ދެމޫސުން ފުރޮޅިގެން ދާއިރު ބަދަލުނުވެ ވައި ހުރޭ ހެއްޔޭ
އެމޫސުމަކާ ގުޅޭ އޮއިވަރު ނުދެމި ކަނޑުގައި އޮވޭ ހެއްޔޭ
އަރައިގެން އަންނައިރު އަލިކޮށް ދިނަސް ބިންމަތި އަލިން އިރުދޭ
އަރައި މެދުއުޑު ޖެހޭވަގުތުގެ ފަހުން ފަނޑުނުވެ ހުރޭ ހެއްޔޭ
ވަށައިގެން މާބުރާ ބަޅިނދާ ކޮކާލާ ބުރުއަޅާ މާތަައް
ފަށައިފި ހިނދުން މިލަން ފިޔަތަައް ކޮކާތައް ބުރު އަޅާ ހެއްޔޭ
ވިދާބަބުޅާ ތަރިން ޒީނަތް ވެގެންވާ ރޭގަނޑުގެ ހިނދުކޮޅު
ނިދާ ކަލިމައިގެ ތައުހީދީ ގޮވާ ވަގުތަށް ދެމޭ ހެއްޔޭ
މުލުންރުއްގަސް ލެވޭ އުފުރައި ނަކަތްތަައް ލައިގަތަސް ގަދަފަދަ
ދުލުންބަސްބުނި ހިނދުން ވައިހިނދި ނަކަތްތައް މަޑުނުވޭ ހެެއްޔޭ
އުޖާލާ މާހަނދުން ހަނދުވަރު ދެމުންދާ ރޭތަކުގެ ރަންކަން
ހިޖާބުވެ ކޭތަ ހިފުމާއެކު ފިލައި ނުމެގޮސް އޮވޭ ހެއްޔޭ
އިލާހީ ފިޠުރަތުގެ ކަންކަން ބަލައި ވިސްނައިފި ނަަމަ ގިނަގުނަ
ފިލާވަޅުތައް ޢަދަދު ނުމެވާ ލިބޭން ޢިބުރަތުގެ ނެތް ހެއްޔޭ
