Support Us

ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެސްޓޯނިއާ ކުރިއަރައިފައިވާ މިންވަރު

ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެސްޓޯނިއާ ވަނީ މުހިންމު ކުރިއެރުންތަކެއް ހޯދައިފައެވެ. ހާއްސަކޮށް އީ-ގަވަނަންސް (E-Governance)ގެ ރޮނގުންނެވެ.

ޑިޖިޓަލް ޓެކްނޮލޮޖީ އާއި އީ-ގަވަނަންސްގެ ދާއިރާއިން އެސްޓޯނިއާއަކީ މިހާރު ދުނިޔޭގެ ލީޑަރެއް ކަމަށް ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ. ސަބަބަކީ އެސްޓޯނިއާގެ މުޖުތަމައު ނުވަތަ ސޮސައިޓީ (Society) އާއި ގައުމުގެ ހިންގުން ނުވަތަ ގަވަނަންސް (Governance) ބަދަލުކޮށްލުމަށް އެކި ބާވަތުގެ އުފެއްދުންތެރި ޑިޖިޓަލް ނިޒާމުތައް ނުވަތަ އިނޮވެޓިވް ޑިޖިޓަލް ސިސްޓަމްސް (Innovative Digital Systems) ބޭނުންކުރާތީއެވެ.

މި ބަލައިލަނީ މި މޭރުމުން ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެސްޓޯނިއާއިން ހޯދައިފައިވާ ކުރިއެރުންތަކަށެވެ:

އީ-ގަވަނަންސް:

އެސްޓޯނިއާ ސަރުކާރުގެ 99 އިންސައްތަ ހިދުމަތް ދެނީ އޮންލައިންކޮށެވެ. އޭގެ ތެރޭގައި ވޯޓު ލުމާއި ޓެކްސް ދެއްކުމާއި ސިއްހީ ފަރުވާ ދިނުން ހިމެނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނުވަތަ ޑިޖިޓަލް އައި.ޑީ(Digital ID):

އެސްޓޯނިއާގެ ހުރިހާ ރައްޔިތުންނަށާއި އެސްޓޯނިއާގައި ދިރިއުޅޭ ކޮންމެ މީހަކަށް ސަލާމަތީ ފިޔަވަޅުތައް އަޅައިފައިވާ ޑިޖިޓަލް އައިޑެންޓިޓީ ކާޑު (Digital Identity Card) ދެއެވެ. މިއީ އޯތެންޓިކޭޝަން (Authentication) އަދި ޑިޖިޓަލް ސިގްނޭޗާ (Digital Signature) އަށް ބޭނުން ކުރެވޭ ޑިޖިޓަލް އައި.ޑީ ކާޑެކެވެ.

އެކްސް-ރޯޑް (X-Road):

މިއީ ލާމަރުކަޒީ އުސޫލު ނުވަތަ ޑިސެންޓްރަލައިޒް (Decentralize) ކޮށްފައިވާ ނިޒާމެއްގެ ދަށުން ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ގުޅުވައިލައިފައިވާ، ސަލާމަތީ ފިޔަވަޅުތަކާއެކު، މައުލޫމާތު ބަދަލުކުރާ ޕްލެޓްފޯމެކެވެ. މި ނިޒާމުގެ ދަށުން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މެދުގައި މައުލޫމާތު ބަދަލުކުރެވެއެވެ.

އީ-ރެސިޑެންސީ ޕްރޮގްރާމް (E-Residency Programme):

މި ލާމަސީލު ޕްރޮގްރާމްގެ ޒަރީއާއިން ކޮންމެ މީހަކަށް ވެސް، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެފައި ވެސް، ޑިޖިޓަލް އައިޑެންޓިޓީ (Digital Identity) އެއް ހޯދައިގެން، އެސްޓޯނިއާގެ ވިޔަފާރިތަކާ އޮންލައިންކޮށް މުއާމަލާތް ކުރެވެއެވެ. މި ދުނިޔޭގެ ފުރަތަމަ އީ-ރެސިޑެންސީ ޕްރޮގްރާމް އެސްޓޯނިއާއިން ތައާރަފުކުރީ 2014 ގައެވެ. މި ޕްރޮގްރާމްގެ ދަށުން އެސްޓޯނިއާ ނޫން އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް، އެސްޓޯނިއާގައި ދޭ ޑިޖިޓަލް ހިދުމަތްތައް ނުވަތަ ޑިޖިޓަލް ސާވިސަސް (Digital Services) ގެ ބޭނުން ހިފަން މަގުފަހިކޮށްދީފައިވެއެވެ. އެ ގޮތުން އެސްޓޯނިއާއިން ބޭރުގައި ހުރެގެން ވެސް އީ-ރެސިޑެންޓްސް (E-Residents) އަށް އޮންލައިންކޮށް ކުންފުނިތައް ގާއިމުކޮށް، އެ ތަންތަން ހިންގައި، ބޭންކިން (Banking)ގެ ހިދުމަތުގައި ބައިވެރިވެ، ޓެކްސް ވެސް ދެއްކެވެ.

ޑިޖިޓަލް ވޯޓިން (Digital Voting) ނުވަތަ އީ-ވޯޓިން (E-Voting):

އެސްޓޯނިއާއަކީ އިލެކްޓްރޯނިކް ވޯޓިން (Electronic Voting) ދުނިޔޭގައި ތައާރަފުކުރި ފުރަތަމަ ގައުމެވެ. މި ނިޒާމުގެ ދަށުން އިންތިހާބުތަކުގައި ރައްޔިތުންނަށް އޮންލައިންކޮށް ވޯޓުލެވެއެވެ. މި ކަން ވައިގައި ހިފީ 2001 ގައެވެ. އަދި 2005 ގައި މުނިސިޕަލް އިލެކްޝަނަށް ހިންގި ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން އިންޓަނެޓް މެދުވެރިކޮށް އާއްމު އިންތިހާބުގައި ވޯޓު ލި ފުރަތަމަ ގައުމަށް ވިއެވެ. އަދި މިއީ ގާނޫނީ ގޮތުން ބަލައިގަނެވުނު އޮންލައިން ވޯޓިން ނިޒާމެއް ކަމަށް ކަނޑައެޅިއެވެ. އެހާ ހިސާބުން އެސްޓޯނިއާގެ އިންތިހާބުތަކާ ބެހޭ އޮފިޝަލުން ވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް (Electronic Voting System) އަކީ ކާމިޔާބު ނިޒާމެއް ކަމަށް ކަނޑައަޅައިފައެވެ. އަދި 2007 ގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ޕާލަމަންޓްގެ އިންތިހާބު ބޭއްވީ އިންޓަނެޓް މެދުވެރިކޮށް ވޯޓުލައިގެންނެވެ. މިއީ ވެސް ދުނިޔޭގައި މުޅިން އަލަށް ކުރި ކަމެކެވެ. އަދި 2023 ގައި ޕާލަމަންޓްގެ އިންތިހާބުގައި ފުރަތަމަ ފަހަރަށް ދެބައިކުޅައެއްބަޔަށްވުރެ ގިނަ ވޯޓު ލައިފައިވަނީ އިންޓަނެޓް މެދުވެރިކޮށެވެ. އީ-ވޯޓިން ހިދުމަތުގައި ކޮންމެ ރައްޔިތަކަށް ވެސް އޮންލައިން ޕޯޓަލްއަކަށް ވަދެ، އެހެން މީހަކު އޭނާގެ މައުލޫމާތާ ކުޅެފައިވޭތޯ ބަލައިލެވެއެވެ. މިހެން ހެދުމުން ވޯޓުލުމުގެ ނިޒާމު ދެފުށްފެންނަ ގޮތަށް ހަރުދަނާވެފައިވެއެވެ.

އީ-ހެލްތު ރެކޯޑްސް (E-Health Records) ނުވަތަ އީ-ހެލްތު ސިސްޓަމް (E-Health System):

އެސްޓޯނިއާއިން އަންނަނީ ސަލާމަތީ ގޮތުން ރައްކާތެރި އަދި މައުލޫމާތު ފުރިހަމަ ޑިޖިޓަލް ހެލްތު ރެކޯޑް ސިސްޓަމް (Digital Health Record System)އެއް ނަގަހައްޓަމުންނެވެ. މި ނިޒާމުގެ ދަށުން ބަލިމީހުންނާ ބެހޭ މައުލޫމާތު ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދެއެވެ. މި ނިޒާމުގައި ސިއްހީ މައުލޫމާތުގެ 99 އިންސައްތަ ވަނީ ޑިޖިޓަލް ނުވަތަ ޑިޖިޓައިޒް (Digitize)ކޮށްފައެވެ. ރައްޔިތުންނަށް އެ މީހުންގެ ސިއްހީ މައުލޫމާތު އޮންލައިންކޮށް ބަލައިލެވެއެވެ. އަދި ޑޮކްޓަރުންނަށް އެ މީހުންގެ ޕްރިސްކްރިޕްޝަން ނުވަތަ ބޭސް ސިޓީ ޑިޖިޓަލްކޮށް ފޯރުކޮށްދެވެއެވެ. މި ނިޒާމުގައި މައުލޫމާތު ރައްކާތެރި ގޮތުގައި ބެލެހެއްޓުމަށް ބްލޮކްޗެއިން (Blockchain) ބޭނުންކުރެއެވެ.

