ޕޮލިމާ އެކުލެވޭ ދިޔާތަކެތީގެ ޒަރީއާއިން ސައިފަތުން ސައި ނެރުމުގެ މަރުހަލާއިން އެތައް މިލިއަން ނެނޮޕްލާސްޓިކާއި މައިކްރޮޕްލާސްޓިކް އުފެދޭކަން ސްޕޭންގެ އޮޓޮނޯމަސް ޔުނިވާސިޓީ އޮފް ބާސެލޯނާ (ޔޫ.އޭ.ބީ)ގެ އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
އިންސާނާގެ ގޮހޮރުގެ ސެލްތަކަށް ވަދެ، ލޭ ދައުރު ކުރުމުގެ ނިޒާމުގެ ތެރެއިން، އިންސާނާގެ މުޅި ހަށިގަނޑަށް މި މާއްދާތައް ފެތުރޭކަން ހާމަވި މިއީ ފުރަތަމަ ދިރާސާއެވެ.
ޕްލާސްޓިކްގެ ކުނިބުންޏަކީ ތިމާވެށި ތަޣައްޔަރުކުރާ އެއްޗެކެވެ. ކުރިމަގުގެ ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަމަށް އޮތް ނުރައްކަލެކެވެ.
ކާބޯތަކެތި ބަންދުކުރުމަކީ މައިކްރޯ އަދި ނެނޮޕްލާސްޓިކް (އެމް.އެން.ޕީ.އެލް)ގެ ތަޣައްޔަރުކަމަށް ހުޅުވޭ މަގެކެވެ. ނޭވާލުމުގެ ނިޒާމާއި ހަޖަމުގެ ނިޒާމުން އިންސާނާގެ ހަށިގަނޑަށް މި ވިހަ މާއްދާތައް ވަދެއެވެ.
ޔޫ.އޭ.ބީ.ގެ ޖެނެޓިކްސް އާއި މައިކްރޮބަޔޮލޮޖީގެ މިއުޓަޖެނެސިސް ގްރޫޕުން ހެދި ދިރާސާއިން ވަނީ ވިޔަފާރިއަށް ވިއްކާ އެތައް ބާވަތެއްގެ ސައި ފަތް ޕެކެޓުން މައިކްރޯ އަދި ނެނޮޕްލާސްޓިކް މާއްދާ ހޯދައި، ދެނެގަނެވިފައެވެ.
ޔޫ.އޭ.ބީ.އިން "ކެމޮސްފިއާ" މަޖައްލާގައި ޝާއިއުކުރި ދިރާސާގައި ބުނެފައިވަނީ ސައި ތައްޔާރުކުރަން ސައި ފަތް ޕެކެޓު ބޭނުންކުރާ ވަގުތު ގިނަ އަދަދެއްގެ ނެނޮ ސައިޒުގެ ޒައްރުތަކާއި ނެނޮފިލަމެންޓް ސްޓްރަކްޗަރުތައް ދޫކޮށްލައިކަމަށެވެ. މިއީ އެމް.އެން.ޕީ.އެލް ތަޣައްޔަރަށް ހުށަހެޅޭ މުހިންމު މަގެކެވެ.
ދިރާސާއަށް ބޭނުންކުރި ސައި ފަތް ޕެކެޓުތައް އުފައްދައިފައިވަނީ ޕޮލިމާސް ނައިލޮން-6، ޕޮލީޕްރޮޕީލީން އަދި ސެލިއުލޯސްއިންނެވެ.
ދިރާސާއިން ހާމަވީ ސައި ހަދާއިރު ޕޮލީޕްރޮޕީލީނުން މިލިލީޓަރަކަށް 1.2 ބިލިއަން ޒައްރު ދޫކުރާކަމެވެ. އެއިން ކޮންމެ ޒައްރެއްގެ އެވްރެޖް ސައިޒަކީ 136.7 ނެނޮމީޓަރެވެ.
ސެލިއުލޯސްއިން މިލިލީޓަރަކަށް ދޫކުރަނީ 135 މިލިއަން ޒައްރެވެ. އެއިން ޒައްރެއްގެ އެވްރެޖް ސައިޒަކީ 244 ނެނޮމީޓަރެވެ.
ނައިލޮން-6 އިން ދޫކުރަނީ މިލިލީޓަރަކަށް 8.18 މިލިއަން ޒައްރެވެ. އެއިން ޒައްރެއްގެ އެވްރެޖް ސައިޒަކީ 138.4 ނެނޮމީޓަރެވެ.
ސައި ހަދާއިރު އުފެދޭ ޒައްރުތަކުގެ ސިފަ ދެނެގަންނަން ބޭނުންކުރި އުކުޅުތަކަކީ ސްކޭނިން އިލެކްޓްރޮން މައިކްރޮސްކޮޕީ (އެސް.އީ.އެމް)، ޑައިނަމިކް ލައިޓް ސްކެޓަރިން (ޑީ.އެލް.އެސް)، ލޭޒާ ޑޮޕްލާ ވެލޮސިމެޓްރީ (އެލް.ޑީ.ވީ) އަދި ނެނޮޕާޓިކަލް ޓްރެކިން އެނަލިސިސް (އެން.ޓީ.އޭ)އެވެ.
"ތަޣައްޔަރުކުރާ މި މާއްދާތައް ދެނެގަތުމަށް މުޅިން އާ ގޮތްތަކެއް ބޭނުންކުރިން. އެއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ. އިންސާނުންގެ ސިއްހަތަށްކޮށްފާނެ އަސަރުތައް ދެނެގަތުމަށް މިއީ ކުރެވުނު ވަރަށް ބޭނުންތެރި އަދި އާ ދިރާސާއެއް،" ޔޫ.އޭ.ބީ.ގެ ދިރާސާކުރުންތެރިޔާ އަލްބާ ގާސިއާ ބުންޏެވެ.
މިއީ އިންސާނާގެ ސެލްތަކާ ޕްލާސްޓިކުން މުއާމަލާތްކުރާ ގޮތް ހާމަވި ފުރަތަމަ ދިރާސާއެވެ. އެ ގޮތުން އިންސާނާގެ ހަޖަމުގެ ނިޒާމުގައި މިއުކަސް އުފައްދާ ސެލްއަށް މައިކްރޮ އަދި ނެނޮޕްލާސްޓިކް ވަންނަ ގޮތް ފެނުނެވެ. އެންމެ ގިނައިން ޕްލާސްޓިކް ވަނީ މި ސެލްތަކަށެވެ. އަދި ޖެނެޓިކް މާއްދާ ސެލްގެ ތެރޭގައި ރައްކާތެރިކުރެވިފައިވާ ނިއުކްލިއަސްއަށް ވެސް ޕްލާސްޓިކް ވަންނަ މަންޒަރު ފެނުނެވެ.
މި ކަމުން އެނގުނީ މިއުކަސްއިން ޕްލާސްޓިކު ހަށިގަނޑަށް ވައްދައިދޭކަމެވެ. އަދި މިހެންވެ މިހާ ބޮޑަށް ޕްލާސްޓިކަށް ހުށަހެޅުމުން އިންސާނާގެ ސިއްހަތަށް ލިބޭނެ ގެއްލުން ދެނެގަންނަން އިތުރު ދިރާސާކުރުން މުހިންމުކަން ހާމަވިއެވެ.
ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުނީ ވަކި މިންގަނޑުތަކެއްގައި ހިފަހައްޓައިގެން އެމް.އެން.ޕީ.އެލްގެ ތަޣައްޔަރުވުން ތަހުލީލުކުރުން ކޮންމެހެން މުހިންމު ކަމަށެވެ. ސަބަބަކީ ޕްލާސްޓިކާއި ކާބޯތަކެތި އެކަތިއަނެކައްޗާ "މުއާމަލާތް"ކޮށް އެމް.އެން.ޕީ.އެލް ތަޣައްޔަރަށް މަގުފަހިކޮށްދޭތީއެވެ.
"މި ފަދަ ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރުމަށާއި މަދުކުރުމަށް އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭ. ކާބޯތަކެތި ޕެކެޖު ނުވަތަ ބަންދުކުރުމަށް ޕްލާސްޓިކް ބޭނުންކުރުންދަނީ އިތުރުވަމުން. މިހެންވެ އެމް.އެން.ޕީ.އެލް ތަޣައްޔަރުގެ މައްސަލަ ހައްލުކުރަންޖެހޭ. އެއީ ކާބޯތަކެތި ސަލާމަތްތެރިކުރުމަށާއި އިންސާނުންގެ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް،" ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުންޏެވެ.