މަރުން ވެސް ސަލާމަތްވީ ކިރިޔާ،" ފަހުމީ ވިދާޅުވިއެވެ.
މުވައްޒަފާ ދެކޮޅަށް ހިންގި މާރާމާރީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ފަހުމީ އެކްސްގައި ލިޔުއްވިއެވެ.
ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
"ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން މި މުވައްޒަފުގެ ކެރުންތެރިކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ޓީމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކާތެރިކަމެއް ސީރިއަސްކޮށް ނަގާނެކަން،" ފަހުމީ ވިދާޅުވިއެވެ.
ޓްރާންސްފޯމަރަށް ގެއްލުން ދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
"ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އޭނާ ވިދާޅުވެފައިވެއެވެ.
ހަމަ ހުޅުމާލޭގެ ފޭސް ދޭއްގެ ބާރުގަދަ ދެ ޓްރާންސްފޯމަރެއް ހޮނިހިރު ދުވަހު ހެނދުނު ވަނީ ހަލާކުކޮށްލައިފައެވެ.
"(ހައި ވޮލްޓެޖް) އެޗް.ވީ ސްވިޗްތައް ނިއްވައިލައިފައިވާ ގޮތުން ހާމަވަނީ މި ދެ ޓްރާންސްފޯމަރު ހަލާކުކޮށްލީ ޓްރާންސްފޯމަރުތައް މަސައްކަތްކުރާ ޓެކްނިކަލް ނިޒާމު އެނގޭ ބަޔަކުކަން. މި ފަދަ އަމަލުތަކުގެ ސަބަބުން ކަރަންޓްގައި ޖެހި، ޒަހަމްވެ، އަދި މަރުވުން ވެސް އެކަށީގެންވޭ. އަދި މި ފަދަ ކަންތައް ކުރާ މީހުންގެ އިތުރުން މުޖުތަމައުގެ އެހެނިހެން އަފުރާދުންނަށް ވެސް ގެއްލުން ލިބިދާނެ،" ފަހުމީ ވިދާޅުވެފައިވެއެވެ.
"ޓްރާންސްފޯމަރުތަކެއް ހަލާކު ކުރަނިކޮށް މި ދިޔަ އަހަރު ބަޔަކު މަރުވެގެން ދިޔުމަކީ މި ކަހަލަ އަމަލުތަކުގެ ވޭނީ ހަނދާންތައް އާކޮށްދޭ ކަމެއް،" ފަހުމީ ވިދާޅުވިއެވެ.
ދެ ޓްރާންސްފޯމަރު ހަލާކު ކޮށްލުމުން ހާމަވަނީ އާއްމުން ހޭލުންތެރިކުރުމުގެ މުހިންމުކަން ކަމަށާއި ފުރާނަ ސަލާމަތްކުރުމަށް ފިޔަވަޅު އެޅުމުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗަރު ރައްކާތެރިކުރުން މުހިންމު ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި ފަދަ ކަންތައްތައް ކުރިމަގުގައި ނުހިނގާނެ ގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.