ޑިޖިޓަލް އެޑިއުކޭޝަން އިނިޝިއެޓިވްސް (Digital Education Initiatives):

ކޯޑިން (Coding) އަދި ޑިޖިޓަލް ލިޓަރެސީ (Digital Literacy) މަދަރުސާތަކުގެ މުގައްރަރުގައި ޅަ އުމުރުގެ ކުދިންނަށް ހިމަނައިފައިވެއެވެ. އީކޫލް (eKool) އަދި ސްޓޫޑިއަމް (Stuudium)ގެ ޒަރީއާއިން ދަރިވަރުންނާއި މުދައްރިސުން އަދި މައިންބަފައިންގެ ބައިވެރިވުމާއެކު ތައުލީމު ފޯރުކޮށްދެއެވެ.

އީ-ޓެކްސް ފައިލިން (E-Tax Filing): ޓެކްސް ފައިލިން (Tax Filing) ނުވަތަ ޓެކްސް ދެއްކުން އެސްޓޯނިއާގައި ހަމަޖައްސައިފައިވަނީ އެއްވެސް މިންވަރަކަށް ކަރުދާސް ބޭނުން ނުކޮށް ނުވަތަ ޕޭޕާލެސް (Paperless)ކޮށެވެ. އެ ގޮތުން ޓެކްސް ދައްކާ ރައްޔިތުން ނުވަތަ ޓެކްސްޕޭޔާސް (Taxpayers) ސަރުކާރަށް ޓެކްސް ދައްކަނީ އޮންލައިންކޮށެވެ.

އޯޕަން ޑޭޓާ އިނިޝިއެޓިވްސް (Open Data Initiatives):

ސަރުކާރުގެ މައުލޫމާތު ނުވަތަ ގަވަންމަންޓް ޑޭޓާ (Government Data) އާއްމުންނަށް ހާމަކުރުމުގައި އެސްޓޯނިއާއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފައެވެ. މި ކަމުގެ ސަބަބަން އާ ގޮތްތައް ނުވަތަ އިނޮވޭޝަން (Innovation) އަދި ހުޅުވިފައިވާ ނުވަތަ ޓްރާންސްޕޭރެންސީ (Transparency)އަށް މަގުފަހިވެފައިވެއެވެ.

ސައިބާސެކިއުރިޓީ (Cybersecurity):

އެސްޓޯނިއާގެ އިންފްރާސްޓްރަކްޗަރަށް 2007 ގައި ދިން ސައިބާ ހަމަލާތަކާ ހުރެ އެސްޓޯނިއާއިން ވަނީ ސައިބާސެކިއުރިޓީ ވަރުގަދަކޮށްފައެވެ. އެ ގޮތުން އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި، ހުޅަނގުގެ ގައުމުތަކުން ގުޅިގެން އުފައްދައިފައިވާ އަސްކަރީ ޖަމިއްޔާ ނޭޓޯގެ ނޭޓޯ ކޫޕަރޭޓިވް ސައިބާ ޑިފެންސް ސެންޓާ އޮފް އެކްސެލެންސް (ސީ.ސީ.ޑީ.ސީ.އޯ.އީ) ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ގައުމުގެ އެތެރޭގައި ކާރިސާއެއް ހިނގައިފައިނެތީ ގައުމުގެ މުހިންމު މައުލޫމާތުތައް ރައްކާކޮށްފައިވަނީ ލަކްސެމްބާގްގައި ޑޭޓާ އެމްބަސީ (Data Embassy) އެއްގައެވެ.

ބްލޮކްޗެއިން ޓެކްނޮލޮޖީ (Blockchain Technology):

ގައުމީ ފެންވަރުގައި ބްލޮކްޗެއިން ޓެކްނޮލޮޖީ ގާއިމުކުރުމުގައި އެންމެ އިސްކޮށް އުޅުނު އެއް ގައުމަކީ އެސްޓޯނިއާއެވެ. މި ޓެކްނޮލޮޖީއަކީ ސިއްހީ ދާއިރާ އާއި ޝަރުއީ ނިޒާމުތަކާއި އަދި ގާނޫނު ހަދާ މަޖިލީހުގެ އިޖުރާއަތްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. މަގުސަދަކީ މައުލޫމާތުގެ ރައްކާތެރިކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމެވެ.

ސްމާޓް ސިޓީ ސޮލިއުޝަންސް (Smart City Solutions):

އެސްޓޯނިއާއިން ވަނީ ސްމާޓް ސިޓީތައް ގާއިމުކުރާ ޓެކްނޮލޮޖީތަކަށް އިންވެސްޓްކޮށްފައެވެ. އެ ގޮތުން އީ-ޕާކިން (E-Parking) ނިޒާމާއި އިންޓެލިޖެންޓް ޓްރާންސްޕޮޓޭޝަން މެނޭޖްމަންޓާއި އިއާދަކުރަނިވި ހަކަތަ ނުވަތަ ރިނިއުއަބްލް އެނަޖީ (Renewable Energy) ހައްލުތައް ހޯދަމުން އާދެއެވެ. ވެރިރަށް ޓަލިންއަކީ އުފެއްދުންތެރި ޓެކްނޮލޮޖީތައް ކަމަށްވާ، އަމިއްލަ ބާރުގައި ދުއްވާ އުޅަނދު ނުވަތަ އޮޓޮނޮމަސް ވެހިކަލްސް (Autonomous Vehicles) އާއި އިންޓަނެޓް-އޮފް-ތިންގްސް (Internet-of-Things)ގެ ތަހުލީލުތައް ކުރާ މަރުކަޒެކެވެ.

