މި ޚަބަރު އައީ ހަމަހިމޭން މެންދުރެއްގައެވެ. މިސިޓީ ގެނައީ އަތޮޅު އޮފީހުގެ ދޭވާންޏެކެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން އެ ސިޓީގައި ހިފަހައްޓާލައިގެން އައިޝާ އެމީހުންގެ ކުޑަކުޑަ ގޭގެ ދޮރުމަތީގައި ހުއްޓެވެ. އޭނާގެ ލޮލުން އެ ލަފުޒުތައް ބަލަމުން ދިޔައިރު، ބިރުވެރިކަމާއި އުންމީދު އޭނާގެ ހިތުތެރޭގައި ހަނގުރާމަ ކުރަމުން ދިޔައެވެ. އަހަރުތަކެއް ވަންދެން ޚަބަރެއް ނުވެ ދިއުމަށްފަހު، އެ އުފާވެރި ޚަބަރު ލިބުނީ ހަމަ ކުއްލިއަކަށެވެ. ގާތްގަނޑަކަށް ހުވަފެނެއް ފަދައިންނެވެ. ދުވަހަކުވެސް އެނބުރި ނާދެވޭނެއޭ ހީވާ ފަދައިން އަރުވާލެވިފައިވާ ފިރިމީހާ ހުސެން އެނބުރި އަންނަނީއެވެ!
ބަދިގޭ ކުރިމަތީ ހުރި ކުޑަ ވަޅު ސާފުކުރަން އެރިއޮތް ސައިފް އިސްއުފުލާ އޭނާގެ މަންމަގެ ކުލަފަނޑުވެފައިވާ މޫނަށް ބަލާލިއެވެ.
"މަންމަ ކޮންކަމެއް ލައިގަތީތަ؟" އޭނާ އަހާލި އިރު އޭނާގެ އަޑުގައި ކަންބޮޑުވުމުގެ ރާގެއް ހުއްޓެވެ.
އަތުގައި އޮތް ސިޓީ ތިރިކޮށްލަމުން އައިޝާ ތެޅިތެޅި އޮތް މޭތެރޭން ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެއީ ކަލޭގެ ބައްޕަ އެނބުރި އަންނަން އުޅޭ ވާހަކަ،" މަޑުމަޑުން އައިޝާ ބުނެލިއެވެ. "އޭނާއަށް މައާފު ލިބިއްޖެ. އޭނާ ރަށަށް އަންނަނީ."
އެ ބަސްތައް ވައިގެ ތެރޭގައި ދަތުރު ކުރަމުން ސައިފުގެ ކަންފަތާ ހަމައަށް އައީ އެކިގޮތްގޮތައް އެކޯވެގެންނެވެ. ވަޅުން އަރަމުންދިޔަ ސައިފްގެ ދެއަތް ފިނިވެގެން ދިޔައެވެ. ބައްޕަ ނެތުމަކީ އޭނާގެ ހަޔާތުގައި މެދުނުކެނޑި އެޅިފައިވާ ހިޔަންޏަކަށް ވެފައި ވިޔަސް، އެވާހަކަ ނުދައްކާ އޭނާ ހުންނަނީ އެއީ އޭނާ ހިތް ނުރުހޭ މައުޟޫއަކަށް ވާތީއެވެ. މިހާރު، އޭނާ އެނބުރި އައުމުގެ ޚަބަރު އިވުމުން އެޖަޒުބާތުތައް އެފުށްމިފުށަށް ޖެހިގެން ދިޔައެވެ. އޭނާގެ މުޅި ޒުވާން އުމުރު ބައްޕައާ ނުލައި ހޭދަކުރަން ޖެހުނުގޮތް ހިތަށް އަރާފައި ކޮންމެވެސް ކަހަލަ ރުޅިވެރިކަމެއް ވެސް ހިތުގައި އުފެދުނެވެ.
“ކޮންއިރަކުތަ ބައްޕަ އަންނަނީ؟" އަޑުގެ ވޮލިއުމް ދަށްކޮށްލަމުން ސައިފް އަހާލިއެވެ.
އައިޝާ އަނެއްކާވެސް ސިޓީއަށް ނަޒަރު ހިންގާލިއެވެ. "ތިން ދުވަހުގެ ތެރޭގައި."
ހުސެން އެނބުރި އައުމުގެ ކުރިން ދުވަސްތައް ފުރިގެން ދިޔައީ ހަމަ ހިމޭން ކަމާއެކު ގެ ޒީނަތްތެރިކޮށް އެކި ތައްޔާރީތައް ކުރުމުގައެވެ. އައިޝާ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން ދިޔައީ އެމީހުންގެ ގެ ސާފުކޮށް ތަރުތީބުކޮށް ހެދުމަށެވެ. އެކަމުގައި އޭނާ އެކުން ބޮޑަށް އަވަދި ނެތި އުޅެމުން ދިޔައީ އިންތިޒާރުގެ ދިގު ވަގުތު ހޭދަކުރަން ފަސޭހައަކަށް ވެސް މެއެވެ. ސައިފް ފުރާޅު މަރާމާތުކޮށް ބޭރު ދޮރުގައި ކުލަލައި ހަދަމުން ދިޔައިރު ހުސްނާ ބަގީޗާގައި އާ ގަސްތަކެއް އިންދައި ގުލޭނޫރަންމާ ގަސްތަކަށް ފެންދީ ހުސްނުހީނާމާ ގަހުގެ ފަތްތައް ދޮވެ ފެންޖަހައި ހަދާތަން ބަލަން ޕަރީ އުފަލުން ދުވެ ދުވެފައި ފުމެފުމެފައި އުޅެއެވެ.
ނަމަވެސް މި ހަރަކާތްތަކުގައި ކިތަންމެ އަވަދި ނެތި އުޅުނު ނަމަވެސް، ވަގުތު ދިގުދެމިގެން ގޮސް އުފެދިފައި އޮތް ނުތަނަވަސްކަން ކުޑައެއް ނުވެއެވެ. އައިޝާގެ ފިރިމީހާ، ސައިފުގެ ބައްޕަ، އަދި ޕަރީގެ ކާފަ އައުމުގު އިންތިޒާރުގައި އެންމެންގެ ސިކުނޑީގައި ސަތޭކަ މަންޒަރު އެއްފަހަރާ ކުރެހެމުން އެތަޞައްވަރު އެކިގޮތަށް ކުލަ ޖެހެމުން ދިޔައެވެ. ސައިފުއަށް އޭނާގެ ބައްޕަ ފެނުނީމާ އެނގޭނެ ހެއްޔެވެ؟ ހުސްނާވެސް ހުރީ މަންމަގެ ރަހުމަތްތެރިޔާ، އަދި އޭނާގެ ބަފާކަލޭގެ ދުށުމުގެ ޝައުގުވެރިކަން ވަރަށް ބޮޑުވެފައެވެ.
ހުސެން އައީ އިރުއޮއްސުނު ތަނާއެކެވެ. އެންމެން ކޮޅުކޮޅު މައްޗަށް ދުވެދުވެ ތިއްބައެވެ. މަނިކުފަންނު ފާލަމަށް ލެފި "ރަތްގަނޑު" ކިޔާ ކުޑަ ބޯޓަކުން ހުސެން ފައިބައިގެން އައިކަމެއް އެކަކަށްވެސް ނޭނގެއެވެ. އޭނާ ފާލަމަށް ފޭބި އިރު އެއްވެފައިތިބި ގިނަ މީހުންނަކަށް އޭނާ ނުވެސް އެނގެއެވެ.
ހުސެން ގެޔަށް ވަނުމާއެކު އެންމެން އައިސް އޭނާ ވަށާލިއެވެ. ބުނާނެ އެއްޗެއް ދައްކާނެ ވާހަކައެއް އެކަކަށްވެސް އެނގޭ ހެނެއް ހިޔެއް ނުވެއެވެ. އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.
ހުސެން ފެންނަނީ ރަށުން ފުރައިގެން ދިޔައިރު ހުރި ގޮތަކަށް ނޫނެވެ. މިއަދު އޭނާ އެވަނީ މުސްކުޅިވެފައެވެ. ލިބުނު ވޭން ތަކުގައި ކޮންމެވެސް ވަރަކަށް ގުދުވެސްލާފައެވެ. އަޅި ރޮނގުތަކެއް ދެމިފައިވާ ތުނބުޅިއެއް ވެސް ހުއްޓެވެ. އޭނާ ފުރައިގެން ދިޔައިރާ ބަލާފައި ޚިޔާލަށް ވެސް ނުގެނެވޭނެހާ ތަފާތު ވެފައެވެ. އެކަމަކު ތޫނު އަދި އަޒުމް ވަރުގަދަ ދެލޮލުން އޭނާ އައިޝާއަށް ބެލީ އަދިވެސް ހަމަ އޭރެކޭ އެއްފަދަ މަތިވެރި ދެގޮތެއް ނުވާ ލޯތްބަކާ އެކުގައެވެ.
އައިޝާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެދެމެދުގައި އޮތް ދުރުމިން ކުރުކޮށްލިއެވެ. އަދި އޭނާގެ ދެއަތުގެ ހާރު އޭނާގެ ކަނދުރާގައި އަޅުވާލިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެކަކު އަނެކެއްގެ ބަސް ހުއްޓިގެން ދިޔައެވެ. ދުނިޔެ ހިމޭންވެގެން ދިޔައެވެ. އެހެން ހުރިހާ ކަމެއް ހަނދާން ނެތިގެން ދިޔައެވެ. އެ ވަގުތު ސައިފުވެސް އައިސް އޭނާއަށް އަލަށް ފެނުނުހެން ހީވާ ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. ކުޑަކުޑަ ޕަރީއަށް މިވާ ގޮތެއް ނޭނގި ހައިރާން ވެފައި ހުއްޓެވެ. ހުސްނާގެ ފަސްބައިގައި އެލިގެން ހުއްޓެވެ.
ހުސެން ނުރޯން ހިތްވަރު ކުރަމުން ދިޔައެވެ. "އައިޝާ" އޭނައަށް ބުނެވުނެވެ. "މިދުވަސް ފެންނާނެޔެކޭ އަހަރެން ހިތަކަށް ކުޑަކޮށްވެސް ނާރާ. އަލްހަމްދުލިއްލާހި ޝުކުރު،" އޭނައަށް ބުނެވުނެވެ.
ސައިފް ފަސްޖެހިފައި އޭނާގެ ބައްޕަގެ މުޅިން އާ ސޫރައަށް ބަލަން ހުއްޓެވެ. މިއަދު އޭނާގެ ބައްޕަ ފެންނަނީ ނުދަންނަ މީހެއްގެ ސިފައިގައެވެ. އޭނާގެ ހަނދާނުގައި ހުރީ، ޒުވާން، ގައިބާރު ހުރި ހިތްވަރު ގަދަ މީހެކެވެ. ހުސެންވެސް އޭނާގެ ދަރިފުޅަށް ބަލާލީ އެފަދަ ބީރައްޓެހި ގޮތަކަށެވެ. އެދެމީހުންގެ ދެލޯ ބައްދަލުވުމުން ވަގުތު އަބަދަށްޓަކައި މަޑުޖެހުނު ކަހަލައެވެ.
"ސައިފް" ހުސެންގެ އަޑުގައި އަޖައިބު ކަން އެކުލެވޭ ގޮތަކަށް ބުނެލިއެވެ. "ކަލޭ ހާދަ ބޮޑުވެއްޖެއޭ."
ސައިފް އޭނާގެ ބައްޕަގެ ކޮނޑުމަތީ އަތް އަޅުވާލިއެވެ. "ބައްޕާ! މަރުހަބާ!" އިތުރަށް ބުނާނެ އެއްޗެއް ސައިފުއަށް ނޭނގުނު ކަހަލައެވެ.
އެ ބަސްތައް ކިތަންމެ ބީރައްޓެހިހެން ހީވި ނަމަވެސް ހުސެން އޭނާގެ ގައިގައި ބައްދާލުމާއެކު ސައިފްއަށް އިހުސާސް ކުރެވުނީ އޭނާގެ ހިތުގެ ވަށައިގެން ލެވިފައިވާ ދުރުހެލިކަމުގެ ފަރުދާ ވީދިގެން ދިޔަހެންނެވެ. އެއާއެކު ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ނުތަނަވަކަން ވަޒަން ކުރުމަށް ހިނދުކޮޅެއް ހޭދަ ވެގެން ދިޔައެވެ.
އެވަގުތު ޕަރީ އައިސް ކާފަގެ އަތުގައި އެލިގަތެވެ. ހުސެން އެކުޑަ ޕަރީއެއްފަދަ ކާފަ ދަރިފު ނަގާ އުރާލާފައި ހުސްނާއަށް ބަލާފައި ހީނލިއެވެ.
އެރޭ އިޝާނަމާދަށް ފަހު، އާއިލާ އެއްވެފައިވަނީ އާދައިގެ ކެއުމެއްގެ ވަށައިގެންނެވެ. ދެފަރާތުގައި އެލުވާފައި ހުރި ފާނޫޒުގެ އަލިކަމާއި ހަނދުވަރުގެ އަލިން އެމީހުންގެ މޫނުމައްޗަށް ލޯބި އެކުލެވޭ އައްޔެއް އަޅުވާފައިވެއެވެ. މޭޒުމަތީގައި ހުރިހާ ބާވަތެއްގެ ކާނާ ހުއްޓެވެ. އައިޝާ ހުސެންއަށް ޚާއްސަކޮށް ކައްކައިދޭ ކިރުގަރުދިޔަ މިރޭ ވަކީން މީރުހެން ހީވެއެވެ.
ކެއުމުގެ ތެރޭގައި ހުސެން އަރުވާލެވިފައިވާ އަހަރުތަކުގެ ބައެއް ހާދިސާ ކިޔައިދެމުން ދިޔައެވެ. އޭނާ ޖަލުން ނެރެގެން ގޮސް އަރުވާލި ނޮޅިވަރަމުގެ ވާހަކައެވެ. އެރަށުގައި އުޅެން ޖެހުނު ދަތިހާލުތަކުގެ ވާހަކައެވެ. ބޮޑުއަށީގައި ފަނަރަ މީހުން ނިދަން ޖެހުނުގޮތާއި ބޯއަޅާލާނެ ބާލީހެއް ނެތް ވާހަކައެވެ. ކާނެ ބޯނެ މާ ގިނަ އެއްޗެއް ލިބެން ނެތް ރަށެއްގައި ބަނޑުހައިހޫނުކަން ފިލުވުމަށް ކުރަން ޖެހުނު މަސައްކަތުގެ ވާހަކައެވެ.
އައިޝާ އޭނަގެ ހިތުގައި އަތް އަޅައިގެން އޮހެމުން ދިޔަ ކަރުނަތައް އޮބަހައްޓަމުން އެވާހަކަ އަޑުއަހަމުން ދިޔައިރު ސައިފް ވެސް އެ ދުވަސްތަކުގައި އޭނާ ހޭދަ ކުރަމުން ދިޔަ ދަތިކަމާއި ހިތްދަތިކަން ހަނދާން އާކުރަމުން ދިޔައެވެ. އަދި އެހަނދާންތަކާއެކު ނިއުމާއާއި ހުސްނާގެ ގުޅުންތަކުގެ ހަނދާންތައް ވެސް އާވެގެން ދިޔައެވެ.
ހުސެންގެ ނަޒަރު ދެން އަމާޒުވީ ކައިރީގައި އިނދެގެން ހީނލަމުން ހުސްނާގެ އުނގުގައި އިށީނދެގެން ސަމުސަލުން ކާން އިން ޕަރީއާ ދިމާއަށެވެ. “މި ކުއްޖާއަށް ކިޔާ ނަމެއް ވެސް އަދި އަހާ ނުލެވޭ. ” އޭނާ ނުހަނު ލޯތްބާއެކު އަހާލިއެވެ.
"މިއީ ޕަރީޒާ" ސައިފްގެ އަޑުގައި ފަޚުރުވެރިކަމުގެ އަސަރުތަކެއް އެކުލެވިގެން ދިޔައެވެ. "އަހަރެމެން ލޯބިން ކިޔަނީ ޕަރީ."
ޖަޒުބާތުން ދެލޯ ވިދައިގެން ދިއުމާއެކު ހުސެން ހިނިތުންވެލިއެވެ. "މީނައަށް ލިބިފައި މިވަނީ މަންމަގެ ރީތިކަން ދޯ؟"
އޭނާގެ މަންމަގެއޭ ބުނުމުން ސައިފްގެ މޫނުމަތީގެ ކުލަވަރު ކުޑަ ހިނދުކޮޅަކަށް ބަނަ ވެގެން ދިޔަ ނަމަވެސް އޭނާ ބޯޖަހާލިއެވެ. "އާނ." އޭނާއަކަށް އިތުރަކަށް އެވަގުތަކު އެއްޗެއް ނުބުނެވެއެވެ.
ހުސެން އޭނާގެ ސަމާލުކަން ހުސްނާއަށް އަނބުރާލީ އޭނާގެ މޫނުމަތިން ޝައުގުވެރިކަން ފާޅުކުރަމުންނެވެ. "އަދި ކަލޭ" ސީދާ އޭނައާ މުޚާޠަބުކޮށްލަމުން ބުންޏެވެ. "އަހަރެންގެ އާއިލާއާ ގުޅިފައި ތިޔަވަނީ ކިހިނެއް؟"
ހުސްނާ އޭނާގެ ނަޒަރާއި ބައްދަލުކުރީ މަޑުމައިތިރި ކަމާއެކުގައެވެ.. "މަންމަގެ ފަރާތުން،" ހުސްނާ އާދައިގެ ގޮތަކަށް ބުންޏެވެ. "މިއީ އަހަރެންނަށް ލިބުނު ޝަރަފެއް."
ބޯޖަހާލުމުގެ ކުރިން ހުސެއިން އިރުކޮޅަކު އޭނާ ދިރާސާ ކުރިއެވެ. "ޝުކުރިއްޔާ" އޭނާ އިޚްލާޞްތެރިކަމާއެކު ބުންޏެވެ. "ބުނެވޭވަރަށްވުރެން ބޮޑަށް އަހަރެން ވަނީ ކަލޭގެ މަންމަ އަށް ދަރަނިވެރިވެފައި،" ހުސެން މިހެން ބުނި އިރު ހީވަނީ އޭނާއަށް އެއީ ކާކުގެ ދަރިއެއްކަން ރަނގަޅަށް އެނގިފައިވާހެންނެވެ.
އެރޭގެ ފަހުކޮޅު ޕަރީ ހުސްނާއާއެކު ނިދަން ދިއުމުން ހުސެއިން އާއި ސައިފް ފެންޑާގައި އިށީނދެގެން ތިބެ އެކި ވާހަކަ ދައްކަމުން ދިޔައެވެ. ސާފު އުޑުމަތީގައި ދިއްލިފައިވާ ތަރިތަކުގެ ސަނދުވާގެ ދަށުގައި ހަމަހިމޭން ރޭގަނޑު ފާއިތުވަމުން ދިޔައެވެ. ގިނައިރުތަކެއް ވަންދެން ދެމީހުންގެ މާޒީވި ދުވަސްތަކުގެ ވާހަކަތައް ދެކެވެމުން ދިޔައެވެ. ހިމޭން ވަގުތު ތަކުގައި ބާރަށް އިވެމުން ދިޔައީ ވަލުތެރޭގެ ފަނިފަކުސާތަކުގެ ގޮވުމުގެ އަޑެވެ.
"ކަލެއާ މެދު ކަންތައް ހިނގައި ދިޔަހުރިހާ ވާހަކައެއް މިހާރު އަޑުއިވިއްޖެ،" އެންމެ ފަހުން ހުސެން އަހާލިއެވެ. "ކިހިނެއް މަންމައަށް އެހީވަމުން، އަމިއްލައަށް ދިރިއުޅުމެއް މިހާ ރަނގަޅަށް ބިނާކުރީ؟ އަހަރެން އުފާ ކުރަނީ ކަލޭ ރަށުތެރެއަށް ގިނަވެ ބޭކާރު ވެގެން ނުދިޔަތަން ފެނުމުން. އެކަމަށް އަހަރެން ފަޚުރުވެރި ވަން."
ސައިފް އުޑުމައްޗަށް ބަލަހައްޓައިގެން އިނދެ މާޒީގެ ހަނދާންތައް ކުރިއެވެ. "އެއަކީ ފަސޭހަ ކަމެއް ނޫން، ބައްޕާ."
"އަހަންނަށް އެނގޭ" ހުސެން އޭނާއާ ދިމާލައް ލެނބިލަމުން ބުންޏެވެ. "އަހަރެން ހުރީއަކީ ދުވަހަކުވެސް ސިޔާސީ ކަމެއްގެ ތެރެއަށް ވަންނާކަށެއް ނޫން. އެކަމަކު އައްޑޫއަށް ދިމާވެފައިވާ ދަތިތަކާމެދު އަހަރެން ކަންބޮޑުވި. އެ ޝުއޫރުތައް ހާމަ ކުރަން ޖެހުނީ އެހެންވެ. އަހަރެމެންގެ މިނިވަންކަމަށްޓަކައި އެންމެންނަށް ލާބަ ލިބޭނެ ގޮތް ހޯދައިދިނުމަށް ކުރެވުނު މަސައްކަތުގައި އަހަރެންނަށް ބައިވެރި ވެވުނީ."
ސައިފް އޭނާއާ ދިމާއަށް ބަލާލިއިރު އޭނާގެ ދެލޮލުގައި ވަނީ ވޭނާއި ފިކުރު އެކުލެވިފައެވެ. "އެކަމަކު އެކަމުން އަހަރެމެންނަށް ވަރަށް ބޮޑު ދެރައެއް ވެސް ލިބިގެން ދިޔައެއް ނު؟ މަންމައަށް ޖެހުނީ އެކަނިމާ އެކަނި އަހަރެން ތަރުބިއްޔަތު ކުރަން. އަހަރެން ބޮޑުވީ ބައްޕައަކާ ނުލައި."
ހުސެއިން މަޑުމަޑުން ބޯޖަހާލިއިރު އޭނާގެ ލޮލުގައިވެސް ފެން ބަރުވެފައި ވެއެވެ. "ތިބުނީ ތެދެއް. އަހަންނަކަށް ހިނގައިދިޔަ ކަމެއް ނުހިނގާ ކަމަށް ހަދައެއް ނުލެވޭނެ. އެކަމަކު މިހާރު އަހަރެން މިހުރީ ކަލޭމެންގެ ގާތަށް އައިސް، ސައިފް. އަދި އަހަރެން ބޭނުންވަނީ ކަލެއަށް ހައްގުވާ ފަދަ ބައްޕައަކަށް އަލުން ވުމަށް. އެކަމަކު އަހަރެންގެ ހަޔާތަކު ބާކީ މާ ގިނަ ދުވަސް ތަކެއް އޮތް ހެނެއް ވެސް ހިޔެއް ނުވޭ."
ސައިފްގެ ތުންފަތް ތުނި ރޮނގަކަށް ފިއްތާލިއިރު އޭނާގެ ޖަޒުބާތުތައް އޭނާގެ ތެރޭގައި ހަނގުރާމަ ކުރަމުން ދިޔައެވެ. އޭނާ އެންމެ ފަހުން ބޯޖަހާލިއެވެ. "ކިތަންމެ ކުޑަ ވަގުތު ކޮޅެއް ލިބުނަސް އަހަރެން ވަރަށް އުފާ ކުރަން."
ހުސެއިން ތެދުވެ އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާ ލިއެވެ. "ވަގުތަކީ އަހަރެމެންނަށް ބާރު ހިނގާނެ އެއްޗެއް ނޫން ދަރިފުޅާ. އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ކަލޭމެންނާ އެކުގައި ވާނަމު."
އޭގެ ފަހުން އައި ދުވަސްތަކުގައި ހުސެންއަށް އަނެއްކާވެސް ރަށުގެ ދިރިއުޅުމުގެ ތެރެއަށް ވަދެވި ހޭނެމުން ދާން ފެށިއެވެ. ސައިފް ގަމަށް ނުދާ ދުވަސްތަކުގައި އޭނައާއެކު މަސްވެރިކަމުގައި ގޮސް ހަދައެވެ. މެންދުރު ފަހު ބަގީޗާގައި ޕަރީއާ އެކު ކުޅެން އުޅެއެވެ. ރޭގަނޑު ކާ ގަޑީގައި އެންމެން އެކީ ގޭ ދޮރުމަތީގައި އޮންނަ މެދުވަތި ކިޔާ ހުސް ތަނުގައި ގޮނޑި މޭޒު ބަހައްޓައިގެން ކާން ތިބެއެވެ. ކެއުމުގެ ތެރޭގައި އޭނާ އެ އެންމެނަށް އެކި ވާހަކަތައް ކިޔައިދެމުން ދިޔައެވެ. މަޑުމަޑުން ރަށުގެ ރައްޔިތުން އޭނާއާ ގުޅެމުން ދިޔައެވެ. އެމީހުންގެ މިނިވަންކަމަށްޓަކައި ތެދުވި މީހާއަށް ފަހުން މީހުން ޝުކުރުވެރިވާން ފަށައިފިއެވެ.
އައިޝާއަށް އުފާވެރިކަން ލިބި އަލުން ތާޒާވެފައި ވާތަން ފެންނަން ފަށައިފިއެވެ. އޭނާގެ ކުޑަ އާއިލާ އަލުން އުފާވެރި ކަމާއެކު ބިނާކުރަމުން ދާތަން ފެނުމުން އޭނާގެ މޫނު މަތީން ތާޒާ ކަމާއި ހިނިތުން ވުން ފާޅުވަމުން ދިޔައެވެ.
އެކަމަކު އަދިވެސް ހުސެންގެ ޝައުޤުވެރިކަން ހުސްނާއާއި މެދު އިތުރަށް ފުންވެފައި އޮތެވެ. އެއްދުވަހަކު ހަވީރު ހުސްނާއާއި ޕަރީއާއެކު ހޭދަކުރަން ލިބުނު ވަގުތަކު ހުސެން އޭނައާ ސުވާލު ކުރިއެވެ.
"ކަލޭ އިންސިއަކަށް ވުމަކީ ކުޑަ ކަމެއް ނޫން،" އޭނާ މަޑުމަޑުން ބުންޏެވެ. "ކަލޭ އެ ދޫކޮށްލީ ވަރަށް އަގުބޮޑު އެއްޗެއް."
ހުސްނާ ކުޑަކޮށް ހިނިތުންވެލިއެވެ. "ނޫން އެއީ އަޅުގަނޑު ހަމަ އުފަލުން ކުރި ކަމެއް."
"އެހާވަރުގެ ކަމެއް ކުރީ ކީއްވެ؟" އޭނާ އަހާލިއެވެ. "އަހަރެމެންނަށްޓަކައި އެހާ ވަރުގެ ގުރުބާނީއެއް ވީ ކީއްވެތަ؟"
ހުސްނާގެ ނަޒަރު ތިރިކޮށްލިއެވެ. "އަހަރެންނަށް ފެނުނުގޮތުގައި ކޮންމެވެސް ގޮތަކުން އަހަރެން ވަނީ މި އާއިލާއާ ގުޅިފަ. ސައިފުގެ މޭ މަތީން މަންމަގެ ނިޝާނެއް އަހަންނަށް ފެނުނީ. އަހަރެންގެ މަންމަވެސް ހުސެންބެއާ ވަނީ ގުޅިފައެއްނު؟"
ހުސެއިން އިރުކޮޅަކު ވިސްނަން އިނުމަށް ފަހު ބޯޖަހާލިއެވެ. "އަހަރެންގެ އާއިލާއަށް ތި އާއިލާގެ ސަބަބުން ލިބުނު ހުރިހާ މޮޅަކަށްޓަކައި އަހަރެން ވަރަށްޝުކުރުވެރިވަން. ޚާއްސަކޮށް ކަލޭގެ މަންމަ ރާނީއަށް."
އެ ކުޑަ އާއިލާ އާ އާދައިގެ ހާލަތަކަށް ބަދަލުވެ އުފަލުގައި އުޅެމުން ދިޔައެވެ. އެއާއަކު އެއެންމެންގެ ގުޅުންތައްވެސް ވަރުގަދަވެ އިތުރު ވަމުން ދިޔައެވެ. ސައިފު އޭނާގެ ބައްޕައާ ދެމެދުގައި އޮތް ގުޅުން އަލުން ބަދަހި ވަމުން ދިޔައެވެ. ސައިފްއަށް ފެނުނީ ބައްޕައާ އިތުރަށް ހުޅުވިފައިވާ މާހައުލެއްގައި ވާހަކަ ދައްކަމުން ދިޔައިރު، އެތައް އަހަރެއް ވަންދެން ވަކިވެގެން ގޮސްފައިވާ ގާތްކަން އަލުން އިއާދަވަމުން ދިޔަ ތަނެވެ. އަބަދުވެސް ހަމަހިމޭން ނަމަވެސް މަގުދައްކައިދޭ ހުސްނާ ވެގެން ދިޔައީ އެމީހުންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ކަމެވެ. އޭނާގެ ޙިކުމަތުން މާޒީއާއި މުސްތަޤްބަލާ ދެމެދު އޮންނަ ނާޒުކު ތަފާތުކަން މިހާރު އެވަނީ ކުޑަވެގެން ގޮސްފައެވެ.
އަދި އެދެމީހުން އެއްކޮށް ގެންގުޅެމުންދާ ޕަރީ ވެސް މިހާރު ދޮންދައްތަ ގެޔަށް އަލިފުބާ ޖަހައި ވޮށުފިލާ އަޅަން ފޮނުވަން ފަށައިފިއެވެ. އެއާއެކު އޭނާ އާއިލާގެ އެންމެންގެ ލޯބީގެ ހޫނުގައި ތަރުބިއްޔަތު ވަމުން ދިޔައެވެ.
އަހަރުތަކެއް ފަހުން ފުރަތަމަ ފަހަރަށް ގޭތެރެ ހޭނއަޑާއި އުފާ ކުރުމުގެ އަޑުން ފުރިގެން ދިޔައެވެ. މީރު އެއްޗެހި ކެއުން ބުއިމާއި މަޖާ ކުރުމާއެކުގައެވެ. ސައިފު ގަމުގައި ވަޒީފާ އަދާ ކުރާތީ މުޅި ގެއަށް ތަނަވަސްކަން ވެރިވެފައި އޮތެވެ. އަދި އޭގެ އިތުރުން އައިޝާ ދިވެހި ހެދުމާއި ފާސްކުރި ހެދުން ފަހައިގެން އިތުރު އާމްދަނީ ހޯދަމުން ދެއެވެ. މާޒީގެ ހިތާމަތައް އެއްކޮށް ފޮހެވިގެން ނުދިޔަ ނަމަވެސް، އެކަންތައް އަލުން ހަނދާކޮށް އިއާދަ ކުރުމަކީ މިހާރު ދެން މާނައެއް ހުރި ކަމެއް ނޫނެވެ.
އެހެން ނަމަވެސް ހިތަދޫގެ ރަނިން ހަނާ ފެންގަނޑާއި އެމީހުންނާ ދެމެދު އޮންނަ ސިއްރު ގުޅުންތައް އާލާ ކުރެވެމުން ދިޔައެވެ. ކޮންމެ ވެސް ދޭތެރެއަކުން އާއިލާ އެކުގައި އެތަނަށް ޒިޔާރަތް ކޮށް ހެދުމަކީ އެ އެންމެންނަށް ވެސް އިތުރު އުފަލެއް ލިބިގެންދާ ކަމެކެވެ.