Support Us

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު (ކ) އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއާއެކު އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުގެ ރައުންޑް ޓޭބަލް މަޝްވަރާތަކުގައި

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލްގެ މަޝްވަރާތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވެވި ރައުންޑް ޓޭބަލް މަޝްވަރާތައް ކާމިޔާބު ކަމަށް ވިދާޅުވެ، އެ ގައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

"އެސްޓޯނިއާގެ ޑިޖިޓަލް އީޖާދުކުރުންތަކާއި ސްޓާޓްއަޕް އިކޯސިސްޓަމުން ރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް އިލްހާމެއް ލިބިއްޖެ،" އިއްޔެ އޮތް ބައްދަލުވުމަށް ފަހު ރައީސް އެކްސްގައި ލިޔުއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އާއްމު ހިދުމަތުގެ ދާއިރާ އާއި އަމިއްލަ ވިޔަފާރި ދާއިރާ ކުރިއެރުވުމަށް އެސްޓޯނިއާ އާއެކު ގުޅުން އިތުރަށް ބަދަހިކުރަން އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް މި ޓްވީޓް ކުރެއްވީ ޑޮކްޓަރ ކަރިސްގެ ޓްވީޓެއް ޓެގްކުރައްވައިފައެވެ. ޑޮކްޓަރ ކަރިސްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އެ މަނިކުފާނު ރައީސް ޑޮކްޓަރު މުއިއްޒު އާއެކު ބޭއްވެވި ރައުންޑް ޓޭބަލް މަޝްވަރާގައި އެސްޓޯނިއާގެ ޑިޖިޓަލް ހުނަރުތަކާއި ސްޓާޓްއަޕް އިކޯސިސްޓަމުން ރާއްޖެއާއެކު އެސްޓޯނިއާއަށް ގުޅުން ގާއިމު ކުރެވޭނެ ގޮތްތަކަށް ބައްލަވައިލެއްވި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އާއްމު ހިދުމަތުގެ ދާއިރާ އާއި އަމިއްލަ ވިޔަފާރީގެ ދާއިރާއަށް ތަރައްގީ ގެނައުމަށް ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންތައްތައް ހިމެނޭ ކަމަށެވެ.

ރައީސް ޑޮކްޓަރ ކަރިސްގެ ދައުވަތަކަށް ރައީސް ޑޮކްޓަރ މުއިއްޒު ޔޫރަޕްގެ އިއްތިހާދުގެ މެންބަރު ގައުމެއް ކަމަށްވާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު އިއްޔެ ކުރިއަށް ގެންދެވި މަޝްވަރާތައް އަމާޒު ކުރެއްވީ ރާއްޖޭގެ އަދުގެ ހާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްގީގެ ރޮނގުން ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.

ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތައުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ޑޮކްޓަރ ކަރިސް އާއި ރައީސް ޑޮކްޓަރ މުއިއްޒު ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަރސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން އިލްމު ހިއްސާކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އެސްޓޯނިއާއަކީ އިއާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ރާއްޖެއަށް އަގުހުރި ނަމޫނާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ތަރައްގީ ގާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި އެސްޓޯނިއާއާ އެކުގައި މަސައްކަތްކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް އެ މަނިކުފާނު މަޝްވަރާކުރެއްވިއެވެ.

އާބާދީގައި 1.3 މިލިއަން މީހުން ދިރިއުޅޭ އެސްޓޯނިއާގައި އާއްމު ހިދުމަތްތަކުގެ ތެރެއިން 99 ޕަސެންޓް ހިދުމަތް ސަރުކާރުން ފޯރުކޮށްދެނީ ޑިޖިޓަލްކޮށެވެ. އަދި އިންތިހާބުތަކުގައި އޮންލައިންކޮށް ވޯޓުލުން ތައާރަފުކުރި ފުރަތަމަ ގައުމަކީ ވެސް އެސްޓޯނިއާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *