Support Us

ފޭސްބުކް ސެންސަރުކުރާ މުވައްޒަފުންނަށް ނަފުސާނީ ބަލިޖެހެނީ

ފޭސްބުކަށް މީހުން ލައި އަހުލާގީ ގޮތުން ދަށް ފޮޓޯ އާއި ވީޑިއޯ ސެންސަރުކުރާ އެފްރިކާގެ 144 މުވައްޒަފުންނަށް ނަފުސާނީ ބަލި ޖެހިފައިވާކަން ހާމަވެއްޖެއެވެ.

ފޭސްބުކްގެ މައި ކުންފުނި، މެޓަ އާއި އެ ކުންފުނިން މި މަސައްކަތް އައުޓްސޯސްކުރާ ކެންޔާގެ ކުންފުނި ސަމަސޯސްއާ ދެކޮޅަށް މިހާރު ވަނީ ނަފުސާނީ ބަލި ޖެހުނު މީހުން މައްސަލަ ޝަރީއަތަށް ހުށަހަޅައިފައެވެ.

ޕޯސްޓް ޓްރޯމަޓިކް ސްޓްރެސް ޑިސްއޯޑާ (ޕީ.ޓީ.އެސް.ޑީ) ނަމަކަށް ކިޔާ ނަފުސާނީ ބަލި ޖެހިފައިވާ މުވައްޒަފުން ބުނީ ކޮންމެ ދުވަހަކު އަށަކާއި 10 ގަޑިއިރާ ދެމެދު މަސައްކަތް ކުރަމުންދާއިރު ސިކުނޑި ސަކަރާތްވާވަރުގެ ފޮޓޯ އާއި ވީޑިއޯ ފޭސްބުކް ބޭނުންކުރާ މީހުން ލައިފައިވާ ތަން ފެންނަ ކަމަށެވެ. އޭގެ ތެރޭގައި މީހުން މެރުމާއި އަމިއްލައަށް މަރުވުމާ ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގުމާއި ޓެރަރިޒަމްގެ ހަރަކާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ހިމެނެއެވެ.

"މީގެ އިތުރުން މަރުވެފައިވާ އިންސާނުންގެ ހަށިގަނޑުތަކާ ޖިންސީ ގުޅުން ހިންގުމާއި ޖަނަވާރުންނާ ޖިންސީ ގުޅުން ހިންގުމާއި އަމިއްލަ ހަށިގަނޑަށް އަމިއްލައަށް އަނިޔާ ދޭ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހެމެނޭ. މި ބާވަތުގެ މަންޒަރުތައް ފެނުނު ފޭސްބުކްގެ ސެންސަރުކުރާ މުވައްޒަފުންނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި އެ މީހުން ހޭނެތުން، ހޮޑުލެވުން، ބާރަށް ހަޅޭއްލަވައިގަނެވުން އަދި ކޮމްޕިއުޓަރުތައް ދޫކޮށްލައިފައި ދުވެފިލުން ކަހަލަ ހާދިސާތައް ދިމާވެފައިވޭ،" މި މުވައްޒަފުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ.

ފޭސްބުކް ސެންސަރުކުރާ މުވައްޒަފުން މެޓަގެ ކެންޔާ އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރަނީ

ކެންޔާގެ އޮފީހެއްގައި މަސައްކަތްކުރާ މި މުވައްޒަފުންނަށް ޖެހިފައިވާ އިތުރު ނަފުސާނީ ބަލީގެ ތެރޭގައި ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ (ޖީ.އޭ.ޑީ) އަދި މޭޖާ ޑިޕްރެސިވް ޑިސްއޯޑާ (އެމް.ޑީ.ޑީ) ހިމެނެއެވެ. މިއީ މީހާ ހާސްކޮށްލައި ފަދަ ނަފުސާނީ ބަލިތައް ކަމަށް ކެންޔާގެ ވެރިރަށް ނައިރޮބީގެ ކެންޔައްޓާ ނެޝަނަލް ހޮސްޕިޓަލްގެ ނަފުސާނީ ބަލިތަކާ ބެހޭ ބައިގެ ވެރިޔާ ޑރ. އިއާން ކެންޔަންޔާ ބުންޏެވެ.

ސަމަސޯސްއަކީ ފޭސްބުކްގެ މައި ކުންފުނި މެޓަގައި، ފޭސްބުކް ސެންސަރު ކުރުމުގެ މަސައްކަތް ކުރަން، މުޅި އެފްރިކާ ބައްރުން ހޮވައިލި މުވައްޒަފުން ހޯދި ކެންޔާގެ ކުންފުންޏެކެވެ.

މި ކޯޓު ކޭހުން ދައްކައިދެނީ ފަހުގެ ތާރީހެއްގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ވަރަކަށް އިންސާނުންނަށް ކުރަން ފަށައިފައިވާ ނޭދެވޭ އަސަރުތަކެވެ. އެ ގޮތުން ބައެއް މީހުން ސޯޝަލް މީޑިއާއަށް ލައި، މީސްމީހުން ހިންގާ ބޮޑެތި ޖަރީމާތަކުގެ ފޮޓޯ އާއި ވީޑިއޯ ދަނީ އިތުރުވަމުންނެވެ. އޮސްޓްރޭލިއާ ބައްރުގައި ދާދި ފަހުން ވަނީ މީގެ އެއް އަހަރު ފަހުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ތަންފީޒުކޮށްފައެވެ.

ކެންޔާގެ ކޯޓަށް މައްސަލަ ވެއްދި މަދުވެގެން 40 މެޓަގެ މުވައްޒަފުން ބުނީ ކޮންމެ ދުވަހަކު ސިހުން ލިބޭ ވަރުގެ ފޮޓޯ އާއި ވީޑިއޯތައް ފެންނަން ފެށުމުން ދިމާވި ނަފުސާނީ ހާސްކަން ފިލުވައިލުމަށް މަސްތުވާތަކެތި ބޭނުންކުރަން ފަށައިފައިވާ ކަމަށެވެ. އެ ގޮތުން ނިދާ ބޭހުގެ އިތުރުން ބަނގުރަލާއި ކެނެބިސް، ކޮކޭން އަދި އެމްފެޓަމައިންސް ފަދަ މަސްތުވާތަކެތި ބޭނުންކުރަން ފަށައިފައިވާ ކަމަށެވެ.

"ބައެއް މުވައްޒަފުންގެ ކައިވެނިވަނީ ރޫޅިފައި. އަދި އެ މީހުންގެ ޒަވާޖީ ބައިވެރިންނާ ޖިންސީ ގުޅުން ހިންގާހިތްނުވުމުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވޭ. މީގެ އިތުރުން އާއިލާ މެންބަރުންނާދެމެދު އޮންނަ އާދައިގެ ގުޅުންތަކަށް ވެސް ވަނީ ބުރޫއަރައިފައި،" ކޯޓު ކޭހުގެ ލިޔުންތަކުގައި ބުނެފައިވެއެވެ.

ޓެރަރިސްޓުންނާއި ގައުމުތަކުގެ ސިފައިންނާ ކުރިމަތިލަމުންދާ ހަނގުރާމަވެރިން ފޭސްބުކަށް ލައި ފޮޓޯ އާއި ވީޑިއޯ ފުހެލާތީ ބައެއް މުވައްޒަފުން މިހާރު ގެއަށް ދާން ވެސް ބިރުގަންނަ ކަމަށް ބުނެފައިވެއެވެ. ސަބަބަކީ އެ މުވައްޒަފުންނަށް ފާރަ ލައި އެ މުވައްޒަފުން އަމާޒުފަތްގަނޑަކަށް ހަދައި، އެ މުވައްޒަފުން މަރައިލައިފައިނެތީއެވެ.

ފޭސްބުކްގެ އިތުރުން "މަސްނޫއީ ވިސްނުން" ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ ބޭނުންކޮށްގެން އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ފޮޓޯ އާއި ވީޑިއޯ ފުހެލާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެއެވެ. އެ ގޮތުން، ސެންސަރުކުރުމަށް އެހީއެއްގެ ގޮތުން އޭ.އައި އެލްގަރިދަމްތައް ވެސް "ތަމްރީން"ކުރަމުން އާދެއެވެ.

"ފޭސްބުކްގައި މަސައްކަތްކުރާ 144 މުވައްޒަފުން ކޯޓަށް ލީ މައްސަލައިން ހާމަވަނީ އެ މީހުންނަށް ނަފުސާނީ މައްސަލަތައް ކުރިމަތިވީ ފޭސްބުކްގައި މަސައްކަތްކުރާތީކަން. އެ ގޮތުން ކޮންމެ ދުވަހަކު އިންސާނުންނަށް ފެންނަން ނުވާ ކަހަލަ ފޮޓޯ އާއި ވީޑިއޯ އެ މީހުންނަށް ފެންނަމުންދޭ. އޭގެ ތެރޭގައި އަނިޔާވެރިކޮށް މީހުން މަރައިލުމާއި އަމިއްލަ ނަފުސަށް ޒަހަމް ދިނުމާއި އަމިއްލައަށް މަރުވުމާއި އަމިއްލައަށް މަރުވާން މަސައްކަތްކުރުމާއި ޖިންސީ އަނިޔާ އާއި ޖިންސީ އަމަލުތައް ހިންގުމާއި ކުޑަކުދިންނަށް ޖިސްމާނީ އަދި ޖިންސީ އަނިޔާ ދިނުން ހިމެނޭ. މީގެ އިތުރުން ވެސް ބަލައިނުގަނެވޭނެ ކިތައްމެ ވައްތަރެއްގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ،" ޑރ. ކެންޔަންޔާ ބުންޏެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ އިނގިރޭސި ވިލާތުގެ ޖަމިއްޔާ ފޮކްސްގްލޯވްގެ ފައުންޑަރު މާތާ ޑާކް ބުނީ ކޯޓަށް ހުށަހެޅި މައްސަލައިން "ޝައްކެތް ނެތް މިންވަރަށް ހެކި ލިބެނީ ފޭސްބުކްގައި ފޮޓޯ އަދި ވީޑިއޯ ސެންސަރު ކުރުމުގެ ނުރައްކާތެރި މަސައްކަތުގައި އުޅޭ މުވައްޒަފުންނަކީ ޕީ.ޓީ.އެސް.ޑީ.ގެ ބަލި މުޅި އުމުރު ދުވަހު ތަހައްމަލުކުރަން ޖެހިފައިވާ މީހުން" ކަމަށެވެ.

މެޓަ ކުންފުނިން ބުނީ ފޭސްބުކް އާއި އިންސްޓަގްރާމަށް މީހުން ލައި ފޮޓޯތައް ސެންސަރުކުރާ މުވައްޒަފުންނަށް ފޮނުވަނީ އެ ފަދަ ފޮޓޯ އާއި ވީޑިއޯގައި ވާނުވާ ސީދާ ނޭނގޭ ގޮތަށް ބައެއް ޓެކްނިކްތައް ބޭނުންކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ފޮޓޯ އާއި ވީޑިއޯ ފުސްކޮށްލުން، އަޑު ކަނޑައިލުން އަދި ކަޅާއި ހުދަށް ބަދަލުކޮށްލުން ހިމެނެއެވެ.

"ސެންސަރުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ކައުންސެލިން، ތަމްރީން އަދި ސިއްހީ އެހެނިހެން ފަރުވާ ދިނުމުގެ ހިދުމަތް ބަޔާންކޮށްފައި އޮންނާނެ އެ މުވައްޒަފުންނާއެކު ސޮއިކުރި ވަޒީފާގެ އެއްބަސްވުމުގައި،" ފޭސްބުކް އަދި އިންސްޓަގްރާމް ހިންގާ މައި ކުންފުނި މެޓައިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *