Support Us

ރައީސް މުއިއްޒުގެ ވެރިކަމުގައި ކަރަންޓު ހިދުމަތުގެ ކުރިމަގު ވަރަށްވެސް އުޖާލާ: ފަހުމީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ކަރަންޓު ހިދުމަތުގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ ގައުމީ ކަރަންޓް ކުންފުނީގެ 75 އަހަރު ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާއި ހަމަޔަށް މިއަދު އަޅުގަނޑުމެން ވާސިލްވެފައިވާއިރު، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތަކެއް. މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު އަޅުގަނޑު ފަޚުރުވެރިވަން،" ފަހުމީ ވިދާޅުވިއެވެ.

"ޝައްކެއްނެތް ގޮތުގައި، އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާޞިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި މި ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް. އަޅުގަނޑުގެ އިހްލާސްތެރި ދުޢާ އަކީ އަޅުގަނޑުމެން މި ދެމުންގެންދާ ޤައުމީ ހިދުމަތުގައި މާތްﷲ ބަރަކާތްލައްވައި އިތުރު ފާގަތިކަން މިންވަރުކުރެއްވުން."