މިއީ ޖާސޫސީ ވާހަކައެކެވެ. ޢަރަބި ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. ރައީސް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރު ނެރުއްވި "ރަތްބުރު" ވާހަކަ، ނެރުއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން މަނާކުރެއްވިއެވެ. ސަބަބަކީ މި ވާހަކައިގައި ހިންގާ ޖާސޫސީ ކަންތައްތަކުގެ ތެރޭގައި ރާވައިގެން މީހުން މެރުންފަދަ ނުރައްކާތެރި ބޮޑެތި ކުށްތައް ހިންގާނެގޮތާއި އެ ކުށްތައް ފޮރުވުމަށް ކަންކަން ކުރާނެގޮތްތައް އޮތުމެވެ. މިކަހަލަ ބޮޑެތި ޖަރީމާތައް ހިންގާނެގޮތްތައް މީހުންނަށް އެނގި، މުޖުތަމަޢުގެ ތެރޭގައި ބިރުވެރި ޢަމަލުތައް ހިންގުމަށް މީހުންނަށް ހިތްވަރު ލިބިދާނެތީއެވެ.
މި ވާހަކަ ސަރުކާރުން މަނާކުރެއްވިޔަސް ކުރިން މި ވާހަކަ ގަނެފައިވާ މީހުންގެ އަތުގައި މި ވާހަކަތައް ހުއްޓެވެ. އަޅުގަނޑު މި ޚުލާސާ މި ލިޔަނީ އަޅުގަނޑުގެ ބައްޕަ ވިދާޅުވެދެއްވި ގޮތަށް ރިޢާޔަތްކޮށެވެ. މި ވާހަކަ ބައްޕަ ވިދާޅުވީ އައްޑު އަތޮޅު ޢަލީ ޢަބްދުﷲ މަނިކުފާނު ގެންގުޅުއްވި ފޮތަކުންނެވެ. އެހެންކަމުން މި ޚުލާސާ އަޅުގަނޑު މި ލިޔަނީ ވާހަކަފޮތް ނުދެކި އަދި މި ވާހަކަ ނުކިޔައި ބައްޕަ ވިދާޅުވެ ދެއްވި ގޮތަށެވެ.
ރަތްބުރު ވާހަކައަކީ ޖާސޫސީ ވާހަކައެކެވެ. ވާހަކަ ބިނާކޮށްފައި ވަނީ ރަތްބުރުގެ ނަމުގައި ހިންގާ ބިރުވެރި ޢަމަލުތަކެއްގެ މައްޗަށެވެ. ރަތްބުރުގެ ނަމުގައި ހިންގާ ހަރަކާތްތައް ހިންގަނީ ބްރާބްޒަން ކުންފުނި ކިޔާ ސިއްރު ޖަމާޢަތަކުންނެވެ. އެ ޖަމާޢަތުގައި އުޅޭ އެކަކަށް އަނެކަކު އެއީ އެ ޖަމާޢަތުގެ މީހެއް ކަމެއް ނޭނގެއެވެ.
ބޮޑެތި ވިޔަފާރިވެރީންނަށާއި މުއްސަނދި މަހުޖަނުންނަށް ކުށްލިއަކަށް ލިބެނީ ރަތްބުރު ޖަހާފައި އޮންނަ ސިޓީއެކެވެ. އެ ސިޓީގައި ސުންގަޑިއެއް ދީފައި ބުނަނީ އެ ގަޑިއަށް އެ ސިޓީގައި އޮންނަ އަދަދަކަށް ފައިސާ ނުދީފިނަމަ ނުވަތަ އެ ސިޓީގައިވާ ކަމެއް އޭގައި އޮތްގޮތަށް ނުކޮށްފިނަމަ މަރާލާނެކަމަށެވެ. ކަންކުރަމުން ގެންދަނީ އެގޮތަށެވެ. ބުނާ ގަޑިއަށް ފައިސާ ނުދީފިނަމަ އޮންނަނީ މަރާލާފައެވެ. މިކަމާހުރެ ރަތްބުރުގެ ސިޓީގެ ބިރުވެރިކަން މުޖުތަމަޢުގައި ފެތުރިފައި އޮތީ އިންތިހާއަށެވެ.
މި ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައި އޮތަސް އެ ޖަރީމާ ހިންގާ ބަޔަކު ހޯދުމަށް ފުލުހުން ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވެއެވެ. އެންމެފަހުން އިންސްޕެކްޓަރ ބާ އެ މުހިންމު މަސައްކަތަށް އޭނާގެ އަންހެން ދަރިފުޅު ނެރެއެވެ. ކިޔަވައިގެންހުރި އެ ލޫޅާފަތި އަދި ބުރުސޫރަ ރީތި ދަރިފުޅު އުޅެމުން އައީ މޮޔަ އަދި ސޭކު ކުއްޖަކަށް ހެދިގެންނެވެ. ކުދިކުދި ވައްކަންކޮށްގެން ދޭތެރެދޭތެރެއިން ފުލުހުން ބަންދު ކުރެއެވެ. އެކަމަކު ކޮންމެ ވެސް ގޮތަކުން ވަރަށް އަވަހަށް މިނިވަންވެއެވެ. އެންމެފަހުން އެ ކުއްޖާއަށް ރަތްބުރުގެ ދައުވަތު ލިބެއެވެ. އަދި އެ ޖަމާޢަތުން ހަވާލުކުރާ ކުދިކުދި ކަންތައްތައް ކޮށްލަދޭ ސިއްރު އެޖެންޓަކަށްވިއެވެ. އޭރު އެއްވެސް މީހަކަށް އެއީ އިންސްޕެކްޓަރ ބާގެ ދަރިފުޅު ތާލިޔާޑްރާމަންޑް ކަމެއް ނޭނގެއެވެ. އެ ނުރައްކާތެރި މަސައްކަތަށް ދަރިފުޅު ނެރުނު އިރުވެސް ރަތްބުރަށް އިތުބާރު ގެއްލިއްޖެނަމަ ނުވަތަ އެހެން ފަރާތަކަށް ޖާސޫސްކޮށްދޭކަމުގެ ޝައްކެއް ވިޔަސް ވަގުތުން ދަރިފުޅު މަރާލާނެކަން އިންސްޕެކްޓަރ ބާއަށް އެނގެއެވެ.
އެ ރީތި އަންހެން ކުއްޖާއާއި ޒުވާނަކާ ދެމެދު ލޯބީގެ ގުޅުންތަކެއް އުފެދެއެވެ. ކޮންމެ ފަހަރަކު ވެސް ފުރަތަމަ ބައްދަލުވާ ވަގުތު އަންހެން ކުއްޖާގެ ފަރާތުން ފެންނަ ލޯބީގެ އަސަރުތައް ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެއެވެ. އަދި ގަޔާނުވާ ފަރުވާ ކުޑަ ދުރުގޮތެއް އޭނާގެ ވާހަކަތަކާއި ހަރަކާތްތަކުން ފެނެއެވެ. އެކަމާ އެ ޒުވާނާ ނުހަނު ދެރަވެއެވެ. އެ ޒުވާނާއަކީ އޭނާގެ މުއްސަނދި ބައްޕަ، ރަތްބުރުގެ އަނިޔާވެރިކަމުގައި މަރާލުމުން އެ މައްސަލަ ބައްލަވާ އިންސްޕެކްޓަރ ބާއާ ގާތް ގުޅުމެއް ވެސް އޮތް އަދި އިންސްޕެކްޓަރ ބާ ނުހަނު ގަޔާވާ ޒުވާނެއެވެ. އެ ޒުވާނާ އިންސްޕެކްޓަރުގެ ގެއަށް އައިސް އުޅެއެވެ. އެ ގޭގައި އިންސްޕެކްޓަރު ބާގެ މުސްކުޅި މަންމަ އުޅެއެވެ. ތާލިޔާޑްރާމަންޑް އެގެއަށް އައިސް އުޅެނީ އެ މާމައަށް ޚިދުމަތްކޮށްދޭ ކުއްޖެއްގެ ގޮތުގައެވެ.
ރަތްބުރަކީ ސިއްރު ފުލުހުންގެ އިސްވެރިޔާކަން އިންސްޕެކްޓަރު ބާއަށް އެނގެއެވެ. އެންމެފަހުން ސަލާމަތްވާނެ ހަނި ފުރުސަތެއް ވެސް ނުދީ އޭނާ އަތުލައިގަނެއެވެ. އޭގެފަހުން ތާލިޔާގެ ލޯބިވެރިޔާ އިންސްޕެކްޓަރު ބާގެ ގެއަށް ދެއެވެ. އެ ޒުވާނާ ބާގެ އިންތިޒާރުގައި އިންދާ ގޭތެރެއިން ނިކުމެގެން އަންނަނީ އޭނާގެ ލޯބިވެރިޔާއެވެ. އެހެންނާ ފެންނަ ވަރަށްވުރެ މާ ފުރިހަމަވެފައި ރީއްޗެވެ. އައިގޮތަށް އައިސް ބުނެއެވެ. އަވަހަށް ކޭންބައްލަވަން ދުރުވާށެވެ. ބައްޕަ ކަލާއަށް އެބަ އިންތިޒާރު ކުރައްވައެވެ. ކާކޮޓަރިއަށް ޒުވާނާ ދާއިރު އެތަނުގައި އިންދާ ފެންނަނީ އިންސްޕެކްޓަރު ބާއެވެ. އެ ޒުވާނާއަށް ތާލިޔާއަކީ ބާގެ ދަރިފުޅުކަމާއި، ބާގެ މުސްކުޅި މަންމައަކީ ވެސް ތާލިޔާކަން އެނގެނީ އެ ހިސާބުންނެވެ.
* ޢަބުދުﷲ ސައީދުގެ ލިޔުއްވުމަކުން



advertisment