ސްޓާޓް-އަޕް އިކޯސިސްޓަމް (Start-up Ecosystem):

ޔޫރަޕްގެ ނިސްބަތުން އެސްޓޯނިއާއަކީ އެންމެ ގިނަ ސްޓާޓް-އަޕް ކުންފުނިތައް ހުރި ގައުމެވެ. އެ ގޮތުން މުޅި ދުނިޔޭގައި ކާމިޔާބު ހޯދައިފައިވާ ސްކައިޕް (Skype)، ވައިސް (Wise) އަދި ބޮލްޓް (Bolt)އަކީ އެސްޓޯނިއާއިން އުފަންވި ސްޓާޓް-އަޕްތަކެވެ. މި ކާމިޔާބީ ލިބުނީ މި ފަދަ ސްޓާޓް-އަޕްތަކަށް އެކަށޭނަ ގާނޫނީ އޮނިގަނޑެއް ހަމަޖައްސައިދީ، ސަރުކާރުން ކަންތައްތަކާ ނުބެހި، އަދި އިންފްރާސްޓްރަކްޗަރު ޑިޖިޓަލްކޮށްފައި ބޭއްވުމުންނެވެ.

އާޓިފިޝަލް އިންޓެލިޖެންސް (Artificial Intelligence) ނުވަތަ އޭ.އި (AI):

އާއްމު ހިދުމަތް ދިނުމަށް އެސްޓޯނިއާއިން އޭ.އައި ބޭނުންކުރެއެވެ. އެ ގޮތުން ވާޗުއަލް އެސިސްޓެންޓް (Virtual Assistant) ބޭނުންކުރެއެވެ. އަދި ޓްރެފިކް ބެލެހެއްޓުމަށާއި ގާނޫނު ދިރާސާކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އޭ.އައި ބޭނުންކުރެއެވެ. ސަރުކާރުގެ ޕްރޮގްރާމެއް ކަމަށްވާ ކްރެޓް އޭ.އައި (Kratt AI) އަކީ ހުރިހާ އާއްމު ހިދުމަތެއް އެއް ވިއުގައަކުން ގުޅައިލައިގެން ފޯރުކޮށްދިނުމުގެ ތަސައްވުރެއް ގެންގުޅޭ ޕްރޮގްރާމެކެވެ.

މިއީ އެސްޓޯނިއާއިން ހޯދައިފައިވާ ޑިޖިޓަލް ކުރިއެރުންތައް ނުވަތަ ޑިޖިޓަލް އެޑްވާންސްމެންޓްސް (Digital Advancements) ތަކެވެ. ޓެކްނޮލޮޖީ (Technology) ގެ ބޭނުން ހިފުމަށް އެސްޓޯނިއާއިން ދޭ ހާއްސަ ސަމާލުކަމުގެ ސަބަބުން އެސްޓޯނިއާއަކީ މިއަދު ދުނިޔޭގެ އެހެން ގައުމުތަކުން ނަމޫނާއެއް ކަމަށް ބަލާ ގައުމެކެވެ. އާއްމު ހިދުމަތްތައް ނުވަތަ ޕަބްލިކް ސާވިސަސް (Public Services) ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އެ ގައުމުތަކުގައި ވެސް ކުރިއެރުވުމަށްޓަކައެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެސްޓޯނިއާ ހޯދައިފައިވާ ކުރިއެރުންތަކުން ދައްކައިދެނީ ގަވަނަންސް (Governance)، ސެކިއުރިޓީ (Security) އަދި އިނޮވޭޝަންގެ ދާއިރާއިން ކުޑަ ގައުމަކަށް ލިބޭނެ ކާމިޔާބީތަކެވެ. މި ކާމިޔާބީއަށް މިހާރު ވަރަށް ގިނައިން "އެސްޓޯނިއަން މޮޑެލް" (Estonian Model) ނުވަތަ "އެސްޓޯނިއާގެ މިސާލު" ކިޔައެވެ. އަދި ބައިނަލްއަގުވާމީ ދުނިޔޭގައި މި ކާމިޔާބީ ބަލައިގެންފައިވަނީ ޑިޖިޓަލް ބަދަލެއް ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން (Digital Transformation)އެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *