Support Us

އެމެރިކާގެ ހާރިޖީ ވަޒީރުގެ އެއް ނައިބު ކަމަށްވާ ބާބަރާ ލީފު

އަލް-ޝަރާގެ އިސްތަށިފުޅުގައި އެޅުވި އިނާމު އަނބުރާ ގެންގޮސްފި

ސޫރިޔާގެ އާ ލީޑަރު އަހްމަދު އަލް-ޝަރާގެ އިސްތަށިފުޅުގައި އެޅުވި 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)ގެ އިނާމު އެމެރިކާއިން އަނބުރާ ގެންގޮސްފިއެވެ.

މި ކަން އިއުލާންކުރީ ހާރިޖީ ވަޒީރުގެ އެއް ނައިބު ކަމަށްވާ ބާބަރާ ލީފު އާއި އެމެރިކާގެ އިތުރު އޮފިޝަލުންތަކެއް ސޫރިޔާގެ ވެރިރަށް ދިމިޝްގަށް އިއްޔެ ޒިޔާރަތްކުރައްވައި ސޫރިޔާގެ އާ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކޮށްފައެވެ.

މިއީ 13 އަހަރުވީ އަހުލީ ހަނގުރާމައަށް ފަހު ސޫރިޔާގެ ރައީސް ބައްޝާރުލްއައްސަދު ވެރިކަމުން ދުރުކުރުމަށް ފަހު އަހްމަދުގެ ހައަޔަތު ތަހްރީރުއްޝާމް (އެޗް.ޓީ.އެސް)އިން ސޫރިޔާގެ ސަރުކާރާ ހަވާލުވި ފަހުން އެމެރިކާގެ ޑިޕްލޮމެޓުން ސޫރިޔާއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އެޗް.ޓީ.އެސް.އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައެޅީ 2018 ގައެވެ. އަހްމަދުގެ ހައްޔަރަށް ބޮޑު ފައިސާގެ އިނާމެއް ކަނޑައެޅީ އޭނާ އެއް އިރެއްގައި އަލް-ގައިދާ ޓެރަރިސްޓް ގްރޫޕާ ގުޅުން ބާއްވަވާފައިވާތީއެވެ.

އެޗް.ޓީ.އެސްގެ ލީޑަރު އަދި ސޫރިޔާގެ މިހާރުގެ ވެރިޔާ އަހްމަދު އަލް-ޝަރާ

ބާބަރާ ބުނީ "އިންސާފަށް އިނާމު" ސިޔާސަތު މި ދޫކޮށްލީ ޓެރަރިސްޓުން ސޫރިޔާގައި ހަރަކާތްތެރިވާން ޖާގަ ނުދެއްވާނެ ކަމަށް އަހްމަދު ވިދާޅުވުމުން ކަމަށެވެ.

"އެމެރިކާއިން ބޭނުންވަނީ ސޫރިޔާގެ ހުރިހާ ކަމެއް ސޫރިޔާގެ ރައްޔިތުން ކުރަން. އެ ގޮތުން އަންހެނުންނާއި އަޣުލަބިއްޔަތު ނެތް ނަސްލުތަކާއި އެހެން ދީންތަކުގެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެމެރިކާއިން ތާއީދުކުރަން،" ބާބަރާ ބުންޏެވެ.

އެމެރިކާއިން ބުރާސްފަތި ދުވަހު އިއުތިރާފުވީ ސޫރިޔާގައި އެމެރިކާގެ 2،000 ސިފައިން ތިބި ކަމަށެވެ. އެއީ ކުރިން ތިބި އަދަދުގެ ދެ ގުނަ އިތުރު އަދަދެކެވެ. އެމެރިކާއިން ސޫރިޔާއަށް ސިފައިން ފޮނުވަން ފެށީ 2014 ގައެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް ބަލިކުރަން ކަމަށް ބުނެފައެވެ. ނަމަވެސް 2017 ގައި ސޫރިޔާގައި އައިސިސް ބަލިވި ނަމަވެސް އެމެރިކާއިން އެމެރިކާގެ ސިފައިން ނުބޭލިއެވެ.

"އައިސިސްގެ ނުރައްކާ ސޫރިޔާއަށް އަދިވެސް އެބައޮތް. އެހެންކަމުން އެމެރިކާ ސިފައިން ސޫރިޔާއަކުން ނުބާލާން،" އެމެރިކާގެ ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުންޏެވެ.

އެމެރިކާއިން އިއްޔެ ބުނީ ވައިގެ ހަމަލާއެއްގައި އައިސިސްގެ ލީޑަރު އަބޫ ޔޫސުފް މަރައިލައިފައިވާ ކަމަށެވެ.

"އެއީ ސޫރިޔާގެ ކުރީގެ ސަރުކާރާއި ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދަކުން،" އެމެރިކާއިން ބުންޏެވެ.

ސޫރިޔާގެ މިހާރުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އައިސިސްއިން ޓެރަރިޒަމްގެ ހަރަކާތްތައް ހިންގަން، އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުން ފުރުސަތު ނުދޭނެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުންޏެވެ.

"ސޫރިޔާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ 8،000 އަށްވުރެ ގިނަ އައިސިސް ހަނގުރާމަވެރިން ފިލަން އެބަ މަސައްކަތްކުރޭ. އައިސިސްގެ ލީޑަރުންނާއި ހަނގުރާމަވެރިން ސޫރިޔާއިން ބޭރުގައި ވެސް ހަރަކާތްތައް ހިންގިޔަކަ ނުދޭނަން،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.

ބާބަރާގެ ޑެލިގޭޝަން އިއްޔެ ސޫރިޔާއަށް ޒިޔާރަތްކުރީ އަހްމަދުގެ އެޗް.ޓީ.އެސް ޖަމާއަތް ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ކަނޑައަޅައިފައި އޮތްއޮތުން ދޫކޮށްލާނީތޯ ހުޅަނގުގެ ގައުމުތަކުން ވިސްނަމުން އަންނަ ދަނޑިވަޅެއްގައެވެ. އެޗް.ޓީ.އެސް.އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅައި، އެ ޖަމާއަތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވިޔަސް، އެ ޖަމާއަތުގެ ލީޑަރުންނާއި މެންބަރުންނާ ވާހަކަ ދެއްކުމަށް އެމެރިކާގެ އޮފިޝަލުންނަށް ހުރަހެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *