އުނގަންނައި ދެވުނު ގޮތްތައް ގޯސް ވެގެންހޭ ތެދުވެރީން މަދުވީ؟
އުނގަށް ލޮބުވެތި މައިން ލައިގެން ދެވުނު ތަރުބިއްޔަތުހެ އުނިވީ؟
ނުވަތަ ހެއްދެވި އިލާހަށް ބިރު ހިތުން ނެތިގެން އެކީ ގޮސްގެން
ސުވަރުގެ ދިއުން އަދައި ދާންވާ ޞިރާޠުމަގާހެ ފަހެ ދުރުވީ؟
ތިމާމެން ލޯބިވާ ގައުމުގެ ހެވާ ލާބައިގެ ޚިދުމަތުގައި
ތިމާގެ އެދުން ދިވެހިގައުމަށް ވުރެން އިސްހޭ ކުރަން ދަސްވީ؟
ޒަމާނީ ކުރިއެރުން ގައުމަށް ލިބޭ އިސްސަބަބުތައް ވިސްނައި
ސަމާލުވެ ގައުމު ކުރިއަރުވާން ތިމާމެން ނޫންހެ އިސްވާންވީ؟
ނުވަތަ ގާނޫނަކުން ހަރު މީހަކަށް ވާނަމަ ގެއަށް ފޮނުވައި
ދުވަސް ޢުމުރުން ނުވާ ބަޔަކަށް ދެވޭ އިސްކަންހެ ފާޅުމިވީ؟
މިގައުމުގެ ޢިއްޒަތާ ޤަދަރާ ތިމާމެން އިސްކުރަން ވާއިރު
ހިނގައިދާ ކަންކަމުން އެނގެނީ އެހެންހޭ ކަން ކުރެވިފައިވީ؟
ދުވާލުގެ ސާފު އަލިކަމުގައި ހިނގާ ގޯސްކަންކަމުގެ ސަބަބަށް
ސުވާލު ތަކަށް އުފެދެމުންދާ ޖަވާބެއް ނޫންހެ ހޯދަންވީ؟
